އަޝްރަފްގެ ތުހުމަތުތައް ނަސީރު މުޅިން ދޮގެއް ނުކުރައްވާ

މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރާ ދެކޮޅަށް އެ ބޭންކްގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހުށަހެޅި ތުުހުމަތުތަކުގައި ހަގީގަތެއް އޮތް ކަމަށް ކޮމިޓީގައި ނަަސީރު މިއަދު އިއުތިރާފްވެވަޑައިގެންފި އެވެ.


މާލިއްޔަތު ކޮމިޓީ އަށް ނަަސީރާއި އަޝްރަފް ވެސް މިއަދު ހާޒިރު ކުރި އެވެ. އެގޮތުން ކޮމިޓީ އަށް ފުރަތަމަ ހާޒިރު ކުރީ އަޝްރަފެވެ. ކޮމިޓީ އަށް އަޝްރަފް ހުށަހެޅުއްވި މައްސަލައިގެ ތަފުސީލު ދެމުން އަޝްރަފް ވިދާޅުވީ ރައީސް ޔާމީނާއި އޭސީސީން ހަދާފައިވާ އެސްކްރޯ އެކައުންޓަށް އެއް މިލިޔަން ޑޮލަރު ޖަމާކުރި މައްސަލަ އޭސީސީ އަށް ހުށަހެޅުމުން އެކަމާ ހިތްހަމަޖެހި ވަޑައިނުގެން ނަސީރު ގުޅުއްވައިގެން ވާހަކަ ދެއްކެވި ކަމަށެވެ.

އެ މައްސަލައާ ބެހޭ ގޮތުން މެމްބަރުން އޭނާއާ ކުރެއްވި އެއް ސުވާލަކީ އެކަން ސާބިތުކޮށްދެވޭނެ ގޮތެއް އެބަ އޮތްތޯ އެވެ. އަޝްރަފް ވިދާޅުވީ ގަވަރުނަރުގެ އިއުތިރާފުން ނޫނީ އެކަން ސާބިތު ކޮށްދެވޭނެ ގޮތެއް އޭނާ އަށް ނެތް ކަމަށެވެ.

ނަަސީރު ވިދާޅުވީ އެ ރިޕޯޓް އޭސީސީ އަށް ފޮނުވުމުން އެކަމާ ބެހޭ މައުލޫމާތު ސާފު ކުރެއްވި ކަމަށެވެ. އެކަމަކު އެ މައުލޫމާތު ސާފު ކުރެއްވީ މުހިއްމު ސަބަބަކާ ހެދި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމާ ބެހޭ ގޮތުން މައުލޫމާތު ސާފު ކުރެއްވި ނަމަވެސް ވަކި ގޮތަކަށް ކަމެއް ކުރަން ނުވަތަ ނުކުރަން އަންގަވާފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މަނީ ލޯންޑްރިންގެ [މައްސަލަތައް ބެލުމުގެ] އިހުތިސާސެއް އޭސީސީގައި ނުވެސް އޮންނާނެ. އެ މައްސަލަ ހަގީގަތުގައި ފޮނުވަން ޖެހޭނީ ވެސް ޕޮލިހަށް،" އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީނުގެ އެކައުންޓަށް ފައިސާ ޖަމާކުރި މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ނަސީރު ގުޅުއްވައިގެން ވާހަކަ ދެއްކެވި ކަމަށް އަޝްރަފް ކުރެއްވި ތުހުމަތަށް ވެސް ނަސީރު އެއްބަސްވެވަޑައިގެންނެވި އެވެ. ވިދާޅުވީ އެކަމާ ބެހޭ ގޮތުން ސުވާލު ކުރަން އަޝްރަފަށް ގުޅުއްވީ ރައީސް ޔާމީނު ނަސީރަށް ގުޅުއްވައިގެން ކަމަށެވެ.

"ވަޓްސްއެޕުން ގުޅީ އެ މައްސަލަ ފޮނުވިތާ އެއްގަޑިއިރު ތެރޭގައި ކަމަށް އަޅުގަނޑަށް ފަހުން މައުލޫމާތު ލިބުނީ، އެ މައްސަލަ ރައްދުވާ ފަރާތުން [ރައީސް ޔާމީން] އަޅުގަނޑާ ގުޅާފައި މިވެނި އެއްޗެއް ފޮނުވި ވާހަަކަ، އެހެންވީމާ އެއީ ކޯއްޗެއްކަން ނޭނގޭތީ އެކަން އޮޅުންފިލުވައިލުމަށް އަޅުގަނޑު ގުޅާފައި އޮންނާނީ،" އޭނާ ވިދާޅުވި އެވެ.

އެފްއައިޔޫގެ ވެރިޔާގެ މަގާމުން ދުރުކުރުމުގެ ކުރިން އެމްއެމްއޭގެ ޓެރަސް މަތީގައި ބައްދަލުކޮށް ވާހަކަތަކެއް ދެއްކެވި ކަމަށް އަޝްރަފް ކުރި ތުހުމަތާ ބެހޭ ގޮތުން ނަސީރު ވިދާޅުވީ އެގޮތަށް ބައްދަލު ކުރެއްވި ކަމަށެވެ. އެހެން ނަމަވެސް އެގޮތަށް ބައްދަލު ކުރެއްވީ ވެސް މުހިއްމު ސަބަބަކާ ހެދި ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

އެމްއެމްއޭގެ އެފްއައިޔޫގެ ކުރީގެ އިސްވެރިޔާ އަޝްރަފް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސުވާލުތަކަށް މިއަދު ޖަވާބު ދެއްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"އެކަމުގެ ބާވަތުން އަޅުގަނޑު ބޭނުންވީ އެ ވާހަކަ ހަމަ ދައްކާލަން. އަޅުގަނޑު ނަގާ ޑެސިޝަނާ ބެހޭ ގޮތުން އަޅުގަނޑަށް ވެސް ޔަގީންވާން އެބަ ޖެހޭތާ ކަންތައްތަކެއް. އެހެންވީމާ އެ ޖަޖްމަންޓް އަޅުގަނޑު ހަމަ ކޮންފޯމް ކުރުމަށް ޓަކައި،" އޭނާ ވިދާޅުވި އެވެ.

ނަސީރުގެ ކެބިންގައި އަޝްރަފާ ބައްދަލު ނުކުރެއްވީ ކީއްވެތޯ އާއި ފޯނު ވެސް ނުލާ ވަޑައިގަންނަވަން ވިދާޅުވީ ކީއްވެތޯ މެމްބަރުން ސުވާލު ކުރެއްވުމުން ނަސީރު ވިދާޅުވީ އެއީ މައުލޫމާތު ލީކްކުރުން ފަދަ ކަންތައްތަކެއް އަޝްރަފް ކުރައްވާ ކަމުގެ ތުހުމަތު އޮތުމަކީ ވެސް ސަބަބެއް ކަމަށެވެ.

އެ ދުވަހު ދެއްކެވި ވާހަކައާ ބެހޭ ގޮތުން ނަސީރު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކުރިންނާއި ފަހުން ވެސް އަޝްރަފް ސިޔާސީ ބޭފުޅުންތަކަކާ ބައްދަލުކުރައްވާތަން ފެނިފައި ވާތީ ކަންތައްތަކެއް ޔަގީން ކުރެއްވުމަށް ވާހަކަ ދައްކާލީ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ފައިސާ ޔާމީނުގެ އެކައުންޓަށް ޖަމާވިކަން މިދިޔަ އަހަރުގެ ޖޫންމަހު އެފްއައިޔޫ އަށް އެނގުނު ނަމަވެސް އެ މައްސަލަ ފުލުހުންނަށް ހުށަނާޅާ ބާއްވާފައި އޮތީ އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް ގަބޫލުކުރައްވަންތޯ މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ނަސީރު ވިދާޅުވީ، އެއީ އަޝްރަފާ މެދު ކުރެވުނު ޝައްކުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

"ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ނުފޮނުވާ ހަމަ އިލެކްޝަނާ ވަރަށް ގާތްކޮށްފައި އޭތި ފޮނުވީ. ހަމަ އެއާ އެކުގައި އަޅުގަނޑަށް ހަމަ ވަރަށް ބޮޑަށް ގަބޫލުކުރެވޭ އޭތި އެ ފޮނުވަން މަޖުބޫރު ވެގެންނޭ ފޮނުވުނީ،" އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކުރި ފައިސާގެ މައްސަލައާ ގުޅޭ ގޮތުން އަޝްރަފަށް ގުޅުއްވައިގެން ދެ ފަހަރަށް ވާހަކަ ދެއްކެވި ކަމަށް އެއްބަސްވެވަޑައިގެންނެވި ނަމަވެސް ނަސީރު ވިދާޅުވީ އެ ދެ ފަހަރު ވެސް ވާހަކަ ދެއްކެވީ މައުލޫމާތު ސާފުކުރެއްވުމަށް ކަމަށެވެ. އަދި އެފްއައިޔޫގެ މަސައްކަތް ވަކި ގޮތަކަށް ބައްޓަން ކުރައްވަން އިރުޝާދު ނުދެއްވާ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

އަދި އަޝްރަފާ މެދު އޭނާ ބޮޑެތި ތުހުމަތުތަކެއް ވެސް މިއަދު ކުރެއްވި އެވެ. އެގޮތުން ބޮޓެއް މެދުވެރިކޮށް އެފްއައިޔޫގެ އެތެރޭގެ މައުލޫމާތު ބޭރުކޮށްފައިވާ ކަމަށާއި މަގާމުން ވަކިވުމަށް ފަހު ވެސް އެފްއައިޔޫގެ މައުލޫމާތު ލިބޭނެ އިންތިޒާމެއް އަޝްރަފް ރާއްވަވާފައިވާ ކަމަށް ނަސީރު ތުހުމަތު ކުރެއްވި އެވެ.