މިދިޔަ މަހު ފަހުކޮޅު ނައިބު ރައީސް ޖިހާދު ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން އެއާޕޯޓުގައި.-- ފައިލް ފޮޓޯ: ރައީސް އޮފީސް
06 ސެޕްޓެމްބަރ 2016 - 14:09
ކުރިއަށް އޮތް އދ.ގެ އާއްމު މަޖިލީހުގެ ބައްދަލުވުމުގައި ރާއްޖެ ތަމްސީލު ކުރާ ވަފުދުގެ އިސް ވެރިއެއްގެ ގޮތުން ނައިބު ރައީސް އަބްދުﷲ ޖިހާދު ވަޑައިގަންނަވާ ގޮތަށް ހަމަޖައްސައިފި އެވެ. މިއީ، ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން އެ މަނިކުފާނު ބައިވެރިވެ ވަޑައިނުގެން ބާއްވާ ތިން ވަނަ އާއްމު ބައްދަލުވުމެވެ.
އާއްމު މަޖިލީހުގެ 71 ވަނަ ބައްދަލުވުން ފަށާނީ އަންނަ އަންގާރަ ދުވަހު އެވެ. މި ފަހަރުގެ މައުލޫއު ކަމަށް ވާ "ދެމެހެއްޓެވި ތަރައްގީގެ ލަނޑުދަނޑިތައް: ދުނިޔެ ބަދަލުކޮށްލުމަށް ބާރެއް"ގެ މައްޗަށް ގައުމުތަކުގެ މަންދޫބުން ތަގުރީރު ކުރައްވާނީ މި މަހުގެ 20 އިން 26 އަށް ކުރިއަށްދާ އާއްމު ބަހުސްގަ އެވެ.
ކުރީގެ ސަރުކާރުތަކުގައި އދ.ގެ އާއްމު މަޖިލީހަށް ގިނަ ފަހަރަށް ވަޑައިގެންފައި ވަނީ ސީދާ ރައީސެވެ. އެކަމަކު، ރައީސް ޔާމީން އަދި އދ. އަށް ވަޑައިގެންފައެއް ނުވެ އެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުން ކުރީގެ ރައީސް މުހައްމަދު ވަހީދު އދ.ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރެއްވިއިރު، މިދިޔަ އަހަރު ރާއްޖެ ތަމްސީލު ކުރެއްވީ އޭރުގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނެވެ.
ކުރީގެ ރައީސް ވަހީދު އދ.ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވަނީ: ރައީސް ޔާމީންގެ މަންދޫބެއްގެ ގޮތުން އެ މަނިކުފާނު 2014 ވަނަ އަހަރު ވެސް އދ.ގައި ތަގުރީރު ކުރެއްވި.-- ފައިލް ފޮޓޯ: އދ.
އާއްމު ބަހުސްގައި ވާހަކަ ދައްކަވާނެ ބޭފުޅުންގެ ލިސްޓުގައިވާ ގޮތުން ރާއްޖޭގެ ފަރާތުން މިފަހަރު ތަގުރީރު ކުރައްވާނީ ނައިބު ރައީސް އެވެ. ނައިބު ރައީސް ޖިހާދު ވާހަކަ ދައްކަވާނީ، ލިސްޓުގައިވާ ގޮތުން، މި މަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ދަންފަޅީގަ އެވެ. ރާއްޖެ ގަޑިން އެ ރޭ ދަންވަރު 12:00 އިން ހުކުރު ދުވަހުގެ ހެނދުނު 6:00 އަށް ކުރިއަށް ދާ މި ދަންފަޅީގައި ނައިބު ރައީސް ޖިހާދު ވާހަކަ ދައްކަވަން ހަމަޖެހިފައި ވަނީ 17 ވަނަ އަށެވެ.
އެ ދަންފަޅީގައި ރާއްޖެއާ އެކު ޖުމްލަ 21 ގައުމެއްގެ މަންދޫބުން ތަގުރީރު ކުރައްވާނެ އެވެ. އޭގެ ތެރޭގައި ޖަރުމަނާއި ޑެންމާކާއި ތުރުކީގެ އިތުރުން އިރާގާއި އަފްގާނިސްތާނު ވެސް ހިމެނެ އެވެ.
ރާއްޖެ އާއި އިންޑިއާ ފިޔަވާ ދެކުނު އޭޝިއާގެ އެހެން ގައުމުތަކުން ވަޑައިގަންނަވަނީ އެ ގައުމެއްގެ ދައުލަތުގެ ނުވަތަ ސަރުކާރުގެ އެންމެ އިސްވެރިއެކެވެ. އެ ގޮތުން، ސްރީ ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާ އާއި ބަންގާޅުގެ ބޮޑުވަޒީރު ޝޭހު ހަސީނާ އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފާއި އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގިލާނީ އާއި ނޭޕާލްގެ ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހަލް އަދި ބޫޓާންގެ ބޮޑުވަޒީރު ޝެރިން ޓޮބްގޭ ތަގުރީރު ކުރައްވާނެ އެވެ. އިންޑިއާ އިން ފޮނުވަނީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖެވެ.
މީގެ އިތުރުން، ދުުނިޔޭގެ ބޮޑެތި ގިނަ ގައުމުތަކުގެ އެންމެ އިސް ވެރިން އާއްމު މަޖިލީހުގެ އާއްމު ބަހުސްގައި ވާހަކަފުޅު ދައްކަވާނެ އެވެ. އޭގެ ތެރޭގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި އިނގިރޭސި ބޮޑުވަޒީރު ތެރޭސާ މޭ އަދި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ހިމެނިވަޑައިގަންނަވަ އެވެ.
އދ.ގެ އާއްމު މަޖިލީހުގައި ރާއްޖެ ތަމްސީލު ކުރައްވަން ނައިބު ރައީސް ޖިހާދު ވަޑައިގަންނަވާނެކަން ސަރުކާރުން އަދި ކަށަވަރެއް ނުކޮށްދެ އެވެ. ފޮރިން މިނިސްޓްރީން ބުނީ އެ މައުލޫމާތު އާއްމު ކުރާނީ ފަހުން ކަމަށެވެ.
މި ފަހަރުގެ އާއްމު މަޖިލިސް ރާއްޖެ އަށް މުހިއްމު ވާނެ އެވެ. އެއީ އެ މަޖިލީހުގެ ހަވާސާގައި ބާއްވާ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕު (ސީމެގް)ގެ ބައްދަލުމާ ގުޅިގެންނެވެ. މިދިޔަ ފެބްރުއަރީ މަހާއި އޭޕްރީލް މަހު ބޭއްވި ސީމެގްގެ ބައްދަލުވުމުގައި ރާއްޖެ އަށް ހުށަހެޅި ހަ ކަމެއް އިސްލާހު ކޮށްފައިވޭތޯ، މި މަހު 23 ގައި ބާއްވާ ބައްދަލުވުމުގައި ބަލައި ރާއްޖެއާ މެދު ފިޔަވަޅު އަޅަން ޖެހޭތޯ ނުވަތަ ނޫންތޯ ކަނޑައަޅާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕްރޮފެސަރ
07 September 2016
އދ. ސައިޒަށް އަންނަވަރުގެ ޤާނޫނެއް ނިކަން ނިހާނުއާ ރިޔާޒުވެގެން ފާސްކޮށްލަބަލަ. އޭރުން ދުނިޔެއަށް އިނގޭނެ ރާއްޖޭގެ މަޖިލީހަކީ ގަދަ މަޖިލީހެއްކަން.
މަގޭޤަޢުމު މަބޭނުންގޮތެއް
07 September 2016
ތިޔަތަނަކުން އިންވެސްޓަރުންނެއް ނުލިބޭނެ، ވާނީ ބޭކާރު ދަތުރަކަށް،
ބިރުވެރިކަން ވީޔެ ވަށާ!!!!
07 September 2016
އެއަބަޔަކު ގަމަށް އަންނަން ބިރުން، އަނެއްބަޔަކު ގައުމުން ބޭރަށް ނިކުންނަން ބިރުން ..... މި މުޅިގައުމު މިއޮތީ ސިޔާސީ ބިރުވެރިކަމެއްގައި....
ޔާނު 2058 ވެސް
06 September 2016
ޢޯގަދަ ރައީސް ޔާމީނު، އދ އައް ތިޔަ ގޮން ޖަހާލީ ޖެހިޖެހި ގެން 3 ފަހަރު. ދައުވަތުފޮނުވާ އާދޭސް ކުރިޔަސް ނުދާތި. ޢޭރުން ތިޔަ އދ ގަ އެއުޅޭ ބައިގަޑައް އެގޭނެ މަނިކުފާނު ތީ ފިސާރި ފިރިހެނެއްކަން. ޢެކުން ދައުވަތު ދީދީ އުންދަގޫ ބޮޑު ކުރަންޏާ ދެންފަހަރަކުން އދ އައް އަނބިކަބަލުން ފޮނުއްވާލައްވާ، ނަމަނަމަ މަނިކުފާނު ނުދާތި.
ކުރިކީލަ
06 September 2016
ކުރީ ދެއަހަރު އަޑުފެތުރީ ހައްޖައް ދާހިހްވާވަރުންނޯ އދ އައް ނުދަނީ. ޟިފަހަރު ބުނާނީ ކީކޭބާ. ޖިހާދު މިފަހަރު އ ދ އައް ގޮސް ބިލެއް ހުޝައަޅަވީ އދ ލުގެ އާއްމުމަޖިލިސް ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވަން. ޢެރުން ރައީސް ޔާމީނު ތިޔަބޮލުގަ ރިހުމަކުންވެސް އެސަލާމަތްވީ، 2018 ގައި ހޮވިގެން އެއަހަރު އދ މަޖިލިސް އުމްރާ ކުރާޝޭ ކިޔާފަ ކަޓުވާލާފަ އަނެއް 4 އަހަރު ހިޔާލެއް ފިކުރެއް ނެތި ހަމަ ވެރިކަން ކުރަންވީ.
ޕޮކަންޑި މޭން
06 September 2016
ރައީސް ޔާމީން ނުޖެހޭނެ އދ ގެ އާއްމު މަޖިލީހުގައި ތަޤްރީރު ކުރަން ނިއުޔޯކަށް ދާކަށް. އދ އިން ޖެހޭނީ ޖެނެރަލް އެސެމްބްލީ މާލޭގައި ބާއްވަން. މިރައީސް އދ އަށް ވުރެ ބޮޑު ވާނެ.
ނިހާނު
06 September 2016
ނިހާނު ޓީވާ އައް އަރާ ދެން ވިދާ ޅުވޭ އދ ގަ އެއުޅޭ ބައިގަންޑު.......... ބުލާ ބުލާ ބުލާ
ރިހަ ކަމުން
06 September 2016
ޔާމީނު ލަދުން ނުދާން އެއުޅެނީ.
ފިންޑި
06 September 2016
ޔާމީނު ފިންޑި ކަމުން ނުދާން އެއުޅެނީ
ބިރުވެރި
06 September 2016
ބިރުން ނުދާން އެއުޅެނީ