13 ޖޫން 2019 - 18:46
އެންވަޔަރުމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަކީ މިނިވަން ތަނަކަށް ވަރަށް އަވަހަށް ހައްދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
މިހާތަނަށް ރާއްޖޭގައި ތިމާވެއްޓާ ބެހޭ ވަޒީރުކަން ކުރެއްވި ބޭފުޅުންނާ އެކު އާޓް ގެލެރީގައި ބޭއްވި ވަށްމޭޒު ޖަލްސާއެއްގައި ރައީސް ވިދާޅުވީ، މި ސަރުކާރުގެ އެންމެ މުހިންމު އަމާޒަކީ ތިމާވެށި ހިމާޔަތް ކުރުން ކަމަށެވެ. ހަމައެކަނި އެ މަސައްކަތަށް އެމަނިކުފާނުގެ ސަރުކާރުން ޚާއްސަ މިނިސްޓްރީއެއް އުފައްދާފައިވާއިރު، އެއީ ރާއްޖޭގެ ތާރީޚުގައި ވެސް އެފަދަ ކަމެއް ކުރި ފުރަތަމަ ފަހަރު ކަމަށް ރައީސް ވިދާޅުވި އެވެ.
"ތާރީޚުގެ ތެރެއިން ތިމާވެށީގެ ވަޒީރުން" ގެ ނަމުގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި، ތިމާވެށި ހިމާޔަތް ކުރުމަށް ސަރުކާރުން ކުރާނެ ކަންކަމުގެ ތެރެއިން އީޕީއޭ މިނިވަން ތަނަކަށް ހެދުމަށް ވަނީ ނިންމައިފަ އެވެ. އެ އޮތޯރިޓީ އަށް ގާނޫނީ ބާރުވެރިކަން ދީ، ވަރަށް އަވަހަށް އެކަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"އީޕީއޭ މިނިވަންކުރުމަށް އެކުލަވާލަން ޖެހޭ ޕޮލިސީތައް އެކުލަވާލައި އެކަން ކުރާނަން،" ވަޒީރުންނާ އެކު އޮތް ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވި އެވެ.
ތިމާވެށީގެ ވަޒީރުންނާއެކު މިއަދު ބޭއްވެވި ބައްދަލު ކުރެއްވުން-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
އީޕީއޭ، މިހާރު ހިންގަމުން އަންނަނީ އެންވަޔަރުމެންޓް މިނިސްޓްރީގެ ދަށުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ތިމާވެއްޓަށް ގެއްލުންވާ ގޮތަށް އެތައް ޕްރޮޖެކްޓެއް ހިންގިއިރު އީޕީއޭ އިން އެކަންކަން ނުހުއްޓުވި މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން އޮތީ އެ އޮތޯރިޓީ އަށް އަމާޒުވެފަ އެވެ.
ތިމާވެށި ހިމާޔަތް ކުރުމަށް ޓޫރިސްޓުންގެ އަތުން ނަގާ ގްރީން ޓެކްސް މީގެ ކުރިން ބޭނުން ކޮށްފައިވަނީ އެހެން ބޭނުންތަކަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ. އެ އުސޫލު ބަދަލުކޮށް، މިސަރުކާރުން ގްރީން ޓެކްސްގެ ފައިސާ ބޭނުން ކުރަމުން އަންނަނީ ތިމާވެށި ހިމާޔަތް ކުރަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖެ އަކީ ތަރައްގީވަމުން އަންނަ ގައުމަކަށް ވާއިރު ތިމާވެށި ހިމާޔަތް ކުރުމަކީ ގޮންޖެހުން އޮތް ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ކުރިމަގުގެ ޖީލުތަކަށް ގައުމު ގެންގޮސްދޭން ބޭނުންވާ ފަދައިން ރާއްޖެ ތަރައްގީ ކުރަން ވެސް ބޭނުންވެ އެވެ. އެހެންވެ، ސަރުކާރުން އަމަލު ކުރަންވީ ރަނގަޅު ގޮތް އަންގަވައި ދެއްވުމަށް ތިމާވެށީގެ ތަޖުރިބާކާރުންގެ އަރިހުން ރައީސް އެދިވަޑައިގަތެވެ.
ތަރައްގީގެ އެކި މަޝްރޫތައް ހިންގާއިރު ދިމާވާ ދަތިކަން ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ، މާލޭގެ ދެ ޕާކެއް ފެހި ކުރުމަށް ބޭނުންވާ ގަސް ވެސް ޖެހެނީ ރާއްޖޭން ބޭރުން ގެންނަން ކަމަށެވެ. އެއީ ރާއްޖޭގެ ރަށްރަށުން ގަސް ނެގުން ރަނގަޅު ނޫން ކަމަށް ކަމާ ބެހޭ އިދާރާތަކުން އަންގާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަން
14 June 2019
ރަގަޅު ނަތީޖާއެއް ނުނެރެވޭނެ
ނަސަންދުރާ
14 June 2019
ތި ތިމާވެއްޓައް ބެލިނަމަ ރާށްޖެ އައް އާ ޓުއަރިޒަމްގެ އެއްމެ ބޮޑު ޕރޮޖެކްޓް އެމްބޫދޫ ފަޅައްނުވެސް އައްނާނެ ،
ކަނބިލި
14 June 2019
ތިޔަ ޖެހުނީ އަނެއްކަންތައް. ތިތާވެސް ތިބެނީ އެދުރުން. ތިމާވެއްޓޭ ކިޔައިގެން މިމީހުންގެ ކަމަކަށްވާނީ ތަރައްގީގެ މަސައްކަތްތައް ލަސްކުރުން ނުވަތަ ހުއްޓުވުން
ޗިޗަންޑާނަވާރަ
14 June 2019
އޭރައް ދެން ތިޔަތަން ބަދަލުވާނީ ދަތް ނެތް ސިންގާއަކަށް.
ގަފޫރު
13 June 2019
2019 އޭޕްރީލަށް ހަވާލުކުރަން ސަރުކާރުން ވައުދުވީ 7000 ފުލެޓް ކޮބާ. 2 މަސްވީ. ކިލިދައްކައިގެން މިތިބެނީ. ފްލެޓް ނުދީ ދާ ދުވަސްތަކަށް ބަދަލުހޯދަން ކޯޓަށް ދާނަން. ވަކި ސަރުކާރެއް އައުމަކީ ރައްޔިތުންނަށްދޭ ޚިދްމަތް މެދުކެނޑޭނެ އުޒުރެއްނޫން. ސަރުކާރުން ޒިންމާ ނަގަންޖެހޭނެ. 7000 މީހުންގެ ދިރިއުޅުމުގެ ހަރަދުގެ ބަދަލަށް ތައްޔާރުވެ... ހަމައެކަނި ދީބާޖާ އަކަށް ނޫން ބަދަލު ދޭން ޖެހޭނީ...
ހަންސަން
13 June 2019
ތިއީ ތަހްޒީބު ގައުމުތަކުގައި ތިކަންއޮންނަގިތަކީ. ގަޓުއެބަހުރި ކަމަށްއުންމީދުކުރަން.
ކިއްލިބާޝާ
14 June 2019
ގަޓެއް ނެތް. ގަޓު އޮންނަނީ އަނގައިގާ. އަތަކު ނުހުރޭ ގަޓެއް.