މ. ސުންބުލާގޭގެ ބާ އިމާރާތް ހުސްކޮށް ހުންނަތާ ހަތަރު އަހަރު ވެއްޖެ ކަމަށާއި އެތަން ތަޅާލަން އެއްވެސް ބަޔަކު އެހީ ނުވި ކަމަށް އެ ގޭގެ ވެރިފަރާތުން މިއަދު ބުނެފި އެވެ.
އޭނާ އެހެން ބުނީ، ފަރީދީ މަގުގައި ހުންނަ މ. ސުންބުލާގެއާ ޖެހިގެން އޮންނަ ހަނި ގޯޅިގަނޑުގެ ތެރެއަށް، އެ އިމާރާތުގެ ފުރަތަމަ ފުލޯގެ ބޭރަށް ވާ ފަޅީގައި ހުރި ކޮންކްރީޓްގަނޑެއް ވެއްޓުނު މައްސަލަ ހޫނުވެފައި ވަނިކޮށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
ހަތަރު ބުރިއަށް ހަދާފައިވާ އެ ގޭގެ ވެރިފަރާތުން ބުނީ، އެއީ ދިރިއުޅެން ރައްކާތެރި އިމާރާތަކަށް ނުވާތީ އޮކްޓޯބަރު 30، 2019 އިން ފެށިގެން އިމާރާތް ހުންނަނީ ހުސްކޮށްފައި ކަމަށާއި އޭގެ ފަހުން އެތަނުގައި އެއްވެސް ބަޔަކު ދިރިނޫޅޭ ކަމަށެވެ.
އޭނާ ބުނީ އިމާރާތް ތަޅާލަ ދިނުމަށް މާލޭ ސިޓީ ކައުންސިލާއި ހައުސިން މިނިސްޓްރީގައި ވެސް އެދުނު ކަމަށެވެ. އެކަމަކު މިހާތަނަށް ވެސް އެ އިދާރާތަކުގެ ފަރާތުން ޖަވާބެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.
"ޕްލޭނިން މިނިސްޓްރީން ދިޔަ ބަލަން، މިނިސްޓްރީއާ ވެސް ވާހަކަ ދެއްކިން އެތަން ތަޅާލެވޭތޯ. އަޅުގަނޑުމެން އަމިއްލަ އަށް ވެސް އެކި ކުންފުނިތަކާ ވާހަކަ ދައްކާފައި ވާނެ މި ތަން ތަޅާލަން. އެކަމަކު އެއްވެސް ބޭފުޅަކު އަދިއެއް އެކަމަށް އެއްވެސް ވަރަކަށް ހެލްޕެއް ނުވޭ،" އޭނާ ބުންޏެވެ.
"އަޅުގަނޑުމެންނަކީ ވަރަށް ނިކަމެތިކޮށް އުޅޭ ބައެއް. އަޅުގަނޑުމެންނަށް އެތަން ހުސްކުރަން ޖެހުނު ފަހުން، ވަރަށް ދަތި ހާލުގައި މި އުޅެނީ."
ނަމަވެސް، ސިޓީ ކައުންސިލުން މިއަދު ބުނި ގޮތުގައި، އެ އިމާރާތް ތަޅާ ނުލެވި ހުރީ ވެރިފަރާތުގެ އެއްބާރުލުން ނުލިބިގެންނެވެ. އެކަމަކު، ގޭގެ ވެރިފަރާތުން ވަނީ ސިޓީ ކައުންސިލުގެ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.
މާލޭ ސިޓީ ކައުންސިލުގެ ތަރުޖަމާން މަރިޔަމް ޝިއުނާ މިއަދު "މިހާރު" އަށް ވިދާޅުވީ އެ އިމާރާތާ ގުޅޭ ޝަކުވާ އާންމުންގެ ފަރާތުން ސިޓީ ކައުންސިލަށް ލިބުނު ކަމަށެވެ. އެ ޝަކުވާތަކާ ގުޅިގެން ސިޓީ ކައުންސިލުން އެ އިމާރާތް ބަލައި، އެއީ ދިރިއުޅެން ރައްކާތެރި ނޫން ތަނެއް ކަމަށް ކަނޑައަޅައި އެތަން ހުސްކުރަން ވެރިފަރާތަށް އެކި ފަހަރު މަތިން އެންގި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝިއުނާ ވިދާޅުވި ގޮތުގައި، ސިޓީ ކައުންސިލުން އެތަން ތަޅާލާ ނަމަ، ވެރިފަރާތުން އެ އިމާރާތް ހުސްކޮށް އެތަން ކައުންސިލާ ހަވާލުކުރަން ޖެހޭނެ އެވެ.
މި އިމާރާތުގެ މައްސަލާގައި ޕްލޭނިން މިނިސްޓްރީގެ ބަހެއް އަދިވެސް ނުލިބެ އެވެ.