ހުޅުމާލެ 2 ގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ޑިސެމްބަރު 2024 ގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ އަދިވެސް އެއްކޮށް ހޭނާރާ ކަމަށް އޭނާގެ އާއިލާ އިން މިއަދު ބުނެފި އެވެ. 

ޑިސެމްބަރު 26 ގައި ހިނގި އެ އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 19 އަހަރުގެ ޒުވާނަކަށެވެ. އޭނާ އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ އައިޖީއެމްއެޗުގެ އައިސީޔޫގަ އެވެ. 

އެކަމަކު އޭގެ ފަހުން، އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލުގައި ތިން މަސް ދުވަހު ބާއްވައިގެން ފަރުވާ ދީ، އަނބުރާ މާލެ ގެނަ އެވެ. އަދި މިދިޔަ ޑިސެމްބަރު މަހުގެ 17 ގައި އަލުން ވަނީ އިންޑިއާ އަށް ފަރުވާ އަށް ގެންގޮސްފަ އެވެ. 

އޭނާގެ އާއިލާގެ މެމްބަރަކު ޑޮކްޓަރާ ހަވާލާދީ "މިހާރު" އަށް ބުނީ އެ ޒުވާނާއަށް މިހާރު ފަރުވާދެނީ އެސްޓާ ހޮސްޕިޓަލުގައި ކަމަށާއި އޭނާގެ ކުރީގެ ހާލަތާ އަޅާބަލާއިރު 50 ޕަސެންޓު ރަނގަޅު ކަމަށެވެ.

"ގިނަ ދުވަސްވަންދެން އެހެން އޮންނަން ވީމަ އަތްފައި ހަރުވަނީ. އެހެންވެ، ރާއްޖެ އިން ދެވޭ ފަރުވާއެއް ނޫން އެއީ، އޭގެ ބޭހާ އެއްޗެހި ފަސޭހައިން ނުލިބޭ މިތަނަކުން. މިކޮޅުން ދެއްކި ޑޮކްޓަރުގެ އިރުޝާދުގެ ދަށުން އެ ދިޔައީ ފަރުވާ އަށް،" އާސަންދައިގެ އެހީގައި ފަރުވާއަށް ގެންދިޔަ އެ ޒުވާނާގެ ބޭބެއަކު ބުންޏެވެ. 

އޭނާ ބުނި ގޮތުގައި ކުރިއާ އަޅާބަލާއިރު ޒުވާނާގެ ރެސްޕޮންސް ތަންކޮޅެއް ރަނގަޅެވެ. އެކްސިޑެންޓުގައި އެހާ ބޮޑުވަރުވުމުން މަޑުމަޑުން ރަނގަޅުވުމަށް ވަގުތު ނަގާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ. 

"ޑޮކްޓަރުންގެ އުއްމީދު އޮތީ ރަނގަޅުވާނެ ކަމަށް،" އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"ހެޔެއް އަނެއްހެން ނާރާ. ބުނަނީ ޕާޝަލީ ހޭ އަރާފައޭ އޮންނަނީ. ގިނަ ވަގުތު އޮންނަނީ ނިދިފައި. ވަރަށް ވާހަކަ ދެއްކީމަ ކުޑަކޮށް ލޯ ހުޅުވާލާ،" 

ހުޅުމާލޭގައި ޕޮލިސް ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓުވެފައި.-- ފޮޓޯ: ކިއުންތެރިއެއް
ހުޅުމާލޭގައި ޕޮލިސް ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓުވެފައި.-- ފޮޓޯ: ކިއުންތެރިއެއް

އޭނާ ބުނީ އެއާޕޯޓަށް ދާނެ އެމްބިއުލާންސެއް ނުލިބިގެން ރާއްޖެއިން ބޭރަށް ޒުވާނާ ގެންދެވުނީ ވެސް ވަރަށް ހާލުން ކަމަށެވެ. 

"ހޮސްޕިޓަލުން ބުނަނީ ހޮސްޕިޓަލަށް ގެންދާށޭ އެމްބިއުލާންސްގެ ހިދުމަތް ލިބެނީ. ހުޅުމާލޭ ހޮސްޕިޓަލަކުން އައިޖީއެމްއެޗަށް ގެންދަން އެމްބިއުލާންސެއް ނުލިބޭ. އައިޖީއެމްއެޗުން ހުޅުމާލެއަށް ގެންދަން ނުލިބޭ. ދެން 109 އަށް ގުޅިމަ މި ބުނަނީ ތިމަންނަ މެންނަކީ އިމަޖެންސީއަށް އެޑެންޑްވާ ބައެކޭ، ތި ކޭސްގައި ނެތޭ އިމަޖަންސީއެއް." ރާއްޖެއިން ބޭރަށް ޒުވާނާ ފުރުވުމަށް އެއާޕޯޓަށް ގެންދިއުމަށް އެމްބިއުލާންސް ނުލިބިގެން އުޅުނު ހާލު ކިޔައިދެމުން އޭނާ ބުންޏެެވެ. 

ހުޅުމާލޭގައި ޕޮލިސް ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓުވެފައި.-- ފޮޓޯ: ކިއުންތެރިއެއް
ހުޅުމާލޭގައި ޕޮލިސް ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓުވެފައި.-- ފޮޓޯ: ކިއުންތެރިއެއް
ހުޅުމާލޭގައި ޕޮލިސް ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓުވެފައި.-- ފޮޓޯ: ކިއުންތެރިއެއް
ހުޅުމާލޭގައި ޕޮލިސް ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓުވެފައި.-- ފޮޓޯ: ކިއުންތެރިއެއް

އާއިލާ އިން ބުނި ގޮތުގައި އެ މައްސަލަ ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނެފައިވިޔަސް ނިމުނު ގޮތުގެ ރިޕޯޓެއް އާއިލާއަށް ލިބިފައެއް ނުވެ އެވެ. އަދި އެ މައްސަލާގައި އާއިލާ އިން ދައުވާކުރަން ބޭނުންވާ ކަމަށާއި މި ފަހަރު ބޭރަށް ދާން ޖެހުނީ އެ މަސައްކަތް ކުރަމުންދަނިކޮށް ކަމަށް އާއިލާ އިން ބުންޏެވެ. 

އެ މައްސަލާގައި އޭރު ފުލުހުން ބުނެފައި ވަނީ އެކްސިޑެންޓު ހިނގީ ހުޅުމާލެ 2 ގެ ގުލްއަލާ މަގުން އިރުން ހުޅަނގަށް، ނިރޮޅު މަގު ހުރަސް ކުރަމުންދިޔަ ފުލުހުންގެ ކާރެއްގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެން ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި ސައިކަލު ދުއްވި ޒުވާނާއަކީ އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާ ހިލާފުވެގެން ލައިސަންސް ވެސް ހިފަހައްޓާފައި އޮތް ޒުވާނެކެވެ. އެކަމަކު އެކަން އާއިލާ އިން ދޮގުކޮށްފައިވެ އެވެ. 

އާއިލާ އިން ބުނީ އެކްސިޑެންޓުވި މީހާ މީގެ ދުވަސްކޮޅެއް ކުރިން ދުއްވި ސައިކަލެއް މޮޑިފައި ކޮށްފައި ހުރުމުން އެ ސައިކަލު ހިފަހައްޓައި، ސައިކަލުގެ ވެރިފަރާތް ޖޫރިމަނާކުރި ކަމަށެވެ. އެކަމަކު ޒުވާނާގެ ލައިސަންސް ހިފެހެއްޓިކަން އެނގިފައި ނެތް ކަމަށް ބުނެފައިވެ އެވެ.

 

އެކްސިޑެންޓުވި މަންޒަރު ދުށް މީހުންނާ ހަވާލާދީ އާއިލާއިން ބުނާ ގޮތުގައި ފުލުހުންގެ ކާރު އަނބުރާލަން އުޅެފައި އޮތީ މަގު ހުރަސްކުރާ ކާރެއް އަނބުރާނެ ދިމާލަކަށް ނޫނެވެ. އެެހެންވެ، ފުލުހުންގެ އިހުމާލު ވެސް އޮތް ކަމަށް އާއިލާއިން ތުހުމަތު ކުރެ އެވެ.

އެ މައްސަލާގައި ފުލުހުން ވަނީ ތަހުގީގަށް، އެ މަންޒަރު ދުށް ބަޔަކު ހޯދަން ވެސް އޭރު އިއުލާނުކޮށްފަ އެވެ. އަދި އެ އެކްސިޑެންޓުގައި ޕޮލިސް ކާރު ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއް ވޭތޯ ބަލާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.