ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މިހާރު
09 ޖޫން 2019 - 19:05
ދައުލަތުގެ ބަޖެޓުން ހަތަރު ސިޔާސީ ޕާޓީއަކަށް ފައިސާ ދޭން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުށަހެޅި ކަމަށް ބުނި ނަމަވެސް، ފައިސާ ދޭން އެދުނީ ތިން ޕާޓީއަކަށް ކަމަށް ފިނޭންސް މިނިސްޓްރީން މިރޭ ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން އެދުނު ގޮތަށް ފައިސާ ޖަމާކޮށްދީފައި ވަނީ އީސީން ހުށަހެޅި ތިން ޕާޓީއަކަށް ކަމަށެވެ. ފިނޭންސުން މިއަދު ފައިސާ ޖަމާކޮށްދީފައި ވަނީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭއަށެވެ.
އީސީން ބުނި ގޮތުގައި ޕީޕީއެމަށް ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްދޭން ވެސް ފިނޭންސްގައި އެދިފައިވާނެ އެވެ. އެކަމަކު އެ ޕާޓީ އަށް ފައިސާ ޖަމައެއް ނުކުރެ އެވެ.
ޕާޓީތަކަށް ފައިސާ ދިން އިރު، މެމްބަރުން އެންމެ ގިނަ އެމްޑީޕީ އަށް 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ޖޭޕީ އަދި އެމްޑީއޭ އަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށް ފިނޭންސުން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް "މިހާރު" އަށް ވިދާޅުވީ އަހަރީ ރިޕޯޓު ހުށަހަޅާފައިވާ ހަތަރު ޕާޓީއަކަށް ފައިސާ ދޫކޮށްދޭން އެދި ފިނޭންސަށް ފޮނުވާފައިވާ ކަމަށެވެ. އަދި ފިނޭންސަށް ފޮނުވި އިރު، އެއްވެސް ޕާޓީއެއް އިސްތިސްނާކޮށްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ޕީޕީއެމަށް ފައިސާ ޖަމާ ނުކުރާ ކަމަށް ބުނުމުން، އަކުރަމް ވިދާޅުވީ އެކަން ވެފައި އޮތް ގޮތެއް އީސީން ބަލާނެ ކަމަށެވެ.
ހަތަރު ޕާޓީއަށް ދައުލަތުގެ ބަޖެޓުން މި އަހަރު 26.2 މިލިއަން ރުފިޔާ ދޭން އޮތީ ކަނޑައަޅައިފަ އެވެ.
ކޮމިޝަންގައި ނުވަ ޕާޓީއެއް ރަޖިސްޓްރީކޮށްފައިވެ އެވެ. ދައުލަތުގެ ބަޖެޓުން ފައިސާ ދެނީ 10،000 އަށް ވުރެ ގިނަ މެމްބަރުން ތިބޭ ޕާޓީތަކަށް އެކަންޏެވެ. އެހެންވެ މި އަހަރު ވެސް ފައިސާ ލިބެނީ، މިދިޔަ އަހަރު ބަޖެޓް ފާސްކުރި އިރު، އެ އަދަދަށް މެމްބަރުން ހަމަވާ ހަތަރު ޕާޓީ އަށެވެ.
އިސީ އަށް މި ފަހުން ހުށަހެޅި ފޯމުތައް ޗެކްކޮށް ނިމުނު އިރު މެމްބަރުން އެންމެ ގިނަ ޕާޓީގެ ރެކޯޑާ އެކު، އެމްޑީޕީގައި ތިބި މީހުންގެ އަދަދު ބައިލައްކަ އަށް އަރަ އެވެ. އަދި 10،000 މެމްބަރުން ހަމަވާ ޕާޓީތަކުގެ އަދަދު ވަނީ ދޭކަށްވެފަ އެވެ. މިހާރު އެ އަދަދަށް މެމްބަރުން ހަމަވަނީ އެމްޑީޕީގެ އިތުރުން ޕީޕީއެމްގަ އެވެެ.
ސިޔާސީ ޕާޓީތަކަށް ކަނޑައަޅާ ފައިސާ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ދޭން ޖެހެ އެވެ. ނަމަވެސް އެ ފައިސާ ދޫކުރުން މިފަހަރު ލަސްވީ، އީސީން ބުނިގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ޕާޓީތަކުން އެއްފަހަރާ ގިނަ އަދަދެއްގެ ފޯމު ހުށަހެޅުމުން، އޭގެ ސައްހަކަން ބެލުމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސީދު
19 March 2020
ބޭކާރު ލާރި މި ހަރަދުކުރަނީ ވެރިކަން ކުރާ ޕާޓީކުންދިން ނައް ބަހާފައި ބަލަދުއަރާފައި ތިބޭ ސްޓޭޓް މިނިސްޓަރުންނައް ދޭމުސާރަ ތިދޭލާރިން ކަޑާފައި ދެންޖެހޭނީ
ޒިލް
10 June 2019
އީސީން ބުނީ ފޮނުވީމޭ. ފިނޭންސުން ބުނަނީ ފޮނުވީ 3 ޕާޓީގެ ނަމޭ. މިތަނުން ދޮގު ހަދާ އިދާރާއެއް ބަލަން ޖެހޭ އެބަ؟ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދެން ގާއިމްވެފައިހުރި އިދާރާތަކުން މިފަދަ ބޮޑެތި ދޮގު ރައްޔިތުންނަށް ހަދާނަމަ އެފަދަ ތަންތަނުގެ ވެރިންނަކީ ރަައްޔިތުންގެ ވެރިންނެއް ނޫން
ވައިރޯޒު
10 June 2019
ވެރިން ނޭނގޭ ޕާޓީތަކާއި ވައްކަމުގެ ތުހުމަތު ކުރެވޭ ލީޑަރުންގެ ޕާޓީތަކަށް ފައިސާ ދޭންވާނީ އެކަންކަން ނިމުނީމަ
ޔާނު
10 June 2019
ދައުލަތުގެ ބަޖެޓޭ ބުންޏަސް ރައްޔިތުން އަތުން ނަގާ ފައިސާ އިން ޕޮލިޓިކަލް ޕާޓީ ތަކަށް 26 މިލިއަން ރުފިޔާ ތި ދިނީ. ކޮން ފަޢިދާއެއްބާ ރައްޔިތުންނަށް އެމީހުން ކޮށްދެނީ
ޝޮކްތެރަޕީ
09 June 2019
މިއޮތީވާ ސަރުކާރެ. ކީކޭބުނާނީ
ވައިޒް
10 June 2019
ނުބުނެ ހުރޭ. ރައްޔިތުން ބުނާނެ. ގިނަ ރައްޔިތުން
ބޮޑުމީހާ
09 June 2019
އީސީވެސް، ކޯޓްތައްވެސް، ކޮމިޝަންތައްވެސް ދަތުރުކުރުނީ އެވަގުތަކު ވައިޖެހޭ ކޮޅަކަށް. އިޚްލާސްތެރިކަމާއި، ތެދުވެރިކަމާއި، ނަޒާހަތްތެރިކަމާއި، އަދުލުވެރިކަމުގެ ކުޑިފުކެއްވެސް ނެތީއެވެ.
ގޯސް
09 June 2019
ތިޔަ އެއްވެސް ޕާޓީއަކަށް ފައިސާ ދީގެންނުވާނެ. އަނެއްކާ އީސީއަށް ރަނގަޅަށް މެމްބަރޝިޕް ނުބެލެހެއްޓޭ. މިހާރު އެމްޑީއޭ އަކު 10 ހާސް ނުތިބޭނެ.
މުޅިމޫނު
09 June 2019
އީސީ މިހާރު ޒާތީވެ ސިޔާސީ ވީއެވެ. ނޫންނަމަ ސިޔާސީވެ ޒާތީ ވީއެވެ. އެހެން ނޫންނަމަ ވަކިބަޔަކަށް ވަކިގޮތަކަށް ކަންތަކެއް ނުކުރާނެއެވެ.
ްެޖުހޭ
09 June 2019
އެއްޕާޓީ އަކަށް އެއްރުފިޔާވެސް ދޭނެކަމެއްނެތް, ވޯޓް ދިނީމަ ފުލެޓްގެ ވާހަކައެއްދައްކާނެ މީހަކު ތިމަޖުލިސްގަ ނެތް