އެފްއައިޔޫގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފް މާލިއްޔަތު ކޮމިޓީގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. ގަވަރުނަތު އޭނާއަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވި. ފޮޓޯ:ހުސައިން ވަހީދު/މިހާރު
23 ޖުލައި 2019 - 00:06
މަރުކަޒީ ބޭންކް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ ވެރިއަކަށް ކުރިން ހުންނެވި އަބްދުﷲ އަޝްރަފަށް އެ ބޭންްކްގެ ގަވަރުނަރު އަހުމަދު ނަސީރު މިއަދު ބޮޑެތި އާ ތުހުމަތުތަކެއް ކުރައްވައިފި އެވެ.
ނަސީރަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް އަޝްރަފް ފޮނުއްވި ސިޓީއަކާ ގުޅިގެން އެ ދެ ބޭފުޅުންނާ ވެސް ކޮމިޓީން މިއަދު ބައްދަލު ކުރި އެވެ. ތިން ގަޑިއިރަށް ވުރެ ދިގުލައިގެން ދިޔަ އެ ބައްދަލުވުމުގައި ފުރަތަމަ ސުވާލުކުރީ އަޝްރަފާ އެވެ. އެއަށް ފަހު ނަސީރުއާ ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ އަޝްރަފަށް ކުރެއްވި އެއް ތުހުމަތަކީ އެފްއައިޔޫގެ ޑޭޓާބޭސްގެ ތެރެއަށް ބޮޓެއް ލައި އޭގެ ޒަރިއްޔާއިން ޓެލެގްރާމް ގްރޫޕަކަށް މައުލޫމާތު ބޭރުކުރަމުން ދިއުމުގެ ތުހުމަތެވެ.
އަޝްރަފް މަގާމުން ދުރުކުރަން ނިންމެވި ސަބަބާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނަސީރު ވިދާޅުވީ އަޝްރަފް އެފްއައިޔޫގެ ވެރިއަކަށް ހުންނެވި އިރު ވެސް އެ ޔުނިޓްގެ މައުލޫމާތުތައް ބޭރަށް ލީކްވަމުންދާ ކަމަށް ޝައްކު ކުރެވުނު ކަމަށެވެ. އެހެންވެ އެ ޔުނިޓްގެ ތެރެއަށް ބޮޓެއް ލާފައި އިން ކަން އެނގުނީ އޭނާ މަގާމުން ދުރުކުރި ފަހުން ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ.
"ޑޭޓާބޭސްގެ ތެރެއަށް ލާފައި އިން ބޮޓަކުން މައުލޫމާތު ފޮނުވަމުން ދިޔައީ ޓެލެގްރާމްގައި ހަދާފައި އިން ގްރޫޕަކަށް."
ނަސީރު ކުރެއްވި އަނެއް ތުހުމަތަކީ އެފްއައިޔޫ ހަރުދަނާ ކުރަން ނަސީރު އަޅުއްވަން އުޅުއްވި ފިޔަވަޅުތަކަށް އަޝްރަފް އެއްބާރުލުން ނުދެއްވުމެވެ. އެގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ އެހީގައި ޕްރޮގްރާމެއް ހިންގަން ޓާމްސް އޮފް ރިފަރެންސެއް ތައްޔާރު ކުރަން އަޝްރަފަށް ދެންނެވުމުން އެކަން ނުކުރައްވައި ހަތަރު މަސްދުވަސް ހޭދަ ކުރެއްވި ކަމަށް ވިދާޅުވި އެވެ. އައިއެމްއެފްގެ ފަންނީ ޕްރޮގްރާމަށް އަޝްރަފް އެއްބާރުލުން ނުދެއްވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އެފްއައިޔޫ ވަރުގަދަ ކުރަން ޖެހިފައި އޮއްވާ ކަން ނަސީރު ފާހަގަ ކުރެއްވި އެވެ.
އެމްއެމްއޭގެ ގަވަރުނަރު ނަސީރު (މ) ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް މިއަދު ޖަވާބުދާރީވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
"ދިވެހިރާއްޖޭގައި ނުހިނގާ ވަރުގެ ބޮޑު އެމްބެޒެލްމަންޓެއް ހިނގާފައި އޮއްވައި އަދި އެކަމުގައި އެފްއައިޔޫ އާއި އެމްއެމްއޭގެ އިހުމާލެއް ވާ ކަމަށް މުޅި މީޑިޔާ އާއި ސިޔާސީ ބޭފުޅުންނާ އެތައް ބަޔަކު އެ ވާހަކަ ދައްކަވަމުން ދަނިކޮށް އަޅުގަނޑަށް މި މަގާމާ ހަވާލު ވެވުނީ،" އެފްއައިޔޫ ހަރުދަނާ ކުރަން ކުރެއްވި މަސައްކަތާ ބެހޭ ގޮތުން ދެއްކެވި ވާހަކަ ފައްޓަވަމުން ނަސީރު ވިދާޅުވި އެވެ.
ނަސީރު ވިދާޅުވީ އައިއެމްއެފްގެ އެހީ އެފްއައިޔޫ އަށް ހޯއްދަވައިދެއްވީ އޭގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
އެފްއައިޔޫ ހަރުދަނާ ކުރުމަށް އައިއެމްއެފްގެ ކޮންސަލްޓެންޓެއް ހޯދުމުން އޭނާގެ އެހީތެރިކަން އަޝްރަފް ބޭނުން ނުކުރެއްވި ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ.
"ހަމަ ތިން ހަތަރުމަސް ވެގެން ދިޔަ އިރު ވެސް އެޔަކަށް ވެސް އިޖާބައެއް ލިބިފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.
އަޝްރަފް މަސައްކަތް ކުރައްވާ ގޮތް ބައްލަވައި ވަޒަންކުރައްވަން ފެއްޓެވީ ނަސީރު ވިދާޅުވި ގޮތުގައި އެ ހިސާބުންނެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ބޭންކްތައް މެދުވެރިކޮށް ނަގަމުން ދިޔަ އިރު އެކަން ހުއްޓުވުމުގައި އެފްއައިޔޫ ނުކުޅެދުނީ ކީއްވެތޯ މެމްބަރުން އަޝްރަފާ ވެސް ސުވާލު ކުރެއްވި އެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ އެފްއައިޔޫ އަށް ބޭނުންވާ ރަނގަޅު ފެންވަރެއްގެ ޑާޓާބޭސް އެއް ގާއިމް ނުުކުރެވުނީ ބަޖެޓްގެ ތާށިކަމުން ކަމަށެވެ. އެކަމަކު ނަސީރު ވިދާޅުވީ އެމްއެމްއޭ އަށް ބަޖެޓްގެ ތާށިކަމެއް ނެތް ކަމަށާއި ދުނިޔޭގެ އެންމެ އަގުބޮޑު ޑާޓާ ބޭސް ގަންނަން އުޅުނު ނަމަވެސް ގަނެވުނީސް ކަމަށެވެ.
އެފްއައިޔޫގެ ކުރީގެ އިސްވެރިޔާ އަޝްރަފް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް މިއަދު ޖަވާބުދާރީވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ނަސީރު ކުރެއްވި އަނެއް ތުހުމަތަކީ އެފްއައިޔޫގައި އަޝްރަފް އަދާކުރެއްވި މަގާމުން ވަކިކުރި ފަހުން ވެސް އެ ޔުނިޓްގެ މައުލޫމާތުތަކަށް އޭނާ ވެދެވަޑައިގަންނަވަމުން ދިޔަ ކަމުގެ ތުހުމަތެވެ.
"އެކަމާ ގުޅޭ ގޮތުން އަޅުގަނޑުމެން މިހާރު މިއޮތީ އަޝްރަފްގެ ބަޔާން ވެސް ނަގާފައި،" އޭނާ ވިދާޅުވި އެވެ.
އެ ހުރިހާ ތުހުމަތުތަކެއް ކުރެވޭ އިރު އަޝްރަފް އަދިވެސް އެމްއެމްއޭގެ މަގާމެއްގައި ބަހައްޓާފައި ހުރީތީ ކީއްވެތޯ މެމްބަރުން ތަކުރާރުކޮށް ސުވާލު ކުރެއްވި އެވެ. ނަސީރު ވިދާޅުވީ އަޝްރަފަކީ އެފްއައިޔޫގެ ވެރިކައަށް ކަމުނުދިޔަ ނަމަވެސް އެމްއެމްއޭއިން ބޮޑު ހަރަދެއް ކޮށްގެން ތަމްރީނުކޮށްފައިވާ ބޭފުޅަކަށް ވާތީ އޭނާގެ ބޭނުން ހިފޭނެ މަގާމެއް ދެއްވީ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މމއފ
23 July 2019
މިމައްސަލަތަކަށް މިސްޕީޑަކު ނުބެލޭނެ ތިހުރިހާ ކަމެއް ވަރަށް ފަސޭހައިން ބެލޭނެ މިލިޓަރީ ކޯޓެއް ހުޅުވާ އެހެންނޫނީ ތިޔަ ސްޕީޑުން 5 އަހަރު ކީއްކުރަން 50 އަހަރުންވެސް ނުވާނެ.
ބޮޑުމީހާ
23 July 2019
ތިދެމީހުންގެ ވާހަކައިން އެދެމީހުންވެސް މިކަމުގައި ބައިވެރިވެފައިވާކަމަށް އިއުތިރާފްވެފަ އެއޮތީ. ޕޮލިހުން އަވަހަށް ތަހުގީގުކޮށް ކޯޓަށް ފޮނުވާ..ކުޑައިން ބޮޑަށް އެންމެންނަށް އަދަބު ލިބުނީމަ ރައްޔިތުންނަށް އިންސާފުލިބޭނީ
ރިޝްވާން
23 July 2019
އަޝްރަފް ވަނީ ވަރަށް ސާފުކޮށް ދިވެހި ރައްޔިތުންނަށް ޚިޔާނަތްތެރިވެފަ. މަގޭ ހިތައް އަރާ އަދިވެސް މި ގަވަރުނަރު އޭނަ ވަޒީފާގައި ބަހައްޓަނީ ކީއްވެގެންބާއޭ. ކޮރަޕްޝަން ހުއްޓުވަން އަޝްރަފު ކުރިކަމަކީ 'ގަވަރުނަރު' މަގާމު ލިބޭ ގޮތަށް އިންތިޚާބުތެރޭ ރިޕޯޓެއް ސިޔާސީ މީހެއްގެ ލަފަޔަކަށް ޕޮލިހަށް ފޮނުވުން. މިހާރު ގަވަރުނަރުކަން ނުލިބުނީމަ މި ތެޅި ފޮޅެނީ
ސަރުކާރު ތުހުމަތު
23 July 2019
މިސަރުކާރު ގެނެސްގެން ދިވެހިން މިނަގާލަނީ 5 އަހަރު ތަރައްގީ ނުވެ މީހުންނަށް ސަރީއަތް ކުރާށާއި ތުހުމަތު ކުރުމުގައި!
ފޯމީ
23 July 2019
ކުޑަހުވަދޫގެ އަހަރެންދަންނަ ތިރީސްމީހުން ނަސީރުއާއި އެކުގަތިބިން. އެއީ އެކަމަކު އެންމެ 30 މީހުން. އެއް ޕަސެންޓު ނުވަތަ އެއްވުރެންވެސް ދަށް. މަހުޖަނުން.
ޒިރާރު
23 July 2019
ނަސީރަކި މަޖްލީހުގެ 19 ވޯޓުން ކޯރަމް ހަމަނުވަނީ ނުގަވައިދުން ހޮވި ގަވަނަރެއް. އެކަން ބަލަންވެއްޖެއެއްނު؟ އަދި މުޅި އެމެއެމްއޭގެ ނަމުގައި އޭނަގެ ދިފާއުގަ ބަޔާނެއްނެރެފި، އެވެސް އޭނަ އަމިއްލަައަށް ކުރުވި ކަމެއް. އެކަންވެސް ބަލަންޖެހޭ. މިނިވަން މުއައްސަސާއެކޯ އެކަމަކު! ބޮޓެއްލީޔާމުން އައިޓީ ސެކިއުރިޓީ މީހުންވެސް ޒިންމާވާންޖެހޭ!
ރެކިދިޔެ
23 July 2019
ސާބަހޭ އެއީ ޑޭޓާބޭސް ތެރެޔަށް ލާފަ އޮތް އެއްޗެއްތަ؟ ތިވާނީ ޓެލެގްރާމް ބޮޓެއް ކަމަށް، ހިޓެއް އައިސިއްޔާ ވަގުތުން އެލާޓްވާ ގޮތަށް. މި ގަވަރުނަރު ވަރަށް ޒާތީވެފަ މިހުރީ ދޯ. މީނަ މިކިޔާ އެއްޗަކުން ހީވަނީ ޑޭޓާބޭސް އަކީ އޮޅާލާފަ އޮތް ކުނަލެއްހެން ދޯ.
އަހުމަދު ވަހީދު
23 July 2019
ދަވްލަތުގެ އެފަދަ މަގާމް ތަކުގަ ތިބޭ މީހުން ދައުލަތުގެ ސިއްރުތައް ތިމާއަށް ތިމާއށް ފައިދާ ލިބިދާނެހެން ހީވާހާ ގޮތްގޮތައް ހާމަ ކުރުމަކީ ގަވްމައް ޣައްދާރުވުން
އެމްސް
23 July 2019
ބޭންކްތަކާއި އެމްއެމްއޭވެސް ގުޅިގެން ކޮށްފަ އޮތް ކަމެއް، އިޙުމާލުވާމީހުންނަށް ޝަރީޢަތް ކުރެވެން ވާނެ!
ބުރަހް
23 July 2019
ކޮރަޕްޝަނާ ދެކޮޅަށް ހުރަހުގެ ގޮތުގައި ބައިތިއްބާފައި ތިބި މި މީހުން ކޮރަޕްޝަނުގައި ބައިވެރިނަމަ އަދަބު ދޭންޖެހޭ، ޔާމީނަށް އެކަނި އަދަބު ލިބިގެން ކޮރަޕްޝަން ނުހުއްޓުވޭނެ، އެކަމަކު އަދި މިީވީތަނަށް މާލޭ މަތީ ފަންތީގެ އެކަކަށް ވެސް ދިގުމުއްދަތިގައި ޖަލުގައި އޮންނާކަށް ނުޖެހޭ، އެކެއް ފެބުރުއަރީގެ އަމުރުގައި ހިމެނޭ އެކަވެސް ޖަލަކު ނެތް، ކޮބައި މަޖިލީހުގެ ކުރީގެ ނައިބުރައީސް ނާޒިމް މިހާރު، ހަމަ އެކަނި ނިކަމެތިން ޖަލުގައި ހުކުމް ތަންފީޒު ކުރަނީ