ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް. ސަރުކާރުން ފޮނުވާ ބިލްތައް ރަބަރު ސްޓޭމްޕް ޖަހަން އޮތް ތަނަކަށް މަޖިލިސް ހަދަން ނުޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި. --ފޮޓޯ:މިހާރު
05 އެޕްރީލް 2019 - 00:11
ކުރީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަނީ ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ގާސިމް ވިދާޅުވީ މި އިންތިޚާބުގައި މަޖިލީހަށް ވާދަ ކުރައްވާ ނަޝީދު އިސްވެ ހުންނަވައިގެން އެމްޑީޕީން މަސައްކަތް ކުރަނީ ބަރުލަމާނީ ނިޒާމެއް ގެނައުމަށް ކަމަށެވެ. ބަރުލަމާނީ ނިޒާމެއް ގެނެސްފި ނަމަ، ރައްޔިތުން ހޮވަން ޖެހޭ ވެރިއަކު ނުހުންނާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އޭރުން ވެރިމީހާ ކައިރީގައި ރައްޔިތުން ބުނާނެ އެއްވެސް ވާހަކައެއް ނޯންނާނެ،" ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ބޮޑު މަންޒަރު ފެންނަން ފަށާފައިވާ އިރު، އެ ޕާޓީގެ ވިސްނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ "ކުޅޭ ކުޅޭ" ބޭފުޅެއްގެ ގޮތުގައި ހެދުމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު ޝައިހް އިމްރާން އަތްތިލަބަޑި ޖައްސަވަަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
"އަޅުގަނޑު ޖަރުމަނުގައި ހުއްޓައި ފޯންކޮށްފައި (ނަޝީދު) ބުނީ ދޮޅު އަހަރު ވަންދެން ނުހުރެވޭނެއޭ ވެރިކަމަށް ނައިސް. ތިމަންނަ އަންނަން ޖެހޭނެއޭ ވެރިކަމަށް. އަޅުގަނޑު ދެންނެވިން މަނިކުފާނަކީ ކެންޑިޑޭޓެއް ނޫނޭ ވާ ގޮތުން، އެ ހިސާބަށް ދިޔައީމަ އެ ވާހަކަ ދައްކާނީދޯއޭ،" ގާސިމް ވިދާޅުވި އެވެ.
"މިހާރު މިސްރާބު މި ކުރެވެނީ އަމިއްލަ އެދުން ނޫން ކޮން އެއްޗަކަށްތޯ؟"
ރައްޔިތުންގެ ކިބައިން ހުރިހާ ބާރުތަކެއް ފެށިގެން އަންނަ އިރު، މަޖިލިހަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންގެ ތެރެއިން ރަނގަޅު އަދަދެއް އައިސްފި ނަމަ، މަޖިލިހުގެ ތެރެއިން ބަސް ކިއުމުގެ ބާރު ލިބިގެންދާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި ޖޭޕީ އަށް އެކަށީގެންވާ އަދަދެއްގެ ގޮނޑިތަކެއް ލިބިއްޖެ ނަމަ، ރައްޔިތުންނަށް ނިކަމެތިވާނެ އެއްވެސް ކަމެއް ނުވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ސަރުކާރެއް ބަދަލުވެގެން ދާ އިރު، ހުރިހާ ގާނޫނުތަކެއް ބަދަލުވެގެން ދާކަށް ނުޖެހޭ، ތިމާގެ އަތްމައްޗަށް ހުރިހާ ކަމެއް ފަހިވެގެންދާ ގޮތަށް. އެހެންވީމަ، މިކަމާ ވިސްނާލަން ޖެހޭ،" --- ގާސިމް
އިންކަމް ޓެކްސް ނެގުމަކީ މި ސަރުކާރުގެ ވައުދަކަށްވާތީ އެކަމަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ އެކަން ކުރަން ޖެހޭނީ ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލުކުރާ އުސޫލުން ކަމަށެވެ. އަދި ވަކި ބަޔަކު ފްރޭމް ކުރުމަށް ގާނޫނެއް ހަދައި "ކުޅިގަނޑު ކުޅުނަ" ނުދެއްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
އިންތިގާލީ ޖުޑިޝަރީއެއް ހެދުމާއި ރައީސް އުފައްދަވައި ކޮމިޝަންތަކަށް ބާރުތައް ލިބޭ ބިލްތައް ހުރި އިރު، މިއީ ޒާތީ ގޮތުން ބަޔަކާ ދިމާކުރަން ހަދައިގެން އުޅޭ ބިލްތަކެއް ކަމަށް ގާސިމް ސިފަ ކުރެއްވި އެވެ. އަދި މިފަދަ ބިލްތަކާ މެދު ރައްޔިތުން ވިސްނަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެ ބިލްތައް މަޖިލިހުން ނިމިގެންދާ ތަން ދެކެން ބޭނުން ނުވާތީ އަޅުގަނޑުމެން ރައްޔިތުންނާ ހަމައަށް މި ވާހަކަ ގެންނަނީ،" މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ކަން ކުރައްވާ ގާސިމް ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- ނިޝާން އަލީ / މިހާރު ފޮޓޯ
ތިން ވަނަ ދައުރަކަށް މާމިގިލީ ދާއިރާގެ ގޮނޑި އަށް ކުރިމަތިލެއްވި ގާސިމް ވަނީ ރިޔާސީ ކޮމިޝަންތަކުގައި ތިއްބަވާ ދެ ތިން ބޭފުޅަކަށް ބާރުތައް ގާނޫނުއަސާސީއާ ހިލާފަށް ދޭނީ ކިހިނެއްތޯ ސުވާލު އުފައްދަވައިފަ އެވެ. އަދި ވަކި މީހަކު އުޅެނީ އެކަން ކުރެވޭތޯ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ސަރުކާރެއް ބަދަލުވެގެން ދާ އިރު، ހުރިހާ ގާނޫނުތަކެއް ބަދަލުވެގެން ދާކަށް ނުޖެހޭ، ތިމާގެ އަތްމައްޗަށް ހުރިހާ ކަމެއް ފަހިވެގެންދާ ގޮތަށް. އެހެންވީމަ، މިކަމާ ވިސްނާލަން ޖެހޭ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވަނީ ގައުމުގެ މިސްރާބު ވަކި ގޮތަކަށް ބަދަލު ކުރަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ، ރައްޔިތުން އެކަމާ ވިސްނުމަށް ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ. އަދި ގައުމުގެ އިސްތިގުލާލާއި މިނިވަންކަން ގެއްލިގެންދާ ގޮތަށާއި ދިވެހިންގެ ތެރޭގައި ހަމަނުޖެހުން އުފެދޭ ގޮތަށާއި ވަކި ބައެއްގެ އަތްމައްޗަށް ބާރުތަކެއްދާ ތަން ފެންނާތީ ރައްޔިތުން ވިސްނުންތެރިކަމާއެކު ވޯޓު ދެއްވުމަށް ގާސިމް އެދިވަޑައިގެންނެވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި މަކަރުވެރިކަމާއެކު ކަންކަން ކުރުމުގެ ނިޔަތެއް ޖޭޕީގައި ނެތެވެ. އޭގެފަހުގައި އެމަނިކުފާނު ވަނީ އެމްޑީޕީގެ އެޖެންޑާ 19 ގެ ބައެއް ސިޔާސަތަށް ފާޑު ވިދާޅުވެފަ އެވެ.
މީގެއިތުރުން، ސަރުކާރުން ބޭނުންވާ ކޮންމެ ކަމެއްގައި "ރަބަރު ސްޓޭމްޕް" ޖަހަން އޮތް ތަނަކަށް މަޖިލިސް ވެގެން ނުވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި ވަކި މީހެއްގެ ވިސްނުމާ އެއްގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް "ދީލާލައިގެން" ވަޑައިގަންނަވަން ނުޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދު.
09 April 2019
ސޭޓް ތިއުޅުއްވަނީ ރައީސްކަމަށްއަންނަން ވެގެން ނޫންތޯއެވެ.؟ ރާޢްޖޭގެވެރިކަމުގެ ނިޒާމަށް އަތުދާނެކަމަށް ސޭޓް ތިބުނާ ބަދަލަކާގުޅިގެން ތިހާކަންބޮޑުވަނީ ސޭޓަށް މިޤައުމުގެ ރައީސްކަންނުލިބެނިސް އެފަދަކަމެއް ވެދާނެތީތޯއެވެ ؟ތިހާކަން ބޮޑުވެގެން އޫޅޭކަށްނުޖެހެ، ތިޔަބުނާ ކަމަކީވެސް ރާއްޖޭގެ ރައްޔިތުން ނިންމާނިންމުމެކެވެ. އެއީނަޝީދަށް ނިންމޭނެ ކަމެއްނޫންނެވެ. ތިޔަ ސޭޓަކީ މިޤައުމަށް ޖެހިފައޮތް ބޮޑުވަބާ އެއްކަން 2013 ގެރިޔާސީ އިންތިޙަބަށް ފަހުވަނީ އެނގިފައެވެ
ihaaru.
06 April 2019
ޖާސިމޫ އެޗެއްރޭކާލައިފިބާ؟
ކޮލެޖު ބޯއި
06 April 2019
ރައީސް ސޯލިހު ހޮވާފައި ހުރީ ފަސް އަހަރަށް. އެހެންވީމާ މި ފަސް އަހަރުގެ ދައުރުގެ ތެރެއަށް ބޮޑުވަޒީރަކު ނުގެނެވޭނެ. ގާނޫނު އަސާސީން ރައްޔިތުން ސީދާ ނިންމަން ރައްޔިތުންނާއި މަތިކޮށްފައި ހުރި މާއްދާތައް މަޖިލީހުގެ 2/3 އަޣުލަބިއްޔަތުން ފާސްކޮށްގެން ގާނޫނު އަސާސީގެ އެ މާއްދާތައް ބަދަލެއް ނުކުރެވޭނެ. ބަދަލުކުރެވޭނީ ރައްޔިތުން ދޭ ވޯޓުން
ގުދުގުދާ
06 April 2019
ބޮލެއްހުއްޓަސް ބުރުމާ ފަދަ ބޮލެއް ހުރެއްޖެނަމަ އުނދުން ފަޔަކަށް ވެސް އެކަމު ނުދާނެކަން މީހާރު އިގިއްޖެ.
ޙަންދު
06 April 2019
ބަލަ މޮޔަވީތަ ސޭޓް؟ ގާސިމަކީ ގައުމުގެ ހަލާކު.. ހަމަ ބޮޑު އިސްފިންނައެއް... ދެރައީ ވޯޓު ވިއްކާތީ ސޭޓަށް...
ރައްޔިތުމީހާ
06 April 2019
މަގާމު ބޭނުންވެގެން އުޅެނީ ކާކުކަން ރައްޔިތުންނަށް އެނގޭ!
އަލްޖިބްރާ
06 April 2019
ނަޝީދު ބޮޑުވަޒީރުކަމަށް އަޔަސް ނަޔަސް ބުރުމާއަކަށް މިރާއްޖޭގެ ވެރިކަމެއް ނުލިބޭނެ !
އަލީ ރަޝީދު
06 April 2019
ގާސިމް މިހާރު ބޭނުން ވަނީ ރައީސް ކަން އެއީ އަދުރޭގެ ރޭވުން އަދުރޭގެ މަޅި ބެދުނީގާސިމް
hassan
06 April 2019
ޤާސިމް އައްދަންނަވަން ތިހާސަރުތަކެއްނުދަމާ ދެންވެސް ޖޭޕީ ގެ ހިންގުން ރަގަޅުކުރައްވާށެ ޖޭޕީގެ މެމްބަރަކައް ވާންވީޤާސިމް އަތުން މާލީމަންފާ ހޯދަކައްނޫނެވެ މިފަހަރުވެސް ޖޭޕީ އައް ކެމޕެއިން ކުރާށޭކިއާފަ ޖޭޕީން ލާރި ނަގައިގެން ހިންގަމުންދަނީ އެޖެންޑާ19 ގެ ކެމްޕެއިން އެވެ. ޥީމާމިހާރުއްސުރެ ގޮފިތައްރަގަޅުކޮއް ދާއިރާތަކައްވެސް ހިންގަން މީހުން ލާ ޖޭޕީ ..ޖޭޕީ އަކައް ހަދާށެ އެއައްފަހު ލޯކަލް ކައިންސިލް އައްތައްޔާރުވާށެވެ...
ސޭޓޫ
06 April 2019
"އަދި ޖޭޕީ އަށް އެކަށީގެންވާ އަދަދެއްގެ ގޮނޑިތަކެއް ލިބިއްޖެ ނަމަ، ރައްޔިތުންނަށް ނިކަމެތިވާނެ އެއްވެސް ކަމެއް ނުވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ." ބަގާވާތުގެ ހިތި އަދިވެސް މިއުޅެނީ ނުފިލައިގެން . ލަދުގެ ކަންފުޅެއްވެސް ނެތޭ