ރިޕޯޓް / ފިތުރު އީދު

ފަލަކީ ގޮތުން މިއަދު ރޯދަމަސް ނިމި، މާދަމާ އަކީ ޢީދު

ޕާކިސްތާނުގެ އިލްމުވެރިންގެ ބަޔަކު، ޖައްވީ ދުރުމިއެއްގެ އެހީގައި ރޯދަ އަށް ހަނދު ބަލަނީ: މާދަމާ އީދަށް ވުން ވަރަށް ކައިރި

އިސްލާމީ ގިނަ ގައުމުތަކަށް މިއަދަކީ، މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ 29 ވަނަ ދުވަހެވެ. އެހެންކަމުން އެ ގައުމުތަކަށް މިއަދުގެ އިރު އޮއްސުމާ އެކު، އީދަށް ހަނދު ފެނޭތޯ ބަލަން ނުކުންނާނެ އެވެ. ނަމަވެސް، ބުރޫނާއީ، ޢުންމާން، މަޣްރިބު، އީރާން، ސްރީ ލަންކާ، ބަނގްލަދޭޝް، ޕާކިސްތާން އަދި އިންޑިޔާގެ ބައެއް ސަރަހައްދުތަކަށް މިއަދަކީ ރަމަޟާން މަހުގެ 28 ވަނަ ދުވަހެވެ. އެހެންކަމުން އެ ގައުމުތަކުގައި ހަނދު ބަލަން ނުކުންނާނީ މާދަމާ އެވެ.

އިސްލާމީ ގިނަ ގައުމުތަކާ އެކު އަޅުގަނޑުމެން ރަމަޟާން މަސް ފެށީ، ހުސްވި މެއި މަހުގެ 6 ވަނަ ދުވަހު އެވެ. އެއީ ޝަޢުބާން މަހުގެ 29 ވަނަ ދުވަހުގެ (މެއި 4 ވީ ހޮނިހިރު ދުވަހު) އިރު އޮއްސުނު އިރު، ޝައުބާން މަސް ނުނިމޭތީ އާއި ރަމަޟާން މަހުގެ ހަނދު އުފަން ނުވާކަން، ފަލަކީ ޢިލްމުން ކަށަވަރުވާތީ، ޖެހިގެން އައި ދުވަސް (މެއި 5) އެއީ ޝަޢުބާން މަހުގެ 30 ވަނަ ދުވަސް ކަމަށް ކަނޑައަޅައިގެންނެވެ.

ފަލަކީ ޢިލްމުން ކަށަވަރުވާ ގޮތުގައި ރަމަޟާން މަހުގެ ހަނދު އުފަންވީ، މެއި މަހުގެ 5 ވަނަ ދުވަހު ރާއްޖޭ ގަޑިން 03:45 (މެއި ހަތަރު ވަނަ ދުވަހުގެ ރޭ މެންދަމު 3:45) ގަ އެވެ. އެހެންވީމާ، އެ ވަގުތުން ފެށިގެން ދުވަސް ގުނަން ފެށުމުން، ޖޫން 3 ވަނަ ދުވަހު (ޖޫން 2 ވަނަ ދުވަހުގެ ރޭ) 03:45 އަށް ރަމަޟާން މަހުގެ ހަނދުގެ ޢުމުރުން ފުރިހަމަ 29 ދުވަސް ހަމަވާނެ އެވެ.

މި ޢިލްމީ ހަގީގަތްތަކަށް ބަލާއިރު، މިއަދުގެ އިރު އޮއްސުމާ އެކު ރަމަޟާން މަސް ނިމޭނެ ކަމާއި، އަދި މިއަދު އިރު އޮއްސުމާ އެކު، ޝައްވާލް މަސް ފެށޭނެކަން ކަނޑައެޅުމަށްޓަކައި ބޭނުންވާ ފުރަތަމަ ޝަރުތު ހަމަވީ އެވެ. އެއީ މިއަދުގެ އިރު އޮއްސުމުގެ ކުރިން، ރަމަޟާން މަހުގެ ހަނދުގެ ޢުމުރުން 29 ދުވަސް ހަމަވިކަން ކަށަވަރުވުމެވެ.

ސަބަބަކީ، ހަނދު މަހެއްގެ އެންމެ ކުރު މުއްދަތަކީ 29 ދުވަސް ކަމަށް، ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވާތީ އެވެ. އަދި ފަލަކީ ޢިލްމުން ސާބިތުވާ ގޮތުގައި ވެސް، ހަނދު މަހެއްގައި އެންމެ މަދުވެގެން 29 ދުވަސް ހަމަވާންޖެހޭނެތީ އެވެ.

ހަނދު މަހެއް ފެށުމަށް ބޭނުންވާ ދެ ވަނަ ޝަރުޠަކީ، ހަނދު، މި ބިމުގެ ވަށައިގެން ޖަހަމުންދާ ބުރުގައި ރެއަކު މަންޒިލެއް ކަޑައްތުކޮށް، އެ ބުރު ފުރިހަމަވާ މަންޒިލަށް (މަސް ފެށުނު އިރު ހަނދު ހުރި ނުކުތާއަށް) ހަނދު އެނބުރި އައުމެވެ. ކީރިތި ޤުރްއާނުގެ ޔާސީން ސޫރަތުގެ 39 ވަނަ އާޔަތުގައި، ﷲ ސުބްޙާނަހޫ ވަތަޢާލާ ބަޔާންކުރައްވާފައިވަނީ މި ދެންނެވި ޢިލްމީ ހަގީގަތެވެ.

އެ އަށް ވުރެ ތަފްޞީލް ގޮތެއްގައި ދަންނަވާ ނަމަ، ހަނދު މަހެއް ފުރިހަމަވަނީ، އިރުގެ އެތެރޭގެ މެދުން މި ބިމުގެ އެތެރޭގެ މެދަށް (އިރުގެ މަރުކަޒުން މި ބިމުގެ މަރުކަޒަށް) ދަމައިލެވޭ ޚިޔާލީ ރޮނގާ، ހަނދު އަރައި ހަމަވުމަށް ފަހު، އެ ނުކުތާއިން ފަށައިގެން، ބިމުގެ ވަށައިގެން ދަތުރުކުރަމުން ގޮސް، ބަރާބަރު ބުރެއް ފުރިހަމަ ކުރުމަށްޓަކައި، އެ ނުކުތާއަށް ހަނދު އެނބުރި އައުމުންނެވެ. ފަލަކީ ޢިލްމުގައި އެ ޙާލަތަށް ކިޔައި އުޅެނީ، ކޮންޖަންކްޝަން (ޢަރަބި ބަހުގައި އިޤްތިރާން، ދިވެހި ބަހުގައި މާރަހަ) ވުމެވެ.

އެހެންވީމާ، ދެން ބަލަންވީ، މިއަދުގެ އިރު އޮއްސުމުގެ ކުރިން އެ މަންޒިލަށް ހަނދު ފޯރާތޯ އެވެ. ފަލަކީ ހިސާބުން ކަށަވަރުވާ ގޮތުގައި، އެ މަންޒިލަށް ހަނދު ފޯރާނީ (އިޤްތިރާން ވާނީ) ރާއްޖޭ ގަޑިން މިއަދުގެ 15:01ގަ (ޖީއެމްޓީ ގަޑިން، ޖޫން 3 ވަނަ ދުވަހުގެ 10:01) އެވެ.

ކުރިން ދެންނެވި ފަދައިން، ރަމަޟާން މަހުގެ ހަނދު އުފަންވެފައި ވަނީ، މެއި މަހުގެ 5 ވަނަ ދުވަހު ރާއްޖޭ ގަޑިން 03:45 ގައި ކަމަށް ވާތީ، މިއަދުގެ 03:45 އަށް ރަމަޟާން މަހުގެ ހަނދުގެ ޢުމުރުން، ބަރާބަރު 29 ދުވަސް ފުރިްޖެ އެވެ. އަދި އައު މަސް ފެށުމަށްޓަކައި އިރާއި ބިމާއި ހަނދު ކޮންޖަންކްޝަން ވަނީ، ރާއްޖޭ ގަޑިން މިއަދުގެ 15:01 ގައި ކަމަށް ވާތީ، ޝައްވާލް މަހުގެ ހަނދު އެ އުފަން ވަނީ، ރަމަޟާން މަހުގެ ހަނދުގެ ޢުމުރުން 29 ދުވަހާއި 11 ގަޑިއިރާއި 16 މިނެޓް ފާއިތުވުމަށް ފަހު އެވެ.

ދުނިޔޭގެ ހަނދު: މިއަދަށް ރޯދައިގެ ހަނދުގެ އުމުރުން 29 ދުވަސް ހަމަވާނެ .-- ފޮޓޯ: އޭއެފްޕީ

މި ހިސާބުތަކުން އެނގޭ ފުރަތަމަ ކަމަކީ، ރާއްޖެ އަށް މިއަދުގެ (ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ) އިރު އޮއްސުމުގެ ކުރިން، ރަމަޟާން މަހުގެ ހަނދުގެ ޢުމުރުން 29 ދުވަސް ފުރިހަމަވެއްޖެ ކަމެވެ. ދެ ވަނަ ކަމަކީ، ހަނދުގެ އުމުރުން 29 ދުވަހާއި 11 ގަޑިއިރާއި 16 މިނެޓް ވުމަށް ފަހު، ރާއްޖެ އަށް މިއަދުގެ އިރު އޮއްސުމުގެ ކުރިން، (ޖީއެމްޓީން މިއަދުގެ 10:01 ގައި) އައު ހަނދު އުފަންވާނެ ކަމެވެ. ނުވަތަ ކޮންޖަންކްޝަން ވާނެ ކަމެވެ.

ކުރިން ދެންނެވި ހިސާބުތަކަށް ބަލާއިރު، ޝައްވާލް މަހުގެ ހަނދު އުފަންވަނީ، ރާއްޖޭ ގަޑިން މިއަދުގެ 15:01 ގައެވެ. އެހެންކަމުން، އައު ހަނދު އުފަންވާ ވަގުތުން ފެށިގެން، އިރު އޮއްސުމާ ދެމެދު ތިން ގަޑިއިރާއި 14 ވަރަކަށް މިނެޓް ހުންނާނެ އެވެ.

އިސްލާމީ އެހެން ޤައުމުތަކުގެ ނިސްބަތުން ބަލާއިރު، އައު ހަނދު އުފަންވަނީ (ކޮންޖަންކްޝަން ވަނީ) ކޮން ވަގުތެއްގައިތޯ ބަލައިލުން ވެސް ވަރަށް މުހިންމެވެ. އެއީ ޖީއެމްޓީން މިއަދުގެ 10:01 އެވެ. އެންމެ އިރުމަތީގައި އޮތް އިސްލާމީ ޤައުމު ކަމަށްވާ އިންޑޮނީޝިއާ އަށް އެއީ، މިއަދުގެ އިރު އޮއްސުމުގެ 43 މިނެޓް ކުރި އެވެ. މެލޭޝިއާ އަށް އެއީ، މިއަދުގެ އިރު އޮއްސުމުގެ އެއް ގަޑިއިރާއި 19 މިނެޓް ކުރި އެވެ. އެންމެ ހުޅަނގުގައި އޮންނަ ސެނެގޯލްގެ ޑަކާރްއަށް އެއީ، މިއަދުގެ އިރު އޮއްސުމުގެ ނުވަ ގަޑިއިރާއި 35 މިނެޓް ކުރި އެވެ.

އެންމެ އުތުރުން ތުރުކީގެ އިސްތަންބޯލަށް އެއީ، މިއަދުގެ އިރު އޮއްސުމުގެ އަށް ގަޑިއިރާއި 30 މިނެޓް ކުރި އެވެ. އެންމެ ދެކުނުން ކޮމޮރޯސް (ޖުޒުރުލް ޤަމަރު) އަށް އެއީ، މިއަދުގެ އިރު އޮއްސުމުގެ ހަތަރު ގަޑިއިރާއި 48 މިނެޓް ކުރި އެވެ.

މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން ސަޢޫދީ ޢަރަބިއްޔާގެ މައްކާ އަށް އެއީ، މިއަދުގެ އިރު އޮއްސުމުގެ ފަސް ގަޑިއިރާއި 59 މިނެޓް ކުރި އެވެ. މަދީނާ އަށް އެއީ، މިއަދުގެ އިރު އޮއްސުމުގެ ހަ ގަޑިއިރާއި ފަސް މިނެޓް ކުރި އެވެ. މިޞްރުގެ ޤާހިރާ އަށް އެއީ، މިއަދުގެ އިރު އޮއްސުމުގެ އަށް ގަޑިއިރާއި 58 މިނެޓް ކުރި އެވެ. އެހެންކަމުން، އިންޑޮނީޝިއާ އާއި މެލޭޝިއާ ފިޔަވައި، އިސްލާމީ ހުރިހާ ޤައުމަކަށް ވެސް، މިއަދުގެ އިރު އޮއްސުމުގެ އެތައް ގަޑިއިރެއް ކުރިން، ޝައްވާލް މަހުގެ ހަނދު އުފަންވާ ކަމަށް، ފަލަކީ ހިސާބުން ކަށަވަރުކޮށްދެ އެވެ.

ދެން އޮތީ މިއަދުގެ އިރު އޮއްސުމަށް ފަހު، ހަނދު ލޮލަށް ފެނުމުގެ ފުރުސަތު އޮތްތޯ ބެލުމެވެ. ލޮލަށް ހަނދު ފެނުމަށްޓަކައި ފުރިހަމަވާންޖެހޭ ފުރަތަމަ ޝަރުތަކީ، ހަނދު އޮއްސޭނީ އިރު އޮއްސުމުގެ ފަހުގައި ކަމަށް ވުމެވެ. އެންމެ އުތުރުގައި އޮތް އިންޑޮނީޝިއާ އާއި މެލޭޝިއާ އަށް މިއަދުގެ އިރާއި ހަނދު އޮއްސޭނީ ދާދި އެކުއެކީގަ އެވެ. އެހެންކަމުން އެ ދެ ޤައުމަށް ހަނދު ލޮލަށް ފެނުމުގެ އެއްވެސް ފުރުސަތެއް ނެތެވެ. ނަމަވެސް އިންޑޮނީޝިއާ އަށް މިއަދުގެ އިރު އޮއްސުމުގެ 43 މިނެޓް ކުރިން، އަދި މެލޭޝިއާ އަށް އެއް ގަޑިއިރާއި 19 މިނެޓް ކުރިން އައު ހަނދު އުފަންވާނެ އެވެ.

ދިވެހިރާއްޖޭގެ އެންމެ އުތުރަށް މިއަދު ހަނދު އޮއްސޭނީ، އިރު އޮއްސުމުގެ ހަތަރު މިނެޓް ފަހުންނެވެ. ރާއްޖޭގެ އެންމެ ދެކުނަށް މިއަދު ހަނދު އޮއްސޭނީ، އިރު އޮއްސުމުގެ ފަސް މިނެޓް ފަހުންނެވެ. ވެރިރަށް މާލެ އަށް މިއަދު ހަނދު އޮއްސޭނީ، އިރު އޮއްސުމުގެ ހަތަރު މިނެޓް ފަހުންނެވެ.

ސަޢޫދީ ޢަރަބިއްޔާގެ މައްކާ އާއި މަދީނާ އަދި މިސްރުގެ ޤާހިރާ އަށް މިއަދު ހަނދު އޮއްސޭނީ، އިރު އޮއްސުމުގެ ހަ މިނެޓް ފަހުންނެވެ. ތުރުކީގެ އިސްތަންބޯލަށް މިއަދު ހަނދު އޮއްސޭނީ، އިރު އޮއްސުމުގެ ތިން މިނެޓް ފަހުންނެވެ. ސެނެގޯލްގެ ޑަކާރް އަށް، އިރު އޮއްސުމުގެ 17 މިނެޓް ފަހުންނެވެ.

މި ހިސާބުތަކުން އެނގެނީ، އިސްލާމީ ޤައުމުތަކުގެ ތެރެއިން އިންޑޮނީޝިއާ އާއި މެލޭޝިއާ ފިޔަވައި، އެހެން ހުރިހާ އިސްލާމީ ޤައުމަކަށް މިއަދުގެ އިރު އޮއްސުމަށް ފަހު، ހަނދު ފެންމަތީގައި ހުންނާނެ ކަމެވެ. ނަމަވެސް ވަރަށް ކުޑަ ވަގުތުކޮޅަކަށެވެ. އެއީ އެއް މިނެޓާއި 17 މިނެޓާ ދެމެދުގެ ވަގުތުކޮޅެކެވެ. އެހެންކަމަށް ވަންޏާ، މިރޭ ހަނދު ލޮލަށް ފެނިދާނެ ހެއްޔެވެ؟

މިއީ އެހެން އެތައް ކަމަކާ ގުޅިގެން ނޫނީ ފުރިހަމަ ޖަވާބެއް ނުލިބޭނެ ސުވާލެކެވެ. ލޮލަށް ހަނދު ފެނުމަށްޓަކައި އެހެން އެތައް ކަމެއް ފުރިހަމަވާންޖެހެ އެވެ. އެންމެ ފުރަތަމަ ކަމަކީ، އުޑުމަތީގެ ސާފު ކަމެވެ. ހަނދު އޮއްސެން ދާ ދިމާލުގައި ހުންނަ، ވިލާތަކާއި ޞިނާޢީ ފުސްކަމާއި ޞިނާޢީ ދުންތަކާއި ޤުދުރަތީ ފުސްކަމަކީ ވެސް، ހަނދު ލޮލަށް ފެނުމަށް ހުރަސްއަޅާނެ ކަންކަމެވެ.

އޭގެ އިތުރުން، އިރުގެ ދަޅަގަނޑު އުދަރެހާ ދިމާލަށް ފެތުރިފައި ހުންނަ މިންވަރު ގަދަވުމާއި، ހަނދާއި އިރާ ދެމެދު ހުންނަ ދުރުމިން (އިރުން ފެށިގެން އުތުރަށް ނުވަތަ އިރުން ފެށިގެން ދެކުނަށް ހަނދާއި އިރާ ދެމެދު ހުންނަ ދަރަޖަ)ގެ ތަފާތު ކުޑަވުމާއި، ހަނދު އޮއްސޭ މިސްރާބުގައި ޞިނާޢީ އަލިތައް ފެތުރިފައި ހުންނަ މިންވަރަކީ ވެސް، ލޮލަށް ހަނދު ފެނުމަށް ހުރަސް އަޅާނެ ކަންކަމެވެ. ހަމައެފަދައިން، އިރު އޮއްސޭ ވަގުތު، ހުޅަނގު ފަރާތު އުދަރެހުން ފެށިގެން ހަނދާ ދެމެދު ހުންނަ އުސްމިން (ދަރަޖަ) ވެސް، ހަނދު ލޮލަށް ފެނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ.

ރާއްޖެއަށް މިއަދުގެ އިރު އޮއްސޭނީ، ސަމުގާގެ މިސްރާބުން ބަލާއިރު، ހުޅަނގު-ހުޅަނގުއުތުރުން 292 ދަރަޖައަށެވެ. ހަނދު އޮއްސޭނީ، ހުޅަނގު-ހުޅަނގުއުތުރުން 290 ދަރަޖައަށެވެ. އެހެންކަމުން އިރު އޮއްސޭ ވަގުތު ހަނދު ހުންނާނީ، އިރަށް ވުރެ ދެ ދަރަޖަ ދެކުނުގަ އެވެ. މިއިން އެނގެނީ އިރު އޮއްސޭއިރު ހަނދު ހުންނާނީ އިރާ ވަރަށް ކައިރީގައި ކަމެވެ. ހަމަލޮލަށް ނުފެންނަ ވަރަށް، އިރުގެ ދަޅަގަނޑުގެ ތެރޭގައި ފޮރުވިފަ އެވެ.

އިރު އޮއްސޭ ވަގުތު ހަނދު ހުންނާނެ އުސްމިނަށް ބަލާއިރު، އެއީ ވެސް ވަރަށް ކުޑަ މިންވަރެކެވެ. މާލެ އަށް މިއަދު ހަނދު އޮއްސޭނީ، އިރު އޮއްސުމުގެ ހަތަރު މިނެޓް ފަހުންނެވެ. އެހެންކަމުން، އިރު އޮއްސޭއިރު، ހުޅަނގު ފަރާތު އުދަރެހުން ފެށިގެން ހަނދާ ދެމެދު ހުންނާނީ ގާތްގަނޑަކަށް އެންމެ ދަރަޖައެއްގެ އުސްމިނެވެ. މިއީ ވެސް، ލޮލަށް ހަނދު ފެނުމަށް ބޭނުންވާ އުސްމިނަށް ވުރެ މާ ކުޑަ މިންވަރެކެވެ.

މި ދެންނެވި ކަންކަމަށާއި ސަބަބުތަކަށް ރިޢާޔަތްކުރާ އިރު، މިއަދުގެ އިރު އޮއްސުމަށް ފަހު، ލޮލަށް ހަނދު ނުފެނުނު ކަމުގައި ވިޔަސް، ހަނދު ފެންމަތީގައި ހުންނާނެ ކަމާ މެދަކު ޝައްކެއް ނެތެވެ. އިންޑޮނީޝިއާ އާއި މެލޭޝިއާ އަށް ފިޔަވަ އެވެ. އަދި އެ ދެ ގައުމަށާއި އިސްލާމީ އެހެން ހުރިހާ ގައުމަކަށް، މިއަދުގެ އިރު އޮއްސުމުގެ އެތައް ގަޑިއެއް ކުރިން، ޝައްވާލް މަހުގެ ހަނދު އުފަންވާނެ ކަމާ މެދަކު ވެސް ޝައްކެއް ނެތެވެ.

ފިޤްހު ޢިލްމުވެރިން އެެއްބަސްވާ ގޮތުގައި ރަމަޟާން މަސް ފެށިއްޖެކަން ކަށަވަރުވުމުން، ރަމަޟާން މަހުގެ ރޯދަ ހިފަން ފެށުން ވާޖިބުވާނެ އެވެ. ހަމަ އެފަަދައިން ޝައްވާލް މަސް ފެށިއްޖެ ކަން ކަށަވަރުވުމުން، ރޯދަ ހިފުން ހުއްޓާލައި ޢީދުކުރުން ވާޖިބުވާނެ އެވެ.

އެހެން ވިއްޔާ ރަމަޟާން ފެށިއްޖެކަމާއި ރަމަޟާން މަސް ނިމި ޝައްވާލް މަސް ފެށިއްޖެ ކަން ކަށަވަރު ކުރާނީ ކިހިނެއް ހެއްޔެވެ؟ މީލާދީން 18 ވަނަ ޤަރުނުގެ ތެރޭގައި ޒަމާނީ ފަލަކީ ޢިލްމު ތަރައްޤީވުމާ ހަމައަށް، ހަމަ ލޮލަށް ހަނދު ފެނުން ފިޔަވައި، ހިޖްރީ މަސް ފެށޭ ވަގުތާއި ނިމޭ ވަގުތުތައް ބަރާބަރަށް ކަށަވަރު ކުރެވޭނެ އެއްވެސް ގޮތެއް ހޯދިފައެއް ނުވެ އެވެ.

އެހެން ނަމަވެސް، ދުވަސްތަކުގެ ޢަދަދު ގުނައިގެން، މައްސަރުތައް ވަކިކޮށް ދެނެގަނެވޭނެ ވަރަށް ފުރިހަމަ އިންތިޒާމެއް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ، މި ކައުނުގައި ލައްވަވައިފަ އެވެ. އެއީ ހަނދުގެ މަންޒިލްތަކުގެ ޒަރީއާއިން ދުވަސްތައް ހިސާބުކޮށްގެން އަހަރުގެ މައްސަރުތައް ދެނެގަތުމެވެ. ކީރިތި ޤުރްއާނުގެ ޔޫނުސް ސޫރަތުގެ ފަސް ވަނަ އާޔަތުގައި، މުޅި އިސްލާމީ އުންމަތާ މުޚާޠަބުކުރައްވައި، ﷲ ސުބްޙާނަހޫ ވަތަޢާލާ ބަޔާންކުރައްވާފައިވަނީ އެ ވާހަކަ އެވެ.

އިރު ހަނދާއި މި ބިމުގެ ދައުރުވުން ވިޔަކޮށް ހިސާބު ޖަހައިގެން، މައްސަރުތަކުގެ ފެށުމާއި ނިމުން ދެނެގަތުމަށް ބޭނުންކުރަމުންދާ ފަލަކީ ޢިލްމަކީ، އިސްވެ ދެންނެވި އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ބަޔާންކުރައްވާފައިވާ، މަތިވެރި ފަލަކީ ގާނޫނުތަކުގެ މައްޗަށް ބިނާވެފައިވާ ޢިލްމެކެވެ. އެ އާޔަތުގައި އެކަލާނގެ އަންގަވާފައިވަނީ، ހަނދު ހިނގުމަށް މަންޒިލްތަކެއް ލެއްވީ "ތިޔަބައިމީހުން" (މުސްލިމުން) އަހަރުތަކުގެ ޢަދަދާއި މައްސަރުތަކާއި ދުވަސްތަކުގެ ހިސާބު ދެނެގަތުމަށް ކަމަށެވެ.

އެޑިޓަރުގެ ނޯޓު

އަހުމަދު އަބްދުﷲ ސައީދަކީ "ހަވީރު" އާއި "މިހާރު" ގެ އިސް މަގާމުތަކެއް އަދާކުރެއްވީ ކުޅަދާނަ ލިއުންތެރިއެކެވެ. އޭނާ ވަނީ އެކި ދާއިރާތަކުން ގިނަ ލިއުންތަކެއް ލިއުއްވައިފަ އެވެ. އެގޮތުން ފަލަކީ އިލްމާއި ރޯދަ އާއި އީދުގެ ހަނދު ބެލުމާ ބެހޭ ގޮތުން ދިރާސާކުރައްވައިގެން ލިއުއްވަ އެވެ. އަހުމަދު މިހާރު މަސައްކަތްކުރައްވަނީ ރައީސް އޮފީހުގަ އެވެ.

57 ކޮމެންޓް, 75 ރިއެކްޝަންސް

icon happy icon happy 76%
icon sad icon sad 7%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

‫މީޥީގޮތޭ

03 June 2019

‫ސުވާލަކީ ހަނދުހުރުންހޭ ނުވަތަ ހަނދު ފެނުން ހެއްޔެވެ? ވަރަށް ސާފުކޮށް ހަދީޘްގައި މިއޮތީ ވިލާގަނޑަކާ ނިވާވެގެންވިޔަސް ހަނދު ނުފެނިއްޖެނަމަ, ތިރީސް ހަމަކުރާށެވެ. މާނައަކީ ހަނދު ހުއްޓަސް ލޮލަށް ފެނުމުން މެނުވީ މަސް ނުފެށޭނެކަމެވެ. ދެން ކޮން ފަލަކީއެއް ހެއްޔެވެ????

The name is already taken The name is available. Register?

ރައްޔިތުމީހާ

04 June 2019

ތިޔަކިޔޭ އެއްޗެއް އަދިރަނގަޅެއްނޫން.

The name is already taken The name is available. Register?

އަކްމެޑް

03 June 2019

ހަނދާއި އިރު ދައުރުކުރާގޮތް ޤުރުއާނުގައި ބަޔާންކުރެވިފައިވޭ.

The name is already taken The name is available. Register?

ސައުދު

03 June 2019

ރޯދަ ފައްޓަން އެންގެވީ " ފަމަން ޝަހިދަ މިންކުމުއްޝަހުރަ" މިތަނުގައި " ޝަހިދަ" މާނަކޮށްފައިވަނީ ލޮލަށް ފެނިގެން ނުވަތަ ހިތަށް ޔަގީންވެގެން ހެކިވުން. ހުރިހާ ކަމަކަށް ހެކިވުމަކީ ލޮލަށްފެނުމެއްނޫން. ގުރުއާނަކީ އޭގެކުރިއަކުންވެސް އަދި ފަހަތަކުންވެސް ގުދުކަމެއްނުވާ ފޮތެއް. ހަނދުގެ ޕޮޒިޝަން ހޯދުމަކީ މިހާރުގެ ސައިންސްއާއި އިލްމުން ފަސޭހަކަމެއް. ރަސޫލާގެ ދުވަސްވަރު ރޯދަ ހިފީ ލޮލަށްފެނުމުން. އެހެނަސް މިހާރު ގުރުއާނުން ދެވިފައިވާ ނިއުމޫން އިންޑިކޭޓަރސް , ސައިންސްއިން 0 ސީދާކޮަށް ހޯދުނީމާ , ލޮލަށް ހަނދުފެނިގެން އެކަނި ހަނދު " ހެކިވާން" ޖެހޭ ހުއްޖަތެއްނޫން. ﷲ އަކީ " އަލީމުން ހަކީމް" މިހާރުގެ އިލްމުދެއްވީވެސް ﷲ . އެކަމަށް ޝުކުރުވެރިވުމަކީ ބަލައިގަނެ އެފަސޭހަ ލިބިގަނެ ﷲ ހަނދުމަކުރުން.

The name is already taken The name is available. Register?

އެހެންތަ

03 June 2019

ކަޮޔަށް މާބޮޑަށް އެނގެނީ

The name is already taken The name is available. Register?

ބެޔަ

03 June 2019

މިދެން ކޮންސަކަރާތެއްތަ ކޮއްމެފަހަރަކު ހަނދު ނުފެނިގެން ޖަހަނީ. ވަރައް ސާފުކޮށް ރަސޫލާ އަންގަވާފަ އެބައޮތް 29 ގަ ހަނދު ހަމަ ލޮލައް ނުފެނިއްޖެއްޔާ 30 ހަމަ ކުރާށޭ. މިހާރު އެކަމް އިލްމުވެރިންނޭ ކިޔާފަ މިމީހުން ހަމަ ކޮއްމެ ކަމެއްގައިވެސް ހައްދުފަހަނައަޅާ

The name is already taken The name is available. Register?

ޢަޖައިބު އަންތަރީސް

03 June 2019

މީހަކު އެބަ ސަކަރާތެއް ޖަހާ ހެއްޔެވެ؟ ބަލަ، ހަނދު ބެލުމަކީ ކުރަންޖެހޭނެ ކަމެކެވެ. ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމެކެވެ. ނޫންނަމަ ރޯދަޔަށް ހުރުން ޙަރާމް ކުރައްވަވާފައިވާ ޢީދު ދުވަހު ރޯދަހިފި ފާފައެއް ބޮލުގަ އެޅިދާނެ އެވެ.

The name is already taken The name is available. Register?

ހިޔާލު

03 June 2019

އިތުބާރު ހުރި ދެ ގޮތްވެސް ހަމަރަގަޅު ދެބަސްވެ އަރާރުންވާނެކަމެއްނެތް ފަލަކީ ހިސާބުންވެސް އެގޭ ހަމަލޮލަށްވެސް އެގޭ އަތެއްނުލެޥޭ އެކަމަކު ޔާގީނުން ފެނޭ އޯކޭނުން ދެގޮތްވެސް

The name is already taken The name is available. Register?

ޞޯދުބެ

03 June 2019

އަޅުގަނޑަށް އެނގިފަ އޮތް ގޮތުން 29 ވަނަދުވަހު ހަނދު ނުފެނިއްޖެޔާ 30 ހަމަކުރީމަ ހިޖްރީމަސް ފުރިހަމަވީ. ޝުކުރިއްޔާ!

The name is already taken The name is available. Register?

ސަންޕަ އަހަންމަދު

03 June 2019

ރޮކޮޓެ ފޮނުވާއެއްޗެއްކައިރީގަތަ އެންމެން ޖަމާވެގެން އެތިބީ.

The name is already taken The name is available. Register?

ކަނި

03 June 2019

ހަނދުގެ މަންޒިލް ތަކުގެ ތެރެއިން މަސް ފެށޭ މަންޒިލް ވަނީ ކީރިތި ރަސޫލާ(ޞ.ޢ.ވ)ގެ ޙަދީޘްފުޅުތަކުގަ ސާފުކޮށް ބަޔާން ކުރައްވާފައެވެ. އެއީ 29 ހަމަވެ އިރުއޮއްސޭ ފަހުން މުސްލިމުންގެ ލޮލަށް ހަނދު ފެނުމެވެ. ނުފެނުނު ނަމަ 30 ދުވަސް ހަމަވުމެވެ. މަސް ފެށޭ ވަގުތަކީ އިޤްތިރާންވާ ވަގުތޭ ބުނާ ބުނުމަށް އެއްވެސް ޝަރުޢީ ދަލީލެއް އޮތްނަމަ ދެއްކެވުން އެދެމެވެ! ރިވެތި ގޮތުގަ ޢިލްމީ ބަހުސް ކުރަން އާދަ ކުރައްވާށެވެ. މިހާރުނޫހުން ޢިލްމީ ކޮމެންޓެއް ވިއްޔާ ފޮރުވަނީތޯއެވެ؟

The name is already taken The name is available. Register?

ފާތިމަތު ހުސައިން

03 June 2019

އަޚާ އެވެ! މަހުގެ 29 ހަމަވެ އިރުއޮއްސޭ ފަހުން މުސްލިމުންގެ ލޮލަށް ހަނދު ނުފެނުމުން 30 ދުވަސް ހަމަކުރުމަކީ، ހަނދުގެ މަންޒިލެއް ކަމުގައި އެކަލޭގެފާނު އަންގަވާފައެއް ނުވެއެވެ. ރަސޫލާ ޙަދީޘް ނުކުރައްވާ ވާހަކައެއް އެކަލޭގެފާނަށް ނިސްބަތް ކުރުމަކީ ވަރަށް ބޮޑު ފާފައެކެވެ. ހަނދުގެ މަންޒިލްތައް ދެނެގަނެވޭނެ ޢިލްމު އޭރު އިންސާނުންނަށް ހޯދިފައި ނުވާތީ، ލޮލަށް ހަނދު ފެނުމުން މެނުވީ މަސް ފެށުނު ކަން ސާބިތު ކުރެވެން ނޯންނަނީއެވެ. ޙަދީޘްގައި އޮތީ އެވާހަކައެވެ.

The name is already taken The name is available. Register?

ކަނި

03 June 2019

އުޚްތާއެވެ. ޢަރަބި ބަހުގައި ހިލާލް ގެ މާނައަކީ ކޮބައިތޯ ބައްލަވާށެވެ. ހިލާލް އަކީ ހަނދުގެ "ސެލެސްޓިއަލް ބޮޑީ" އަށް ކިޔާ ނަމެއް ނޫނެވެ. ހިލާލް އަކީ "ކްރެސެންޓް"/"ހުޅެވި ހަނދު" މިއެވެ. ދެން ބަޤަރާ ސޫރަތުގެ 189 ވަނަ އާޔަތް ބައްލަވާށެވެ. އެއާޔަތުގަ އެވާ "އަހިއްލަ" މި ލަފްޒަކީ "ހިލާލް" ގެ ޖަމްޢު(ޕްލޫރަލް)އެވެ. އަދި މިނޫނަސް ގިނަގުނަ ދަލީލާއި ޙުއްޖަތް މިމައްސަލައިގާ ވެއެވެ.

The name is already taken The name is available. Register?

ޙިނި

03 June 2019

ޢަބަދު މިހާލެއްގައި ހަންދު ހޯދަން ނޫޅެ، ޖައްވައް ސެޓަލައިޓެއް ފޮނުވަންވީނުންތޯ

The name is already taken The name is available. Register?

ޖަވު

03 June 2019

ފާހާނާ ތަށިމަތި އިންނަންޖެހޭތީ ނުކައި ހުނަންބުނުން ކަހަލަ ވާހަކައެއް!

The name is already taken The name is available. Register?

އީދުކަޅުބެ

03 June 2019

ވިއްސާރަ ވުމުގެ ސަބަބުން ޝައްވާލް މަހުގެ ހުޅެވި ހަނދު ލޮލަށް ނުފެނިދާނެއެވެ. އެކަމަކު ހަނދު ނުފެނުނަސް ޝައްވާލްމަހުގެ 15 ވަންދެން ރޯދަ ހިފާކަށް ނުޖެހޭނެއެވެ. ހަނދު ނުފެނިއްޖެނަމަ ރަމަޟާން މަހުގެ 30 ހަމަކުރީމަ ނިމުނީއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454