ނަސަންދުރަ: މިތަން 50 އަހަރަށް ކުއްޔަށް ދިނުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް އޭސީސީގެ ތަހުގީގުން ވަނީ ނިންމާފައި. --ފޮޓޯ/މިހާރު
20 ޖޫން 2019 - 14:04
ނަސަންދުރާ ޕެލަސް ހޮޓެލްގެ އެއްބަސްވުން އުވާލައި އެ ތަން މިހާރު ތަރައްގީކުރާ ކުންފުންޏާ ހަވާލުކުރުމުގައި ތުހުމަތުކުރެވޭ ޚިޔާނާތް 86 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ކަނޑައަޅައި ކޮރަޕްޝަންގެ ދައުވާ ކޮށްދިނުމަށް އެދި ފޮނުވުމުން އެ މައްސަލަ އަނބުރާ ފޮނުވާލީ އެއްބަސްވުން ސައްހަ ކަމަށް އޭރުގެ ބަންޑާރަ ނައިބު ލަފާ ދެއްވާފައި އޮތުމުން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އޭރުގެ ބަންޑާރަ ނައިބަކަށް ހުންނެވީ މުހައްމަދު އަނިލް އެވެ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނު ފަހުން އަނިލްގެ އަޑެއްބަޑެއް ނީވެ އެވެ. މި މައްސަލައާ ގުޅޭ ގޮތުން ބަހެއް ހޯދަން "މިހާރު" އިން ގުޅުމުން ވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.
ނަސަންދުރާ 2010 އިން ފެށިގެން ހިންގީ ޔާމީންގެ ޅިޔަން، އެކަމަކު މިހާރު އަވަހާރަވެފައިވާ އެއްލައިދޫ މުހަންމަދު މަނިކުގެ މަސްހަލަތު އޮންނަ ގެލެކްސީ އެންޓަޕްރައިޒަސް އިންނެވެ. އެ ބިން 2015 ގައި އެމްއެމްޕީއާރުސީގެ ދަށަށް ބަދަލޮށް، ކުރީގެ އެއްބަސްވުން އުވާލައި، ހަމަ އެ ދުވަހު މަނިކުގެ އެހެން ކުންފުންޏެއް ކަމަށްވާ އެންޕީއެޗް އިންވެސްޓްމެންޓާ އެތަން ހަވާލުކުރުމުގެ އެއްބަސްވުމެއް ހެދި އެވެ.
މި މުއާމަލާތް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ތަހުގީގުކޮށް ދައުވާކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން "ދައުވާ ކުރެވެން ނެތް ކަމަށް" ބުނެ އަނބުރާ ފޮނުވާލީ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް އޭސީސީގެ މެމްބަރުން އިއްޔެ ހާޒިރުކުރުމުން، އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ ޕީޖީން ދައުވާ ނުކޮށް އަނބުރާ ފޮނުވާލި މައްސަލަތަކުގެ ތެރޭގައި ނަސަންދުރާ މައްސަލަ ހިމެނުމަކީ މެމްބަރުންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ. އެ މައްސަލަ ޕީޖީ އާއިޝަތު ބިޝާމް އަނބުރާ ފޮނުވާލެއްވި ސަބަބު އޭސީސީ އަށް ގަބޫލުނުކުރެއްވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމަކު އެ ސަބަބު އޭނާ ވިދާޅެއް ނުވެ އެވެ.
ނަސަންދުރާގެ މައްސަލައިގައި ދައުވާކުރަން ފޮނުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތް ހިންގުމުގައި އަމަލީ ގޮތުން އިސްކޮށް އުޅުއްވި ދެ ބޭޅުންނަށެވެ. އެއީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ޕީޖީން އެ ޚިޔާނާތުގައި ދައުވާކޮށް ނުދިން ސަބަބެއް ކަމަށް އޭސީސީ އަށް އަންގާފައި އޮތީ، އެންޕީއެޗަށް ނަސަންދުރާ ހަވާލުކުރި އެއްބަސްވުން ސައްހަ ކަމަށް އޭރުގެ ބަންޑާރަ ނައިބު އަނިލް، ޓޫރިޒަމް މިނިސްޓްރީ އަށް ލަފާދެއްވާފައި އޮތުމެވެ.
ޕީޖީ އޮފީހުން ވެސް ބުނިގޮތުގައި އަދީބުގެ މައްޗަށް ދައުވާނުކުރީ ނަސަންދުރަ އެންޕީއެޗަށް ދިނީ ޓޫރިޒަމް ގާނޫނާ އެއްގޮތަށް ކަމަށް ބަންޑާރަ ނައިބު ލަފާ ދެއްވާފައި އޮތުމުންނެވެ. ޒިޔަތުގެ މައްޗަށް ދައުވާކުރަން ފޮނުވި އިކުއިޒިޝަން ކޮސްޓުގެ މައްސަލައިގައި ދައުވާ ނުކުރީ، އިކުއިޒިޝަން ކޮސްޓު ނަގަން ޖެހޭ ކަމަށް އޭރު އެއްވެސް ގާނޫނެއްގައި ކަނޑައަޅާފައި ނުވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. މި ސަބަބާ އެކު، ދައުވާނުކުރި ނަމަވެސް އެ މުއާމަލާތުން ޚިޔާނާތްވި ގޮތް އޭސީސީގެ ތަހުގީގު ރިޕޯޓުގައި ވަނީ އާއްމުކޮށްފަ އެވެ.
ނަސަންދުރަ ހަދާ ނިމުމުން ބޭރުން ފެންނަން ހުންނާނެ ގޮތް ދައްކައިދޭ ކުރެހުމެއް.
އޭސީސީން ބުނިގޮތުގައި ނަސަންދުރާގެ އެއްބަސްވުން އުވާނުލައި މުއްދަތު އިތުރުކުރި ނަމަ ދައުލަތަށް 4،800،000 މިލިއަން ޑޮލަރު (74 މިލިއަން ރުފިޔާ) ލިބޭނެ އެވެ. އެއްބަސްވުން ބާތިލްކުރި އިރު ސަރުކާރުގެ ވިސްނުމަކީ ނަސަންދުރާ ހުރި ބިމާއި 26 ނަމްބަރު ކޮށި ހިމެނޭ ގޮތަށް ކޮންވެންޝަން ފެސިލިޓީތަކާ އެކު ހޮޓަލެއް ތަރައްގީ ކުރުމެވެ.
އެހެންކަމުން އެ ދެ ބިން އެއްކޮށްލައިގެން ބީލަމަށް ލި ނަމަ ދައުލަތަށް ލިބޭ ފައިދާ ބޮޑުވާނެ ކަމަށް އޭސީސީން ބުންޏެވެ.
ނަސަންދުރަ 50 އަހަރަށް އެންޕީއެޗާ ހަވާލުކުރީ އިއުލާން ނުކޮށެވެ.
މިއީ ޓޫރިޒަމާ ބެހޭ ގާނޫނުން މަނާ ކަމެއް ކަން ފާހަގަކޮށްފައިވެ އެވެ. އަނެއް ކަމަކަށް އޭސީސީން ފާހަގަކޮށްފައި އޮތީ، އިކުއިޒިޝަން ކޮސްޓް ނުނެގުމެވެ. މީގެ ސަބަބުން ދައުލަތަށް 800،000 ޑޮލަރު (12.3 މިލިއަން ރުފިޔާ)ގެ ގެއްލުން ލިބުނު ކަމަށް އޭސީސީން ބުންޏެވެ.
އެކުއިޒިޝަން ކޮސްޓުގެ ބަދަލުގައި އެންޕީއެޗާ އެކު ޓޫރިޒަމް މިނިސްޓްރީން އެއްބަސްވެފައި އޮތީ ނަސަންދުރާ ހުރި ބިމުގައި އެ ކުންފުނިން އެންމެ މަދުވެގެން 100 ކޮޓަރި އާއި 100 އެޕާޓްމެންޓް އިމާރާތް ކުރުމަށެވެ. އަދި ހަފުލާތަކާއި ބައްދަލުވުންތައް ބާއްވާނެ ސެންޓަރަކާއި ބެންކުއެޓިން ހިދުމަތް ގާއިމްކޮށް އެތަންތަން ބޭނުން ކުރަން ސަރުކާރަށް ހާއްސަ ޑިސްކައުންޓް އަގެއްގައި ދޭން ޖެހޭނެ ކަމަށް ވެސް އެއްބަސްވުމުގައި އޮވެ އެވެ. އެކަމަކު މިއީ އެކުއިޒިޝަން ކޮސްޓާ އަޅާބަލާއިރު އެކަށީގެންވާ ޚިދުމަތްތަކެއް ނޫނެވެ.
އޭސީސީން ބުނިގޮތުގައި އެކުއިޒިޝަން ކޮސްޓް ނެގި ނަމަ ދައުލަތަށް މާ ބޮޑު ފައިދާއެއް ލިބޭނެ ކަން ތަހުގީގަށް ފާހަގަކުރެވެ އެވެ. އެކަމުގައި ދައުވާ ކުރަން ފޮނުވީ ސާބިތުވާ މިންވަރަށް ހެއްކާއި ގަރީނާ ހުރުމުން ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.
އޭސީސީގެ އިތުރުން އޮޑިޓަ ޖެނެރަލްގެ އޮފީހުން ވެސް ނަސަންދުރާގެ އެއްބަސްވުމުގައި ހުރި މައްސަލަތައް ވަނީ ފާހަގަކޮށްފަ އެވެ. އޮޑިޓާ ޖެނެރަލް އޮފީހުގެ ރިޕޯޓުގައި ބުނެފައި ވަނީ ސަރުކާރަށް އެއްވެސް ފައިސާއެއް ނުދައްކައި އޭގެ ބަދަލުގައި ސީއެސްއާރު ކޮމްޕޯނަންޓެއް ހިމަނައިގެން އެ ބިން ދިގު މުއްދަތަކަށް ދިން އިރު، ސީއެސްއާރާ ގުޅޭ އެއްވެސް ތަފުސީލެއް ހިމަނާފައި ނުވާ ކަމަށެވެ. އެހެންކަމުން ލަފާ ދީފައި ވަނީ އެއްބަސްވުމާ މެދު އަލުން ގޮތެއް ނިންމުމަށެވެ.
މި ސަރުކާރުން އަންނަނީ ނަސަންދުރާގެ އެއްބަސްވުން ދިރާސާ ކުރަމުންނެވެ. ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ މައްސަލައިގައި ޓޫރިޒަމް މިނިސްޓްރީން ބަލަން ޖެހޭ ބެލުންތައް މިހާރު ވަނީ ބަލައިފަ އެވެ. އެ ކޮންޓްރެކްޓާ މެދު ގޮތެއް ނިންމަން ޖެހޭނީ ޕޮލިސީ ލެވެލްގައި ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ނަސަންދުރާގެ މަސައްކަތް ހުއްޓުމެއް ނެތި މިހާރު ވެސް ދަނީ ކުރިއަށެވެ. އެއީ މާލޭގައި މިހާތަނަށް ހަދާ އެންމެ ބޮޑު އިމާރާތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޖައިބެއް
21 June 2019
ޕީޖީއަކީ މިނިވަން މަގާމެއް. އޭޖީގެ ލަފާ ހޯދާކަށް ނުޖެހޭ. ދައުވާ ކުރަން ނިންމާނީ ޕީޖީ. މޮޔަ ނުގޮވާ!
ކަކުނިބޯ
21 June 2019
12.3 މިލިޔަން ރުފިޔާއަށްް ތިޔަ ފެސިލިޓީސް އެހެންތަނެއްގައި އެޅިޔަސް ފުދިފަ ބާކީވާނެއެވެ. އަދި ބުނެފައެބޯތެއްނު ކުޑައަގެއްގައެވެ. ލަދުހަޔާތް ކޮބާ
ބޮޑުމީހާ
20 June 2019
ގައުމުކައި ހުސްކޮށްފި. ތި އޭސީސީ މީހުން އޭރު ތިވާހަކަ މީޑިއާގައި ނުދެއްކީ ކީއްވެ؟ އިސްތިއުފާ ނުދިނީ ކީއްވެ؟ އެގްރީމެންޓް ބާތިލްކޮށްފިއްޔާ ދައުލަތުން އަނެއްކާ އަނެއް 300 މިލިއަން ޑޮލަރ ދާނެ. އޭގެ ބަދަލުގައި ޔާމީނު އަޅާގެއާއި، އަނިލްގެ މުދަލާއި، ގޯއްޗާއި، ޕީޖީ ބިޝާމްގެ މުދާ އަދި ގޯތި އަދި އަދީބުގެ މުދާ އަދި ގޯތި ދައުލަތަށްނަގާ. މިވަރުން ނުވަންޏާ މިމީހުންވެސް ބޮޑު އަގުކަ ވިއްކާލާ
ކުޑަ މީހާ
20 June 2019
އެމީހުން އިސްތިއުފާ ދިންނަމަ ދެން އަންނަ މީހުން އަދި ނޭނގެ އޭރު ހިންގި ކޮރަޕްޝަންތައް އެއްވެސް ވަރަކަށް ތަހުޤީޤު ކުރާނެކަމެއްވެސް އަދި ދައުވާކުރަން ޕީޖީއަށް ފޮނުވާނެކަމެއްވެސް. މިދެންނެވީ، މިހާރު ތިބި މެންބަރުން މާ ރަނގަޅެކޭ ނޫން. އެކަމު މިހާރުގެ މެންބަރުން (އޭސީސީ ރައީސް ނުލާ) ކޮށްފައި ހުރި މަސައްކަތުން މި ސަރުކާރަށް އެބަހުރި އެ ކޮރަޕްޝަންތަކުގެ ބޮޑުމިން ރިޕޯޓެއްގެ ސިފައިގައި ނަމަވެސް ފެންނަން.
ރާއްޖެ
21 June 2019
ތިކަން ކޮއްދިނީ އަދީބު. ޢޭނާ އެހުރީ މި ސަރުކާރުން ދޫކޮއްލާފަ. ބޭކާރު ވާހަކަ ނުދައްކާ.
އަލީ ސާހު
21 June 2019
ކޮންބައެއްގެ ވެރިކަމުގަތަ ކައިފަ ނެތީ! ޔާމީނު ވެރިކަމުގައި މާގިނަ ޕްރޮޖެޓް ހިންގީމާ ގިނަކަންކަން ފަޅާ އަރަނީ އެހެންމީހުން ކެއީ އަޑިނޭގޭހެން...ނުކޭނަމަ އެހެން ބޭޅުޅުންގެ ވެރިކަމުގައި ހަޒާނާ މުއްސަދިވީސް ޑޮލަރަށް ސަލާމް ޖަހަން ޖެހުމަކީ ގައުމު ބަޑައްޖެހުން އެހެނީ މިގައުމަކީ ބޭރުން ގެންނަ މުދަލަށް ބަރޯސާވާ ގައުމަކަށް ވާތީ...
ޙަސަން އަޙްމަދު
20 June 2019
ނަސަންދުރާއެއް ނޫން. ނަސަންދުރަ. ރާ އަބަފިލި.
ރަތްލާޖެހި ވަގު
20 June 2019
ނިމިދިޔަ ސަރުކާރައް ރަނގަޅަށް ކުރެވުނީ އެންމެ ކަމެއް. އެއީ ދައުލަތުގެ ތިޖޫރި ފޫވައްޓާލުން. އެކަން ކޮއްލި ވަރަށް ސަޅިކޮއް.
ނަބީލާ
20 June 2019
އުމަރު ނަސީރު ގެ ބަސް ތެދު.
އަލީ ވަހީދު
21 June 2019
ދައުލަތުގެ ތިޖޫރި ފޫވައްޓާލީ ނަސީދު ސަރުކާރުގައި..މިހެންބުނަން މިހެނީ ނަސީދު ސަރުކާރުގަ ދޯ ރާއްޖެ ޑޮލަރަށް ޖެހުނީ ތިޖޫރި ފޫވެއްޓި އޭތި ހުސްވެގެން...ޔާމީނު ސަރުކާރު ގައި ލާރި ހޯދާފައި ކެއީވެސް އެހެންމީހުން ހުރިއެތިކޮޅުވެސް ހުސް ކޮއްލީ.
އެޑްމުންޑޯ
20 June 2019
ނަސަންދުރަ ދީފައި ވަނީ ކުއްޔެއްނެތްގޮތަށް ހިލޭކަމަށް ކޮމެންޓްކުރާމީހުންނަށް ހަމަނޭގެނީބާ ވައޭ ހިތައްއަރާ ، ނަސެންދުރަ އަކީ ވަރަށް ބޮޑު ކުއްޔަކަށް ދީފައިވާ ތަނެއް ، ނަސެންދުރާގެ ޖެހިގެން އުޅޭ މައްސަލައަކީ ތަނެއްކުއްޔަށް ދޭއިރު ދައުލަތަށް ފުރަތަމަ ދައްކަންޖެހޭ ފައިސާގެ މައްސަލަ
މަހާރަދުން
20 June 2019
އެޔޮއް ބޮޑު ބިމުގެ ކުއްޔަށް މަހަކު ސަރުކާރަށް ބާވީސް ހާސް ރުފިޔާ؟ މީކުއްޔެއް ތަ؟
އެޑްމުންޑޯ
20 June 2019
ކިތަންމެ ވަރަކަށް ބެލިއަސް ދެން ތިއިމާރާތާއި ދޭތެރޭ ކުރެވޭނެ އެއްވެސް ކަމެއްނޯންނާނެ ، ތިތަން ނަގަންޏަވެސް ބަދަލުދޭންޖެހޭނެ ، ތިކަމުގެ ގޯސްހެދިމީހާ އެހެރީ މިސަރުކާރުން މައުސޫމް މީހަކަށް ހަދާ ދޫކޮއްފައި ރާއްޖެއިން ބޭރަށް ފޮނުވާލާފައި ، ޓޫރިޒަމް މިނިސްޓަރށް ވަރަށް ސަލާން
މޫސަ1
20 June 2019
ދަޢުވާ ކުރަންވީ އިންވެސްޓް ކުރި ފަރާތަކަށް ނޫނެވެ. ކޮރަޕްޝަން ހިންގާ ޤައުމަށް ގައްދާރުވި މީހުންނަށެވެ.
falcon_autho
20 June 2019
ކޮރަޕްޝަނުގެ މަގުން ތަން ހޯދިމީހާގެ މައްޗަށްވެސް ދައުވާ ކުރެވެންވާނެ. އެހެންނޫނިއްޔާ ވައްކަންކޮށްގެން ނުވަތަ ގާނޫނާ ޚިލާފަށް މުދަލެއް ހޯދުމަށްފަހު އެމުދާ ވިއްކާލުމުން ގަތްމީހާ އަތުން އެމުދާ އަތުލެވޭނެ ހަމައެއް ނޯންނާނެ. މީއެހެން ގައުމުތަކުގައި ކަންހިގާ އުޞޫލެއްނޫން. އެމަތިމައްޗަށް ކިތަންމެ މީހަކު އެގަތްކަމުގައިވިޔަސް ވެރިފަރާތަށް އެމުދާ ލިބެންޖެހޭނެ.
ކައްކާ
20 June 2019
އެމްއެމްޕީއާރުސީގެ ރިޕޯޓު ޢާއްމުވިއެވެ. އެއްވެސް މީހަކަށް ދަޢުވާ ކުރިތޯއެވެ. އެ ރިޕޯޓު މިހާރު އޮތީ ކޮންތާކުތޯ ބަލާލާނެ މީހަކުވެސް ނެތްތޯއެވެ. ބުނެވޭ ގޮތުގައި އެ ރިޕޯޓުވެސް އޮތީ ހަމަ ޕީޖީ ކަމަނާގެ މޭޒުކޮޅުގައެވެ. މަބުނާނެ ވާހަކައެއްނެތް ކަމަނާ ކޮންމެސް ޤައުމު ފުޑުނަސް ތި މަޤާމުގަނޑު ދޫނުކުރާތި! އަނެއްކާ ތިހުންނެވެނީ އަންނިގެވެސް ހިމާޔަތުގައި.
ގުޑިއަރުވާ އަހަންމަދު
20 June 2019
ޕީޖީ ދަޢުވާ ނުކުރީ ބަންޑާރަ ނާއިބު އަނިލް ދިން ލަފަޔަށެވެ. އަނިލްއަކީ ޔާމީން ސަރުކާރުން ހިންގި ހުރިހާ ކޮރަޕްޝަނާއި އެހެނިހެން ކުށްތަކުގައި ތުހުމަތު ކުރެވޭ އެއް މޭސްތިރިއެވެ. ޕީޖީ ބިޝާމް ހުރެގެން ކޮރަޕްޝަންގެ މައްސަލަތަކުގައި ދަޢުވާއެއް ނުކުރެވޭނެއެވެ. އެއީ އޭނާ ވަރަށް ބިރުގަންނަ ކަމެކެވެ. ކޯޓުން ގޮތެއް ނިންމަން އޭނާ ފުރުސަތެއް ނުދޭނެއެވެ. ކިތަންމެ ވާހަކައެއް ދެއްކިއަސް ބިޝާމްއަކީ މި ސަރުކާރުގެ ފުރިހަމަ ހިމާޔަތް އޮތް މީހެކެވެ. އޭނާގެ މަޤާމެއްވެސް ނުގެއްލޭނެއެވެ.