ރިޕޯޓް / މުވައްޒަފުން

ވަރުބަލިވެ އަވަދިވަމުންދާ މަސައްކަތްތެރިން

ހިދުމަތުގެ މައިގަނޑު ދާއިރާތަކުގައި ދިވެހި މަސައްކަތްތެރިން ތިބީ ވަރުބަލިވެ، ހިތްވަރުއެލިފަ އެވެ. މަސައްކަތު ވަގުތު ދިގުވުމާއި ޒިންމާތައް ގިނަވުމާއި ވަޒީފާއަށްޓަކައި އަމިއްލަ ދިރިއުޅުން ގުރުބާން ކުރަން ޖެހުމުގެ އުދާހުގަ އެވެ. އެކަށޭނަ އުޖޫރައެއް ނުލިބުމުގެ ހިތްހަމަނުޖެހުމުގަ އެވެ.

ހުމެއް ފެތުރެމުންދިޔަ ދަނޑިވަޅެއްގައި އައިޖީއެމްއެޗްގައި ހުޅުވި ފްލޫ ކްލިނިކެއްގައި މީހުން އެޑްމިޓްކޮށްފައިވާ ސަރަހައްދުގައި ނަރުހުން ހަރަކާތްތެރިވަނީ: ނަރުހުން މަދުވެފައި މަސައްކަތު ވަގުތު ދިގު ---ފައިލް ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ލެބޯޓްރީ ޓެކްނީޝަނެއްގެ ގޮތުގައި ރައުފާ އަބްދުއްސައްތާރުގެ ހަތަރު އަހަރުގެ ތަޖުރިބާއަކީ ޗުއްޓީއެއް، އޮފެއް، ބަންދަކަށް ނުބަލައި ހުރިހާ ދުވަހަކު ވެސް މަސައްކަތަށް ނުކުންނަން ޖެހުމެވެ. އެއީ މުވައްޒަފުން މަދުވުމާއި ރަނގަޅު ނިޒާމަކަށް އެ ދާއިރާ ބައްޓަންކޮށްފައި ނެތުމުން އޭނާ ފަދަ ހުރިހާ މަސައްކަތްތެރިން ވެސް އުފުލަން ޖެހިފައިވާ ބުރައެކެވެ.

"އަޅުގަނޑު މަސައްކަތްކުރަން މަހަކު 30 ދުވަހު. ބައެއް ފަހަރު އަހަރީ ޗުއްޓީ ވެސް އެއްކޮށެއް ނުނަގަން. މީހުން މަދުވަންޏާ ހަމަ ނުކުންނަން،" އަތޮޅުތެރޭގައި މަސައްކަތްކުރާ ރައުފާ ކިޔައިދިނެވެ.

"ޗުއްޓީގައި ނެތިއްޔާ ހަމަ ހުރިހާ ދުވަހަކު ވެސް ނުކުންނަން. އެންމެން ވެސް ނުކުންނާނެ. އޮފް ދުވަހު ވެސް ނުކުންނާނެ. އޭގެ މާނައަކީ މުޅި ދުވަސް އެއްކޮށް ރެސްޓެއް ނަގާފައެއް ނޯންނާނެއޭ. މިއީ ހަމަ ރަށްރަށުގައި މަސައްކަތްކުރާ ހުރިހާ އެންމެންގެ ވެސް ހާލަތު."

ސިވިލް ސާވިސް ކަމަށް ވިޔަސް، ރިސޯޓުތަކާއި އަމިއްލަ ވިޔަފާރިތަކަށް ބެލިޔަސް، ރާއްޖޭގައި މަސައްކަތްތެރިން އުޅޭ ދަތި ހާލުގެ ވާހަކަ އާއި އެ މީހުންގެ ޝަކުވާތައް ކޮޅުން ނުލަ އެވެ. އެކަށީގެންވާ އުޖޫރައެއް ނުލިބުން އެކަންޏެއް ނޫނެވެ. ވަސީލަތްތަކާއި ރައްކާތެރިކަމާއި އެކަށީގެންވާ މަސައްކަތު މާހައުލެއް ނެތުމުގެ ބޯހާސްކަން ވެސް މެ އެވެ. ވަރުބަލިވެގެން ގޮސް އަވަދިވާހާ ގިނަ ވަގުތު މަސައްކަތުގައި އުޅެން ޖެހުމާއި ވަޒީފާ އަށްޓަކައި އާއިލާ އާއި އެހެން ހުރިހާ ކަމެއް ގުރުބާންކުރަން ވެސް ޖެހުމެވެ.

ސައުވީސް ގަޑިއިރުގެ ހިދުމަތް އޮންނަ ސިއްހީ ދާއިރާގެ ނަރުހުންނާއި ލެބޯޓްރީ ޓެކްނީޝަނުންނާއި ހަފްތާ ބަންދެއް ނުލިބި މަސައްކަތުގައި އުޅޭ ޓީޗަރުންނާއި އަގުބޮޑު ޓޫރިޒަމް އިންޑަސްޓްރީގައި ނިކަމެތިވެފައި ތިބި މުވައްޒަފުންގެ ފަރާތުން ވެސް އަޑުއިވެނީ އުދާސްތަކެވެ.

"އެކަނި ރަށެއްގައި ހުންނަ މީހަކު ވެއްޖެއްޔާ 24 ގަޑި އިރު އޮންކޯލްގައި ހުންނަ އިރު ވާނެ ގޮތް ވިސްނަވާ. އަދި އެއީ ދަރިން ތިބި މީހަކަށް ވެއްޖެއްޔާ ދަރިންނާ އެއްކޮށް ހޭދަކުރަން އޮންނާނީ ކޮން ވަގުތެއް؟ ހަ މަސް، އެއް އަހަރު ވަންދެން އެ ގޮތަށް އުޅެވޭނީ ކިހިނެއް؟"

ނަރުހުން: މަސައްކަތުގައި 16 ގަޑި އިރު ވެސް ހޭދަވެދާނެ

ސިއްހީ ހިދުމަތުގައި އިންސާނިއްޔަތުކަން އިސްކުރާތީ ނަރުހަކު ކިތަންމެ ގިނަ އިރަކު ވެސް މަސައްކަތުގައި އުޅެފާނެ އެވެ. އެކަމަކު އޭގެ ބުރަ އިހުސާސްކުރަނީ ވެސް އެ މީހުންނެވެ.

"އަޅުގަނޑުމެން ހަފްތާއަކު ދެ ދުވަހު ނުވަތަ ތިން ދުވަހު 16 ގަޑި އިރު އެބަ މަސައްކަތްކުރަން،" ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތްކުރާ ޒުވާން ނަރުހަކު، ނަން ނުޖަހަން އެދި، ކިޔައިދިނެވެ.

"ގިނަ ފަހަރަށް ހަފްތާއެއް ވެސް ދާނެ ގޭ މީހުންނަށް ނުފެނި. ހަމައެކަނި ނިދަން ގެއަށް އާދެވޭ ދުވަސްތައް ދޭ. ހަފްތާއަކު ދެތިން ފަހަރު މާލެ އަށް ދާން ޖެހޭނެ، ބަލި މީހުން ގޮވައިގެން. އަމިއްލަ އަށް ދަތުރުކުރުމަށް ވުރެ ބަލިމީހަކު ގޮވައިގެން ދަތުރުކުރީމަ މާ ބޮޑަށް ވަރުބަލިވޭ. އެކަމަކު އަނބުރާ ރަށަށް އައިސް ވެސް، އެ ދުވަހު ޑިއުޓީ އޮވެއްޖެއްޔާ ހަމަ ޑިއުޓީ އަށް ދާން ޖެހޭނެ. އެހެން ނޫނީ އަރާނީ ވެސް އެބްޒެންޓް."

ގިނަ ވަގުތު މަސައްކަތުގައި އުޅެން ޖެހުން އެކަންޏެއް ނޫނެވެ. ރޭގަނޑު ޑިއުޓީގައި އިންނަ އިރު "ހަމައިގައި ނުތިބޭ ވަޔަލެންޓް މީހުން ހަތިޔާރު ހިފައިގެން އައިސް ގަޔަށް އަތްލާ ހިސާބަށް ވެސް" ދެ އެވެ. އެކަމަކު ވެސް މި ނަރުސް އޭނާގެ ނަފްސާނީ ހިތްވަރު ގަދަކޮށް ޖިސްމާނީ ވަރުބަލިކަން ތަހައްމަލްކޮށްލަނީ އެވެ.

"ފިޒިކަލީ ވަރަށް ވަރުބަލިވޭ. އެކަމަކު ވިސްނަނީ ނަރުހެއް ވީމާ ކޮށްފައި ހުރި ހުވަ އަށް. ބަލިމީހުންނަށް ކޮށްދެވޭ ހިދުމަތަށް ބޮޑަށް ސަމާލުކަންދެނީ،" އޭނާ ބުނެލި އެވެ.

ބުރަ ބޮޑުވާ މައިގަނޑު އެއް ސަބަބަކީ ނަރުހުން މަދުވުމެވެ. ސިވިލް ސާވިސްގައި 2017 ވަނަ އަހަރު ތިބީ 1،800 ނަރުހުންނެވެ. އައިޖީއެމްއެޗުގެ ތަޖުރިބާކާރު ނަރުހެއް ކަމަށްވާ ފާތުމަތު ފިލީޝިއާ ވިދާޅުވިގޮތުގައި އަމިއްލަ ސަބަބުތަކާ ހެދި އާއި މި ދާއިރާގައި އުޅެން ހިތްވަރު ލިބޭ ފަދަ އިނާޔަތްތަކެއް އަދި މާހައުލެއް ނެތުމުން ގިނަ އަދަދަކަށް މުވައްޒަފުން ކެނޑޭތީ އާއި ބޭނުންވާ ވަރަށް މުވައްޒަފުން ނުވައްދާތީ ނަރުހުން މަދުވުމުގެ ދަތިކަން ވަރަށް ބޮޑެވެ. އަދި އައިޖީއެމްއެޗުގައި މެއިންޓެނެންސާ ގުޅުން ހުރި ކަންކަން ފަދަ އިތުރު ޒިންމާތައް ވެސް ނަރުހުން އުފުލަން ޖެހުމާއި އެ ނޫން ވެސް ބައިވަރު މައްސަލަތައް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.

"އާ ހިދުމަތްތައް މި ފަށަނީ ވެސް ހިއުމަން ރިސޯސް އަށް ނުބަލާ. ކުރިން ވެސް ތިބި ނަރުހުން ހުރިހާ ތަނަކަށް ބޭނުންކުރަނީ. އެހެންވީމާ ބަލިމީހުންގެ ނިސްބަތުން ނަރުހުން މަދުވީމާ ހިދުމަތުގެ ފެންވަރު ވެސް ދަށްވޭ އަދި ބަލިމީހާގެ ހިތްހަމަޖެހުން ވެސް ކުޑަވާނެ،" 22 އަހަރުގެ ތަޖުރިބާއާ އެކު ވޯޑް މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން ގެންދަވާ ފިލީޝިއާ ވިދާޅުވި އެވެ.

"ސިވިލް ސާވިސް ގަވާއިދު އޮންނަ ގޮތުން ދެ އޯފް ލިބެން ޖެހުނަސް މިހާރު ނަރުހުން މަސައްކަތްކުރަނީ އެއް އޯފް ލިބިގެން. އައިޖިއެމްއެޗާއި ރަށްރަށުގައި ވެސް ވަރަށް ބައިވަރު މައްސަލަތައް އެބަހުރި. ދެން ކުރީ ސަފުގައި ތިބެނީ ނަރުހުން. އެހެންވެ އަބަދުވެސް އެންމެންގެ ރުޅިއާ އެއްޗެހި ވެސް އަންނާނީ ނަރުހުންނަށް."

ނަރުހުންގެ އާ އޮނިގަނޑަކަށް މިދިޔަ އަހަރުގެ އޮގަސްޓްމަހު އަމަލުކުރަން ފެށި އިރު ނުކުތް ބައިވަރު މައްސަލަތަކާ ހެދި ވެސް ނަރުހުންގެ ހިތްހަމަނުޖެހުން ވަރަށް ބޮޑެވެ. އެ ބަދަލާ ގުޅިގެން، ބައެއް މީހުންގެ ޖުމްލަ އުޖޫރަ ކުޑަވެގެން ދިޔުމާއި ރޯދަ މަހު ސިވިލް ސާވިސްގެ އެހެން މުވައްޒަފުންނަށް ވުރެ ދެ ގަޑި އިރު އިތުރަށް ހަ ގަޑި އިރު މަސައްކަތްކުރަން ޖެހުނު އިރު އިތުރުވާ ވަގުތަށް އުޖޫރައެއް ނުދޭން ނިންމުން ފަދަ ކަންކަން އެ މީހުން ބަލައެއް ނުގަނެ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގައި ނަރުހުންތަކެއް މަސައްކަތްކުރަނީ: ނަރުހުންގެ މުސާރަ ވަނީ ބޮޑުކޮށްފައި-- މިހާރު ފޮޓޯ

"އިށީންނާނެ ތަނެއް ނެތް" ޓީޗަރުން

މަސައްކަތް ކިތަންމެ މުހިއްމު ވިޔަސް މާ ބޮޑު އަޅާލުމެއް ނުލިބި ތިބި އަނެއް ބަޔަކީ ޓީޗަރުންނެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ ގޮތުގައި 6،000 އަށް ވުރެ ގިނަ ޓީޗަރުން ތިބި ތައުލީމީ ދާއިރާގެ އެތައް ކަމަކާ މެދު ޓީޗަރުންގެ ޖަމްއިއްޔާގެ ރައީސް އާތިފް އަބްދުލް ހަކީމް ކަންބޮޑުވުން ފާޅުކުރައްވަ އެވެ. އެއް ކަމަކީ މަސައްކަތުގެ ބުރަމިނަށް ނުބަލައި ކްލާސްތައް ނަގައިދޭން ޖެހުމެވެ.

"ބައެއް ޓީޗަރުން ހަމަ އެބަ ގުދާރު ބިނދޭ. ގުރުއާން މާއްދާގައި ޓީޗަރު އަށް ކްލާސް ނަގައިދޭ. އިސްލާމް މާއްދާގައި އެބަ ނަގައިދޭ އެކަކު 6-7 ކްލާސް. އަށް ކްލާސް ނަގައިދޭ ޓީޗަރު، އޭނަ ހަމަ ހަލާކު އެ ވަނީ. އެއީ އިންސާނުން ލައްވައި މަސައްކަތްކުރުވަން ޖެހޭ ގޮތެއް ނޫން،" އާތިފް ފާހަގަކުރެއްވި އެވެ.

"އަށް ކްލާސް އެއީ ކިތައް ދަރިވަރުންތޯ؟ އެ ވަރުން ދަރިވަރުންގެ ފެންވަރު ރަނގަޅުކުރާނީ ކިހިނެއްތޯ؟"

ކިޔަވައިދިނުމުގެ އިތުރުން ސްކޫލްތަކުގެ އިތުރު ހަރަކާތްތަކާއި ދަރިވަރުން ބައިވެރިވާ ކުޅިވަރު މުބާރާތްތަކުގެ ކަންކަމުގައި ވެސް ޓީޗަރުން އާއްމު ގޮތެއްގައި ވަރަށް ގިނަ ވަގުތު ހޭދަކުރެ އެވެ. ހާއްސަކޮށް ހަފްތާ ބަންދުގެ ދުވަސްތައް ވެސް ހުސްކޮށް ނުލިބޭކަން ފާހަގަކުރައްވައި އާތިފް ވިދާޅުވީ އެ ދުވަސްތަކަށް ޓީޗަރުންނަށް ދެ ގުނަ މުސާރަ ހައްގުވާ ކަމަށެވެ.

"ޓީޗަރުން ހަމަ ކޮންމެ ހުކުރެއް އަދި ހޮނިހިރެއްގައި ނުކުމެ 4-5 ގަޑި އިރު މަސައްކަތް އެބަ ކުރޭ. މިއީ ހަމަ އާއްމު، ދާއިމީ ކަމަކަށް ވެފައި މި އޮތީ،" އޭނާ ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން، ޓީޗަރުން އިތުރު ގަޑީގައި ކުރާ ބައެއް މަސައްކަތްތަކަށް އުޖޫރަ ނުލިބޭކަން އާތިފް ނަންގަވަނީ "ބޮޑު ޖަރީމާއެއް"ގެ ގޮތުގަ އެވެ.

"އޯވަޓައިމް ދޭން ޖެހިދާނެތީ، މި ބުނަނީ ފޮތް މާކުކުރުމަކީ އޯވަޓައިމް ދޭން ޖެހޭ މަސައްކަތެއް ނޫނޭ، އެއީ ޓީޗަރަކަށް ވީތީ ކުރަން ޖެހޭ މަސައްކަތެކޭ. ޓީޗަރަކަށް ވީތީއޭ ލެސަނަށް ތައްޔާރުވާން މައުލޫމާތު ހޯދަން ޖެހެނީ ވެސް،" އޭނާ ވިދާޅުވި އެވެ.

"އެކަމަކު މި ބަހަނާ ދައްކައިގެން އޯވަޓައިމް ނުދިނުމަކީ ހިންގާ ވަރަށް ބޮޑު ޖަރީމާއެއް. އިތުރު ގަޑީގައި މަސައްކަތްކުރުވާ ކަމަށް ވަންޏާ ފައިސާ ދެވެން ޖެހޭނެ. ފައިސާ ނުދެވެންޏާ އިތުރު ގަޑީގައި މަސައްކަތް ނުކުރުވާނީ."

އަނެއް ކަމަކީ އޯވަޓައިމް ލިބޭ މިންވަރު ލިމިޓްކޮށްފައި އޮތުމެވެ.

"މުވައްޒަފުންގެ ނިސްބަތުން އެ މުވައްޒަފުން ކުރާ މަސައްކަތުގެ ވަގުތަށް ބަލާފައި އެ މަހަކަށް ކަނޑައެޅިފައި އޮތް އޯވަޓައިމްގެ ތެރެއިން 10 ޕަސެންޓް ލިބޭނީ. އެހެންވީމާ ހުރިހާ މުވައްޒަފުން މަސައްކަތްކުރާ ކަމަށް ވަންޏާ ސްކޫލަކުން ޓީޗަރަކަށް ލިބޭނީ 200 ރުފިޔާ، 160 ރުފިޔާ އޯވަޓައިމަށް. މި ގޮތަށް އޯވަޓައިމްގައި ތަޅު އެޅުވިގެން ނުވާނެ،" އާތިފް ވިދާޅުވި އެވެ.

ޓީޗަރަކު ކިޔަވައިދެނީ: ބަންދު ދުވަސްތަކުގައި ވެސް އެންމެ ބުރަކޮށް އުޅޭ އެއް ބަޔަކީ ޓީޗަރުން.

މަސައްކަތު ވަގުތުގެ ދިގުމިނާއި އެކަށީގެންވާ އުޖޫރައެއް ނުލިބުމުގެ މާޔޫސްކަމާ އެކު ޓީޗަރުންނަށް ދެން ތަހައްމަލްކުރަން ޖެހިފައި ވަނީ ވަސީލަތްތައް ނެތުމުގެ ދަތިކަމެވެ. އާތިފް ވިދާޅުވަނީ "ޓީޗަރުން އިށީންނާނެ ގޮނޑިއެއް، މޭޒެއް، މަސައްކަތްކުރުމަށްޓަކައި ކޮމްޕިއުޓަ ވަސީލަތްތަކެއް، ދަރިވަރުންގެ ބެލެނިވެރިންނާ ގުޅުމަށްޓަކައި ފޯނުގަނޑެއްހާ ހިސާބު ވެސް ނެތް" ކަމަށެވެ.

"ބޮޑު ސްޓާފް ރޫމެއްގައި މޭޒުތަކެއް ހުރެފައި ހަމަ 1950ގެ އަހަރުތަކުގައި ޓީޗަރުން އުޅުނު ހާލުގައި މި އުޅެނީ. ދެން އެއްތެޔޮ ގޮނޑިއެއް ނެތް. އެހެން ނޫނިއްޔާ ހަމަ އޭރުގެ ހާލުގައި. އެއްފަހަރު ގޮނޑިން ތެދުވެގެން ގޮސްފައި ދެން އަންނަ އިރު އެ ގޮނޑިއެއް ނުލިބޭނެ. އަޅުގަނޑުމެން މި އުޅެނީ ބޮޑު ސިންގާ އެގްޒެކެޓިވް ޗެއާއެއްގައި ދެ ފައި އަރުވައިގެން ތިބޭކަށް ނޫން،" އޭނާ ވިދާޅުވި އެވެ.

"ސްކޫލެއްގެ އޮފީހުގައި އިންނަ އެންމެ އާދައިގެ މުވައްޒަފަކީ ސަރުދާރު. ސަރުދާރަށް ވެސް އެބަ ހުރޭ ކޮމްޕިއުޓަރަކާއި ފޯނަކާއި މޭޒަކާއި ގޮނޑިއަކާ. ކޮން ސްކޫލެއްގައިތޯ ހުރީ، މަސައްކަތްކުރާނެ މާހައުލެއް އެ ގޮތަށް ހާއްސަކުރެވިފައި، ޓީޗަރަކަށް؟"

ރިސޯޓު މުވައްޒަފުންގެ ގުރުބާނީ

ރާއްޖޭގެ އެންމެ މުއްސަނދި އަދި އިގްތިސޯދުގެ މައި ތަނބުގެ ގޮތުގައި އޮތް ސިނާއަތުގައި ދިވެހި މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގަންނަ މިންވަރާ މެދު ފަހަރުގައި ހައިރާންވާން ޖެހެ އެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރައްވާ، މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން އަހުމަދު ޝިހާމް ސިފަކުރެއްވި ގޮތުގައި، އެ ހުރިހާ ކަމެއް ތަހައްމަލްކުރަމުން، ރިސޯޓްތަކުގެ މުވައްޒަފުން އާއިލާތަކާ ދުރުގައި ވަމުންދަނީ ވަރަށް ބޮޑު ގުރުބާނީއެކެވެ.

"އަހަރަކު އެއް ފަހަރު ޗުއްޓީ އަށް ދާއިރު ދަރިފުޅު ފެންނާނީ،" އޭނާ ވިދާޅުވި އެވެ.

"ސްކޫލް ޗުއްޓީގައި ދަރިފުޅާ އެކީގައި ވަގުތު ހޭދަކޮށްލަން ތަނަކަށް ވެސް ނުދެވޭ. ސްކޫލް ޗުއްޓީ މި އޮންނަނީ ކްރިސްމަސް/ ނިއު އިޔާއާ ދިމާވެފައި. އެ ދުވަސްވަރު ޗުއްޓީއެއް ނުލިބޭ. އަޅުގަނޑުމެން ބޭނުންވަނީ ޓޫރިޒަމްގެ އޯފް ސީޒަނަށް ސްކޫލް ޗުއްޓީ ބަދަލުކުރަން."

ރިސޯޓުތަކުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް އެކަށީގެންވާ އުޖޫރައެއް ނުދޭ އިރު ބައެއް ފަހަރު ސާވިސް ޗާޖު ވެސް އޮންނަނީ ނުލިބިފަ އެވެ. ޝިހާމް ފާހަގަކުރެއްވި ގޮތުގައި ރިސޯޓް މަސައްކަތްތެރިންނަށް އެންމެ މުހިއްމުވެފައި އޮތް ކަމަކީ މިނިމަމް ވޭޖެއް ކަނޑައެޅުމެވެ.

ގާތްގަނޑަކަށް 20،000 ދިވެހި މުވައްޒަފުން އުޅޭ ރިސޯޓްތަކުގައި އޮންނަ ބޮޑު އަނެއް މައްސަލައަކީ ސާވިސް ޗާޖު ލިބޭ މިންވަރުން ބަހާނެ ކަމުގެ ޔަގީންކަމެއް ނެތުމެވެ.

"ސަރުކާރުގެ އިދާރާތަކަށް މި ފޮނުވަނީ ސާވިސް ޗާޖު މިވެނި ވަރަކަށް ނެގީމޭ ކިޔާފައި. ފޮނުވާ އިރު އޭތި މުވައްޒަފުންނަށް ބެހިކަމުގެ ގެރެންޓީއެއް ނޯވޭ. ބެހީ ކިހާ ވަރެއްކަން އެނގޭނެ ނިޒާމެއް ނެތް،" ޝިހާމް ވިދާޅުވި އެވެ.

"ހަގީގަތުގައި ރިސޯޓަށް ބޭނުންކުރެވޭ ގޮތަށް އޮންނަނީ ސާވިސް ޗާޖުގެ އެންމެ ޕަސެންޓެއް. އެކަމަކު ރިސޯޓްތަކުން މި ހަދާ ގޮތަކީ ސާވިސް ޗާޖު ނަގާފައި އޭތި މި ބޭނުންކޮށްލަނީ އެ މީހުންގެ ބަޖެޓަށް. ދެން ބާކީ ބައި ބަހާލީމާ މުވައްޒަފުންނަށް ވަރަށް ކުޑަކުޑަ އެއްޗެއް މި ލިބެނީ."

ހައްގުތައް ދޭން ގޮވާލައި ރިސޯޓް މުވައްޒަފުންތަކެއް ފިނޮޅެއްގައި ޝުއޫރު ފާޅުކުރަނީ.

ޓޫރިޒަމަކީ ރާއްޖޭގެ މައިގަނޑު އިންޑަސްޓްރީ ކަމަށް ވިޔަސް 45-55ގެ ނިސްބަތުން ދިވެހިންނަށް ވުރެ ބޮޑު ޖާގަ އަދިވެސް ދީފައި އޮތީ ބިދޭސީންނަށެވެ. ޝިހާމް ވިދާޅުވި ގޮތުގައި ޓޫރިޒަމްގައި ދިވެހި މަސައްކަތްތެރިންގެ ހިއްސާ 80 ޕަސެންޓަށް ބޮޑުވާން ޖެހެ އެވެ. އެ ވަރަށް ދިވެހި މުވައްޒަފުން ލިބޭނެ ކަމުގެ ޔަގީންކަން ވެސް އޭނާ އަށް އެބަ އޮތެވެ؛ ރަނގަޅު އުޖޫރައެއް ދީ، ކޮންމެ ދުވަހަކު އެނބުރި ރަށަށް ދެވޭނެ ގޮތް ހަދައިދިނުމުން ދިވެހިންގެ ޝައުގުވެރިކަން މިހާރަށް ވުރެ ވެސް ބޮޑުވާނެ ކަމަށް ދެކެވަޑައިގަންނަވާތީ އެވެ.

"އަޅުގަނޑުމެންނަށް އެބަ ފެނޭ ދިވެހިން އެ ފުރުސަތު ބޭނުންވެފައި ތިބި ތަން. އެޗްއާރު ޑިރެކްޓަރަކަށް ހުންނާނީ ބޭރު މީހެއް. ވަޒީފާއަކަށް ހުޅުވާލައިފިއްޔާ އޭނަ އަށް ސީވީތައް އޮހިގެންދަނީ. އެކަމަކު އެ ހުރިހާ އެއްޗެއް ޑަސްބިނަށް ގޮސްފައި އޭނާ ބޭނުންވާ ބޭރު މީހަކަށް ވަޒީފާ މި ލިބެނީ،" ޝިހާމް ވިދާޅުވި އެވެ.

"ކުރަން މި ޖެހެނީ ވަރަށް ސިމްޕަލް ކަމެއް. ސަރުކާރުން ބުނަންވީ، ދިވެހިންނަށް ތި ފުރުސަތުތައް ދޭށޭ. އިތުރަށް ބޭރު މީހާގެ ވޯކް ޕާމިޓް އާކޮށްދޭނީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ރިސޯޓުގެ މެނޭޖްމެންޓަށް ދިވެއްސަކު ތަމްރީން ނުކުރެވިއްޖެއްޔާއޭ. އެހެން ބުނެފިއްޔާ ރިސޯޓުތަކަށް މަޖުބޫރުވާނެ ދިވެހިން ޓްރެއިންކުރަން."

ބައެއް ލެބޯޓްރީ ޓެކްނީޝަނުން އެކަނިމާއެކަނި

ސިވިލް ސާވިސްގައި 300 އަށް ވުރެ ގިނަ ލެބޯޓްރީ ޓެކްނީޝަނުން އުޅޭ އިރު އެ ދާއިރާ އަށް ވަޒީފާގެ އޮނިގަނޑެއް ނެތެވެ. އޭގެ ނަތީޖާއަކީ ކުރިއެރުން ލިބުމަށް ހުރަސް އެޅުމެވެ. ކުރިން ލެބޯޓްރީ ޓެކްނީޝަނެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ފަހު މިހާރު މީހުން ތަމްރީންކުރައްވަމުން ގެންދަވާ ފާތުމަތު ޒިމްނާގެ ބަހުން ނަމަ، "15 އަހަރު ވިޔަސް، މަތީގައި ހުންނަ މީހަކު މަރުވަންދެން" ތިބެންވީ އެވެ.

"އޮނިގަނޑެއް ނެތީމާ ކުރިއަށް ދެވޭކަށް ނެތް، ޑިގްރީ ނުވަތަ މާސްޓާޒް ހަދައިގެން އަޔަސް. އެ ހުންނަ މަގާމްގައި ހުންނަން ޖެހެނީ. އޮނިގަނޑު ނެތީމާ މުސާރައިގެ މައްސަލަ ވެސް ނިކުމޭ،" ޒިމްނާ ވިދާޅުވި އެވެ.

އާއްމުކޮށް މާ ބޮޑު ސަމާލުކަމެއް ނުލިބޭ މަސައްކަތަކަށް ވިޔަސް ލެބޯޓްރީތަކުގައި އުޅޭ ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ބުރަ ވަރަށް ބޮޑެވެ. ޒިމްނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ލެބޯޓްރީ ޓެކްނީޝަނުން ދުވާލަކު އެވްރެޖްކޮށް 12 ގަޑި އިރު މަސައްކަތުގައި އުޅޭކަން އޭނާ ހޯއްދަވާފައިވާ މައުލޫމާތުތަކުން އެނގެ އެވެ. އެފަދަ ގިނަ މުވައްޒަފުން ތިބެނީ ބަލިވެގެން ސަލާމް ބުނުމުން ވެސް މަހުރޫމްވެފަ އެވެ.

"އަދި ބައެއް ރަށްރަށުގައި ވަރަށް ދެރަ ގޮތެއް ދިމާވަނީ. އެންމެ މީހަކު ހުންނާތީ އޭނަ ހުންނަނީ ރަށު ބަންދެއްގައި،" ޒިމްނާ ފާހަގަކުރެއްވި އެވެ.

"އައިޖީއެމްއެޗަށް ބަލަންޏާ 11 ދުވަސް މަސައްކަތްކޮށްފައި އޮފެއް އެބަ ލިބޭ. ދެން ހަމަ ސަރަހައްދީ ހޮސްޕިޓަލްތަކުގައި ވެސް އެކަހަލަ ގޮތަކަށް މަސައްކަތްކުރަނީ. ސިއްހީ ހިދުމަތަކީ އަސާސީ ހިދުމަތެއް. އެހެން ނަމަވެސް މަސައްކަތްކުރާ މީހާގެ ވެސް ދިރިއުޅުމެއް އޮންނާނެ. އޭނާ އަށް އަރާމު ވެސް ބޭނުންވާނެ. ބާރަ ގަޑި އިރު މަސައްކަތްކޮށްފައި ހަ ގަޑި އިރު ނިދާފައި ދެން ހަތަރު ވަރަކަށް ގަޑި އިރު ނޫންތޯ ހަގީގަތުގައި މި ލިބެނީ؟"

އައިޖީއެމްއެޗުގެ ލެބޯޓްރީ: ސިއްހީ ދާއިރާގައި އެންމެ ބުރަކޮށް އުޅޭ މުވައްޒަފުންގެ ތެރޭގައި ލެބޯޓްރީ ޓެކްނީޝަނުން ހިމެނޭ.

އަތޮޅުތަކުގައި ލެބޯޓްރީ ޓެކްނީޝަނުންނަށް އޮންނަ އަނެއް ޒިންމާއަކީ ރަށެއްގައި އެކަނިމާއެކަނި މަސައްކަތްކުރާ މުވައްޒަފަކު އަހަރީ ޗުއްޓީ ނަގާ ނަމަ އެ ތަން ފޫބައްދަން އެ ރަށަކަށް ގޮސް ހުންނަން ޖެހުމެވެ. ޒިމްނާ ވިދާޅުވީ ކޮންމެ ރަށެއްގައި ލެބޯޓްރީއެއް ހަދައި ޓެކްނީޝަނެއް ބެހެއްޓުމަށް ވުރެ ރަނގަޅު އަދި ދެމެހެއްޓެނިވި ގޮތަކީ އެއް ރަށުން އަނެއް ރަށަށް ސާމްޕަލްތައް ގެންދެވޭނެ ގޮތެއް ހަމަޖެއްސުން ކަމަށެވެ. އޭރުން، ޑިމާންޑް ބޮޑު ތަންތަނުގައި، މިހާރަށް ވުރެ ގިނަ މުވައްޒަފުން ބައިތިއްބަން ފުރުސަތު ލިބޭނެ ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"އެ ރަށެއްގައި މިނިމަލް ޓެސްޓުތައް ހެދެން ހުރުން މުހިއްމުވެދާނެ. އެކަމަކު ބައިވަރު ޓެސްޓުތައް ހެދޭ ކަހަލަ ލެބެއް ކޮންމެ ރަށެއްގައި ހުންނާކަށް ނުޖެހޭ،" އޭނާ ވިދާޅުވި އެވެ "ބޭނުންވަނީ ކޮން ކަންތައްތަކެއްތޯ ބަލަން އެސެސްމެންޓްތަކެއް ހެދިގެން މިއަށް ވުރެ ރަނގަޅު ނިޒާމަކަށް ބަދަލުކުރަން އެބަ ޖެހޭ. މިހާރު ކުއްލިއަކަށް ހުރިހާ ކަމެއް މި ކުރަނީ. ކޮންމެވެސް އިންތިހާބަކާ ގުޅުވައިގެން ރައްޔިތުން ހިތްހަމަޖައްސަން، ތިމަންނަމެން މިތާ ލެބެއް ހުޅުވައިފީމޭ ބުނަން."

ޒިމްނާ ވިދާޅުވީ މި ހާލަތުގައި ވެސް "90 ޕަސެންޓް މުވައްޒަފުން މަސައްކަތްކުރަނީ ޑެޑިކޭޝަންއާ އެއްކޮށް" ކަމަށް ވިޔަސް، ލެބޯޓްރީ ޓެކްނީޝަނުންނަށް ހުންނަ ސިއްހީ ނުރައްކާތައް ކުޑަކުރެވިފައި ވެސް ނެތް ކަމަށެވެ.

"ސޭފްޓީ ނެތި ސާމްޕަލްތައް ގެންގުޅެން ޖެހޭ، މިސާލަކަށް ޓީބީ ޕޮޒިޓިވް ސާމްޕަލްސް. އަތޮޅު ހޮސްޕިޓަލްތަކުގައި އެބަހުރި، ސޭފްޓީ ކެބިނެޓްތަކެއް. އެކަމަކު ގަވާއިދުން އެ އެއްޗެހީގެ މެއިންޓެނެންސް ނެހެދޭތީ އެއީ ރަނގަޅަށް މަސައްކަތްކުރާ އެއްޗެހި ކަމެއް ނޭނގޭ،" ޒިމްނާ ވިދާޅުވި އެވެ.

"ލެބޯޓްރީތަކަކީ ކެމިކަލް، ބަޔޮލޮޖިކަލް، އިލެކްޓްރިކަލް، ފިޒިކަލް ހެޒަޑްސް ހުންނަ ތަންތަން. އަދި ގިނަ ވަގުތު މަސައްކަތްކުރަން ޖެހޭތީ މަސްކިއުލާ އަދި ސްކެލިޓަލް ހެޒަޑްސް ވެސް އަދި މެންޓަލް ބައި ވެސް އޭގެ ތެރެއަށް އަންނާނެ."

ހިދުމަތް ދޭން ބޭނުންވާ ވަސީލަތްތަކާއި ސާމާނު ނުލިބުމަކީ ސިއްހީ ދާއިރާގެ ހުރިހާ މަސައްކަތްތެރިންނަށް ވެސް އޮންނަ ގޮންޖެހުމެކެވެ. ނަރުހުންނާއި ލެބޯޓްރީ ޓެކްނީޝަނުން ވެސް އެކަން އިހުސާސްކުރެ އެވެ. ޒިމްނާ ވިދާޅުވީ އެފަދަ ތަކެތި ހޯދުމުގައި ފަންނީ ވިސްނުންތަކަށް ވުރެ ބޮޑަށް އޮންނަނީ ކޮރަޕްޝަން ކަމަށެވެ.

"އެއީ އެއްވެސް ސަރުކާރެއްގައި ރަނގަޅު ނުވެ ހުރި ކަންކަން،" އޭނާ ފާހަގަކުރެއްވި އެވެ.

"ލެބޯޓްރީ އިކުއިޕްމެންޓްސް އަދި ކޮންސިއުމެބްލްސް އެއީ ހަގީގަތުގައި މިލިއަން ޑޮލަރުގެ ވިޔަފާރިއެއް. އެހެންވީމާ ކޮންމެ ބަޔަކު ވެސް އައިސް އެ ބައެއްގެ ރައްޓެހިން ނުވަތަ ގުޅިފައިވާ ފަރާތްތަކަކާ ހަވާލުކޮށްގެން އެއްޗެހި މި ގެންނަނީ. އެކަންކަން ތަންފީޒު މި ކުރަނީ ފަންނީ މީހުންގެ އެކްސްޕަޓީޒް ނުހޯދާ."

ހިދުމަތް ދޭ މުވައްޒަފުންގެ ވާހަކަތަކުން އެނގޭ ގޮތުގައި މަސައްކަތު މާހައުލުން ކުރިމަތިވާ ނުތަނަވަސްކަމާއި ގޮންޖެހުންތަކާއި މަސައްކަތުގެ ބުރަ މާ ބޮޑުވުމުގެ ގެއްލުން އޮތީ މުވައްޒަފުންނަކަށް އެކަންޏެއް ނޫނެވެ. އެ މީހުންގެ ހިދުމަތް ހޯދާ މީހުންނަށް ވެސް މެ އެވެ.

"އެހާ ވަރަށް މަސައްކަތްކޮށްފައި އަނބުރާ މަސައްކަތަށް ނުކުންނަ އިރު އެ މީހާ ހުންނާނީ ރަނގަޅު މައިންޑެއްގައި ބާވައޭ ޕޭޝެންޓުންނާ ޑީލްކޮށްފައި ރަނގަޅަށް ސާމްޕަލްތައް ހަދަން؟" ލެބޯޓްރީގައި މަސައްކަތްކުރާ ރައުފާ ބުންޏެވެ.

"މި ތަންތާ ގިނައިން މަސައްކަތްކުރަނީ މެނުއަލްކޮށް. ކްލެރިކަލް އެރާސް އެރުން އެކަށީގެންވޭ. އެކަހަލަ މައްސަލަތައް ދިމާވަންޏާ ޓެސްޓުތަކުގެ ނަތީޖާ ކޮމްޕްރޮމައިޒް އެ ކުރެވެނީ."

ރައުފާގެ ބަހުން، ލެބޯޓްރީ ޓެކްނީޝަނެއްގެ ދިރިއުޅުމަކީ މި އެވެ؛ "ސަޕްލައިސް ނުލިބިގެން މަސައްކަތުގައި އެހާ ސްޓްރެސް ބޮޑުކޮށް އުޅެފައި، އޮންކޯލް ނަގާފައި، އަނެއްކާ ގެއަށް ދިޔަޔަސް ހަމަ ފޯންކޯލްތައް އަންނާނެ" އެވެ. "ދަރިން ދޫކޮށްލާފައި މަހަކަށް ވުރެ ގިނަ ދުވަހު އެހެން ރަށެއްގައި އުޅެން ވެސް ޖެހިދާނެ" އެވެ.

އެހެންވީމާ "އެ ގުރުބާނީ ވާއިރު ކަންކަން މިހާރަށް ވުރެ ރަނގަޅުވާން ޖެހޭނެ ކަންނޭނގެ. ހޭދަކުރަން ޖެހޭ ވަގުތާއި ކުރާ މަސައްކަތަށް ބަލާ އިރު ލިބޭ މުސާރަ ވެސް ދިމައެއް ނުވޭ،" އޭނާ ބުންޏެވެ.

"އެކަނި ރަށެއްގައި ހުންނަ މީހަކު ވެއްޖެއްޔާ 24 ގަޑި އިރު އޮންކޯލްގައި ހުންނަ އިރު ވާނެ ގޮތް ވިސްނަވާ. އަދި އެއީ ދަރިން ތިބި މީހަކަށް ވެއްޖެއްޔާ ދަރިންނާ އެއްކޮށް ހޭދަކުރަން އޮންނާނީ ކޮން ވަގުތެއް؟ މިސާލަކަށް މުވައްޒަފުން މަދުވެގެން ކުޑަ ދުވަސްކޮޅަކަށް އެ ގޮތަށް އުޅެވިދާނެ. އެކަމަކު ހަ މަސް، އެއް އަހަރު ވަންދެން އެ ގޮތަށް އުޅެވޭނީ ކިހިނެއް؟"

51 ކޮމެންޓް, 57 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 72%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒުލޭހާ

02 May 2019

ކޮރަޕްޝަން ހިމެނޭ ގޮތަށް ނުހައްގުން ފްލެޓް ބެހި މީހުންނާ ދޭތެރޭގައި ފިޔަވަޅު އަޅައި ފްލެޓް ދޫކުރުމުގައި އިންސާފުވެރި ނިޒާމެއް ގާއިމްކުރުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރައްވަން ވެވަޑައިގަތް ވައުދެކެވެ... ފުލެޓު ކޮމިޓީގެ މަސައްކަތް ދިގުދަންމަނީ މުސާރަ ގިނައިން ނަގަން ކަމަށް ބެލެވޭ... 6 މަސްވަނީ މުސާރައެގޮތަށް ނަގާތާ... ވީކަމެއް ނެތް... ކުޑަމިނުން ލިބޭ މުސާރަ ރައްޔިތުންނަށް އެނގެން ޖެހޭ...

The name is already taken The name is available. Register?

ރުޅި

01 May 2019

މަސައްކަތް ކުރިކަމަށް ވާނީ ބުރޭކް ނުނަގާ ގުދާރު ބިނދެންދެން ކުރީމަ.....އަދި ކޮބާ އެޕްރިށިއޭޓް ނުކުރާތި..

The name is already taken The name is available. Register?

އަމަލު

01 May 2019

ބުރަބޮޑު ވާނެތާ ޤައުމުގައި އަސާސީގޮތުން އުފަންވެފައި ހުރި ވަޒީފާތަކަށް ސިޔާސީ ވެރިން ފައިންއަރައި ފޮރުވައިގެންތިބެ އެއްވެސް މަސައްކަތެއް ކުރަންނުޖެހޭ ސިޔާސީ މަގާމުތައް އުފައްދައި އެމީހުންނަށް މުސާރަޔާއި އިނާޔަޠްތައްދީ ޤައުމުގެ ހަޒާނާ ހުސްކުރަނީ ވިއްޔާ،

The name is already taken The name is available. Register?

ފާތިމާ

01 May 2019

ޙަގީގަތުގަ ސުކޫލް ތަކުގެ ޓީޗަރުނާ އެއްވަރަށް އެތާނގަ އުޅޭ މަސައްކަތު މީހުުންނަކީވެސް ބުރަކޮށް އުޅޭ ބައެއް އެމީހުންނަ ވެސް ލިބޭ މުސާރަ ބޮޑު ވަން ޖެހޭ. ޓީޗަރަކަށް 13000 ޖެހޭ އިރު މަސައްކަތު މީހާ އަށް 5000 ޖެހުން މީ ބަލައިގަނެވޭނެ ކަމެއް ނޫން

The name is already taken The name is available. Register?

މަރޭމިތުރު

01 May 2019

ޓެކްސީ ޑުރައިވަރުން ރައްޔިތުންނާއި ގާތުން ހިދުމަތްދޭ! ޓެކްސީދުއްވުމުގައި ރެއެއް މެންދަމެއްނެތި ހިދުމަތުގައުޅޭ!............................... އެއްގޮތަކައްވެސް ޗުއްޓިއެއްނެތި މަސައްކަތްކުރާ އެއބަޔަކީ ޓެކްސީ ޑުރައިވަރުން. މިދަންނަވަނީ ޓެކްސީ ދުއްވާ ޓެކްސީގެ ވެރިންގެ ވާހަކައެއްނޫން. ހަގީގީ ޓެކްސީ ޑުރައިވަރުންގެ ވާހަކަ.

The name is already taken The name is available. Register?

މޫސުމް

01 May 2019

ކަންކަމުގެ ހަގީގަތް ނޭގި ވަރަށް ހާސަރު ދަމާ މީހެެއް ގޮތުގަ މި މަރޭ ފާހަގަކުރެވެނީ. ކަމެއް ނެތި ވައިވެގެން އުޅޫ ހެންހީވަނީ.

The name is already taken The name is available. Register?

އައްޔާބެއްޔާ

01 May 2019

މުޅިން ރަނގަޅު ވާހަކައެއްނޫން. ދިވެހިންނަކީ އެއްޒަމާނެއްގަ ވަރައް ހީވާގިބައެއް މަސައްކަތްތެރިބައެއް. ބައެއްމީހުން ވަރައް ބުރަކޮއްނޫޅޭވާހަކައެއްނޫން އެކަމަކު ގިނަމީހުންނަކީ އެމީހުންގެ ޒިންމާ އެންމެ ފުރިހަމައައް ނުއުފުލާމީހުން ހާއްސަކޮއް ސިވިލްސާރވިސްގެ ވަރައްބޮޑުބައެއް އެމީހުންގެ މައްސަލައެއްވެސްނޫން މުޅިން މަސައްކަތް ކުރަން އޮންނަގަޑީގަ ފުލްކޮއް ކުރާނެވަރައް މަސައްކަތް ނުވެސްހުރޭ. އެހެންވެ ސޮއިކޮއްލާފަ ސަޔައް އެބުރިއައިސް ކޮފީ ދެންއެހެންކަމެއް.

The name is already taken The name is available. Register?

އައްޔާބެއްޔާ

01 May 2019

ސިވިލް ސާރވިސްގެ ބޮޑުބައި މިހެން އޮތުމުން މުޅި ދިވެހި މުޖުތަމައުގެ މަސައްކަތުގެ އަހުލާގު މިގޮތައް ބައްޓަންވެފަ މިހާރު މިއޮތީ. ޕްރައިވެޓް ސެކްޓަރގަ މަސައްކަތްކުރާ މީހުންވެސް ދެކެނީ އަދި ދެކެވޭނީވެސް މިނޫންގޮތަކައް އޮންނަ މަސައްކަތުގެ މާހައުލަކީ ގަބޫލުކުރެވޭނެ ގޮތެއްނޫންކަމައް އެމީހުންގެ ހައްގުތައް ހިފެހެއްޓެނީކަމައް.

The name is already taken The name is available. Register?

އީމާ

01 May 2019

އަހަރެން ދެކެނީ ނަރުހުންވެސް އަބަދު ކާރި ފިހާރައެއްގައި ހެދިކާ ގަންނަން ތިބޭތަން. ހޮސްޕިޓަލް ތެރެއިން ލާހިކެއް ނޫން އޭގެން މީހަކު ދެކޭކަށް، ފެނުނަސް ފެނޭ މީހާ ހުންނާނީ އިންތިހާއަށް ރުޅިގަދަކޮށް މޫނު އަދިރިކޮށްގެން، އައްޑޫގައި މަސައްކަތް ކުރާ ނަރުހުން ރަގަޅެއް ނޫން އެއްގޮތަކަށްވެސް، އިސް ނަރުހުން އަބަދު ތިބެނީ ގޭގައި މިކަން ބަލަން ހިތަދޫ ހޮސްޕިޓަލް ކާރީ މީހަކު ހުރެބަލަ ފެންނާނެ ބޮޑު މަންޒަރު

The name is already taken The name is available. Register?

ރުޅި

01 May 2019

ނަރުހުން ނުކާނެ

The name is already taken The name is available. Register?

ކަސްޓަމަރ

01 May 2019

އިށީންނަވާ ކާދުކޮޅު ޗެކްކުރައްވާ އަޑުގަދަ ނުކުރައްވާ މައުޟޫގަ ކުރިޔަށްދޭ މީ ބަކަރި ކޮށީގެ ފެންވަރު

The name is already taken The name is available. Register?

ޙިނި

01 May 2019

މަޖުލިސް މެންބަރެއްގެ ބޭސިކް މުސާރަ 85،000 ރުފިޔާ މިވަރުން . ފުދޭތަ؟

The name is already taken The name is available. Register?

ފާސްނުވާ ޑރ

01 May 2019

ސޯޝަލްމީޑިޔާޗެކްކޮއްލާފަ ކޮފީޖަހާލާފަ ބޭރުގަ ވައިބުރުޖެހުންކަމަކީ އެވާހަކަވެސްޖަހާލިނަމް..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454