ބެލްކަނީގެ ޝީޓު ވެއްޓުމުން ފުލުހުން ހަރަކާތްތެރިވަނީ. --ފޮޓޯ: ޝާރިފް
27 ޖޫން 2019 - 13:08
ބެލްކަނިން ބައެއް ވެއްޓިގެން ޒަހަމްވި މީހުންގެ ތެރެއިން މިވަގުތު ފަރުވާ ދެމުން އަންނަނީ އެންމެ މީހަކަށް ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އިއްޔެ އިރު އޮއްސުނު ވަގުތު ހިނގި ހާދިސާގައި ފަސް މީހަކު ޒަހަމްވެގެން ގެންދިޔަ ކަމަށެވެ. އެތަނުން ހަތަރު މީހަކަށް ފަރުވާ ދިނުމަށް ފަހު ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލައިފަ އެވެ.
ހެންވޭރު ރުއްދޮށުގޭ ދެ ވަނަ ބުރީގެ ބެލްކަނީން ބައެއް ވެއްޓިގެން ޒަހަމްވި މީހުންގެ ތެރޭގައި 16 އަހަރުގެ ކުުއްޖަކު ވެސް ހިމެނެ އެވެ،
އަފްއާލް ވިދާޅުވީ އެޑްމިޓްކޮށްގެން މިވަގުތު ފަރުވާ ދެމުން އަންނަ މީހާގެ ހާލު ސްޓޭބަލް ކަމަށެވެ. އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި އަނިޔާވީ ބެލްކަނި ވެއްޓުނު ވަގުތު އެ ދިމާލުން ސައިކަލްތަކުގެ މަތީގައި ތިބި ބަޔަކަށެވެ.
ސިޓީ ކައުންސިލާ ގުޅިގެން ޕްލޭނިން މިނިސްޓްރީން މިހާރު އަންނަނީ ބެލްކަނި ވެއްޓުނު އިމާރާތުގެ ހާލަތު ބަލަމުންނެވެ. އެއީ ވަރަށް ބޮޑަށް ބާވެފައިވާ އިމާރާތެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy