ހިމޮފީލިއާ ހުރި ކުއްޖަކަށް އެ ބައްޔާ ބެހޭ މައުލޫމާތު ކާޑު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން (ކ) ދެއްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
17 އެޕްރީލް 2019 - 20:03
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު އެކުލަވާލާއިރު ހިމޮފީލިއާ އަށް ބޭނުންވާ ފަރުވާ ހިމަނަން މަސައްކަތްކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ހިމޮފީލިއާ ދުވަސް ފާހަގަކުރަން ރާއްޖޭގެ ހިމޮފީލިއާ ސޮސައިޓީން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މި ބަލި ޖެހިފައިވާ މީހުންގެ އަދަދު މަދު ނަމަވެސް، މި ބަލި ތަހައްމަލުކުރާ މީހުންނަށް އެކަށީގެންވާ ފަރުވާ ލިބެންޖެހޭނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ 2020 ވަނަ އަހަރުގެ ބަޖެޓު ފާސްކުރާ ހިސާބުން ފެށިގެން ތިބޭފުޅުން ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެއްވެސް ގޮންޖެހުމެއް ނެތް މިންވަރަށް މަސައްކަތް ކުރުމަށް އަޅުގަނޑުމެން ސަރުކާރުގެ ތެރޭގެ އިންތިޒާމުތައް ހަމަޖައްސާނަން،" މިނިސްޓަރު އަމީން ވިދާޅުވި އެވެ.
މިނިސްޓަރު އަމީން މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ހިމޮފީލިއާ އަކީ އާއިލީ ގޮތުން ވާރުތުވާ ލޭގެ ބައްޔެކެވެ. މި ބަލި ޖެހޭ މީހުންގެ ލޭ މަނާވުމުގައި ނުވަތަ ކްލޮޓު ވުމުގައި މައްސަލަތަކެއް ދިމާވެ އެވެ. އެއީ ހަށިގަނޑަށް ބޭނުންވާ ބައެއް މާއްދާތައް އެ މީހުންގެ ގައިގައި މަދުވުމުންނެވެ. ލޭ އައުމުން ނުވަތަ ތަނެއްގައި ޖެހުމުން މި ބަލި ހުންނަ މީހުން އުޅެން ޖެހެނީ ވަރަށް ވޭނުގަ އެވެ. އެއީ ލޭ މަނާނުވާތީ އާއި ޖެހިތަދުވާ ތަނަކަށް ހަށިގަނޑުގެ ތެރޭގައި ލޭ އެޅޭތީ އެވެ. އެ ފަދަ ކަމެއް ދިމާވާ އިރު އަވަހަށް ފަރުވާ ނުދެވިއްޖެ ނަމަ، ހުޅުތައް ދުޅަވެ ދާއިމީކޮށް ނުކުޅެދުން އެކަށީގެން ވެ އެވެ. އަދި ބައެއް ފަހަރު ފައި ކަހަލަ ގުނަވަނެއް ބުރިކޮށްލަން ޖެހޭ ހާލަތު ވެސް އާދެ އެވެ.
ރާއްޖޭގައި 2011 ވަނަ ހިމޮފީލިއާ ސޮސައިޓީ އުފެއްދި، އެތަނުގެ ރައީސް އަދި ފައުންޑަރު އަހުމަދު ނަސީރު ވިދާޅުވީ މި ބަލި ތަހައްމަލުކުރާ 18 މީހަކު ރާއްޖޭގައި އުޅޭ ކަމަށެވެ. އަދި މި ބަލި މިހާރު ފެންނަ ވަރު އިތުރުކަމަށް ވިދާޅުވެ، މި ބައްޔަށް ފަރުވާ ހޯދާ މީހުންނަށް މި ސަރުކާރުން އަޅާލާތީ ޝުކުރު ދެންނެވި އެވެ.
ދުނިޔޭގެ ހިމޮފީލިއާ ދުވަސް ފާހަގަކުރަން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: ނިޝާން އަލީ/ މިހާރު
މިނިސްޓަރު އަމީން ވިދާޅުވީ ބަލި ތަހައްމަލު ކުރާ މީހުންގެ އަދަދު މަދު ނަމަވެސް ބައްޔަށް ލިބެންވާ އެކަށީގެންވާ ފަރުވާ ގާނޫނާއި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ލިބެން ޖެހޭނެ ކަމަށެވެ.
"މި ފުރުސަތުގައި [ދަންނަވަން] މިހާތަނަށް މިހާ މަދު އަދަދެއްގެ މީހުން ފަރުވާ ހޯދަން ޖެހޭ ބޭފުޅުންނަށް ވީމަ، [ސަރުކާރުގެ] ސަމާލުކަމަށް ނައިސް އޮންނަން ޖެހޭނެ ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި، މި ބަލި ތަހައްމަލުު ކުރާ މީހުންނަށް ބަލީގެ މައުލޫމާތު ކާޑެއް ހަވާލު ކުރި އެވެ. އެއީ ބައްޔަށް އެންމެ އެކަށީގެންވާ ފަރުވާ ތަފްސީލު ކޮށްދީފައިވާ ކާޑެކެވެ. މި ކާޑު ދިނީ ސިއްހީ ފަރުވާ ބޭނުންވާ ވަގުތު، ފަރުވާ ދޭ ފަރާތްތަކަށް އެކަށީގެންވާ ވަރަށް މައުލޫމާތު ލިބިފައި ނުވުމުން ދިން ލިއުމެއް ކަމަށް އެ ސޮސައިޓީގެ ރައީސް ވިދާޅުވި އެވެ.
ދުނިޔޭގެ ހިމޮފީލިއާ ދުވަސް ފާހަގަކުރަން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: ނިޝާން އަލީ/ މިހާރު
މި ބައްދަލުވުމުގައި، އައިޖީއެމްއެޗުގައި މަސައްކަތް ކުރައްވާ ޑރ. މުހައްމަދު އަލީ ވިދާޅުވީ، ހިމޮފީލިއާ އަށް ކުރިން ފަރުވާ ދެމުން އަންނަނީ މީހަކަށް އަނިޔާއެއް ލިބުމުން، އެ އަށް ކަމަށެވެ. ނަމަވެސް، އެހެން ފަރުވާ ދޭ ނަމަ، އަނިިޔާވާ ކޮންމެ ފަހަރަކު 400 ޑޮލަރާއި 4،000 ޑޮލަރުގެ އަދަދު ހޭދަވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ޒަމާނީ ދިރާސާތަކާ އެކު، އަދި ދުނިޔޭގެ ހިމޮފީލިއާ ފެޑަރޭޝަންގެ ލަފައާ އެކު މިހާރު އެ ބައްޔަށް ފަރުދާ ދެނީ، ބޭނުންވާ މާއްދާ ކުޑައިރުން ފެށިގެން ގަވައިދުން ދީގެންނެވެ. ނަމަވެސް، އެއީ އަގޮބޮޑު މާއްދާއެއް ކަމަށް ވުމުން، އެ ފަރުވާ ހޯދަން އާއިލާތަކަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކަށް ކުރިމަތިލާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ހިމޮފީލިއާ ސޮސައިޓީ އަންނަނީ ދުނިޔޭގެ ހިމޮފީލިއާ ފެޑަރޭޝަނާ އެކު ގާތުން މަސައްކަތް ކުރަމުންނެވެ. މިދިޔަ ދެ އަހަރު އައިޖީއެމްއެޗްގެ އެކި ސިއްހީ މަސައްކަތްތެރިންނަށް ހިމޮފީލިއާއާ ގުޅޭ އެކި ތަމްރީން ޕްރޮގްރާމް ހަދަން ރާއްޖޭގެ ސޮސައިޓީން ވަނީ ބޭރަށް ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު
18 April 2019
މަރުހަބާ މިނިސްޓަރ ހދ އަތޮޅުގެ ސިއްހީނިޒާމު ސިޓީއެއްގެ ދަރަޖަޔައް ބަދަލުކޮއްދިނުމަކީ ވަރައް މުހިންމު ކަމެއް ރައްޔިތުން އެވަނީ ސަރުކާރައް ހުރިހާ ބާރެއްދީފަ ދެންނުބުނާތި ރައްޔިތުން ގާތު އެއްޗެއްދޭން ވެރިކަންދީފި މަޖިލިސްދީފި ކައުންސިލުދީފި ރިސޯޓެއްވެސް އަދި ނެތް ވަޒީފާ އަދާކުރަނީ ރާއްޖޭގެ އެތަންމިތާ އެއާޕޯޓުވެސް ބަރަވެލި ދުވެލީގަ މަގުތައް ނުހެދިފަ ޗަސްބިންތަކައް ވެލިނުލެވި ކުނީގެ ދާއިމީ ހައްލެއް ނުލިބި މިކަންކަން ހައްލު ކުރާނެ ކަމައް އުންމީދުކުރަނ
ދަރިވަރު
18 April 2019
ބަޖެޓުގަ ހިމެނިއޭ ހިލޭޑިގްރީވެސް އެކަމު ބަރާބަރަށް ކޮލެޖުތަކުން އެންމެލާރިއެއްވެސް އުނިނުކޮށް ފީނަގައޭ
ނަޒުހަތު
17 April 2019
ދެރަވަނީ ހަމަ އެންމެ ކަމަކާ.. އަމީން ނޫނީ އެހެން އެއްވެސް ސިއްހަތު ވަޒީރެއްގެ ސަމާލުކަމަށް މިކަން އައިސްފައި ނެތީމަ. ހެލްތު ބޮއްސުންލައިގެން ގޮސް އޮންނަތާ ކިތަންމެ ޒަމާނެއް، އެކަމަކު އަމީން އަައި ފަހުން ވަރަށް ތަފާތު ހަރުދަނާ ކަންކަން ކުރެވެމުންދާތަން އެބަ ފެނޭ. ޙިންގުމުގެ ދާއިރާގައި މަނިކުފާނާ ގާތްކުރާ މީހުން މަދުވާނެ
މުހައްމަދު އިބްރާހިން
17 April 2019
ސުބުހާނަﷲ ކޮންފަދަ ހިޔްހެޔޮ މީހެއް އަމީނަކީ. މިއަދު ބައްދަލުވުމުގައި އަޅުގަނޑު ރޮވުނު. މިކަމުގައި މިދިޔަ 7 އަހަރު އަޅުގަނޑު ބައްދަލުނުކުރާ ބޮޑުމީހެއް ނުހުންނާނެ. މިނިސްޓަރަކަށްވުރެ މާހިތްތިރިކޮށް އެބޭފުޅާ ފެނުނީ. އަޅުގަނޑުމެން މުޅިއާއިލާވެސް މަނިކުފާނަށް ހެޔޮ ރަހްމަތް ލައްވާތޯ އަބަދު ދުޢާކުރާނަން.
ނާނަކަޓާ
17 April 2019
ވަޒީފާގައި ހުރިއިރު މުސާރަދީފާވާނެ ދެން ބަޖެޓް ހުސްކުރާނެ ގޮތެއްނޭގިގެންތަ ތިއުޅެނީ
އާނިނަތު ކެމްބުރިޖު / ޔޫކޭ/ ސ. ފޭދޫ
17 April 2019
ހިނި އާދޭ މިމީހާ އާއި ހެލްތު މިނިސްޓަރުކަން ހަވާލުކުރުމުން، ސޭޓު ބޯކިވާ ފެޅިއިރު އެބަތިބި ސޭޓު ކައިރީގައި ތަންދޮރު އޮޅުންފިލާފައި ތިބި މިދާއިރާ ގައި ޚިޒުމަތްކޮށް ތަޖުރިބާ ލިބިފައި ތިބި މީހުން... މީނާ ޗަރުކޭސް ކުޅޭތަން މިއަދުވެސް އަދި ފުރަތަމަދުވަހު ނުވަތަ މާދަންވެސް... ސޭޓޫ މީތި ކަޑަ ދޯ.؟
ަމަރިޔަމް ހަސަން
17 April 2019
ތަފާތު އެބަ ފެނޭ. ދުވަހަކުވެސް ނުދެކޭ ތަފާތުތައް މި ފެންނަމުންދަނީ އަމީން ތި ވުޒާރާއަކާ ހަވާލުވިފަހުން. ޔަގީންކަން އެބައޮތް މަނިކުފާނުގެ ޒައާމަތުގައި ދިވެހި ސިއްހަތު ވުޒާރާއަށް ދުވަހަކުވެސް ނައަންނަ ވަރުގެ ކުރިއެރުންތަައް އަންނާނެކަމާމެދު.
އަޒޫ
17 April 2019
ބަލި މަދުވުމަކީ ބައްޔަށް ބޭނުންވާ ފަރުވާ ލިބެން ނުޖެހޭކަމެއް ނޫން. މިިނިސްޓަރުގެ ތިޔަ ވިސްނުންފުޅު ތިޔާގި. އިރާދަަކުރެއްވިއްޔާ ދެން މާ ލަސްތަކެއްނުވެ ތިޔަ ކޮށްދެއްވާ ހެޔޮ ކަންތަކުގެ ރާހަތު ލިބެންފަށާނެ. ޝުކުރިއްޔާ އަމީން
ބްލެޑާރ
17 April 2019
ރައީސުންނާއި، ނައިބުރައީސުން އަދި އިއްޒަތްތެރި މެންބަރުންނަށް އިނާޔަތް ދިނުމަށް ވުރެ ދައުލަތުން މިފަދަ ހަރަދުތައް ކުރުން އައުލާކަން ބޮޑު... ވަރަށް އޯގާތެރި ނިންމުމެއް