ރިޕޯޓް / ލާމު ލިންކް ރޯޑް

ލ. ލިންކް "މަރުގެ މަގަކަށް" ވުމުގެ ކުރިން ފިޔަވަޅު އަޅާ!

ލާމު ލިންކް ރޯޑް: 17 ކިލޯމީޓަރުގެ މި ބޮޑުމަގުގައި އެކްސިޑެންޓްތައް ހިނގުން އާންމުވުން ހުއްޓުވޭނެ ގޮތްތައް ހަދަން ޖެހޭ ފޮޓޯ: ތޮއްޓޭ ފޮޓޯގްރަފީ

ލ. އަތޮޅުގައި ގުޅިފައިވާ ރަށްތަކަށް ފަސޭހައިން ދެވޭ ގޮތަށް ތާރު އަޅައިގެން ހެދި ޗާލު މަގުގެ މަސައްކަތް މިދިޔަ ޖުލައި 26ގެ ބަންދު ތެރޭގައި ނިމުނުތަނާހެން ފުރަތަމަ ވެސް ކުރިމަތިވީ ބޮޑު އެކްސިޑެންޓެކެވެ. ކައްދޫން ފޮނަދުއަށް ސައިކަލެއްގައި ދިޔަ އުމުރުން 18 އަހަރާއި 19 އަހަރުގެ ދެ ކުދިންނަށް ސައިކަލް ކޮންޓްރޯލް ނުވެ، ކައްދޫ ކޯޒްވޭގެ އަރިމަތީގައި ހުރި ގާތަކެއްގައި ޖެހި ވިއްސައިގެން ގޮސް ވެއްޓުނީ މޫދަށެވެ. އެއް ކުއްޖެއްގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ދިއުމާއި ތަންތަން ބިންދައިގެން ދިއުން ފަދަ ބޮޑެތި އަނިޔާތައް ލިބުނެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ހެދި 17 ކިލޯމީޓަރުގެ ލާމު ލިންކް ރޯޑުގެ ހުރިހާ މަސައްކަތެއް ނިމި ބޭނުންކުރަން ފެށިތާ މި ވީ ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެކްސިޑެންޓުތައް ދަނީ އާންމުވަމުންނެވެ. މީހެއްގެ ފުރާނަ ދާ ފަދަ އެކްސިޑެންޓަކާ އަދި ދިމާ ނުވި ނަމަވެސް ބޮޑެތި އެކްސިޑެންޓުތަކަށް މަގުފަހިވާ ފަދަ ކަންކަން އެބަ ކުރިމަތިވެ އެވެ. އޭގެ ތެރެއިން އެއް އެކްސިޑެންޓް ހިނގީ މި ބޮޑު އީދުގެ ބަންދުގެ ތެރޭގަ އެވެ. ގަމުގައި ބޭއްވި އީދު ޝޯގައި ބައިވެރިވާން ކައްދޫ އެއާޕޯޓުން ގަމަށް ދަތުރުކުރި މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްގެ ޓީމު ތިބި ކާރުތައް އެކްސިޑެންޓުވެ ކުދިކުދި އަނިޔާތައް ވި އެވެ.

ޝަލަބީގެ ޓީމުގެ ބައިވެރިން ދަތުރުކުރި އަގު ބޮޑު ތިން ކާރު ވަރަށް ބޮޑަށް ހަލާކުވީ ކުޑަކުޑަ އެކަމަކު އާދައިގެ ކަމަކުންނެވެ. އެއް ކާރު އަނެއް ކާރުގެ ފަހަތުން ބާރު ސްޕީޑްގައި ދުއްވާފައި ދަނިކޮށް، ކުރިމަތިން ދިޔަ ސައިކަލްގައި އިން މީހާ އަށް ފޯނެއް އައިސްގެން ކުއްލިއަކަށް މަގުގެ އެއް ފަޅީގައި މަޑުކޮށްލުމާ އެކު، ތިން ކާރު އެކަތި އަނެކަތީގައި ޖެހި އެކްސިޑެންޓް ހިނގީ އެވެ.

މިދިޔަ ބޮޑު އީދުގައި ކާރުތަކެއް އެކްސިޑެންޓުވެފައި: މި އެކްސިޑެންޓުގައި އެކި މީހުންނަށް އެކިވަރުގެ އަނިޔާވި.---ފޮޓޯ: އަހުމަދު ހަމްދޫން/މިހާރު

"އެ ރޭ ވެސް ކާރުގައި ތިބި މީހުން ސީޓް ބެލްޓް އަޅުވައިގެން ތިބި ނަމަ ލިބުނު ގެއްލުން އެއަށް ވުރެ ކުޑަކުރެވުނީސް. އެ ބާރު ސްޕީޑްގައި އެއް ކާރު އަނެއް ކާރުގައި ޖެހިފައި، ކާރުތަކުގައި ތިބި މީހުންގެ ބޮލާއި ތަންތަން ކާރުގެ އެކި ތަންތަނުގައި ޖެހުނީ. ސީޓް ބެލްޓް އެޅުން ފަދަ ކުދިކުދި ކަންތައްތަކުން ވެސް އެކްސިޑެންޓްތަކުގައި ލިބޭ ގެއްލުން ކުޑަކުރެވިދާނެ،" ގަމު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް ވިދާޅުވި އެވެ.

ފޮނަދޫން ފެށިގެން ގަމާ ހަމައަށް ލާމު ލިންކް ރޯޑް ހަދާފައި ވަނީ ވަރަށް ފެންވަރު ރަނގަޅު ކޮށެވެ. ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ހަދާފައިވާ މި ދިގު އަދި ރީތި މަގުން ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކުގެ ކޮންމެ މީހަކަށް ވެސް އުފާވެރިކަން ގެނެސްދެ އެވެ. ހާއްސަކޮށް އަލަށް ލާމު ލިންކް ފެންނަ ކޮންމެ މީހަކު އާ ޝޯހުވާނެ އެވެ. އެހާ ވެސް ހިތްގައިމެވެ. އެ މަގުގެ އެއްކޮޅުން އަނެއްކޮޅަށް ދުއްވާލުމަކީ ކޮންމެ މީހަކަށް ވެސް ލިބޭ ބޮޑު އުފަލެކެވެ.

ނަމަވެސް މި އުފާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ބޮޑު ހިތާމައަކަށް ބަދަލުވުމަކީ، އައްޑޫ ލިންކް ރޯޑުގެ ތަޖުރިބާއަށް ބަލާއިރު، ވަރަށް ކައިރީގައިވާ ކަމެކެވެ. އައްޑޫ ލިންކް ރޯޑާ ހިލާފަށް މަގުމަތީގެ ނިޝާންތައް ބަރާބަރަށް ލާމު ލިންކުގައި އެބަ ހުއްޓެވެ. ބޭނުންކުރަން ޖެހިއްޖެ ނަމަ ބައެއް ހަތަރު އަނގޮޅިތަކުގައި ވަނީ ޓްރެފިކް ލައިޓް ވެސް ހަރުކޮށްފަ އެވެ. އައްޑޫ ލިންކް ރޯޑާ ހިލާފަށް ދެކޮޅަށް ދުއްވޭ ގޮތަށް މަގު ހަދާފައި ވަނީ ފުޅާކޮށެވެ. ބެންޑްތައް ވެސް ވަރަށް މަދެވެ. ކޮންމެ ކޮޅެއްގައި ދެ ލޭން އޮވެ އެވެ.

ލާމު އަތޮޅު ލިންކު ރޯޑު: މި މަގުގައި ދުއްވާއިރު ހެލްމެޓް އަދި ސީޓްބެލްޓް އަޅަން މަޖުބޫރުކޮށްފައި ނެތުމަކީ ކަންބޮޑުވުމެއް - ފޮޓޯ: ތޮއްޓޭ ފޮޓޯގްރަފީ

މި ހުރިހާ ކަމެއް މިހެން ހުރި ނަމަވެސް، ލާމު ލިންކް ޑިޒައިން ކޮށްފައި ވަނީ ހައިވޭއެއްގެ ގޮތަށް ކަމަށް ވުމުން، ކޮންމެ މީހަކު ވެހިކަލްގައި މަޑުން ދުއްވާފައި ދާނެ ކަމަށް ބެލުމަކީ ގޯހެކެވެ. ލާމު ލިންކްގައި ހެލްމެޓް އެޅުން އަދި މަޖުބޫރެއް ނޫނެވެ. ސީޓް ބެލްޓް އެޅުން ވެސް ލާޒިމެއް ނުކުރެ އެވެ. ސްޕީޑް ބްރޭކަރު ނުވަތަ ބަމްޕަރެއް ވެސް ނެތެވެ. އެކަމަކު މިހާ ދިގު އަދި ހައިވޭއެއްގައި ހެލްމެޓް އެޅުމާއި ސީޓް ބެލްޓް އެޅުން ފުރަތަމަ ވެސް މަޖުބޫރު ކުރަން ޖެހޭ ކަމަށް، ބައެއް މީހުން ބުނެ އެވެ.

"ހެލްމެޓް އެޅިޔަސް އެކްސިޑެންޓް ހިނގާނެ. އެކަމަކު އެކްސިޑެންޓްވާ މީހުންނަށް ލިބޭ އަނިޔާ މިހާރަށް ވުރެ ކުޑަކުރެވޭނެ ހެލްމެޓް އަޅައި ސީޓް ބެލްޓް އެޅުން މަޖުބޫރުކޮށްފި ނަމަ،" ޝިޔާމް ވިދާޅުވި އެވެ.

"މި މަގުގައި ދުއްވާއިރު ހެލްމެޓް އެޅުމުގެ ސަގާފަތެއް އުފައްދަން އެބަ ޖެހޭ. އެއީ މަޖުބޫރު ކަމަކަށް ހަދައިގެން ނޫން ގޮތަކަށް މީހުންނަށް ލިބޭ ގެއްލުން ކުޑައެއް ނުކުރެވޭނެ."

މިހާރު ވެސް އަމިއްލަ ސަލާމަތަށް އިސްކަންދޭ ބައެއް މީހުން ވެހިކަލް ދުއްވަނީ ހެލްމެޓާއި ސީޓް ބެލްޓް އަޅައިގެންނެވެ.

ލ. އަތޮޅު ކައުންސިލްގެ ރައީސް ޔޫސުފް އާމިރު ވިދާޅުވީ ލާމު ލިންކްގައި ދުއްވާއިރު، ހެލްމެޓް އެޅުން ގާނޫނީ ގޮތުން މަޖުބޫރު ކުރަން ޖެހޭ ކަމަށެވެ. އެކަމަކު އެކަން ކުރެވެން އޮތީ ރައްޔިތުންގެ މަޖިލިހުން އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނަށް ނުވަތަ އެއާ ގުޅޭ ގަވައިދަށް ގެންނަ އިސްލާހަކުން ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ނަމަވެސް ލާމަރުކަޒީ ގާނޫނުން ކައުންސިލަށް ލިބޭ ބާރުގެ ތެރެއިން އެކަން ކުރެވޭތޯ ވެސް އެބަ ބަލަން. އައްޑޫ ލިންކް ރޯޑްގައި ކުރިމަތިވާ އެކްސިޑެންޓްތަކަށް ބަލާއިރު ވެސް ހެލްމެޓް އަޅައިގެން ހުރުމުން، ލިބޭ އަނިޔާ ކުޑަކުރެވޭ. އެހެންވީމާ އެކަމަށް ވެސް މަސައްކަތްތަކެއް އެބަ ކުރެވޭ،" ޔޫސުފް ވިދާޅުވި އެވެ.

ލާމު ލިންކް ރޯޑްގައި މީހަކު ސައިކަލް ދުއްވާފައި ދަނީ.---ފޮޓޯ: އަހުމަދު ހަމްދޫން/މިހާރު

އޭނާ ވިދާޅުވި ގޮތުގައި އަތޮޅު ކައުންސިލުން ރާވާފައި އޮތީ މަގު ބޭނުންކުރާނެ ގޮތުގެ އުސޫލެއް މިދިޔަ ބޮޑުއީދު ބަންދުގެ ކުރިން އެކުލަވާލައި، މަގު ބޭނުންކުރާ މީހުންނަށް ފެންނަ ގޮތަށް އެކި ސަރަހައްދުތަކުގައި ހަރުކުރާށެވެ. އެކަމަކު އީދު ބަންދު ކުރިމަތިވުމުންނާއި އެހެން ބައެއް ކަންކަމާ ގުޅިގެން އެކަން ފަސްކުރެވުނީ ކަމަށް އާމިރު ވިދާޅުވި އެވެ.

އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުން ނަމަ، މަގު ބޭނުންކުރާނެ ގޮތުގެ އުސޫލެއް އެންމެ އަވަހަށް ވެސް އެކުލެވޭވަރުވާނީ އަންނަ އަހަރުގެ ޖެނުއަރީ ހިސާބުގަ އެވެ.

"މަގު ހެދިފައި އޮތް ގޮތަށް ބަލާއިރު ކުރިމަތިން ވެހިކަލެއް އައިސް ޖެހިގެން އެކްސިޑެންޓެއް ވުމަކީ ވަރަށް ނާދިރު ކަމެއް. މިދިޔަ ދުވަސްތަކުގެ ތަޖުރިބާއަށް ބަލާއިރު ވެސް އެކްސިޑެންޓް ހިނގާފައި މިވަނީ ދުއްވަން ކަނޑައަޅާފައިވާ މިންވަރަށް ވުރެ ބާރު ސްޕީޑުގައި ދުއްވައިގެން ނުވަތަ އޯވަޓޭކް ކުރުމުގެ ތެރެއިން. އެހެންވީމާ ގަވައިދުގައި އޮންނަ ގޮތަށް ދުއްވައިފިއްޔާ މި މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމަކީ ވަރަށް ނުވާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް ގަވައިދުގެ ބޭރުން މި މަގުގައި ދުއްވާތަން މިދިޔަ ބޮޑު އީދު ބަންދު ތެރޭގައި ފެނިފައިވެ އެވެ. އޭގެ ތެރެއިން އެއް ހާދިސާއަކުން ޓެކްސީއެއް ސަލާމަތްވީ ހަމަ ކިރިޔާ އެވެ. ދެކޮޅަށް ދުއްވޭ ގޮތަށް ދެ ފަޅި ހަދާފައިވާއިރު، ސައިކަލްގައި ދިޔަ މީހަކު ރަނގަޅު ފަޅިއަށް އަޅަން ނުބައި ފަޅިއެއް ބޭނުންކުރުމުން، ކުރިމަތިން ދުއްވާފައި ދިޔަ ޓެކްސީ އަށް ލިބުނީ ކުއްލި ޝޮކެކެވެ. ނުބައި ފަޅިން ގޮސް ޓެކްސީ ކުރިމައްޗަށް ނުކުތް މީހާގެ ސައިކަލްގައި ޓެކްސީ ނުޖެހި ސަލާމަތްވީ ޑްރައިވަރުގެ ހުޝިޔާރު ކަމުންނެވެ.

ގަމު ކައުންސިލްގެ ރައީސް ޝިޔާމް ވިދާޅުވީ މަގުގައި ދެކޮޅަށް ދުއްވަން ދެ ފަޅި ހަދާފައި އޮތަސް ނުބައި ފަޅިން ދުއްވުން މަދުން ނަމަވެސް ފެންނަ ކަމަށާއި އެއީ ކަންބޮޑުވުމެއް ކަމަށެވެ. އެންމެ ފަސޭހައިން ބޮޑެތި އެކްސިޑެންޓްތަކަށް މަގުފަހިވާނީ އެކަހަލަ ކަންކަމުން ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ލާމަރުކަޒީ ގާނޫނުން ކައުންސިލަށް ލިބޭ ބާރުގެ ތެރެއިން އެކަން ކުރެވޭތޯ ވެސް އެބަ ބަލަން. އައްޑޫ ލިންކް ރޯޑްގައި ކުރިމަތިވާ އެކްސިޑެންޓްތަކަށް ބަލާއިރު ވެސް ހެލްމެޓް އަޅައިގެން ހުރުމުން، ލިބޭ އަނިޔާ ކުޑަކުރެވޭ. އެހެންވީމާ އެކަމަށް ވެސް މަސައްކަތްތަކެއް އެބަކުރެވޭ.

ޝިޔާމް ވިދާޅުވީ ލާމު ލިންކުގައި އެކްސިޑެންޓުތައް ހިނގަން މެދުވެރިވަނީ ގުޅިފައިވާ ހަތަރު ރަށުގެ މީހުންނަށް ވުރެ ބޮޑަށް އެ ރަށްރަށަށް ޒިޔާރަތްކުރާ އެހެން ރަށްރަށުގެ މީހުންގެ ފަރާތުން ކަމަށެވެ. އެހެންވެ މަގުގައި ދުއްވަންވީ ގޮތުގެ މައުލޫމާތު އެހެން ރަށްރަށުގެ މީހުންނަށް ދިނުން ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން އަންނަ މީހުންނަށް މި މަގު މިވަނީ ވަރަށް ބޮޑު އެކްސައިޓްމަންޓަކަށް. އެއީ އެކަން ވާނެ ވެސް ގޮތް. ގިނަ ރަށްރަށުގެ މަގުތައް މި ހުންނަނީ ވަރަށް ފީކޮށް. ލާމު ލިންކް ފަދަ ތާރު އަޅައި ހަދާފައިވާ ބޮޑު މަގަކަށް އެމީހުން އެރުމުން ސްޕީޑްގައި ދުއްވާލާނެ. އެހެންވީމާ އެހެން ރަށްރަށުގެ މީހުންނަށް އެބަ ޖެހޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ވަރަށް ބޮޑަށް ހިންގަން. އެމީހުންނަށް ވަރަށް ބޮޑަށް މައުލޫމާތު ދޭން ޖެހޭ،" ޝިޔާމް ވިދާޅުވި އެވެ.

ގަމުގައި ހުންނަ ޕޮލިސް ސްޓޭޝަންގެ އިންޗާޖް އަދި ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަން ކޮމާންޑަރު، ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އިންޖިނިއަރިންގެ އުސޫލުން ބަލާއިރު މަގު ހަދާފައި ވަނީ ވަރަށް ފެންވަރު ރަނގަޅުކޮށް ކަމަށެވެ. އެހެންކަމުން މަގުމަތީގެ ނިޝާންތަކަށް އިހުތިރާމްކޮށްގެން ދުވާ ނަމަ އެކްސިޑެންޓް ވުމުގެ ފުރުސަތު ވަރަށް ކުޑަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހާއްސަކޮށް ތަފާތު ސްޕީޑް ލިމިޓް ކަނޑައަޅާފައިވާއިރު، އެއާ އެއްގޮތަށް ދުއްވާ ނަމަ އެކްސިޑެންޓުތައް މަދުވާނެ ކަމަށް ވިދާޅުވި އެވެ.

ލާމު ލިންކުން ފާހަގަވާ މައްސަލަތައް:

- ހެލްމެޓާއި ސީޓް ބެލްޓް އެޅުން މަޖުބޫރުކޮށްފައި ނެތުން

- އަވަށްތަކުގެ ތެރޭގައި ސްޕީޑް ބްރޭކަރު ނުވަތަ ބަމްޕަރު އެއްވެސް ވަރަކަށް ނެތުން

- މަގުގައި ޕާކްކުރުން މަނާ ނަމަވެސް އެކަން އާންމުވަމުން ދިއުން

- ކޯޒްވޭތަކުގައި މަސް ބާނަން ތިބުން

- ހައިވޭއެއް ކަމަށް ވާއިރު ޕޮލިސް ޕޯސްޓެއް ނެތުން

"އެކަމަކު މައްސަލައަކީ ބައެއް ޒުވާނުން، ހާއްސަކޮށް އެހެން ރަށްރަށުގެ މީހުންގެ ފަރާތުން އެކަން ނުފެނުން. މަގު ހަދާފައި މިއޮތީ އެއްކޮޅުން އަނެއް ކޮޅަށް ހައިވޭއެއްގެ ގޮތަށް. މަގުގެ އެއްވެސް ފަރާތެއްގައި ޕާކެއް ނުކުރެވޭނެ. އެހެންވީމާ އެކްސިޑެންޓުތައް ހަގީގަތުގައި މަދުވާން ޖެހޭނީ،" ހަމީދު ވިދާޅުވި އެވެ.

މަގުގެ އެއްވެސް ހިސާބެއްގައި ސްޕީޑް ބްރޭކަރެއް ނެތް މައްސަލާގައި އޭނާ ވިދާޅުވީ އެއީ ހައިވޭއެއް ކަމަށް ވުމުން ސްޕީޑް ބްރޭކަރުތައް ގާއިމްކުރުމަކީ ހައްލެއް ނޫން ކަމަށެވެ. އޭރުން ހައިވޭއެއްގެ ސިފަ ގެއްލޭނެ ކަމަށް ވިދާޅުވި އެވެ.

"ހޭލުންތެރިކޮށްގެންނާއި އެހެން ގޮތްގޮތުން އެކްސިޑެންޓުތައް މަދުކުރަން ޖެހޭނީ. ކޯޒްވޭތަކުގެ އަރިމަތީގައި މިހާރު މަސް ބާނަން ތިބޭތަން ވެސް އެބަ ފެނޭ. އެކަމަކު ހައިވޭއެއްގައި އޮންނަ ކޯޒްވޭއެއްގައި މަސް ބާނަން ދޮށި އެއްލައިގެން ތިބުމަކީ އެއްގޮތަކަށް ވެސް ރައްކާތެރިކަމެއް ނޫން. މަސް ބާނަން ވަކި ތަންކޮޅެއް ކައުންސިލްތަކުން ގާއިމްކޮށްފި ނަމަ އެކަމަށް ހައްލު ލިބޭނެ ކަމަށް އަޅުގަނޑުމެން ދެކެން،" އޭނާ ވިދާޅުވި އެވެ.

"އަނެއް ކަމަކީ މަގުގެ އެއް ފަރާތުގައި ވެހިކަލްތައް ޕާކްކުރާ މައްސަލަ. މިއީ އެއްގޮތަކަށް ވެސް ޕާކްކުރެވޭ ގޮތަށް ހަދާފައިވާ މަގެއް ނޫން. ކައުންސިލްތަކުން މިކަމަށް ވެސް ގޮތްތަކެއް ހޯދައިދޭނެ ކަމަށް އަޅުގަނޑުމެން އުންމީދުކުރަން."

ލާމު ލިންކް ރޯޑްގައި ސައިކަލް ދުއްވާއިރު ހެލްމެޓް އެޅުން އަދި މަޖުބޫރު ކޮށްފައި ނެތް ނަމަވެސް، އަމިއްލަ ގޮތުން ވެސް އެކަން ކުރުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ.

ލާމު ލިންކު ރޯޑް ހަދާފައިވަނީ ހައިވޭއެއްގެ ގޮތަށް ކަމަށްވާއިރު، އެ މަގު މޮނީޓަ ކުރުމަށް މަގުގެ އެއްވެސް ހިސާބެއްގައި ޕޮލިސް ޕޯސްޓެއް ނެތުމަކީ ވެސް ބައެއް މީހުން ކަންބޮޑުވާ ކަމެކެވެ. އެކަމަކު މިހާރު މަގުގެ ބައެއް ސަރަހައްދުތަކުގައި، ދުވެލި މައިތިރި ކުރުމަށްޓަކައި ބެރިކޭޑް ޖަހާފައި ހުރެ އެވެ.

ޓެކްސީ ދުއްވާތާ 25 އަހަރު ވީ ގަމު މީހެއް ކަމަށްވާ އިބްރާހިމް ޔޫސުފް ބުނީ ލާމު ލިންކް ރޯޑް ހެދި ފަހުން މިހާތަނަށް އެކްސިޑެންޓްތައް ބޮޑަށް ހިނގާފައި ވަނީ އެހެން ރަށްރަށުން ދާ މީހުންގެ ފަރާތުން ކަން ފާހަގަކުރެވޭ ކަމަށެވެ. އެކަމަކު މަގުގައި ނިޝާންތައް ކުރަހައި އަދި ސްޕީޑް ލިމިޓް ވެސް އެންމެންނަށް އެނގޭނެ ގޮތަށް ކަނޑައަޅާފައިވާކަން އޭނާ ވެސް ފާހަގަކުރި އެވެ.

"މި މަގުގައި މި އޮންނަނީ އެންމެ ތިން ބެންޑް ކަން ނޭނގޭ. ގަވައިދާ އެއްގޮތަށް ދާ ކަމަށް ވަނީ ނަމަ އެކްސިޑެންޓުތައް މަދުވާން ޖެހޭނީ. އެކަމަކު ބާރު ސްޕީޑުގައި ދާ މީހާ ބެންޑުން ވެސް ދާން ބޭނުންވަނީ ހަމަ އެ ސްޕީޑްގައި. ބެންޑުން ދާއިރު ސްޕީޑް ދަށްކޮށްލާކަށް ބޭނުމެއް ނުވޭ. ބެންޑުގައި ވެސް ބޭނުން މިވަނީ ހައިވޭ ސްޕީޑުގައި ދުއްވަން. އެހެންވިއްޔާ އެކްސިޑެންޓުވާނެ،" އިބްރާހިމް ބުންޏެވެ.

އޭނާ ދެކޭ ގޮތުގައި މަގު ހެދުމުން އެކްސިޑެންޓުތައް މަދުވާން ޖެހެ އެވެ. ނަމަވެސް އެކަން ފެންނަނީ އެއާ އިދިކޮޅަށް ކަމަށް އިބްރާހިމް ބުންޏެވެ.

އެހެން ރަށްރަށުން އަންނަ މީހުންނަށް މި މަގު މިވަނީ ވަރަށް ބޮޑު އެކްސައިޓްމަންޓަކަށް. އެއީ އެކަން ވާނެ ވެސް ގޮތް. ގިނަ ރަށްރަށުގެ މަގުތައް މި ހުންނަނީ ވަރަށް ފީކޮށް. ލާމު ލިންކް ފަދަ ތާރު އަޅައި ހަދާފައިވާ ބޮޑު މަގަކަށް އެމީހުން އެރުމުން ސްޕީޑްގައި ދުއްވާލާނެ. އެހެންވީމާ އެހެން ރަށްރަށުގެ މީހުންނަށް އެބަ ޖެހޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ވަރަށް ބޮޑަށް ހިންގަން.

"މި މަގުގައި އެންމެ ބާރަށް މި ދުއްވެނީ 60 ކިލޯމީޓަރަށް. އެއީ މަޑު ސްޕީޑެއް ނޫން. އެކަމަކު އެ ސްޕީޑަށް ވުރެ މަތީ ސްޕީޑްގައި ދުއްވައިގެން ނޫނީ މީހުންނަށް ފަރުނުޖެއްސޭ. ހެލްމެޓެއް އަޅާކަށް އަދި މަޖުބޫރެއް ނޫން. މި ހުންނަނީ މައްސަލަތައް،" އިބްރާހިމް ބުންޏެވެ.

ލާމު ލިންކް ރޯޑް ބޭނުންކުރަން ފެށުމުގެ ކުރިން ޓްރެފިކް ޕޮލިހާއި ގަމުގައި ހުންނަ ޕޮލިސް ސްޓޭޝަން ގުޅިގެން އާންމު ރައްޔިތުންނަށް ހޭލުންތެރިކަމުގެ ޕްރޮގްރާމް ހިންގި އެވެ. ނަމަވެސް ކަން ހިނގަމުން އަންނަ ގޮތަށް ބަލާއިރު މަގުގައި ދުއްވާ މީހުންގެ އަމަލުތަކުގެ ސަބަބުން އޮތް ބިރުވެރިކަން ކުޑައެއް ނޫނެވެ. ބޮޑު އެކްސިޑެންޓެއްގައި މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިވުމުގެ ކުރިން ހެލްމެޓާއި ސީޓްބެލްޓް އެޅުން މަޖުބޫރުކުރަން ޖެހެ އެވެ. އައްޑޫ ލިންކް ރޯޑަށް "މަރުގެ މަގު"ގެ ވަނަން ކިޔަން ޖެހުނު ގޮތަށް ލާމު ލިންކަށް އެ ނަން ކިޔޭ ގޮތެއް ވެގެން ނުވާނެ އެވެ.

"މި މަގަށް އެކަހަލަ ވަނަމެއް ކިޔާތަން ދެކޭކަށް ބޭނުމެއް ނޫން. އޭގެ ކުރިން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ބޮޑެތި ގެއްލުންތައް ނުވާނެ ގޮތެއް ހަދަން ޖެހޭ. ހެލްމެޓް އަޅައިގެން ނޫނިއްޔާ ސައިކަލްގައި ލާމު ލިންކަށް ވެސް ނޭރޭ ގޮތަށް ހަދަން ޖެހޭ. އެއީ ފުރަތަމަ ކުރަން ޖެހޭ ކަންތައް،" ޓެކްސީ ޑްރައިވަރު އިބްރާހިމް ބުންޏެވެ.

39 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޟުހައަދު އީބަރަާހީމް

10 February 2017

ޚޮންމެ ސަތެެެކަފުުުޫޓުން ދުވަަަަާމަތަ ޖަހަާ

The name is already taken The name is available. Register?

އިއްބެ

26 September 2016

މިހާރުވެސްތީ އެއްމެގިނައިން ރާއްޖޭގަ އެކްސިޑެންޓް ތައްވާ މަގު.. އެކްސިޑެންޓް ތަކުގަ ގިނަމީހުން މަރުވެ ބޮޑެތި އަނިޔާތައް ވަނީވެސް ތިމަގުން..

The name is already taken The name is available. Register?

ލާމު ލިންކު

18 September 2016

މިހާރަށް ދެން ކޮންކަމެއް މަމެންނަށް އެގޭނީ މަމެން ދުއްވާނެވަރު .... ކުރިންވެސް ބާރަށް ދުއްވާމަގެއް ތީ .. މިހާރު ކުރިއަށް ވުރެން ރައްކާތެރިވާނެ

The name is already taken The name is available. Register?

ކުރަންވީ

18 September 2016

ރާއްޖޭގައި ބާރަށް ދުއްވާ އެއްޗެހި ކުރީ ގައި ދުއްވަނީ އައްޑޫގައެވެ. އެކަމަކު މިހާރު އެކަން ޓްރެންޑަަކަށް ވެެގެން ހުޅުމާލޭގައި ވެސް ދެ ހާންތި ވާވަރަށް ބާރަށް އެއްޗެހި ދުއްވަނީ އެވެ. ލާމު އަތޮޅުގައި ވެސް ދުއްވަނީ އެވެ. ކަން މިހެން ހުރުމުން މިކަން ސަރުކާރަށް އެންމެ ފަސޭހަވާނީ ގާނޫނަކުން މިކަން މަނާ ކުރުމެވެ. ގާނޫނަކުން މިކަން މަނާ ކުރަންވީ ރާއްޖެ އަށް ގެންނަ އެއްގަމު ދުއްވާ އުޅަނދު ތަކުގެ ސްޕީޑް މެކްސިމަމް ލެވެލް އަކީ އެއީ ގަޑިއަކު 10 ކިލޯ މީޓަރު. އެނިމުނީ އެވެ. އެގޮތަށް ހެދޭނެ އޮޓޮމޯބައިލް އިންޖިނިއަރިންގް ބުނާ ގޮތުން ނަމަ. ދެން އެކަން ނުުކުރަންވީ އެއީ ކީއްވެގެން ތޯއެވެ. އެކަން ކުރަންވީ އެވެ.

The name is already taken The name is available. Register?

ހެހެހެހެ

18 September 2016

ގެންނަހާ އުޅަނދެއްގެ އިންޖީނާ ކުޅުމަކީ ހަރަދު ބޮޑުވާނެ ކަމެއް. ރަނގަޅު ސްޕީޑު ކެމެރާ ހަރުކޮއްފަ ގަވާއިދާ ހިލާފުވާ މީހުން ހަރުކަށި ފިޔަވަޅު އެޅުން އޮތީ. މައްސަލައަކީ މިބުނާ ފިޔަވަޅު އެޅުމުގެ ކަންތައް ހަރުދަނާކޮއް ދިވެހިންނައް ނުކުރެވޭނެކަން.

The name is already taken The name is available. Register?

ނުދެވޭނެ

18 September 2016

"ހެހެހެހެ" އެކޮއި އިންޖީނާއި ކުޅޭ ކަށް ނުޖެހޭނެއެވެ. ގިއަރ ބޮކްސް އާއި އަދި ކޮންޓްރޯލް ސާރކިޓް އަށް ގެންނަ ކުޑަ މޮޑިފިކޭޝަން އަކުން މިކަން ނިންމާ ލެވޭނެއެވެ. މިގޮތަށް އެބަހުއްޓޭ ދުނިޔޭގެ ބޮޑެތި ރިސޯރޓް ތައް ހަދާފައި ހުރި ކެރީބިއަން ތަންތަނުގައި މިކަން ކޮށްފައި. އަދި ސީޝެލްސް ގައި ވެސް ރިސޯރޓް ޒޯން ގައި މިކަން މިގޮތަށް ކޮށްފައި އެބަހުއްޓެވެ. ޑިސްޓްރިބިއުޓަރ އަށް މިކަން މެނުފެކްޗަރަރ މެދުވެރިކޮށް ކުރުވުމަކީ މާ ބޮޑު ޚަރަދެއް ދާނެ ކަމެއް ނޫނެވެ. އިންޖީނާއި ކުޅޭ ކަށް ނުޖެހޭނެއެވެ. މައްސަލަ އެއް ނެތޭ ޚަރަދު ބޮޑު ވި ކަމުގައި ވީ ނަމަވެސް މިކަން ކުރަން ޖެހޭނީ މިގޮތަށެވެ. އެއިރުން ދެހާންތިވެގެން ދާން އުޅޭ އެއްޗަކަށް ވެސް ނުދެވޭނެއެއް ނޫން ބާރު ސްޕީޑް ގައި.

The name is already taken The name is available. Register?

ހެހެހެހެ

18 September 2016

އެކްސިޑެންޓުވަނީ މަގުގެ ސަބަބުން ނެއްނޫން ދުއްވާމީހުންގެ ސަބަބުބް.

The name is already taken The name is available. Register?

ތުއްތޮންބެ

18 September 2016

ހުރިހާކަމެއް ގާނޫނަކުން މަނާކުރާކަށް ނުޖެހޭ. ތިމާގެ އަމިއްލަ ސަލާމަތާ އަނެކުންގެ ސަލާމަތަށްވެސް ވިސްނާ ހޭލުންތެރި ތަހުޒީބު ބަޔަކަށްވެސް އެބަ ވާންޖެހޭ.

The name is already taken The name is available. Register?

ވިސްނަންވީ

18 September 2016

ސައިކަލް ދުއްވާއިރު ހެލްމެޓް އެޅުން އެއީ މަޖްބޫރު މާއްދާއެއްގެ ގޮތުގައި ގާނޫނުން ހަމަޖެއްސުމާއި ރާއްޖެ އަށް އެތެރެކުރާ ސައިކަލް އެތެރެ ކުރެވޭނީ އެއީ ގަޑިއަކު 10 ކިލޯ މީޓަރަށް ވުރެން ބާރަށް ނުދުއްވޭ ގޮތަށް ސައިކަލްގެ ގިއަރ ބޮކްސް ލޮކް ކުރެވިގެން ކަމަށް ގާނޫނު ގައި ލިޔެގެން އެގޮތަށް ތަންފީޒު ކުރަންވީ އެވެ. އެއިރުން ދެން ދިމާ ނުވާނެ މިފަދަ ހިތާމަވެރި ހާދިސާ ތައް.

The name is already taken The name is available. Register?

ނަސޭހަތުގެ ބަސް

18 September 2016

މަސްތުވާތަކެތި ބޭނުން ކުރުމާއި ވައްކަންކުރުމަކީ ޤާނޫނު ގައި ލިޔެވިގެން މާނާކަންތައްތައް. އެކަމަކު އެކަންކުރާ ކިތައް މީހުން އުޅޭތޯ؟ ޤާނޫނެއް އަދި ޤަވަދެއް ހެދިޔަސް ކަމެއް އިސްލާހެއް ނުވާނެ. ހެލްމެޓް އެޅުމާއި ޝީޓް ބެލްޓުއެޅުން އެއީ އެމީހެއްގެ ސަލާމަތައް ކުރާކަމެއްކަން ދަނެގެން ކުރީމާ އެކަން ވާނީ. ރައްކާވެ ތިބިއްޔާ ދަތުރު

The name is already taken The name is available. Register?

ދިވެއްސެއް

18 September 2016

ބަލަ މީ ދިވެހީންނެއްނު! * މަގުމަތީގެ އަޚުލާގު (ނޭނގޭ - ޓީޗަރު ކިޔައެއް ނުދެއްވާ) * ދުއްވަންޖެހޭނީ ތިމާއަށް ފެންނަ ވަރަކަށް (ޤާނޫނަކީ ސަޚްޝިއްޔަތަށް ޢަމަލުކުރެވޭ އެއްޗެއް) * ޖޫރިމަނާކުރަނީ ޕާރކިން ޒޯނުން ބޭރުގަ ޕާރކް ކުރުމުން އަދި އަހަރީ ފީ ނުދައްކައިގެން. (އެކްސިޑެންޓަކުން މީހެއްގެ ފުރާނަ ދިޔަޔަސް އެ އޯކޭ ބްރޯ!) * މަގު ހެދި މީހުންނާއި މަގުގައި ބްރޭކަރު ނެތުމުން މުޅިން ގޯސް ދޯ! (ބަލަގަ މަގު ހަދާ މީހުން މަގު ހަދަނީކީ މީހުންގެ ފުރާނަ ދުއްވާލާކަށް ނޫން. ފަސޭހަކުރަން) މިހެންގޮސް ދިވެހީންގެ ހުރި ގޮތެއްފޮތެއް ނެތްކަމުގެ ލިސްޓު ސަތޭކައިން ލިޔެވިދާނެ.

The name is already taken The name is available. Register?

އަންތަރީސް 9

18 September 2016

މަގެއް އެޅުމުގެ ކުރިން މީހުން ހޭލުންތެރި ކުރަންވީ. އަޚްލާގެއް ނެތް. ހިނގާ މީހަކަށް ނުބަލާ. ސައިޑް ލައިޓެއް ނުޖައްސާ. ގޯސް މި ވަނީ މަގާ މަގު ހެދި މީހުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454