ތުހުމަތުތަކާ ގުޅިގެން ގަވަރުނަރާއި އަޝްރަފް އަނެއްކާވެސް ކޮމިޓީއަށް!

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ ހެޑް އަބްދުﷲ އަޝްރަފު ކުރެއްވި ތުހުމަތުތަކަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު ރައްދު ދެއްވައި ފޮނުއްވި ސިޓީއާ ގުޅިގެން ދެ ބޭފުޅުން ވެސް އަލުން މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން މިއަދު ނިންމައިފި އެވެ.


އެމްއެމްއޭ ތެރޭގައި އުފައްދާފައިވާ މިނިވަން ޔުނިޓެއް ކަމަށްވާ އެފްއައިޔޫގައި އެންމެ އިސްކޮށް ހުންނަވަނިކޮށް އަޝްރަފު ވަނީ އެ މަގާމުން ކުއްލިއަކަށް ބަދަލުކޮށްފަ އެވެ. އޭނާ ބަދަލުކުރީ މިދިއަ އަހަރުގެ ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް މޯލްޑިވްސް އިސްލާމިކް ބޭންކްގައި އޮންނަ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް އަދި ނެގުމުން އެފްއައިޔޫ އިން ފުލުހުންނަށް ހުށައަޅާފައި އޮއްވަ އެވެ.

އަޝްރަފްގެ މަގާމު ބަދަލުކުރި މައްސަލާގައި ކުރީގެ މަޖިލިހުން ވެސް ގަވަރުނަރު ނަސީރާ ސުވާލުކުރި އެވެ. އަދި އޭނާއަށް އެތައް ތުހުމަތެއް އަމާޒުކޮށް އަޝްރަފް ފޮނުއްވި ސިޓީއާ ގުޅިގެން ދެ ބޭފުޅުން ވެސް އެ ކޮމިޓީއަށް ކުރިން ވަނީ ހާޒިރުކޮށްފަ އެވެ. އަލުން އަަނެއްކާ މާލިއްޔަތު ކޮމިޓީން ދެ ބޭފުޅުންނާ ސުވާލުކުރަނީ، އަޝްރަފުގެ ސިޓީއަށް ރައްްދު ދެއްވައި ނަސީރު ފޮނުއްވި ސިޓީއަކާ ގުޅިގެންނެވެ.

އެ ސިޓީގައި ހުރި ކަންކަމާ މެދު ކޮމިޓީގެ މިއަދުގެ ބަައްދަލުވުމުގައި މަޝްވަރާކޮށްފައެއް ނުވެ އެވެ.

ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވީ މި މައްސަލައިގައި ވަރަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވާތީ ވަކިވަކި ތުހުމަތުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ޖެހޭ ކަމަށެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީދު މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަނީ--ފޮޓޯ:ނިޝާން އަލީ/މިހާރު

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވި ގޮތުގައި މިއީ ވަރަށް ހައްސާސް މައްސަލައަކަށް ވާތީ އެކަން ހިނގާ ދިޔަ ގޮތް ވަރަށް ރަނގަޅަށް ބަލަން ޖެހެ އެވެ.

"މިކަން ހިނގާފައި އޮތް ގޮތް އަޅުގަނޑުމެން ދިރާސާ ކުރުން މުހިއްމު. ފަހަރެއްގައި ވެސް އެއް ބޭފުޅަކު ކުރި ޝަކުވާއަކީ ތެދެއް ކަމަށް ބަލާ، އަނެއް ބޭފުޅަކު ދެއްވި ޖަވާބަކީ ނުބައި ކަމަށް ބަލާފައި، މިކަން މި ގޮތަކަށް ނުނިންމޭނެ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެ ސިޓީގައި ހުރި ކަންކަން ފުރިހަމައަށް ދިރާސާކުރަން ޖެހޭ ކަމަށެވެ. އެއަަށް ފަހު މައްސަލައާ ގުޅޭ ދެ ފަރާތް ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއް ގަފޫރު މޫސާ ވިދާޅުވީ މިއީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ބަލާފައިވާ މައްސަލައެއް ކަމަށެވެ. އޭރު ވެސް އަޝްރަފުގެ ތުހުމަތުތައް ގަވަރުނަރު ސީދާ ދޮގުކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

އަޝްރަފް ކުރެއްވި ތުހުމަތުތަކާ ގުޅޭ ގޮތުން މަޖިލިހުން ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.