ރިޕޯޓް / ވަޒީފާ

ވަޒީފާ ނެތި، މައިންބަފައިންގެ އެހީގައި އުޅޭ ޒުވާނުން!

އެމްޓީސީސީގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ ގޮތުން އެތަނުގެ މުވައްޒަފުން މައުލޫމާތު ދެނީ: ވަޒީފާ އަދާ ނުކުރާ ޒުވާނުން ގިނަ .---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ރާއްޖޭގެ އާބާދީ ފަސް ލައްކައަށް އަރައިފި އެވެ. ޒުވާނުންގެ އާބާދީ މަތިވެ، މަސައްކަތް ކުރާ މީހުންގެ އަދަދު އިތުރު ވެއްޖެ އެވެ. ދިވެހިންގެ ގިނަ މަސައްކަތުގައި ބިދޭސީން ހިފައި، އެ މީހުންގެ އާބާދީ ވެސް ހީނުކުރާ މިންވަރަށް މައްޗަށް ހިނގައްޖެ އެވެ. އެކަމަކު އެންމެ ބޮޑު އެއް މައްސަލަ އަދިވެސް އޮތީ އެވެ.

ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ދެއްކެވި ވާހަކަފުޅުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެކަން ފާހަގަކުރައްވައިފަ އެވެ. ރާއްޖޭގެ މަސައްކަތް ކުރާ އުމުރުގެ އާބާދީ ބޮޑުވުމާ އެކުގައި ވެސް، އަދިވެސް މައިންބަފައިންގެ އެހީގައި ދިރިއުޅޭ ޒުވާނުންގެ ނިސްބަތް މަތިވުމެވެ. ރާއްޖެ ހޯދާ ތަރައްގީގައި، ލިބޭ އާމްދަނީގައި ހިއްސާ ނުވާ ބަޔަކު ތިބުމެވެ. ރައީސް އެކަން ފާހަގަކުރެއްވީ އިގްތިސޯދަށް ލޮޅުން އަރާނެ ކަމެއްގެ ގޮތުގަ އެވެ.

ސިވިލް ސާވަންޓުންތަކެއް ވެލާނާގޭ ބިލްޑިން ކައިރީގައި - ފޮޓޯ: ނިޝާން އަލީ/މިހާރު

"ވަޒީފާއަށް ދިޔުމުގެ ބޭނުމެއް ނެތް"

އާއިލާއާ އެކު އުފަން ރަށުގައި ދިރިއުޅޭ އުމުރުން 23 އަހަރުގެ މުހައްމަދު ފަރީދު (އަސްލު ނަމެއް ނޫން) އޭލެވެލް ނިންމުމަށް ފަހު ދެ ވަޒީފާއަކަށް ދިޔަ އެވެ. ސަރުކާރު އޮފީހެއްގެ އިތުރުން، އަމިއްލަ ކުންފުންޏެއްގައި ވެސް މަސައްކަތް ކުރި އެވެ. އެކަމަކު އެއިން އެއްވެސް ތަނެއްގައި އޭނާ ހަރުލާ ގޮތް ނުވީ، ޝައުގުވެރިކަން ނެތުމުންނެވެ. ތިން ވަނަ ފަހަރަށް ވަޒީފާއަކަށް ކުރިމަތިނުލީ އޭގެ މާ ބޮޑު ބޭނުމެއް އޮތް ކަމަށް ނުދެކޭތީ އެވެ.

"ވަޒީފާ އަދާކުރުން އަދި އަހަންނަށް އެހާ މުހިއްމެއް ނޫން. އަމިއްލަ މާ ބޮޑު ހަރަދުތަކެއް ހުރީކީ ނޫން. ދެން ކޮންމެހެން އެއްޗެއް ގަންނަން ބޭނުން ވެއްޖެ ނަމަ މަންމަމެން އެބަ ގަނެދޭ. އެހެންވެ، ގޭގައި މަޑުކޮށްލައިގެން ހުރީ،" ފަރީދު ބުންޏެވެ.

"އެކަމަކު ހިތްހަމަޖެހޭ ކަހަލަ ޖޮބެއް ލިބިއްޖެ ނަމަ ނުދާނަމެކޭ ނޫން."

މާލެއަށް އުފަން އައިޝަތު ޒީނާގެ ވިސްނުމަކީ ވެސް އެއީ އެވެ. ޑިގްރީ ފެންވަރަށް ކިޔަވައިގެން ހުރި ނަމަވެސް އޭނާ ބޭނުންވި ފަދަ ވަޒީފާއެއް ނުލިބުނެވެ. ކުރިމަތިލި ހަމައެކަނި ވަޒީފާ ހާއްސަކުރީ ސިޔާސީ މީހަކަށެވެ. ތައުލީމީ ގޮތުން އޭނާއަށް ވުރެ ދަށް އަދި ޝަރުތު ހަމަނުވާ މީހަކަށް އެ ވަޒީފާ ދިނުމަކީ ވަޒީފާ މަތިން ފޫހިވި ސަބަބެކެވެ.

"އެހެންވެ ގޭގައި މި ހުންނަނީ. އަދި ވަޒީފާއަކަށް ދިޔުމުގެ ވިސްނުމެއް ނެތް،" ޒީނާ ބުންޏެވެ.

ކުރިއަށް ދާނެ މަގު ކިޔައިދިނުން މުހިއްމު

ވަޒީފާއާ ބެހޭ މައުލޫމާތު ދިނުމަށް، ޔޫތު މިނިސްޓްރީން ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ފެއާއެއް ---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ގޭބިސީގެ އާމްދަނީ އާއި ހަރަދު ކުރި ގޮތް ދެނެގަތުމަށް، 2016 ގައި ހެދި ދިރާސާއިން ދައްކާ ގޮތުގައި އިގްތިސޯދީ ގޮތުން ހަރަކާތްތެރިނުވާ ނުވަތަ ވަޒީފާ އަދާނުކުރާ މީހުންގެ އަދަދު 111،604 އަށް އަރަ އެވެ. މީގެ ތެރެއިން 87،000 އަށް ވުރެ ގިނަ މީހުންނަކީ ވަޒީފާއެއް ހޯދަން މަސައްކަތް ނުކުރާ ނުވަތަ ވަޒީފާ ނުލިބިގެން އުޅޭ މީހުންނެވެ.

ޒުވާނުންގެ ތެރޭގައި މަސައްކަތް ނުކުރާ އަދި ތައުލީމާއި ތަމްރީނުތަކުގައި ނޫޅޭ އާބާދީ (ނީޓް ރޭޓް) ވެސް މައްޗެވެ. ރާއްޖޭގެ ޒުވާނުންގެ ނިސްބަތް 36 ޕަސެންޓަށް އަރާއިރު، މީގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކުރާ އަދި ތައުލީމު ހާސިލް ނުކުރާ މީހުންގެ އަދަދު އުޅެނީ 29 ޕަސެންޓުގަ އެވެ. އެއީ 17 ޕަސެންޓް ފިރިހެނުންނާއި 39 ޕަސެންޓް އަންހެނުންނެވެ.

ނީޓް ރޭޓުގައި އެންމެ ގިނައީ އުމުރުން 15 އަހަރާއި 19 އަހަރާ ދެމެދުގެ ޒުވާނުންނެވެ.

ރައީސް ވިދާޅުވާ، "އާމްދަނީ ލިބޭނެ މަސައްކަތެއް ނުކޮށް، މައިންބަފައިންގެ މޯހިރަށް ދިރިއުޅުން ދޫކޮށްލައިގެން އުޅޭ ޒުވާނުން" ބޮޑަށް ފެތެނީ މި ކެޓަގަރީއަށެވެ.

ކެރިއާ ގައިޑެންސް ކައުންސިލަރެއް ކަމަށްވާ އައިޝަތު ސާދާ ވިދާޅުވި ގޮތުގައި މި ފަދަ ޒުވާނުންގެ ވިސްނުން ގިނަ ފަހަރަށް ހުންނަނީ މުސްތަގްބަލަށް ވުރެ އެ ވަގުތާ މެދު އެވެ. މައިންބަފައިންގެ ފަރާތުން ފައިސާ ލިބޭ ކަމަށް ވާ ނަމަ، ވަޒީފާ އަދާކުރުމުގެ ބޭނުމެއް އެ މީހުންގެ އޮތް ކަމަކަށް ނުދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ސައިކަލްގައި ދަނީ: ސަރުކާރުގައި މަސައްކަތް ކުރުމަށް ގިނަ ޒުވާނުން ބޭނުންވޭ - ފޮޓޯ: ނިޝާން އަލީ / މިހާރު

"ބޭނުންވާ ވަޒީފާ ނުލިބިއްޖެ ނަމަ އެހާ ހިސާބުން އެ މީހުން ގިވްއަޕްކޮށްލާ. ދެން ބޭނުމެއް ނުވޭ މަސައްކަތެއް ކުރާކަށް ވެސް. މައިންބަފައިންގެ ފަރާތުން ފައިސާ ލިބި ނުވަތަ އުޅެވޭނެ ގޮތް ހުރެއްޖެ ނަމަ ވަޒީފާ އަދާކުރުމުގެ ބޭނުމެއް އޮތް ކަމަކަށް އެ މީހުން ނުދެކޭ،" އޭނާ ވިދާޅުވި އެވެ.

ސާދާ ވިދާޅުވި ގޮތުގައި ޒުވާނުންގެ އެ ފަދަ ވިސްނުން އުފެދެނީ ސްކޫލު ނުވަތަ ކޮލެޖުގައި އެކަށީގެންވާ ވަރަށް ކެރިއާ ގައިޑެންސް ލިބިފައި ނުވާތީ އެވެ. ސްކޫލު ނިންމުމަށް ފަހު ވަޒީފާގެ މާހައުލަށް ނުކުންނައިރު، ދެން ދާންވީ ދިމާ ގިނަ ކުދިންނަށް ނޭނގޭ ކަމަށާއި އޭގެ ސަބަބުން ވަޒީފާއަށް ދިޔުމާ މެދު ފޫހިކަމެއް އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސްކޫލު ނިންމުމަށް ފަހު މި ނުކުންނަނީ ވަރަށް ތަފާތު މާހައުލަކަށް. އޯލެވެލް ނިންމާފައި ވަޒީފާ ހޯދަން ނުކުންނައިރު ކުދިންގެ ވިސްނުން ވަރަށް ސެންސިޓިވް ވާނެ. އެހެންވެ، އެ މީހުން ބޭނުންވާ ވަޒީފާ ނުލިބުން ނުވަތަ ދާނެ ވަޒީފާއެއް ނޭނގުމަކީ ވަޒީފާ އަދާކުރުމުގެ މަގްސަދާ މެދު އެ މީހުން ސުވާލު އުފައްދާނެ ކަމެއް،" ގިނަ ޒުވާނުންނަށް ދިމާވާ މި މައްސަލައާ ގުޅޭ ގޮތުން ސާދާ ވިދާޅުވި އެވެ.

އާބާދީއާ ގުޅޭ ގޮތުން އެންމެ ފަހުން ހެދި ދިރާސާއިން ދައްކާ ގޮތުގައި ވަޒީފާ އަދާނުކުރާ މީހުންގެ ތެރޭގައި ގިނައީ ޒުވާނުންނެވެ. އޭގެ ތެރެއިން ވެސް މި ނިސްބަތް އެންމެ މަތީ އުމުރުން 15-17 އަހަރާ ދެމެދުގެ ކުދިންގެ އެވެ. ދެން އެންމެ ގިނައީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ. މިއީ ރާއްޖޭގެ ރިޓަޔަމެންޓް އުމުރެވެ. ވަޒީފާ އަދާނުކުރާ ލައްކައަކަށް ވުރެ ގިނަ މީހުންގެ ތެރެއިން، ގިނަ އަންހެނުން ވަޒީފާ އަދާނުކުރަނީ ގޭތެރޭގެ މަސައްކަތް ކުރަން ޖެހުމާއި ކުދިން ބަލަން ޖެހޭތީ އެވެ. ގިނަ ފިރިހެނުން ވަޒީފާ އަދާނުކުރަނީ ކިޔެވުމާއި ތަމްރީނުތަކުގައި އުޅެން ޖެހޭތީ އެވެ.

ލިބިފައިވާ ތައުލީމާ އެއްވަރުގެ ވަޒީފާއެއް ނުލިބުމާއި ދިރިއުޅޭ ރަށުގައި އަދާކުރާނެ ވަޒީފާއެއް ނެތުން ވެސް ސަބަބުތަކުގެ ތެރޭގައި ހިމެނެ އެވެ.

ވަޒީފާ އަދާނުކުރާ މީހުންގެ ތެރެއިން، މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުރި އަދި މަސައްކަތެއް ލިބިއްޖެ ނަމަ އެކަން ކުރާނެ ކަމަށް ބުނާ މީހުން (ޕޮޓެންޝަލް ލޭބާ ފޯސް)ގެ އަދަދު އުޅެނީ 24،000އަށް ވުރެ މަތީގަ އެވެ. މީގެ ތެރެއިން 73 ޕަސެންޓް މީހުންނަކީ އަންހެނުންނެވެ. ރަށްރަށުގައި މި ފަދަ މީހުން ގިނަ އެވެ.

މިއީ މަސައްކަތުގެ މައިދާނަށް ފަސޭހައިން ނެރެވިދާނެ ބައެކެވެ. އެކަމަކު އެކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޑިމާންޑާ އެއްވަރަށް ވަޒީފާ އުފެދިފައި ނެތުމެވެ. ސަރުކާރުގެ ވަޒީފާއަކަށް އިއުލާންކޮށްލާއިރު، އެކަމަށް އެދި ކުރިމަތިލާ މީހުން ސަތޭކައިން ގުނާލެވެ އެވެ. އެހެންވެ، އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކުން ވަޒީފާ އުފެއްދުމަކީ އެއް ހައްލެވެ. އަނެއް ހައްލަކީ މައިންބަފައިންނަށް ބަރޯސާނުވެ، ވަޒީފާއެއްގައި އުޅުމުގެ އާދަ ޒުވާނުންގެ މެދުގައި އަށަގެންނެވުމެވެ.

111 ކޮމެންޓް, 53 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 34%
icon angry icon angry 58%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޣގގގ

25 July 2019

ބިދޭސީނ ގިނަވުމަކީ އެންމެ ބޮޑު މައްސަލަ

The name is already taken The name is available. Register?

ސުޓާފުން

23 July 2019

ޢައި ޖީ އެމް ހޮސްޕިޓަލް ގަ ވެސް ވަޒީފާ އެބަހުރި އެކަމަކު ކީއްކުރާނީ ، ކުފޫހަމަ ނުވާ މީހުން ތަންތަނައް ލައިގެން އުޅެނީ

The name is already taken The name is available. Register?

ނިކަމެތިގަނޑު

28 July 2019

ކުފޫ ހަމަވަނީ އެއިރެއްގެ ސަރުކާރަށް ތާޢީދު ކޮށް ޕާޓީ އާ ހެދި ދަންޖެހޭ މީހުން.

The name is already taken The name is available. Register?

ރައީސޫ

23 July 2019

ރާއްޖޭގައި ވަޒީފާ އޮތީ ރިސޯޓުތަކުގައި. އެތަންތާގެ އެކޮމޮޑޭޝަންގެ ހާލަތު ރެގިއުލޭޓެއް ނުކުރޭ. ކޮންމެ ސާޅީސް މީހަކަށް 2 ފާހާނާ ހުންނަތަންތަން ވެސް އެބަހުރި. މުސާރަތަށް ފެށެނީ 150 ޑޮލަރުން. ޓެކްސްއަށް މަކަރު ހަދާތީ ތަނަށް އަސްލު ލިބޭ ފައިދާ އެއް ނޭނގެ. ވީމާ ސަަވިސް ޗާޖު އޮޅޭ. ވަޒީފާތަށް މިހާރު އިއުލާނު ކުރަނީވެސް ބޭރު ގައުމުތަކުގައި. މިހިރީ ހުސް ބޮޑެތި ގޮންޖެހުން ވަޒީފާ ބޭނުންވާ ޒުވާނުނަށް. ގޯސްވާނީ އެކަމަކު ޒުވާނުން.

The name is already taken The name is available. Register?

ކިނބޫ

22 July 2019

ވަޒީފާ ނެތި މައިންބަފައިންގެ އެހީގައެއްނު އުޅޭނީ ދައްތާ! ވަޒީފާގަ އުޅޭ މީހުންނަށް ދައްތަމެންގެ ސަރުކާރުން ހާދަ ވަރަކަށޭ ވަޒީފާގެ ބިރު ދައްކަނީ. އަހަރުމެން ބިރުގަނޭ ވަޒީފާ ދެކެ.

The name is already taken The name is available. Register?

ގަޓް ބްރޯ

22 July 2019

މިއުޅެނީ ޒުވާނުންގެ ވިސްނުމުގެ މައްސަލައެއް. ކަންކަމާ ކެރިގެން ކުރިމަތިލީމަ ހީވެސްނުކުރާހާ ރަނގަޅު ވަޒީފާ ލިބޭކަން އަމިއްލަ ތަޖުރިބާއިންވަނީ ސާބިތުވެފަ. ސިޔާސީ ކަންކަމުގަވެސް ކުރިޔަށް ދެވޭނީ މީހުނާ ގުޅިގެން އުޅެން ދަސްކޮށްގެން. ނަމުގެ ކުރިޔަށް ޑރ. ކިޔާ ކިތަންމެ ބަޔަކު ސިޔާސީ މައިދާނުން ފެއިލްވެފަ އެތިބީވެސް އަނެކުންގެ އިހުސާސްތަކަށް އިހުތިރާމް ނުކޮށް "މަމޮޅު" ހެދިގެން އުޅޭތީ.

The name is already taken The name is available. Register?

ކުކޫ

22 July 2019

މިި ހަބަރަށް ކޮމެންޓްކުރަންވެސް މީހަކަށް ވަޒީފާ ދީފަ ހުރިިހެން އެބަ ހީވޭ.

The name is already taken The name is available. Register?

ޙަސަންއަލީ

22 July 2019

ވަޒީފާތަކުން ކުޅަދާނަ ރަނގަޅު ޒުވާނުން ވަކިވާންޖެހެނީ އޮފީސްތަކުގެ މެނޭޖްމެންޓް ލެވެލްގައި ނާގާބިލް ވެރިން ގިނަވުމުން.

The name is already taken The name is available. Register?

ތެެދު

29 July 2019

އަސްލުވެސް ރަނގަޅު ވާހަކައެއް. ކިތައްމެ ރަނގަޅަށް އުޅުނަސް އެކަން ބަަލައެއްނުގަނޭ... ވެރިންގެ އަޅުންނަށް ވާންޖެެހެނީ.. އަދި ވަޒީފާ އަދާކުރާ މާހައުލުގަ ރަައްކާތެރިކަމެއް ނޯވޭ. އަހުލާގުދަށް ފިރިހެން މުވައްޒަފުން ފޮށިހަދާއިރުވެސް މެނޭޖެމަންޓް އިން ފިޔަވަޅެއް ނާޅާ.

The name is already taken The name is available. Register?

ފެނިސާބިތުވެފައޭ

22 July 2019

ރައީސް ޔާމީން ވެރިކަން ނިމި ނިމި އޮތްވާ ބޯވަ ދިލަ މަސް ކަނޑުގައި ދުވަމުން ގޮސް އެސޮރު ގުއި ކަނޑަށް ދުއްވާލާ އުސޫލުން ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ކަނޑުކޮސް އުސޫލުން އެމެން މާލެ ސަރަަހައްދުން ފްލެޓްްސް ތަކަށް އެދުނު އެންމެންނަށް ފްލެޓްސް ލިބޭނެ ކަމުގެ ލިޔުން ހަވާލު ކުރަން އިއުލާން ކުރުމުން އެކަމަށް އެދި އެއްފަހަރާ ހައުސިންގް މިނިސްޓްރީ އަށް ދިޔަމީހުންގެ ޑެންސިޓީ ބޮޑު ކަން އެއޮތީ ރާއްޖޭގެ އިގްތިސާދާއި އަދި ވަޒީފާ އުފައްދަން ޖެހޭނެ ލޮކޭޝަން

The name is already taken The name is available. Register?

ނުދޭންވެގެންނޭ

22 July 2019

މައިންބަފައިންގެ އެހީގައި ފުރަ މާލޭގަައި ދިވެހި ޒުވާނުންގެ ބޮޑު އާބާދީ އެއް އޮތް އިރު މިރާއްޖޭގެ ޓޫރިޒަމް މިނިސްޓަރާއި އަދި ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން އަޑު އަހަނީ މަޓީގެ ބޮޑުން ދައްކާ މަކަރާއި ހީލަތާއި އޮޅުވާލުމުގެ ވާހަކަ ތަކޭ ޗަންޕާ މެން ގާތުން އަހާބަލަ އެޗްއާރުގެ ބޮޑަކަށް ބޭރު ދޮން މީހަކު މަހަކު 10 ހާސް ޑޮލަރު ހަމައެކަނި ރެމިއުނިރޭޝަން އަށް ދީގެން ބަހައްޓަނީ އެއީ ދިވެއްސަކު އެމަގާމަށް ނުލިބިގެންތޭ ނޫންދޯ އެއީ ސީދާ ދިވެހިންނަށް ވަޒީފާ

The name is already taken The name is available. Register?

އަލީ ރާޖާ

22 July 2019

ރާއްޖޭގަ ނިސްބަތުން ރަނގަޅު އެއްޗެއް ލިބޭ ފޯސީޒަންސްގެ ދެރިސޯޓުގަ ދިވެހިންނަށް އަދާ ކުރެވޭ ސްޓެވާޑްއިން ރޯމްބޯއީން ބަގީ ޑްރައިވަރުންގެ ވަޒީފާއަށް ގެނެސް އެފުރާލަނީ އިންޑިއާ މީހުން. މިވެރިކން މިއޮތީ އިންޑިއާއަށް ގޮސް ހުސްވެފަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454