ރިޕޯޓް

ޑރ. ޒަކަރިއްޔާ: ގިނަ އުއްމީދުތަކަކާ އެކު އައިޔޫއެމްގެ ހުންގާނަށް

އައިޔޫއެމް: ބޭރުގެ ވެސް އިހުތިރާމް ލިބޭ ތަނަކަށް ހަދުމުގެ ލަނޑުދަނޑި އެބަ އޮތް .-- ފޮޓޯ: އައިޔޫއެމް

އެ ޔުނިވާސިޓީގައި ދިވެހިންނާ އެކު ތައުލީމް ހާސިލްކުރާނީ ދުނިޔޭގެ އެކި ގައުމުތަކުގެ ދަރިވަރުންނެވެ. ތަފާތު އެކި މައްސަލަތަކުގެ ހައްލު ހޯދުމަށް ދިރާސާކުރަން ހާއްސަ ތަނަކަށް ކުރިއަށް އޮތް ދެތިން އަހަރު ދުވަހުގެ ތެރޭގައި ހެދުމަކީ އުއްމީދެކެވެ. މިއީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އަށް މިދިޔަ ހަފުތާގައި އައްޔަންކުރެއްވި ވައިސް ޗާންސެލަރު، ޑރ. އިބްރާހިމް ޒަކަރިއްޔާގެ ވިސްނުމެވެ.

މީގެ ހަތަރު އަހަރު ކުރިން ޔުނިވާސިޓީއަކަށް ބަދަލުކުރިއިރު، އޭރުގެ މައުހަދުގެ ރެކްޓާއަކަށް ހުންނެވުމުގެ އިތުރުން ޑރ. ޒަކަރިއްޔާ ވަނީ އެތަން ޔުނިވާސިޓީއަކަށް ބަދަލުކުރުމުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އެގޮތުން ޔުނިވާސިޓީ ތަރައްގީކުރާނެ ގޮތުގެ ދެ ޕްލޭނެއް އެކުލަވާލުމުގައި އޭނާގެ އިސް ދައުރެއް އޮތެވެ.

ޑރ. ޒަކަރިއްޔާ ވިދާޅުވީ އައިޔޫއެމް ތަރައްގީކޮށް އެ ޔުނިވާސިޓީގެ އިލްމު މުޅި ރާއްޖެއަށް ފަތުރާލައި އިސްލާމީ ތައުލީމާއި ތަފާތު އެކި ދާއިރާތަކުން މީހުން ތަމްރީނުކުރާނެ ކަމަށެވެ. އެއާ އެކު ލ. އަތޮޅާއި ފުވައްމުލަކުގައި އައިޔޫއެމްގެ ލާނިން ސެންޓަރު ހަދައި އެ ދެ ހިސާބުގައި އަންނަނީ މަތީ ތައުލީމް ފޯރުކޮށްދެމުންނެވެ.

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގާ މައިގަނޑު ފަސް ސަރަހައްދުގައި އައިޔޫއެމްގެ ކެމްޕަސް ނުވަތަ ލާނިން ސެންޓަރުތައް ގާއިމްކުރުމް، ޔުނިވަސިޓީގެ ޕްލޭންގައިވެ އެވެ.

އިލްމީ ތަފާތު ޕްރޮގްރާމްތަކުގެ ފެންވަރު މަތިކުރުމާއި ރާއްޖެއަށް ބޭނުންވާ ގޮތަށް ކަރިކިއުލަމް ތަރައްގީކުރުމަކީ ވަރަށް މުހިއްމު މަސައްކަތެކެވެ. އެ ޔުނިވާސިޓީން ދަސްވެނިވާ ކޮންމެ ކުއްޖަކީ ވެސް އެކި މަސައްކަތުގެ ދާއިރާއަށް ބޭނުން ހިފޭ ދަރިވަރަކަށް ހެދުމުގެ ޒިންމާ ވެސް އެބަ އޮތެވެ. އެ އަމާޒަށް ވާސިލްވުމަށް ޔުނިވާސިޓީގެ ތައުލީމީ ހާލަތު ދެނެގަނެވޭނެ ރިޕޯޓެއް ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެއަށްފަހު ރަނގަޅުކުރަން ޖެހޭ ކަންކަން ރަނގަޅުކުރައްވާނެ ކަމަށް ޑރ. ޒަކަރިއްޔާ ވިދާޅުވި އެވެ.

ޑރ. ޒަކަރިއްޔާ: ޔުނިވަސިޓީގެ ކުރިމަގަށް ކުރަން ހުރި މަސައްކަތްތައް ގިނަ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ދަރިވަރުންނަކީ ޔުނިވާސިޓީގެ އެންމެ މުހިއްމު މުދަލަށް ވާއިރު، ދަރިވަރުންގެ އާބާދީ އިތުރުކޮށް ދަރިވަރުންނާ ރަހުމަތްތެރި މާހައުލެއްގައި ހިދުމަތް ފޯރުކޮށްދޭނެ ގޮތަކަށް ޔުނިވާސިޓީގެ މުޅި މާހައުލު ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އަދި ތައުލީމް ފޯރުކޮށްދިނުމުގެ އިތުރުން އަމިއްލަ ދިރިއުޅުމަށް ބޭނުންވާނެ މުހިއްމު ހުނަރުތައް ވެސް ދަސްކޮށްދޭން ވަނީ ނިންމައިފަ އެވެ.

"އަންހެނަކަށް ވިޔަސް ފިރިހެނަކަށް ވިޔަސް ބޭނުންވާނެ އަސާސީ ވިސްނުން ލިއްބައިދިނުމަށް ޕްރޮގްރާމްތައް ހިންގާނަން،" 3،500 އެއްހާ ދަރިވަރުން ކިޔަވަމުން އަންނަ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ވިދާޅުވި އެވެ.

ޒަކަރިއްޔާ ވިދާޅުވާ ގޮތުގައި ޔުނިވާސިޓީގެ ފެންވަރު ކަށަވަރުކުރުމުގައި އެންމެ އިންޗިއެއް ވެސް ދޫނުދެއްވާނެ އެވެ. ވިސްނުމަކީ އެއް ދުވަހުން އަނެއް ދުވަހަށް ކުރިއަށް ދިއުމަށް ކަމަށް ވިދާޅުވި އެވެ.

އަމިއްލަ ފަންޑެއް ގާއިމްކުރުން: އެންމެ މުހިއްމު މަސައްކަތް!

އައިޔޫއެމަށް ކޮންމެ އަހަރަކު ވެސް ސަރުކާރުގެ ބަޖެޓުން ފައިސާ ހަމަޖައްސަ އެވެ، މި އަހަރު އެތަނަށް ގާތްގަނޑަކަަށް 40 މިލިއަނެއްހާ ރުފިޔާ ކަނޑައެޅި އެވެ. އެ ފައިސާއިން މުވައްޒަފުންނަށް މުސާރަ ދީ އިމާރާތުގެ ބައެއް މައްސަލަތައް ހައްލުކުރެވެ އެވެ. ނަމަވެސް އެއީ އައިޔޫއެމް އިން ބޭނުންވާ ގޮތެއް ނޫނެވެ. ސަރުކާރަށް ބަރޯސާނުވެ، ޓްރަސްޓް ފަންޑެއް ގާއިމްކޮށް އެއަށް ފައިސާ ހޯދުމަކީ ޔުނިވާސިޓީގެ މުހިއްމު ލަނޑުދަނޑިއެކެވެ.

އައިޔޫއެމްގެ އެއް ވިސްނުމަކީ ހުޅުމާލޭގައި "ސަނާބިލް" ނަމަކަށް ކިޔާ އިމާރާތެއް އަޅައި އެތަނުން އާމްދަނީ ހޯދުމެވެ. އެހެންކަމުން އަމާޒު ހިފާފައި ވަނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ސަނާބިލް އިމާރާތް ނިންމުމެވެ.

ޒަކަރިއްޔާ ވިދާޅުވި ގޮތުގައި، ސަރުކާރުގެ އެކި ކުންފުނިތަކާއި ބޭރުގެ ފަރާތްތައް އެދިގެން ތަފާތު އެކި ދާއިރާތަކުން ދިރާސާތައް އަންނަނީ ހަދަމުންނެވެ. އެ މަސައްކަތްތަކުން ވެސް ލިބޭ ފައިސާ ޖަމާކުރަނީ އެ ޓްރަސްޓް ފަންޑަށެވެ. އޭގެ އިތުރުން ވިޔަފާރިތަކަށް އަމާޒުކޮށް ޓްރެއިނިން ޕްރޮގްރާމްތަކއި ގާނޫނީ ލަފާ ދިނުމާއި ހޭލުންތެރިކުރުވުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގުމަކީ ޓްރަންސްޓް ފަންޑު ބޮޑުކުރެވޭނެ ގޮތްތަކެވެ.

އައިޔޫއެމްގެ ގްރެޖުއޭޝަނެއް: މިހާރު ވެސް 3،500 ދަރިވަރުން ގެންދަނީ ކިޔަވަމުން .--ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އަމާޒުކޮށް މި އަހަރު ހެދި ސްޓްރެޓީޖިކް ޕްލޭނުގައިވާ ގޮތުން 2023 އަންނަން ވާއިރަށް އައިޔޫއެމް ޓްރަސްޓް ފަންޑު 75 މިލިއަން ރުފިޔާއަށް ބޮޑުކުރުމަކީ މަގުސަދެކެވެ.

މީގެ ތިން އަހަރު ކުރިން، އައިޔޫއެމްގެ ޗާންސެލަރަކަށް އޭރު ހުންނެވި ޑރ. މުހައްމަދު ޝަހީމް ވިދާޅުވެފައިވާ ގޮތުގައި ޔުނިވާސިޓީގެ ފަންޑުގައި އޭރު ހަ މިލިއަނެއްހާ ރުފިޔާ ހުންނާނެ އެވެ.

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް ހޯލްޑިންގެ ނަމުގައި ކުންފުންޏެއް ވަނީ އުފައްދައިފަ އެވެ. އެ ކުންފުނިން ވެސް ބޮޑަށް އަމާޒުހިފާފައިވަނީ ފަންޑު ހޯދުމުގެ ދާއިރާއަށެވެ.

"އަމިއްލަ ފައިމައްޗަށް ޔުނިވާސިޓީ ތެދުވެވޭނެ މަގެއް ފަހިވެގެންދާނެ ދުވަހެއްގެ އިންތިޒާރުގައި އަޅުގަނޑުމެން މި ތިބީ،" އެ ޔުނިވާސިޓީގެ ސެންޓާ ފޯ ޕޯސްޓް ގްރެޖުއޭޓްގެ ޑީނަކަށް ކުރިން ހުންނެވި ޒަކަރިއްޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރަށް ބަރޯސާނުވެ އަމިއްލައަށް ފަންޑު ހޯދުމުން، އެތަނަށް ސަރުކާރުން ކުރާ ހޭދަ ކުޑަވެ މުހިއްމު އެހެން މަސައްކަތަކަށް އެ ފައިސާއިން ހަރަދު ވެސް ކުރެވޭނެ ކަމަށެވެ.

"ސަރުކާރަށް ލުއި ހޯދައިދިނުމުގެ ގޮތުން އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތުން ފަންޑު ޖަނަރޭޓުކުރަމުން ގެންދިޔައިމަ ސަރުކާރުން ދެއްވަން އޮންނަ މިންވަރު މަދުވެގެން ދިއުމުގެ ނަތީޖާއިން، އެ ފައިސާ ޑައިވާޓްކުރެވޭނީ ރައްޔިތުންގެ އެހެން ހިދުމަތް ފޯރުކޮށްދިނުމަށް،" ޒަކަރިއްޔާ ވިދާޅުވި އެވެ.

އައިޔޫއެމްގެ ރަމްޒަކަށް އިސްލާމީ ޝަރީއާ ގާނޫނާއި އިސްލާމިކް ފައިނޭންސް

އިސްލާމީ ޝަރީއާ ގާނޫނާއި އިސްލާމިކް ފައިނޭންސް އަދި ބޭންކިންނަކީ އައިޔޫއެމް ރަމްޒުކޮށްދޭ ދެ ޕްރޮގްރާމްގެ ގޮތުގައި ހެދުމަކީ ވެސް ޒަކަރިއްޔާގެ އަމާޒެކެވެ. އެ އަމާޒަށް ވާސިލްވުމަށް އެ ދެ ޕްރޮގްރާމް ތަރައްގީކުރާނެ ކަމުގެ ޔަގީންކަން ޒަކަރިއްޔާދެއްވަ އެވެ.

އައިޔޫއެމަށް މިދިޔަ ހަފުތާގައި އައްޔަންކުރެއްވި ވައއިސް ޗާންސެލަރު ޑރ. ޒަކަރިއްޔާ "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޔުނިވާސިޓީން ނުކުންނަ ވަކީލުންނާއި ޝަރުއީ ދާއިރާގެ މީހުންނަކީ ހުނަރުވެރި ބަޔަކަށް ހެދުމާއި އިސްލާމިކް ފައިނޭންސް އިން ތައުލީމް ހާސިލްކުރާ މީހުންނަކީ ދާއިރާގައި އިތުބާރު ހިފޭ ބަޔަކަށް ހެދުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސެޓްފިކެޓް ލެވެލް އިން ފެށިގެން ޕީއެޗް.ޑީއާ ހަމައަށް ކިޔަވައިދޭ ޔުނިވާސިޓީގައި ތަފާތު އެކި ދާއިރާތަކުން ތިރީހަކަށް ކޯސް ،މިހާރު ވެސް ހިންގަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ޑިމާންޑް ބޮޑީ އިސްލާމިކް ފައިނޭންސް އާއި ޝަރީއާ އަދި ޓީޗިންގެ ކޯސްތަކަށެވެ.

ބޭރުގެ ދަރިވަރުންނަށް މަރުހަބާ

ޒަކަރިއްޔާ ވިދާޅުވި ގޮތުގައި އައިޔޫއެމްއަކީ ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ ތަނަކަށް ހެދުމާއި ސައުތު އޭޝިޔާ ސަރަހައްދުގައި އިސްލާމީ ތައުލީމް ފެތުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ތަނަކަށް ހެދިދާނެ އެވެ. އެ އަމާޒަށް ވާސިލްވުމަށް، އައިޔޫއެމްގެ ކޯސްތައް ބޭރުގެ ގައުމުތަކުގައި އިސްތިހާރުކޮށް އެކި ހިސާބުތަކުން ދަރިވަރުން ގެނައުމީ މުހިއްމު ކަމެކެވެ.

ޒަކަރިއްޔާ ވިދާޅުވީ ރާއްޖޭގައި ތިން ބަހުން ކިޔަވައިދެމުން އަންނަ ހަމައެކަނި ޔުނިވާސިޓީ، އައިޔޫއެމްގެ ކޯސްތައް އެންމެ ފުރަތަމަ އިސްތިހާރުކުރާނީ މި ސަރަހައްދުގެ ގައުމުތަކަށް ކަމަށެވެ. އެއަށް ފަހު ދުނިޔޭގެ އެކި ގައުމުތަކަށް އެ ޔުނިވާސިޓީގެ ކޯސްތަކުގެ މައުލޫމާތު ފޯރުކޮށްދޭނެ އެވެ.

އެ ދަރިވަރުން ބޭތިއްބުމަށް އައިޔޫއެމް އިން ވިސްނަނީ "ހޯމް ސްޓޭ" ގޮތަށެވެ.

"ފުރަތަމަ ފެށުމެއްގެ ގޮތުގައި، ތަޖުރިބާކުރުމުގެ ގޮތުން މި ބަލަނީ އަޅުގަނޑުމެންގެ ކޯސްތަކަށް ބޭރުގެ ކުދިން އެޓްރެކްޓް ކުރުވައި ޝައުގުވެރިވަނީ ނަމަ އެ ކުދިން، މާލޭގައި ތިބުމަށްޓަކައި މިކަހަލަ ޕޮސިބިލިޓީއެއް ނުވަތަ މިކަހަލަ ގޮތަކަށް ކަންކަން ރޭވިދާނެތޯ ނުވަތަ ނޫންތޯ ބަލާލަން،" ޒަކަރިއްޔާ ވިދާޅުވި އެވެ.

ސައުދި އަރަބިއްޔާގެ ދެ ދަރިވަރަކު މި ފަހުން އައިޔޫއެމް އިން ވަނީ މާސްޓާސް ފުރިހަމަކޮށްފަ އެވެ. އަދި މިހާރު ވެސް ބޭރުގެ ދަރިވަރަކު އަންނަނީ ތައުލީމް ހާސިލްކުރަމުންނެވެ.

ޒަކަރިއްޔާ އަކީ ތައުލީމީ އަދި ތަޖުރިބާ ހުރި ބޭފުޅެކެވެ. އެހެން މީހުންނަށް އިލްމު ފޯރުކޮށްދެއްވުމަކީ، ދީނީ އިލްމުވެރިއެއްގެ ގޮތުގައި އޭނާ އަބަދުވެސް ކުރައްވަމުން ގެންދެވި ކަމެކެވެ. އެހެންކަމުން ތައުލީމީ ދާއިރާއަށް އިތުރު ތަރައްގީއެއް، ސީދާ އޭނާގެ ހިންގެވުމުގެ ތެރެއިން ގެންނެވުމުގައި، ހުރިހާ ވަގުތެއް، ހޭދަކުރައްވާނެ ކަމާ މެދު ޝައްކެއް ނެތެވެ.

11 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 53%
icon sad icon sad 0%
icon angry icon angry 47%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢެމް.އެން.ޔޫ

26 August 2019

"ޒަކަރިއްޔާ ވިދާޅުވީ ރާއްޖޭގައި ތިން ބަހުން ކިޔަވައިދެމުން އަންނަ ހަމައެކަނި ޔުނިވާސިޓީ، އައިޔޫއެމްގެ ކޯސްތައް" މިއީ އިތުރުފުޅެއް

The name is already taken The name is available. Register?

ޒަކަރިޔާ

26 August 2019

ޒަކަރިޔާއަށް އިޞްލާޙުވުމަށް ލިބުނުފުރުޞަތެއްކަމުގައި ދެކެން.... ކޮމެންޓްތަކުގައިއެވަނީ ޒަކަރިޔާއަށް ޤަބޫލުނުކުރެވުނަސް ޙަޤީޤަތްތަކެއް....

The name is already taken The name is available. Register?

ތރތރތރތ

26 August 2019

އައިއެމްޔޫގެ މައި ކެމްޕަސް ލ. ގަމަށް ގެންދާނެ ކަމަށް ހީކުރަން! މާލެއަކީ ކިއެވުމަށް އެކަށޭނަމ ާހައުލެއް ނޫން. ރާއްޖޭން ބޭރާށްވެސް ދަރިން ކިޔަވަން ދަނީ. ފެސިލިޓީސްތަކާ ރަގަޅު ޚިދުމަތަކާ ލެކްޗަރައިންނަށް އުޅެވޭނެ ގޮތާ ބޮޑު ކެމްޕަހަކާ އެއްކޮށް ހެދީމަ އެތަނަށް ފޮނުވަން މިތިބީ ތައްޔާރާށް ދަރން.

The name is already taken The name is available. Register?

ލައުރާ

28 August 2019

ކެންޕަސް ގެންދަންވީ އުތީމައް އެއީ ރާއްޖޭގަ ތިކަމައް އެންމެ ހާއްސަރައް

The name is already taken The name is available. Register?

މޮހެނޭ

26 August 2019

ކަމަކު ނުދޭ.. ހުނަރެއް ވައްޓަފާޅިއެއް ނެތް. ހަމައެކަނި ދުލެއް އޮންނަކަން!

The name is already taken The name is available. Register?

ޒާކިރު

26 August 2019

ވަކި ފިކުރަކަށް ތާއީދުކުރާތީ މަގާމް ލިބުނު މީހެއް. އަރަބިއްޔާ ހިންގުމާ ހަވާލުވިިއިރު އެތަންވެސް ނުހިންގި މައްސަލަ ފުންޏަކަށްވުމުން ދޫކޮށްފަ ދިޔައީ.

The name is already taken The name is available. Register?

ކޯޑިނޭޓަރ

26 August 2019

މުޅި އޮޑީގައި ހަސަނުގެ ދެފައި އޮންނަހެން. މުޅި ޤައުމުގައި ޒަކަރިއްޔާ ، ހުރިހާ ޓީވީ ޗެނަލް ތަކެއްގައި ވެސް ޒަކަރިއްޔާ.. ޢަރަބިއްޔާ ޒަކަރިއްޔާގެ މުދީރުކަމުގައި ބޮއްސުންލައިގެން ދިޔައީ ޒަކަރިއްޔާއަށް ކޮމިޓްމަންޓް ނުދެވިގެން. މިހާރުވެސް ޒަކަރިއްޔާގެ އެޓިޓިއުޑް ބަދަލެއް ނުވޭ އެތައް ޒިއްމާތަކެއް ޙަވާލުވެ އެއްވެސް ކަމެއް އިސްލާމިކް ޔުނިވަރސިޓީ ބޮއްސުން ލާނީ.

The name is already taken The name is available. Register?

އިޒްދެޓް ކްލިއަރ

26 August 2019

ހިންގުމުގެ ވައްޓަފާޅިހުރި ބޭފުޅެއްނޫން. އައިޔޫއެމްގައިވެސް ގިނަދުވަސްތަކެއްވެ ތަޖުރިބާކުރެވިފަ ހުރީ. ޔުނިވަރސިޓީއެއް ހަވާލުކުރާވަރު ބޭފުޅެއްނޫން މިއީ.

The name is already taken The name is available. Register?

ޒަމާއަތް

26 August 2019

އަރަބިއްޔާ ނުހިންގުނު މީހަކަށް ތިތަން ހިންގޭނެތަ؟

The name is already taken The name is available. Register?

ލަތީފު ބްރޯ

26 August 2019

ޝައިޚް ޒަކަރިޔާ މެން ރިޓަޔަ ކުރައްވާކަށް ނުވޭ ތޯއެވެ؟ އަޅުގަޑަށް ހީވަނީ މާ ސްޓައިލްގައި އިސްލާމިކް ޔުނިވަރސިޓީ ހިންގާނެ މެދު އުމުރުގެ ނުވަތަ ޒުވާން ބޭފުޅުން އެބަ ތިއްބެވި ހެނެވެ.

The name is already taken The name is available. Register?

ޒަކރިއްޔާ

26 August 2019

މަޝްހޫރުކަމަށް ކޮށްފަ ނުކުރާނެ ކަމެއް ނޭގޭ ބޭފުޅެއް. ދަރިވަރުންގެ މަސައްކަތް ވަަގަށްނަގަންވެސް ފަހެއްނުޖެހޭ. އަމިއްލަނަމުގައި ނެރޭ ފޮތް ކޮޕީކޮށްގެން. މޫނު އޮމާން ކުރަނީ ޓީވީއަށްއަރާއިރު ކުރާ މޭކަޕުން. މިފަދަ މީހުން އެޑިޔުކޭޝަން އިންސްޓިޓިޔުޓެއްގެ ލަގަނަށްލީމާ ދެންވާނީ ކިހިނެއް؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454