މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ސައްޔާމީ: ވެބް ސީރީޒް "ބުރީތު 2" އިން ފެންނާނެ.

ކާމިޔާބު ފިލްމުތަކެއް ގެނެސް ދީފައިވާ ޑައިރެކްޓަރު ޕްރަކާޝް ޖާ އަނެއްކާ ވެސް ބެލުންތެރިންނަށް ފިލްމެއް ގެނެސް ދޭން ތައްޔާރުވެއްޖެ އެވެ.

އާންމުކޮށް އިޖުތިމާއީ އަދި ސިޔާސީ މައްސަލަތަކަށް ބިނާކޮށްގެން ފިލްމުތައް ގެނެސްދޭ ޑައިރެކްޓަރުގެ މި ފަހަރުގެ ފިލްމަކީ ތައުލީމީ ދާއިރާ އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. ފިލްމުގެ ނަމަކީ "ޕަރީކްޝާ" އެވެ. މީގެ ޝޫޓިން ނިންމާލައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަސައްކަތް ކުރަމުން އަންނަ އިރު، ފިލްމު ސިނަމާތަކަށް ގެންނާނީ މި އަހަރުގެ ހޫނު މޫސުމުގަ އެވެ. އެކަމަކު އަދި ސީދާ ކޮން ތާރީހެއް ކަމެއް އިއުލާނެއް ނުކުރެ އެވެ.

"ޕަރީކްޝާ" ގެ ފަސްޓްލުކް ޕޯސްޓަރު ވެސް މިހާރު ދައްކާލާފައިވާ އިރު މީގެ ކާސްޓުންނަކީ ސަންޖޭ ސޫރީ، އާދިލް ހުސައިން، ޕްރިޔަންކާ ބޯސް އަދި ޝުބަމް ޖާ އެވެ.

ޕްރަކާޝް، 67، އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސް ދިން ފިލްމަކީ 2016 ގައި ޕްރިޔަންކާ ޗޯޕްޅާ ފެނިގެން ދިޔަ "ޖެއި ގަންގާޖަލް" އެވެ. އޭނާ ޑައިރެކްޓް ކުރި ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ގަންގާޖަލް"، "އަޕަހާރަން"، "ރާޖްނީތީ" އަދި "ސަތިޔަގްރަހާ" ފަދަ ފިލްމުތައް ހިމެނެ އެވެ.

ސައްޔާމީ "ބްރީތު 2" ގައި

އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސް ދިން އިންޑިއާގެ ކާމިޔާބު ވެބް ސީރީޒް "ބްރީތު" ގެ ކާމިޔާބީ އަށް ފަހު މީގެ ދެވަނަ ސީޒަނުގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު، ބަތަލާ ސައްޔާމީ ކޭރް އޭގެ ރޯލަކަށް ސޮއިކޮށްފި އެވެ.

މީގެ ކާސްޓުންގެ ތެރޭގައި އަބީޝެކް ބައްޗަން، އަމިތު ސާދު އަދި ނިތިޔާ މެނެން ފަދަ ތަރިން ހިމެނެ އެވެ. "ބްރީތު" ގެ ޑައިރެކްޓަރަކީ މަޔަންކް ޝަރުމާ އެވެ.

ސައްޔާމީ، 27، އަކީ 2016 ގައި އަނިލް ކަޕޫރްގެ ފިރިހެން ދަރިފުޅު ހާޝްވަރުދަން ކަޕޫރާ އެކު ފިލްމު "މިރުޒިޔާ" އިން ބޮލީވުޑަށް ނުކުތް ބަތަލާއެކެވެ.

ދީޕިކާ ބަނޑުބޮޑެއް ނޫން

ބަތަލާ ދީޕިކާ ޕަދްކޯން އިނީ ބަލިވެ ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެކްޓަރު ރަންވީރު ސިންގްއާ ކައިވެނި ކުރި ބަތަލާ މި ވަގުތު އިނީ އަލަތު ދަރިފުޅަށް ބަލިވެ އެވެ. ނަމަވެސް އެކަން ދޮގު ކުރަމުން ދީޕިކާ ބުނީ ދަރިއަކު ހޯދުމާ ދޭތެރޭ މި ވަގުތު ނުވިސްނާ ކަމަށެވެ.

ކާމިޔާބު ބަތަލާ އަދި ބުނީ ކައިވެނިކޮށްގެން އުޅޭ ކޮންމެ ދެމަފިރިއަކު ވެސް ދަރިން ހޯދާނެ ކަމަށާއި އެކަމަކު އެކަމަކީ ބަޔަކު ބޭނުންވުމުން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި ދަރިއަކި ހޯދަން ޕްރެޝަރު ނުކުރެވޭނެ ކަމަށް ވެސް ބުންޏެވެ.

ދީޕިކާ މި ވަގުތު އަންނަނީ މެގްނާ ގުލްޒާރުގެ "ޗަޕާކް" ގެ މަސައްކަތް ކުރަމުންނެވެ. އެ ފިލްމު ރިލީޒް ކުރާނީ ޖެނުއަރީ، 10، 2020 ގަ އެވެ.

"ޕޫ" ގެ ކެރެކްޓާ އިން ވެބް ސީރީޒެއް

ކަރަން ޖޯހަރު 2001 ވަނަ އަހަރު ގެނެސް ދިން ފިލްމު "ކަބީ ހުޝީ ކަބީ ޢަމް" ގައި ކަރީނާ ކަޕޫރް ކުޅުނު ތުއިބޮޑު ޕޫޖާ (ޕޫ) ގެ ކެރެކްޓާ އިތުރަށް ދިރުވައިގެން އެ ކެރެކްޓާ އަށް ބިނާކޮށް ވެބް ސީރީޒެއް ހަދަން ނިންމައިފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ކަރަންގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަންގެ ޑިޖިޓަލް ކޮންޓެންޓަށް ހާއްސަ ގޮފި ދަރުމެޓިކް އެންޓަޓައިންމަންޓިން ހަދާ ވެބް ސީރީޒްގެ ބަތަލާގެ ރޯލުން ވެސް ކަރީނާ ފެނުމުގެ ފުރުސަތު ބޮޑެވެ. އެކަމަކު ކަރަން އަދި މި ޕްރޮޖެކްޓް ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ޕޫގެ ކެރެކްޓާ ވެބް ސީރީޒްގައި ޕްރެޒެންޓްކޮށް ދޭނީ އެންމެ މި ޒަމާނުގެ ސްޓައިލްތަކާ އެކީގަ އެވެ.

ކަރީނާ މި ވަގުތު އަންނަނީ ކަރަންއާ އެކު އޭނާ މަސައްކަތް ކުރާ ދެވަނަ ޑައިރެކްޝަން "ތަހުތު" ގެ މަސައްކަތް ފަށަން ތައްޔާރުވަމުންނެވެ. އަދި އަންނަ ސެޕްޓެމްބަރު މަހު ރިލީޒް ކުރާ "ގުޑް ނިއުސް" ވެސް ކަރީނާ ފެނިގެން ދާނެ އެވެ.

"އައިރާ ގައިރާ" ދައްކާލައިފި

ބުދަ ދުވަހު ރިލީޒް ކުރާ ފިލްމު "ކަލަންކް" އަށް ބަތަލާ ކްރިތީ ސެނަން ކުޅެ ދީފައިވާ ލަވަ "އައިގާ ގައިރާ" ދައްކާލައިފި އެވެ.

މި ލަވައިން އޭނާއާ އެކު ވަރުން ދަވަން އާއި އަދިތިޔާ ރޯއި ކަޕޫރް ވެސް ފެނިގެންދެ އެވެ. ޕްރިތަމްގެ މިއުޒިކަށް ހަދާފައިވާ "އައިރާ ގައިރާ" ކިޔާފައި ވަނީ އަންތަރާ މިތުރާ، ޖާވިދު އަލީ އަދި ތުޝާރު ޖޯޝީ އެވެ. މި ލަވައަކީ ވަރަށް އިންޑިއަން ސްޓައިލްގެ ލަވައެކެވެ.

ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، އަބީޝެކް ވަރުމަން ޑައިރެކްޓްކޮށްފައިވާ "ކަލަންކް" ގެ ތަރިންނަކީ އާލިއާ ބަޓް، މަދޫރީ ޑިކްސިޓް، ސޮނާކްޝީ ސިންޖާ، ސަންޖޭ ދަތު، ވަރުން އަދި އަދިތިޔާ އެވެ. މީގެ ހާއްސަ ފެނިލުމަކުން ކިއާރާ އަދުވާނީ ވެސް ފެންނާނެ އެވެ. އޭގެ ތެރޭގައި ހިމެނޭ އޭނާގެ ލަވަ "ފަސްޓް ކްލާސް" ކުރިން ވަނީ ދައްކާލައިފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454