ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން: އެ ކޯޓުގެ އަމަލުތަކަށް ބަންޑާރަ ނައިބު ރޭ ފާޑުވިދާޅުވި. --- ފޮޓޯ: ރައީސް އޮފީސް
15 ޖޫން 2019 - 11:00
"ގާނޫނުއަސާސީގައި އެންމެ ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުންނެ"ވެ؛ ދައުލަތާއި ރައްޔިތުންގެ މަސްލަހަތާ ގުޅުން ހުރި ބޮޑެތި މައްސަލަތައް ވެސް އެ ކޯޓުން ބޭނުންވާ ގޮތަކަށް ނިންމައި، މި ޖުމްލަ އިން ސިއްކަ ޖަހަމުންދާތީ ފާޑުކިއުން އޮތީ އިންތިހާގަ އެވެ.
ދައުލަތުގެ ތިން ބާރު ވަކިކޮށް، އެއް ބާރުން އަނެއް ބާރަށް ފާރަވެރިވެވޭ ގޮތަށް ގާނޫނުއަސާސީ އެކުލަވާލާފައި އޮތަސް މިހާތަނަށް ފެންނަނީ ސުޕްރީމް ކޯޓުގެ ބާރު ގަދަކޮށްފައި އޮތް ތަނެވެ. އެކި ބާވަތުގެ ނިންމުންތަކުން އަނެއް ދެ ބާރުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރަން ހުރަސްއަޅާފައި އެބަ ހުއްޓެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހާޒިރުކުރުމުން، ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ފާޅުކުރެއްވި އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް އެ އެވެ. އެންމެ ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށް ބުނެ އަބަދުމެ ދައްކާ ބިރާ އެކު، ދައުލަތުގެ އެހެން ބާރުތައް ސުޕްރީމް ކޯޓަށް "ނިގުޅައިގަނެ" އަމަލުކުރަމުންދާ ގޮތް ވަގުތުން ހުއްޓުވަން އޭނާ އެދިވަޑައިގަތެވެ.
ގާނޫނުގެ އެކިއެކި މާއްދާތަކާއި ބައިތައް ސުޕްރީމް ކޯޓުން ހިތުހުރި ގޮތަކަށް ބާތިލްކުރުމުގެ ސަގާފަތް ނިމުމަކަށް ގެންނަން ޖެހޭ. --ރިފްއަތު
ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ. ޖޭއެސްސީގެ ތެރެއަށް ސުޕްރީމް ކޯޓުގެ ފަރާތުން ނޭދެވޭ އަސަރު ފޯރާފައިވާ ކަމަށް އޭނާ ވިދާޅުވި. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
ސުޕްރީމް ކޯޓަށް ބާރުތައް ޖަމާކުރުމުގެ ސަގާފަތް ތަފްސީލްކޮށް ދެއްވަމުން ރިފްއަތު ވިދާޅުވީ ކޯޓުތަކާ ބެހޭ ގާނޫނުގެ އެތައް މާއްދާއެއް ބާތިލް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. ކޯޓުތަކާ ބެހޭ ގާނޫނުން އުފައްދަން ޖެހޭ ޖުޑީޝަލް ކައުންސިލް ސުޕްރީމް ކޯޓުން އުވާލުމަށް ފަހު، އެ ކޯޓުގެ އަމިއްލަ އިސްނެގުމަށް މިހާރު އެފަދަ ކައުންސިލެއް އެކުލަވާލައި، އެތަނުން ދޭ ލަފަޔާ އެއްގޮތަށް އަމަލުކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
އޭޖީ ވިދާޅުވި ގޮތުގައި ގާނޫނު ހަދާ މަޖިލީހަށް ލިބިދީފައި އޮންނަ ބާރެއް، ފަނޑިޔާރު ގެއަށް ބޭނުން ނުކުރެވުނު ނަމަވެސް ގާނޫނުއަސާސީގެ ރޫހާ ޚިލާފަށް ސުޕްރީމް ކޯޓުން އެކަން ވެސް ކޮށްފައިވެ އެވެ. އެއީ ބަލަން ޖެހޭ މައްސަލަތަކެއް ކަމަށް ވިދާޅުވި އެވެ.
ރިފްއަތުގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވީ ޖޭއެސްސީގެ ބާރުތަކާއި މަސްއޫލިއްޔަތުތަކަށް އެކި ސިފަސިފައިގައި ސުޕްރީމް ކޯޓުން ނޭދެވޭ އަސަރު ފޯރުވުމެވެ. ވޭތުވެދިޔަ ހަ މަހަށް އެކަނި ބެލިޔަސް އެކަން ލިޔެކިޔުމުން ފެންނަން އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް (ކ) ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އަށް ތުހުމަތުކުރެވޭ ޖިނާއީ މައްސަލަތަކަކާ ގުޅިގެން ޖޭއެސްސީން އޭނާ ސަސްޕެންޑު ކޮށްފައި ވަނިކޮށް، ސުޕްރީމް ކޯޓުން ވަނީ އެ ސަސްޕެންޝަނަށް އަމަލު ކުރުން ހުއްޓުވައިފަ އެވެ. އެ ފަނޑިޔާރާ މެދު އިތުރު ފިޔަަވަޅެއް ނާޅަން އެ ކޮމިޝަނަށާއި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އެ ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެކަމަކު ފަހުން ޖޭއެސްސީން ކަނޑައަޅާފައި ވަނީ އެ ކޮމިޝަންގެ ނިންމުން ދެމި އޮންނާނެ ކަމަށެވެ.
ރިފްއަތު ވިދާޅުވި ގޮތުގައި ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމި ނިންމުމަށް އަމަލުކުރަން ފަސްކުރަން ސުޕްރީމް ކޯޓުން ނެރުނީ ގާނޫނާ ޚިލާފު އަމުރެކެވެ. އޭނާ ސަސްޕެންޑް ކުރީ އެ ކޮމިޝަނަށް ލިބިދޭ ބާރުތަކާއި އިޚްތިޔާރުގެ ދަށުން ހުރިހާ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލަ ގަވާއިދާ އެއްގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަންގައި އެޖެންޑާކޮށްގެން ކުރިއަށް ގެންދިޔަ އިރުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން 12 ޖޫން، 2019 ގައި އަޅުގަނޑުމެންނަށް ސިއްރު ސިޓީއެއްގެ ގޮތުގައި ސިޓީއެއް ފޮނުއްވި. އެ ސިޓީގައި ވަރަށް ތަފްސީލްކޮށް ވިދާޅުވެފައި އޮތް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު އަބްދުﷲ ދީދީއާ ގުޅޭ ގޮތުން އެ ބޭފުޅުން ޖިނާއީ ކުށުގެ މައްސަލަތަކެއް ބަލަމުން ގެންދާ ވާހަކަ،" ރިފްއަތު ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓަކީ އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ މަތީ ކޯޓަށް ވިޔަސް ގާނޫނުއަސާސީން އުފައްދާފައި އޮންނަ މިނިވަން މުސްތަގިއްލު ކޮމިޝަނަކަށް، ވަކިން ހާއްސަކޮށް ފަނޑިޔާރުންގެ ކަންތައްތައް ބެލުމަށްޓަކައި ފާރަވެރިވުމަށް އޮންނަ މުއައްސަސާއަކަށް ނޭންގޭނެ އެކަން ކުރީ ގޯސްކޮށޭ،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.
- ސުޕްރީމް ކޯޓުން ވަނީ ގާނޫނުތަކުގެ ބައެއް މާއްދާތައް އުވާލައި، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ބާރު ނިގުޅައިގެންފައި.
- ޖޭއެސްސީން ބަލާ މައްސަލަތަކަށް ސުޕްރީމް ކޯޓުން ނުފޫޒު ފޯރުވާފައި އެބަހުރި.
- ދަށު ކޯޓުތަކުގެ ފަނޑިޔާރުން ސުޕްރީމް ކޯޓަށް ގެންގޮސް މައްސަލަތައް ވަކި ގޮތަކަށް ނިންމުމާއި ނުނިންމުމަށް ވެސް ނުފޫޒު ފޯރުވާފައި ހުރި.
- ޖޭއެސްސީގެ ނިންމުމަކަށް ސުޕްރީމް ކޯޓުން ގޮންޖައްސަވާފައިވާ ކަމަށް ވިދާޅުވެ މެމްބަރު އަލީ ހުސެއިން މިސާލު ނެންގެވީ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރަން ޖޭއެސްސީގެ ނިންމުން ބާތިލް ކަމަށް އެ ކޯޓުން ނެރުނު އަމުރު.
- ޖޭއެސްސީ އަށް ޖުމްލް 594 މައްސަލަ ހުށަހެޅި އިރު 429 މައްސަލަ ނުބަލަން ނިންމާފައިވޭ. މީގެ މާނައަކީ ފަނޑިޔާރުންގެ މައްސަލަތަކެއް ނެތުން ކަމަށް ދޭހަވާ ގޮތަށް އަމަލުތައް ހުރުމަކީ ކަންބޮޑުވުމެއް ކަމަށް މެމްބަރުން ވިދާޅުވި.
- ފަނޑިޔާރުގެއަށް ރައްޔިތުންގެ އިތުބާރެއް ނެތް، ދިރާސާތަކުން އެކަން އޮތީ ފެންނަން.
ޖޭއެސްސީގެ ނިންމުމަށް ސުޕްރީމް ކޯޓުން ބަސް ބުނި އިރު، އަދުލުއިންސާފު ގާއިމްކުރުމުގައި ހިމެނޭ އެންމެންގެ މައްޗަށް ޖޭއެސްސީގެ ބާރު ހިނގާނެ ކަން ގާނޫނުއަސާސީގައި ސާފުކޮށް ލިއެފައި އޮތް ކަން ރިފްއަތު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ އެ ބާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުހިނގާނެ ކަމަށް ކަނޑައަޅައި އިސްތިސްނާކޮށްފައި ނެތް ކަމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ވިޔަސް ސުލޫކީ މައްސަލައެއް ހުށަހަޅައިފި ނަމަ ޖޭއެސްސީ އަށް ބެލުމުގެ ބާރު އޮތް ކަން ގާނޫނުއަސާސީގެ 159 ވަނަ މާއްދާގެ ށ.އާ ހަވާލާދެއްވައި ރިފްއަތު ވިދާޅުވި އެވެ.
ޖޭއެސްސީ އަށް ލިބިދީފައިވާ ބާރުގެ ބޭނުންކުރާ އިރު އެކަމަށް ސުޕްރީމް ކޯޓުން ހުރަސްއަޅަން ކުރާ މަސައްކަތް ގާނޫނުތަކަށް އިސްލާހު ގެނެސްގެން ނަމަވެސް މަޖިލީހުން ހުއްޓުވައި ދެއްވަން އޭޖީ އެދިވަޑައިގަތެވެ.
"ދެ ވަނަ ކަމަކަށް އަޅުގަނޑު އެދެން، ސުޕްރީމް ކޯޓުން އަމިއްލަ އިސް ނެގުމަށް، ނުވަތަ ސްމޯޓޯކޮށް މި މައްސަލަތައް ބެލުން ހުއްޓުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީތަކުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ކަންތައްތައް ވެސް ކޮށްދިނުން،" ރިފްއަތު ވިދާޅުވި އެވެ.
"ތިން ވަނަ ކަމަކަށް އަޅުގަނޑު އެދެން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުގެ އެކިއެކި މާއްދާތަކާއި ބައިތައް ސުޕްރީމް ކޯޓުން ހިތުހުރި ގޮތަކަށް ބާތިލްކުރުމުގެ ސަގާފަތް ނިމުމަކަށް ގެނެސްދެއްވުމަށް."
ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން މަޖިލިހުގައި ކުރިއަށް ދަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޖޭއެސްސީގެ ބާރުތަކަށް ސުޕްރީމް ކޯޓުން އަރައިގަންނަ ކަމަށް އެ ކޮމިޝަންގެ މެމްބަރުން ވާހަކަ ދެއްކެވި އިރު އެކަން ދިފާއުކުރެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ. ޖޭއެސްސީގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ފަނޑިޔާރު އަރީފް ވިދާޅުވި ގޮތުގައި، ޖޭއެސްސީ އަށް ސުޕްރީމް ކޯޓުން ނުފޫޒެއް ނުފޯރުވަ އެވެ.
ސުޕްރީމް ކޯޓުން ބާރުގެ ބޭނުންކުރަނީ ގާނޫނީ އިމުގެ ތެރޭގައި ކަން ވެސް ތަކުރާރުކޮށް އޭނާ ފާހަގަކުރެއްވި އެވެ. އެކަމަކު ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖޭއެސްސީ އަށް ހުށަހަޅާ މައްސަލަތައް ވެސް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވި ވާ ކަމަށް އެ ކޮމިޝަނުގެ އެހެން މެމްބަރުން ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ބާރު ގަދަކޮށްފައިވާ އިރު، ދައުލަތުގެ އެއްވެސް ބާރަކީ ގާނޫނުއަސާސީގެ ބެލެނިވެރިއެއް ނޫން ކަމާއި ދައުލަތުގެ އެންމެހާ ބާރުތައް ގާނޫނުއަސާސީގައި ލިބިދީފައި އޮންނަނީ ދިވެހި ރައްޔިތުންނަށް ކަން އެ ކޮމިޓީގައި ބަންޑާރަ ނައިބު ހަނދާންކޮށްދެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއަފްލާ
16 June 2019
ޜިއްފަތު ތިބޭފުޅާ ހުއްޓާލާފަ ލޯފާމއް ދޭބަލަ
ނެގުނުކަތީބު
16 June 2019
ޖޭ. އެސް ސީ ޔޭ ތިކިޔާ ތަނުގައި ހުސް ސިޔާސީ މީހުން! އެތަނަށް އެމީހުންގޮސް ތިމާއަށް ޙުކުމް ކުރީމާ ޒާތީގޮތުން ބަދަލު ހިފުމާއި މިކަހަލަ ސަކަރާތްގަނޑެއް ޖަހަން މިފެށީ. ދެން ދަށުކޯޓުގެ އެތަށް ފަނޑިޔާރެއް ތަމްސީލުކުރަން އިންނެވި ބޭފުޅާ އެ މަގާމަށް އައީ އެބޭފުޅާގެ އަމިއްލަ މަސައްކަތުންތޯ؟ އަދި އެބޭފުޅާ އައްޔަންކުރި ފަނޑިޔާރުންގެ ބަސް ކިހާވަރަކަށް އިއްވަމުތޯ؟ 10 މީހުން ތިބޭ ތަނެއްގަ އެކަކުގެ ބަސް ވިކޭނީ ވަރަށް ޙިކުމަތްތެރިކަމާއެކު ހުށަހެޅިގެންކަންއެނގޭނެ
ޔަގީ
16 June 2019
ވީއެއްމެހާއަވަހަކަށް ތިޔަ ކޯއްޓު އޮވަަލައި އާބަޔަކު ތިޔަތަނަށް ވައްދަން ގޮވާލަން،
ޗިޗަންޑާނަވާރަ
16 June 2019
ހަރުގެ އިން ކުދިން ދެއްތޯ؟
ހޯގުޅާ
16 June 2019
ސުޕްރިމް ކޯޓުން ފަހުބަހަކަސް ބުނެވޭނީ ގާނޫނުއަސާސީގަ އޮންނަ ހުކުމެން. ފަޑިޔާރު ހިތުހުރި ހުކުމެން ފަހުބަހޭ ކިޔާފަ ބުނެވޭތަ،މީސަދޫމެން ނޫންވިއާ
އަނދަވަޅު
15 June 2019
ސުޕްރީމް ހުއްޓުވައި ދިނުމަށް ގޮވާލުމަކީ ޣައިރު ޤާނޫނީ އަމަލެއް ކުރުމަށް ގޮވާލިމެވެ.
އަޝްރަފު
15 June 2019
އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ދީބާޖާ އަށް ފައިސާ ދޫކުރުމެއްނޫންތޯ؟ އޭގެ ފަހުގައި ޖީ.އެމް.އާރ ދައްކަން ޖެހޭ ޖީއެސްޓީ ސަރުކާރުން ދެއްކުން!
ހަކީމު
15 June 2019
ދީބާޖާ ގެ އިސްތިއުނާފް އޭޖީ އިން ގަސްތުގައި ލަސްކުރި އިރު ސަރުކާރު ހިނގަން ހުރީ ޔާމީނު ކިޔާ މީހެއް. ޖީ.އެމް.އާރ ގާނޫނު ތަކާ ހިލާފަށް ވޮއިޑްއެބް އިނީޝިޔޯ ކިޔާ ބޭރު ކުރީ އާޒިމާ ކިޔާ މީހަކާ ޔާމީނު ކިޔާ މީހެއް އަޑިގައި ތިބެގެން ވަހީދު ކިޔާ މީހެއް ލައްވާ!!!!
ޗިޗަންޑާނަވާރަ
15 June 2019
ޖޭއެސްސީ އިން ސިޔާސީ މީހުން ބޭރުކޮށް، މަޖިލިހުގަ މެޖޯރިޓީ ލިބޭ ޕާޓީއަކަށް ވެސް ފަސޭހައިން އެތަނަށް ނުފޫޒު ނުފޯރުވޭހެން ހަދާފައި ދެން އެހެން މީހުންގެ ވާހަކަ ކިޔަން ވީނު؟ އިންސާފަކީ ހަމަ އެކަނީ ތިމާއަށް ލިބެންޖެހޭ ހައްގެއް ނޫން. ގާނޫނު އަސާސީ ބުނަނީ ކޯޓަށް އަމުރު ނެރެވޭނެއޭ ކޯޓަށް ހުށަހަޅާ މައްސަލަ ކޯޓުން ބަލާ ނިމެންދެން ވަކި ކަމެއް ނުކުރަން. މަޖިލިހުގަ ތިބޭ ރޯނު އެދުރުން ހަދާ ގާނޫނުތަށް ފުށުނާރާ ގާނެއް ނެތް އަދި ހެދިފައެއް.
ލޫދިފަ
15 June 2019
ރޔ އެއްޗަކަށް ނުވޭ.... ހުދުމުހުތާރު ބަޔަކު ވެދާނެ އެކަމު މީ ބޮޑުވަރު
ޙައްގުބަސް
15 June 2019
މިރާއްޖެއަކީ ބޮޑު ޖޯކެކެވެ! ގާނޫނު އަސާސީއާއި ގާނޫނުތައް އޮންނަ ތަނެއްގައި އޮންނަނީއެވެ! އެބަޔަކު ބޭނުންވީމަ ބޭނުން މަގަކުން ކަންތައްތައްކޮށް ނިންމާ ލަނީއެވެ! ބޮޑެތި މުޖްރިމުންގެ ގޮތުގައި ހުރިހާ މަރުޙަލާއެއްގެ ކޯޓްތަކުން ސިއްކަޖަހާ ޙުކުމްކުރާތަން ފެނޭ! ޖެހިގެން އަންނަ ދުވަހު ހަމަ އެކޯޓްތަކުން އެއްވެސް ކުށެއްނެތް މީހުންގެ ގޮތުގައި އެމީހުން އެބަ ދޫކުރޭ! ބޭނުންވީމަ ގާނޫނު އޮޅާލާ ހިތުހުރިހާކަމެއް ކުރުމުގެ ސަގާފަތެއް ތިން ބާރުންވެސް ކުރަނީ! ދެރަ!
ސޯލްޓް
15 June 2019
އަހަރެން ހަދާންނަށް އައްނަނީ ކުރީފަހަރަކު ހިއުމަން ރައިޓްސް ކަމިޝަނުން ރަގަޅު މައުލޫމާތުތަކެއް ބޭރުގެ ފަރާތަކަށް ދިނުމުން، ސުޕްރީމް ކޯޓުން ގައިޑްލައިނެއް ހަދާ އެތަނުގެ ބާރު ކެޑުވިތަން. އަދި ކޮބާތޯ އެއްކަލަ އިންތިހާބު ކެންސަލް ކުރިކުރުމާއި ހޯދި އިޓެލް ރިޕޯރޓްތައް. ތިތަނުގެ ވާހަކަ ދައްކަންވެއްޖިޔާ ދައްކަން ޖެހޭ ވާހަކަ ގިނައީ. އަވަހަށް ތި ތަން ދޮވެސާފްކޮއްދެއްވާ. މަޖްލިސް 19 ހޮވީ ތިމަސައްކަތް ކުރުވަން.