ބޮޑު ވަޒީރު މޯދީ އާއި ރައީސް ޑޮނަލްޑް ޓްރަމްޕް. --ފޮޓޯ:ގެޓީ އިމޭޖަސް
23 ޖުލައި 2019 - 13:09
ނިއު ދިއްލީ (ޖުލައި 23) - ކަޝްމީރުގެ މައްސަލަ ހައްލު ކުރުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އެދިވަޑައިގެންނެވި ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން އަރިހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ވާހަކަ ނިއު ދިއްލީން ދޮގުކޮށްފި އެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނީ އެފަދަ ހުށަހެޅުމަށް ޓްރަމްޕަށް ހުށަހަޅާފައި ނުވާނެ ކަމަށާއި ކަޝްމީރުގެ މައްސަލާގައި އުފެދިފައިވާ ނުތަވަސްކަމާ ގުޅޭ ގޮތުން ކަޝްވަރާކޮށްފައި ވާނީ ހަމައެކަނި ޕާކިސްތާނާ ކަމަށެވެ.
ޓްރަމްޕް އިއްޔެ ވަނީ ވައިޓް ހައުސްގެ އޯވަލް އޮފީހުގައި އިމްރާން ޚާންއާ ބައްްދަލު ކުރައްވައިފަ އެވެ. އެއަށް ފަހު ދެބޭފުޅުން ވަނީ ނޫސްވެރިންނާ ވާހަކަ ދައްކަވައިފަ އެވެ.
ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާންއާ ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 70 އަހަރުވީ ކަޝްމީރުގެ މައްސަލަ ހައްލު ކުރުމުގައި އެމެރިކާ އަށް މެދުވެރިއެއްގެ ރޯލު އަދާކުރެވިދާނެތޯ އިމްރާން ޚާން އަރިހު ނޫސްވެރިއަކު ދެންނެވުމުން ވިދާޅުވީ ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުގެ ރައީސް އަށް އިންޑިއާ އާއި ޕާކިސްތާން އެއްތަން ކުރެވިދާނެ ކަމަށެވެ. އިމްރާން ޚާން އެހެން ވިދާޅުވުމުން ޓްރަމްޕް ވަނީ މީގެ ދެ ހަފުތާ ކުރިން ބޮޑު ވަޒީރު މޯދީއާ ބައްދަލު ކުރެއްވި ކަމަށާއި އެ ބައްދަލުވުމުގައި ކަޝްމީރާ ގުޅޭ ގޮތުން ވެސް ވާހަކަ ދެއްކެވި ކަމަށެވެ.
"މޯދީ ދެންނެވި މި މައްސަލާގައި މެދުވެރިއެއްގެ ރޯލު އަދާކުރެވިދާނެތޯ. އަދި ޖަވާބުގައި ދެންނެވިން އަޅުގަނޑަށް ކުރެވެންޏާ ތި ކަންކޮށްދޭން ވަރަށް ބޭނުންވާ ވާހަކަ،" ޓްރަމްޕް ވިދާޅުވި އެވެ.
ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާންއާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
ޓްރަމްޕުގެ ބަޔާނަށް ރައްދު ދެމުން އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ރަވީޝް ކުމާރު ވިދާޅުވީ އެފަދަ އެއްވެސް ހުށަހެޅުމެއް މޯދީގެ ފަރާތުން ޓްރަމްޕަށް ހުށަހަޅާފައި ނުވާނެ ކަމަށެވެ.
ކަޝްމީރުގެ މައްސަލަ ހައްލު ކުރުމުގައި ތިން ވަނަ ފަރާތެއްގެ އެހީ ހޯދަން ޕާކިސްތާނުން ބޭނުންވެ އެވެ. ނަމަވެސް އިންޑިއާ އިން ބުނަމުން ދަނީ އެއީ އެ ދެ ގައުމުގެ މައްސަލައެއް ކަމަށެވެ.
ކަޝްމީރުގެ މައްސަލާގައި އިންޑިއާ އާއި ޕާކިސްތާނުން ވަނީ ދެ ހަނގުރާމައެއް ކޮށްފަ އެވެ. މިދިޔަ ފެބްރުއަރީ މަހު ވެސް ދެ ގައުމުން ވަނީ ކަޝްމީރުގެ މައްސަލާގައި ހަމަލާތައް ބަދަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާލާފާ
23 July 2019
ތިފަދަ މަގާމެއްގާ ހުންނަވައިގެން ތާކުންތާކު ނުޖެހޭ ދޮގުވާހަކަ ދެއްކެވީމާ، މީހުންގެ ކުރިމަތީގާ އިތުރަށް ބޭޒާރުވެ އަގުވެއްޓެމުންދާކަން އެބަ އެނގޭތަ؟ ނޫނޭވާ އެމެރިކާގެ ރައީސަކަށް އަރާފާ މިހިރީ ވަރެއްގެ ބޭފުޅެއް.
ފުންއަސަރު
23 July 2019
މީކީ ހަމަމީހެއްނޫނޭ. ކާކުތަ މިހާރު މީނާގެ ކިބައިން ކަމަކަށް އެދޭނީ. މީނާއަށް ގައުމުގެ މީހަކުވެސް އިތުބާރެއް ކުރަނީކީނޫން. އަދި އިޚްތިރާމެއް ކުރަނީކީވެސް ނޫން. ދާދި އިހަކަށް ދުވަހު އަންހެނުންތަކެއް ދެއްކި ވާހަކަޔަށްވެސް ރަނގަޅު ރައްދެއް ދެވުނީކީ ނޫން. އަދި އެމެރިކާ އަންހެން ފުޓުބޯޅަޓީމަށް ޗެންޕިއަންކަން ލިބުނީމާ އެކަމުގެ އުފަލުގާވެސް ގައުމުގެ ރައީސޭކިޔާފާ ވެސް، މީނާއާ ބައްދަލުކުރަން ކުޅުންތެރިން ދާކަށް އެއްބަހެއްނުވި. މިވަރުމީހެއްމީ. ހާހާ.