މީހަކު ކެއުމެއް ތައްޔާރުކުރަން މަޝްރޫމް ކޮށަނީ.
16 ސެޕްޓެމްބަރ 2019 - 15:25
އާދަކޮށް މަޝްރޫމް ކާ ފިރިހެނުންނަށް ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަވާ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.
އިންޓަނޭޝަނަލް ޖާނަލް އޮފް ކެންސާގައި ޝާއިއުކޮށްފައިވާ ޖަޕާނުގެ ދިރާސާގައި ބުނީ މަޝްރޫމްގެ ބާވަތްތައް ކާ މެދުއުމުރުގެ ފިރިހެނުންނާއި ދުވަސްވީ ފިރިހެނުންނަށް ކެންސަރު ޖެހުމުގެ ފުރުސަތު އެ ނޫން ފިރިހެނުންނާ އަޅާބަލާ އިރު ނިސްބަތުން ދަށް ކަމަށެވެ.
މި ދިރާސާ އަށް 40-79 އަހަރާ ދެމެދުގެ 36،499 ފިރިހެނުންގެ ސިއްހީ މައުލޫމާތު ގާތްގަނޑަކަށް ހަތަރު ވަރަކަށް އަހަރު ރެކޯޑްކޮށްގެން ބެލިއިރު ހަފުތާއަކު އެއް ފަހަރަށް ވުރެ މަދުން މަޝްރޫމް ކެއި މީހުންނަށް ޕްރޮސްޓޭޓް ކެންސަރު ޖެހިފައިވެ އެވެ. އެއަށް އިޝާރާތްކޮށް ދިރާސާގައި ބުނީ ހަފުތާއަކު އެއް ފަހަރު ނުވަތަ ދެ ފަހަރު މަޝްރޫމް ކާ މީހުން ޕްރޮސްޓޭޓް ކެންސަރާ ދުރުކޮށް ދިނުމުގެ ފުރުސަތު 8 ޕަސެންޓަށް އިތުރުކޮށްދޭ ކަމަށެވެ. އަދި ހަފުތާއަކު ތިނެއް ނުވަތަ އެއަށް ވުރެ ގިނަ ފަހަރު މަޝްރޫމު ކާ މީހުންނަށް ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ފުރުސަތު 17 ޕަސެންޓަށް ހަނިކޮށްދޭ ކަމަށް ވެސް ދިރާސާގައި ބުންޏެވެ.
ނަމަވެސް މި ގޮތަށް ދިމާވަނީ ސީދާ މަޝްރޫމްގެ ކޮން ބާވަތެއް ކެއުމުން ކަމެއް ދިރާސާގައި ކަނޑައެޅިގެން ފާހަގަކޮށްފައެއް ނުވެ އެވެ.
ދިރާސާ ހެދި ޓީމްގައި އިސްކޮށް އުޅުއްވި ޓޮހޯކޫ ޔުނިވަސިޓީގެ ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ޕީއެޗްޑީ ދަރިވަރު ޝޫ ޒަންގް ވިދާޅުވި ގޮތުގައި ދިރާސާ ހެދި އިރު، އެކަމަށް ބޭނުންކުރި މީހުން ކެއީ ސީދާ ކޮން ބާވަތެއްގެ މަޝްރޫމްތަކެއްކަން ފާހަގަކޮށްފައި ނުވާތީ، ޕްރޮސްޓޭޓް ކެންސަރާ ދުރުކޮށްދެނީ ސީދާ ކޮން ވައްތަރެއްގެ މަޝްރޫމަކުން ކަމެއް ސާފުނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެހެންވެ މިކަން އަދި އިތުރަށް ބަލަންޖެހޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy