އައިއެސްއާ ގުޅިގެން އެމެރިކާ އަށް ހަމަލާ ދޭން އުޅުނު އެމެރިކާ ސިފައިންގެ މީހެއް ކަމަށްވާ ހަސަން އެޑްމޮންޑްސް (ވ) އަދި އޭނާގެ ބޭބެ ޖޯނަސް އެޑްމޮންޑްސް.
21 ސެޕްޓެމްބަރ 2016 - 14:14
ވޮޝިންޓަން (ސެޕްޓެމްބަރު 21) - ޝިކާގޯގެ އަސްކަރީ މަރުކަޒަކަށް ހަމަލާ ދިނުމަށް އިސްލާމިކް ސްޓޭޓް (އައިއެސް) އަށް އެހީވެދިން އެމެރިކާ ސިފައިންގެ މީހަކަށް 30 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
ހަސަން އެޑްމޮންޑްސް، 24، އަކީ އެމެރިކާގެ އާމީ ނޭޝަނަލް ގާޑުގެ މެންބަރެކެވެ. އޭނާ ވަނީ އައިއެސްގެ މެންބަރެއް ކަމަށް ހެދިގެން އުޅުނު އެފްބީއައިގެ އެޖެންޓަކާ އޮންލައިންކޮށް މުއާސަލާތުކޮށްފަ އެވެ. އެޑްމޮންޑްސް ވަނީ އެމެރިކާ ސިފައިންނަށް ހަނގުރާމަ ކުރާނެ ގޮތާއި އެ މީހުން ބަލިކުރާނެ ގޮތުގެ މައުލޫމާތު އައިއެސް އަށް ދިން ކަމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެއްބަސްވެފަ އެވެ. އަދި އޭނާއާ ބޭބެ ޖޮނަސް ވަނީ އެމެރިކާ އަށް ހަމަލާ ދިނުމަށް ތައްޔާރުވެފައި ކަމަށް ވެސް ބުންޏެވެ.
އެޑްމޮންޑްސް ފަހުން ވަނީ އެފްބީއައިގެ އަންޑަކަވާ އެޖެންޓަކާ މާޗު މަހު ވެސް ބައްދަލުކޮށްފަ އެވެ. އަދި ވަނީ އައިއެސްއާ ގުޅުމަށް އިރާގުގެ މޮސޫލް އަށް ދިއުމާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ. މީގެ އިތުރުން އިލިނޯއިސްގެ އަސްކަރީ މަރުކަޒަކަށް ހަމަލާ ދޭ މީހާ އެމެރިކާ ސިފައިންގެ ޔުނިފޯމް ބޭނުން ކުރުމަށް ވެސް ވަނީ ވާހަކަ ދައްކައިފަ އެވެ.
ހުކުމް އިއްވަމުން އެމެރިކާގެ ޑިސްޓްރިކްޓް ޖަޖް ޖޯން ލީ ވިދާޅުވީ ސިފައިންގެ ވަޒީފާގައި ތިބެ ގައުމަށް ޚިޔާނާތްތެރިވާ މީހުންނަށް ގާނޫނުގައި އޮންނަ އެންމެ ބޮޑު އަދަބު ދޭނެ ކަމަށެވެ. އެޑްމޮންޑްސް ބޭބެ ޖޯނަސް އަށް އިއްވާފައި ވަނީ 21 އަހަރުގެ ޖަލު ހުކުމެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާސް
21 September 2016
ތިއީ ހަމަ ދެއްކުމެއްކަމަށް ބޮޑަށް ޤަބޫލް ކުރެވެނީ