ދުނިޔޭގެ އެންމެ ތުނބުޅިދިގު އަންހެނާގެ ރެކޯޑް ހޯދި ހަރްނާމް
12 ސެޕްޓެމްބަރ 2016 - 06:58
އެންމެ ދިގު ތުނބުޅިއެއް ހުރި ޒުވާން އަންހެނާގެ ގޮތުގައި އިނގިރޭސި ވިލާތަށް ނިސްބަތްވާ ސިކް ދަރިކޮޅުގެ މީހަކު ދުނިޔޭގެ ރެކޯޑް ފޮތަށް އަރައިފި އެވެ.
މޮޑެލް އަދި ކުޅިވަރު ކެމްޕެއިނާއެއްގެ ގޮތުގައި މަސައްކަތްކުރާ ހަރްނާމް ކޯރް، 24، ގެ ތުނބުޅީގައި ހަ އިންޗި އެބަހުއްޓެވެ.
އޭނާ ބުނި ގޮތުގައި ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބުމުން ވަރަށް އުފާވި އެވެ.
ރެކޯޑް ފޮތުން ޖާގަ ހޯދުނަސް މިކަމުން ހަރްނާމް އަށް ގިނަ ބައެއްގެ ބުލީ ކުރުމާއި މަލާމާތާ ކުރިމަތިވެފައިވެ އެވެ.
މިއަހަރަކީ ހަރްނާމް އަށް ވަރަށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ލިބެމުންދާ އަހަރެކެވެ. މިއަހަރުގެ މާޗް މަހު އޮތް ލަންޑަން ފެޝަން ވީކްގައި ހަރްނާމް ވަނީ ބައިވެރިވެފަ އެވެ. އޭނާ އަކީ އެ ފެޝަން ޝޯގައި ބައިވެރިވި ތުނބުޅިލީ ފުރަތަމަ އަންހެނާ އެވެ.
ހަރްނާމް އަކީ ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް ހުންނަ މީހެކެވެ. މިއީ ހޯމޯން މައްސަލަ އެކެވެ. މިކަމުގެ ސަބަބުން އަންހެނުންގެ މޫނުމަތީގައި އާދަޔާޚިލާފަށް ގިނައިން އިސްތަށިފަޅަން މެދުވެރިވެ އެވެ.
ސޯޝަލް މީޑިއާގައި ހަރްނާމް އަމިއްލައަށް އޭނާ ސިފަ ކުރަނީ ބިއާޑަޑް ޑޭމް، ބޮޑީ ކޮންފިޑެންސް އެކްޓިވިސްޓް، އެންޓި ބުލީ އެކްޓިވިސްޓް، ޕްލަސް ސައިޒް މޮޑެލް ފަދަ ނަން ނަމުންނެވެ. އޭނާ އާއްމުކޮށް ހުންނަނީ ސިކް މީހުން އަޅާ ފަގުޑިއެއް ބޮލުގައި އަޅައިގެންނެވެ.
ހަރްނާމް ބުނަނީ އޭނައަކީ ދުނިޔޭގެ ރެކޯޑް ފޮތުގައި ނަން އޮތް މީހެއްކަމަށް މިހާރު ފަޚުރުވެރިކަމާ އެކު ބުނާ ކަމަށެވެ. އަދި މި ހުރިހާ ދުވަހު މި ޚަބަރު ސިއްރުކޮށްގެން ހުރީ އެ ފޮތް ޗާޕްކޮށްގެން ނެރެންދެން ކަމަށް ވެސް އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy