ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް އަތުލައިގެންފައި.-- ފޮޓޯ: އިމިގްރޭޝަން
20 މެއި 2019 - 10:32
ބަންގްލަދޭޝްގެ އެ މީހާ ރަހީނު ކުރީ، އޭނާ ނެގި ލޯނެއް ނުދައްކައިގެން ރާއްޖޭގައި ތިބި އޭނާގެ އެކުވެރިންނެވެ. ލޯނު ނެގީ ގައުމުގައި ހުރި އޭނާގެ ގެއިން ބައެއް ވިއްކާލައި، އެ ފައިސާއިން ދަރަނި އަދާކުރާ ގޮތަށެވެ. އެކަމަކު އެކަން ކުރުމުގެ ކުރިން އެ ބިދޭސީން ވަނީ އެކުވެރިޔާ ރަހީނުކޮށް، މުޅި ގޭގެ ރަޖިސްޓްރީ އެ މީހުންގެ މައްޗަށް ބަދަލުކުރުމަށް ޑިމާންޑްކޮށްފަ އެވެ.
މިއީ 2017 ގައި މާލޭގައި ހިނގި ހާދިސާއެކެވެ. އެކަމަކު މިހާރު ވެސް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ގިނަ ކުށްތަކާއި އެ މީހުންގެ މެދުގައި ހިނގާ މާރާމާރީ އަދި މަރުގެ މައްސަލަތައް ވެސް ގުޅިފައި ހުންނަނީ ފައިސާއާ އެވެ.
މަރުގެ ބޮޑެތި މައްސަލަތަކަށް ބަލާއިރު ހަމަ އެ އަހަރު، ލ. ފޮނަދޫގައި ބިދޭސީއަކު މަރާލި ކަމުގެ ތުހުމަތުގައި އެހެން ބިދޭސީންތަކެއް ހައްޔަރުކުރި އިރު އެކަން ގުޅެނީ ވެސް ފައިސާއާ އެވެ. ހއ. އިހަވަންދޫ އައިސްޕްލާންޓްގެ ތެރޭގައި ބިދޭސީއަކު އޭނާގެ އިސްކޮށް ހުންނަ ދިވެހި މީހާ މަރާލި އެއް ސަބަބަކީ ވެސް ބޭނުންވާ ވަރަށް ފައިސާ ނުދިނުން ކަމަށް ބުނެ އެވެ. އަދި މި ފަހުން، ށ. ޅައިމަގުގެ ބޯޓެއްގައި މަސައްކަތް ކުރާ ބިދޭސީންތަކެއް، އެ މީހުންގެ އެކުވެރިއަކު މަރާލީ ފައިސާގެ މައްސަލައެއްގައި ކަމަށް އެ ރަށު ގިނަ މީހުން ގަބޫލުކުރެ އެވެ.
އެކަމަކު ހައްޔަރުކުރި މީހުން ތަހުގީގަށް ކިޔައިދިން ވާހަކަތަކުގެ މައްޗަށް ބިނާކޮށް ފުލުހުން ބުނެފައިވާ ގޮތުން އޭނާ މަރާލީ އެއް ޖިންސުން ގުޅުން ހިންގަން އުޅޭތީ އެވެ.
ގިނަ އަދަދެއްގެ ބިދޭސީން އަރުވައިގެން ދަތުރުކުރަނީ: މިއީ ރާއްޖޭގެ ގާނޫނުތަކުގެ ދަށުން މަނާކަމެއް
ރާއްޖޭގައި މިހާރު ލައްކައަކަށް ވުރެ ގިނަ ބިދޭސީން މަސައްކަތް ކުރާއިރު އޭގެ ތެރޭގައި، ގަވައިދާ ހިލާފަށް އުޅޭ މީހުން ގިނަ އެވެ. ކޮންމެވެސް އެޖެންޓެއް މެދުވެރިވެގެން ރާއްޖެ އެތެރެވުމަށް ފަހު، އެއާޕޯޓުން ބޭރަށް ނިކުމެވުމާ އެކުހެން ވެސް އެ މީހާ މާލެތެރެއަށް ދޫކޮށްލާފައި އެބަ ހުއްޓެވެ. ނޫނީ ގިނައިން ފައިސާ ހޯދަން އަމިއްލައަށް ފިލަނީ އެވެ. އެ ފަދަ މީހުން ރަށްރަށަށް ގޮސް އެކުވެރިން ހޯދައިގެން ޖެހުނު މަސައްކަތެއް ކުރެ އެވެ.
ގަވައިދާ ހިލާފަށް މަސައްކަތް ކުރާތީ، ގައުމަށް ފައިސާ ފޮނުވުމަށް އެ މީހުންނަށް ޖެހެނީ ވޯކް ޕާމިޓް އޮންނަ މީހަކާ އެ ފައިސާ ހަވާލުކުރާށެވެ. ގިނަ ފަހަރަށް މިކަން ކުރަނީ އެއްވެސް ހެއްކެއް ނެތި، އެ މީހާއަށް ކުރާ އިތުބާރަކަށެވެ.
ފުލުހުންގެ ހެޑް އޮފް ޖެނެރަލް އިންވެސްޓިގޭޝަން، ޗީފް އިންސްޕެކްޓަރު އިސްމާއީލް ނަދީމް ވިދާޅުވި ގޮތުގައި ބިދޭސީންގެ މެދުގައި ގިނައިން މައްސަލަ ޖެހެނީ އެގޮތަށް ހަވާލުކުރާ ފައިސާއަށް ވީނުވީއެއް ނޭނގިގެންނެވެ. އަދި ބިދޭސީންނާ ގުޅޭ ގޮތުން ގިނައިން ހުށަހަޅަނީ ވެސް އެފަދަ މައްސަލަތައް ކަން އޭނާ ފާހަގަކުރެއްވި އެވެ.
އިހަވަންދޫ އައިސް ޕްލާންޓް ތެރޭގައި ދިވެއްސަކު މަރާލި ބަންގްލަދޭޝްގެ ސުމޮން މިއާ: ބިދޭސީން ކުރާ ބޮޑެތި ކުށްތައް ދަނީ އިތުރުވަމުން
"މިއީ އާއްމުކޮށް ބިދޭސީންގެ މެދުގައި ޖެހޭ މައްސަލަ. ގައުމަށް ފޮނުވަން ދޭ ނުވަތަ އެކޮޅުން ފޮނުވާ ފައިސާއާ ހަވާލުވާ މީހާ އެ ރައްދުނުކޮށްދީ ފިލައިގެން އުޅޭ މައްސަލަ ގިނައިން ދިމާވޭ. ދެން އެއިން މީހަކާ ދިމާވެއްޖެ ނަމަ ޒުވާބުކޮށް މާރާމާރީއަކަށް މި ބަދަލުވަނީ،" ނަދީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެފަދަ މައްސަލަތައް ހައްލު ކުރުމަށް ދާންވީ މަގެއް އެ މީހުންނަކަށް ނޭނގެ އެވެ. ގިނަ ފަހަރަށް އެފަދަ މުއާމަލާތުތައް ކުރަނީ އެއްވެސް ލިޔެކިޔުމެއް ނުވަތަ ހެއްކެއް ވެސް ނެތި އެވެ.
ނަދީމް ވިދާޅުވީ ފައިސާއަށް ހިޔާނާތްތެރިވެގެން މިގޮތަށް ބިދޭސީން ހުށަހަޅާ މައްސަލަތައް ހައްލުނުކުރެވެނީ ނުވަތަ އެކަން ކުރި ކަމަށް ސާބިތު ނުކުރެވެނީ އެކަމުގައި އެއްވެސް ހެއްކެއް ފެންނަން ނެތުމުން ކަމަށެވެ. އަދި އެއީ ބިދޭސީންގެ މެދުގައި އުފެދޭ ބޮޑު ނުތަނަވަސްކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ބިދޭސީންތަކެއް ހުޅުމާލޭގައި: ބައެއް ފަހަރު ޖެހޭ މައްސަލަތައް ނުރައްކާތެރި މާރާމާރީއަށް ބަދަލުވޭ .-- ފައިލް ފޮޓޯ: ނިއުމަތުﷲ އިދުރީސް
"ދެން އެގޮތަށް ސާބިތު ނުވީމައި ތަޅާފޮޅުމަކާ ހަމައަށް ދަނީ. ތޫނު ހަތިޔާރު ބޭނުންނުކޮށް އެންމެ ގިނަ މާރާމާރީތައް ވެސް އެ މީހުން ހިންގަނީ އެފަދަ މައްސަލަތަކުގައި،" ނަދީމް ވިދާޅުވި އެވެ.
ވޯކް ވިސާގައި ރާއްޖެ އެތެރެވެފައިވާ ބިދޭސީންގެ ޖުމްލަ އަދަދަކީ 144،607 އެވެ. އޭގެ ތެރެއިން 63،000 މީހުން އުޅެނީ ގަވާއިދާ ހިލާފަށް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ. އޭގެ އިތުރުން، ގަވައިދާ ހިލާފަށް ކޯޓާ ހޯދައިގެން އުޅޭ 63،000 އެއްހާ ބިދޭސީން އުޅޭއިރު އެއީ ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަ އެވެ.
އެ މީހުންގެ ތެރޭގައި ކުށްކުރާ މިންވަރު ގިނަ އެވެ. ހާއްސަކޮށް މީހުން މެރުމާއި ބޮޑެތި މާރާމާރީތަކާއި ހަށިވިއްކުމާއި ކުޑަކުދިންނާ ބަދުއަހުލާގީ އަމަލު ހިންގުމުގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރިކުރުން ފަދަ މައްސަލަތައް ހިމެނެ އެވެ.
ވޭތުވެ ދިޔަ ތިން އަހަރަށް ބަލާއިރު ވެސް ބިދޭސީންނާ ގުޅުން ހުރި ފަސް މަރެއް ވަނީ ހިނގައިފަ އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން އަތުލައިގެން ބައެއް މީހުން.-- ފޮޓޯ: އިމިގްރޭޝަން
އިމިގްރޭޝަނުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި އަށް ބިދޭސީއަކު ވަނީ ކުޑަކުދިންނާ ބަދުއަހުލާގީ އަމަލު ހިންގައިގެން ހައްޔަރުކޮށްފަ އެވެ. އަދި މަސްތުވާތަކެއްޗާއި ބަނގުރަލާ ގުޅުން ހުރި ހަތް މީހަކާއި ވައްކަން ކޮށްގެން ހަތް މީހަކު ހައްޔަރުކުރި އެވެ. މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ވެސް މަސްތުވާތަކެއްޗާ ގުޅުން ހުރި 12 މީހަކު ހައްޔަރުކުރި އެވެ.
ރާއްޖޭގައި އުޅެ ބިދޭސީންނާ ގުޅޭ ގޮތުން މައުލޫމާތު ދެމުން އިމިގްރޭޝަނުން ބުނިގޮތުގައި ކުރީ ސަރުކާރުތަކުން، ބިދޭސީ މަސައްކަތު މީހުންނާ ގުޅޭ ގޮތުން ގަވައިދާ ހިލާފު ގިނަ ކަންތައްތަކެއް ވަނީ ހިންގާފަ އެވެ.
އެގޮތުން ކުދި ވިޔަފާރިތަކަށް އެ ވިޔަފާރިތަކާ އެކަށީގެން ނުވާހާ ގިނަ އަދަދުތަކުން މީހުން ގެންނަން ހުއްދަ ދީފައިވާ ކަމަށް އިމިގްރޭޝަނުން ކުރިން ވަނީ ބުނެފަ އެވެ. ކުދި ކެފޭ ކަހަލަ ތަންތަން ހިންގަން ވެސް 100 މީހުންގެ ކޯޓާ ދޫކޮށްފައި އެބަ ހުއްޓެވެ. އެހެންވެ ބިދޭސީން އެތެރެ ކުރުމުގައި އިމިގްރޭޝަނުގެ ތެރެއިން ވެސް އުސޫލަށް ބެލުމެއް ނެތި ކަންކަން ކޮށްފައިވާ ކަމަށް، ސަރުކާރު ބަދަލުވި ފަހުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުުގައި އެ އިދާރާއިން ބުނެފައިވެ އެވެ.
އިމާރާތެއް އެޅުމުގެ މަސައްކަތް ބިދޭސީން ކުރަނީ. - ފޮޓޯ: މިހާރު
ގަވައިދާ ހިލާފަށް އުޅޭ މީހުން ހޯދައި، އެ ފަދަ މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް އިމިގްރޭޝަނުން ކޮންމެ އަހަރަކު ވެސް ކުރެ އެވެ. ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް 97 މީހަކު ވަނީ ޑީޕޯޓުކޮށްފަ އެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 15 ޕަސެންޓް އިތުރު އަދަދެކެވެ.
އެކަމަކު ބިދޭސީންނާ ގުޅުން ހުރި މައްސަލަތަކަށް ދާއިމީ ހައްލެއް ލިބެން އޮތީ މަސައްކަތު މީހުންގެ އަދަދު މަދުކޮށްގެންނެވެ. ގަވައިދާ ހިލާފަށް މަސައްކަތް ކުރާ މީހުން އަނބުރާ ގައުމަށް ފޮނުވާލައި، ކޮންމެ ވަޒީފާއެއް އެ މީހުންނަށް އަދާ ނުކުރެވޭނެ ގޮތަށް ބަދަލުކުރުމުންނެވެ. އެހެން ނޫނީ މީހުން މެރުން ފަދަ ބޮޑެތި ކުށްތައް ފެންނަލެއް ވާނީ އިތުރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެއްޔާ އައްޑޫ
22 May 2019
އަސްލު މައްސަލައަކީ ގަވާއިދުގެ ބޭރުގައި ތިބި ބިދޭސީންގެ މައްސަލަ ހައްލުކުރަން ބޭނުންވާ ދޭސީއަކު މިގައުމުގައި ނެތްކަން. 97 މީހުން ބޭރު ކުރި އިރު ދެ ތިން ގުނަ އެތެރެކުރިވާހަކަ ނުބުނީ ކީއްވެ. އަދި ހަމަމިމުެްދަތުގައި ވެރިފަރާތަށް ފިލި ބިދޭސީންގެ އަދަދުވެސް ހާމަކޮއްލަދިން ނަމަ
ްއަދުރޭ
20 May 2019
ދުވަސްކޮޅަކުން އެމީހުންގެ ބާރު މިގައުމުގަ ގަދަވާނެ. މިއީ ހަގީގަތް. ދިވެހިންޖެހޭނީ އެމީހުނަށް ބަރޯސާވާން.
އިސްލާު
20 May 2019
މިއަހަރުގެ މިހާތަނަށް 97 މީހުން ޑީޕޯޓް ކުރިވާހަކަ ބުނާ އިރު ޑާކާ އިން އަންނަ ކޮންމެ ފްލައިޓަކުން އެއަށް ވުރެ ގިނަމީހުން ރާއްޖެ އެތެރެވާނަމަ ބަންގާޅު މީހުން މިޤައުމުން މަދު ވާނީ ކިހިނެއް ހެްއްޔެވެ.
ހާސް
20 May 2019
މި އެންމެން އެނބުރިދާން ދެކޮޅުހަދައިފިއްޔާ ކިހިނެއް ހަދާނީ؟ ދިވެހި ސަރުކާރައް ބުނެވޭނެތަ މީ ދިވެހިންނެއް ނޫނޭ؟ ބަންގްލަދޭޝް ބައެކޭ. ރޮހިންގިޔާ މީހުންގެ ކަންތަކުން ދިވެހިން އިބްރަތެއް ހާސިލް ކުރާނެ ނަމަ.
ދެކޮޅު
20 May 2019
އެއްވެސް ގައުމެއްގަ އެހެން ބޭރު ބައެއްގެ އާބާދީ މާބޮޑު ވެއްޖެއްޔާ ދެން އަނބުރާ އެކަން ފަސޭހައެއްކޮށް ބަދަލެއް ނުކުރެވޭނެ. މިހާރު ބޭރު މީހުން ހަޅުތާލުކުރަން ފަށައިފިޔަސް ރާއްޖެ އިނދަޖެހޭނެ.
ފޫހި
20 May 2019
ބިދޭސީން މަދުކުރުމަށް ސަރުކާރުގެ އިޚްލާޞްތެރިކަން ހުރިނަމަ ވަރަށް ފަސޭހަވާނެ. ފުރަތަމަކަމަކަށް ދައުލަތުންދޭ އަސާސީ ޚިދުމަތްތައް ސާފު ވޯކް މާރމިޓް ނެތް މީހުންނަށް ދިނުން ހުއްޓާލަންވީ. ފައިސާ މާރުކުރާ ތަންތަން ފިޔަވައި އެހެންތަންތަނުން ފައިސާ މާރުކުރުން މަނާކޮށް ތަންފީޒުކުރަންވީ. ބަސްދަތުރުފަދަ ދަތުރުތަކުގައި ވޯކްޕާރމިޓް ނެތި ދަތުރުނުކުރެވޭގޮތް ހަދަންވީ. މިއީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ކަންކަންކުރާގޮތް. މިއީ ތަފާތުކުރުމެއްނޫން.
ރުޅި
20 May 2019
މި ގައުމަށް މިއީ ޖެހިފައިވާ ބޮޑު ބުރައެއް. މިހެންވީ ދިވެހިންގެ އަމިއްލަ އެދުން ބޮޑުވުމުން. ދެން މި ގައުމަށް އައީ ދުނިޔޭގައިވާ އެންމެ ހޭލުންތެރިކަންކުޑަ ގައުމުގެ މީހުން. އެއީ ނުތާހިރު ހަމައެއް އުޞޫލެއް ޤާނޫނެއް ޤަވާއިދެއް ދަންނަބައެއްނޫން. ވިލެޖްގައި ދިރިއުޅެފައިއައީ ކެޕިޓަލް ސިޓީއަކަށް. ދެން ލިބެނީ އޭސީ ކުޑަ ފިހާރައިގެ ސޭޓްކަން. އެހާހިސާބުން މިމީހުން ނަށް ނޭންގޭ އެއްޗެއްނުހުރޭ. ހުސްކުރޭ. ހުއްޓުވާ
ބޮރިސް
20 May 2019
އިމިގްރޭޝަން ބޮޑެތި މީހުން މުއްސަނދިވީ ބަލަ ތިކަމަކުންނޭ
ދޭސީ
20 May 2019
މިހާރު ރާއްޖޭގަ މިއުޅޭ ބަންގްލަދޭޝް ގިނަ މީހުން އަންނަނީ މި ރާއްޖޭގެގޮތް ރަނގަޅައް އެނގި ތިބެ. ބުނަންވެސް ބުނޭ އޯޕަން ވިސާގައޯ މިއުޅެނީ. އަންނަނީ ބަނގްލަދޭސް މީހަކާ ގުޅައިން. އައިސް ޕާސްޕޯޓު ފޮރުވާފަ ހުރިހާ ވައްތަރެއްގެ މަސައްކަތެއް ކޮށްގެން ފައިސާ ހޯދަނީ. ޕާސްޕޯޓާ ބެހޭ ގޮތުން ސުވާލު ކޮށްފި ނަމަ ބުނާނެ ނެތޭ. ލާރި ހޯދާނެ ވަރަކައް ހޯދާފަ ފުރަންވީމަ ބަންގްލަދޭޝް އެމްބަސީއައް ގޮސް ލާރިކޮޅެއް ދީފަ ޓްރެވެލް ޑޮކިއުމެންޓެއް ހަދައިން ފުރަނީ.
އީސަބެ
20 May 2019
ހަގީގަތުގައި ބަންގްލަދޭޝް މަސައްކަތްތެރިންނާ ދިވެހި އާންމު ރައްޔިތުންނަކީ ނުބައި ނުލަފާ ބައިގަނޑެއްގެ ނުބައި ނުލަފާ އަމަލުތަކުގެ ވިކްޓިމްސް. މި ހާލު މިގައުމަށް ޖެއްސީ ހަރާމް ފައިސާއަށް ސިސްޓަމުން ކޯޓާތައް ބޭނުންވަރަކަށް ރިސެޓުކޮށްދީ ބޭނުންވަރަކަށް ކޯޓާ "ވިއްކާ" އިމިގްރޭސަން މުއައްޒަފުންނާ އެގޮތަށް އެސިސްޓަމް ބޭއްވި އިމިގްރޭސަން ވެރިންނާ މީގެން މުއްސަދިވި އެޖެންސީތަކާ ކުންފުނިތައް. ހާލުގަޖެހި ގޮތްހުސްވެ ބައެއް މީހުން އަމިއްލައަށް މަރުވޭ އެބަ.
ސެންސްލެސް ބްރެއިން
20 May 2019
ސީލައިފް (އައްމަޓީ އެކޮމެޑޭޝަން) އަށްވެސް 1000 މީހުންގެ ކޯޓާ އޭރުގެ ސަރުކާރުންވަނީ ދޫކޮށްފަ. އަދި އެ ކޯޓާތަކަށް މީހުންވެސްވަނީ ގެނެސްފަ. މިހާރު އުޅެނީ ރަށުތެރޭގައި.