މުއިއްޒު: ކެމިކަލް ގުދަނުގައި ރޯވުމަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ވިދާޅުވި.
02 އޮކްޓޯބަރ 2019 - 20:20
ތިލަފުށިގޭގެ ކެމިކަލް ގުދަނުގައި މި މަހުގެ 20 ގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާ އަކީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ސިފަކުރެއްވީ އެއްވެސް ހެއްކެއް ނުވަތަ ސައްހަ މައުލޫމާތެއްގެ މައްޗަށް ނޫން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މާލޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާއަކީ މުއިއްޒު ސިފަކުރެއްވި ގޮތުގައި "ރޭވި، އިންތިޒާމުވެގެން ދީފައިވާ ޓެރަރިސްޓު ހަމަލާ" އެކެވެ. ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ މެމްބަރުގެ މި ތުހުމަތާ އެކު ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރި އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ މެމްބަރު މުއިއްޒުގެ ތުހުމަތާ ގުޅިގެން ފުލުހުން ސުވާލު ކުރި ކަމަށެވެ. މެމްބަރު އެ ވާހަކަ ދެއްކެވީ އެއްވެސް ހެއްކެއް ގަރީނާއެއް އޮވެގެން ނޫން ކަމަށާއި އެއީ ލަފާ ކުރެއްވުނު ގޮތް ކަމަށް ހަމީދު ވިދާޅުވި އެވެ.
"[އަލިފާނުގެ] ދެ ހާދިސާ ވެސް ޓެރަރިޒަމާ ގުޅުން ހުރި ކަމަކަށް އަޅުގަނޑުމެން ނުދެކެން، ހަމީދު ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މުއިއްޒު ހާމަކުރެއްވީ "ހީކުރެއްވި ގޮތެއް" ކަމަށެވެ. އެހެންވެ ސީރިއަސް ބޮޑު ކަމެއްގައި އެގޮތަށް ހީކުރެއްވޭ ގޮތަށް އެއްޗެއް ވިދާޅުވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އޭނާ އަށް ދެންނެވި އިމްރާން ވިދާޅުވި އެވެ.
ކެމިކަލް ގުދަނުގައި ރޯވުމުގެ އިތުރުން ޓީޖެޓީގައި ހިނގި އަލިފާނުގެ ހާދިސާއާ ވެސް ޓެރަރިޒަމާ ގުޅުމެއް ނެތް ކަމަށް ފުލުހުން ބުންޏެވެ.
ޗީފް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވެސް ވިދާޅުވި ގޮތުގައި ކެމިކަލް ގުދަނުގެ ހާދިސާއަކީ ބައެއްގެ އިހުމާލުން ނުވަތަ ގަސްތުގައި ކުރި ކަމެއް ވެސް މިހާތަނަށް ނުބެލެވެ އެވެ. ފުލުހުން މިހާތަނަށް ދިރާސާކުރި ފުޓޭޖްތަކުން ފެންނަ ގޮތުގައި ފުރަތަމަ ރޯވީ ތިލަފުށިގޭގައި ހިންގި ކެމިކަލް ގުދަނުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެ: ސެޕްޓެމްބަރު 20، 2019: މިއަދުގެ އަލިފާނުގެ ހާދިސާ---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ބަޝީރު ވިދާޅުވީ ތިލަފުށިގޭގައި ގުދަންކޮށްފައި ހުރީ ރާއްޖެ އެތެރެކުރަން ޑިފެންސް މިނިސްޓްރީން ހުއްދަ ދީފައި ހުރި ކެމިކަލްތައް ކަމަށެވެ. އޭގެތެރޭގައި އެއްޗެހި ދޮވުމަށާއި ގޭތެރެ ސާފުކުރަން އަދި ޕޫލަށް އަޅަން ބޭނުންކުރާ އެކި ވައްތަރުގެ ކެމިކަލް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހެންވޭރު މާޓިން ގޭގައި ހުރި ފިނޯ ކުންފުނީގެ ގުދަނުގައި ހުރީ ކުކުޅާއި ތަރުކާރީ ފަދަ ބާވަތްތަކެވެ.
ބަޝީރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އަލިފާނުގެ ދެ ހާދިސާ ހިނގި ގޮތް އަދި ނޭނގުނަސް ޓެރަރިޒަމާ ގުޅުމެއް ނެތް ކަމަށް ވިދާޅުވި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"މިހާތަނަށް ލިބިފައިވާ ފުޓޭޖްތަކުން އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި ފުރަތަމަ އަލިފާން ހިފާފައި ވަނީ ހެންވޭރު ތިލަފުށީގޭގެ ގުދަނުގައި. އޭގެ ކުޑައިރުކޮޅެއް ފަހުން މަގުމަތީގައި ހުރި ސައިކަލްތަކާއި ރަދުވާނިއާ ގޭގައި އަލިފާން ހިފައި އޭގެ ފަހުން އިތުރު ގެތަކުގައި އަލިފާން ހިފަމުން ދިޔަ ކަން އަޅުގަނޑުމެންނަށް ފާހަގަވެފައި ވަނީ،" ބަޝީރު ވިދާޅުވި އެވެ.
"މިހާތަނަށް ބެލިބެލުމުގައި އެއްވެސް ފަރާތެއްގެ ޒިންމާއެއް ނުވަތަ އިހުމާލެއް، ނުވަތަ ގަސްތުގައި ބަޔަކު ކުރި ކަމެއް ކަމަށް މައުލޫމާތު ލިބިފައެއް ނުވޭ. އަދިވެސް އަޅުގަނޑުމެން މި ގެންދަނީ މި މައްސަލައާ ގުޅޭ އިތުރު ކަންކަން ސާފުކުރަން،" ބަޝީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ހާދިސާ އާއި ޓީ ޖެޓީގައި އަލިފާން ރޯވި ގޮތް ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުއިއްޒު
03 October 2019
ދެންވެސް ބުނާނަށް. އެއީމަށަށްފެންނަގޮތް.
ހެމް
03 October 2019
ތިއައީ އެމްޑީޕީ މީހުން އަލަށް ކުރާ ކަމެއް ނޫން. 2008 އިން ފެށިގެން އާއްމު ގޮތެއްގައި އެމީހުން ވާހަކަ ދައްކާ އުޅޭ ގޮތް އެއީ. ގިނަ ވާހަކައިގައި ހަގީގަތް އެކުލެވިގެންނުވާއިރުވެސް ގިނަ މީހުން ބަލައިގަންނާނެ އެމީހުން ދައްކާ ވާހަކަ.
މަހޭބެ
03 October 2019
ފުލުހުންގެ ތި ދިރާސާތައް ވަރަށް މޮޅު، އަލިފާން ރޯވީ އެއްވެސް މީހެއްގެ އިހުމާލަކުން އަދި ގަސްދަކުވެސް ނޫންކަމަށް. ދެން ކިހިނެއްބާ އަލިފާން ރޯވީ؟ އިހުމާލެއް ނެތް ގަސްދަކުނޫން އަމިއްލަ އަށް ރޯވީ؟ ނޭގޭތީ އަހާލެވެނީ! ގުދަނުގެ ވެރިފަރާތުން ބުނަނީ ކަރަންޓުން އަލިފާން ރޯވުމުގެ އެއްވެސް ޕޮސިބިލިޓީއެއް ނޯންނާނެ ކަމަށް... އަޖައިބެއްނޫން؟
ރަތް
03 October 2019
މޮޅުހާ އަނގަތަޅާނެ އެއްޗެއް ނޭގުނަސް ގައުމަށް ވާނެ ގެއްލުމަކަށް މިމީހުން ބެލުމެއް ނެތް
ލާމު!
03 October 2019
ސާފުހެކި ހުއްޓަސް މިބާވަތުގެ ކަންތައްތަކުގައި ހެކިނުފެންނާނެ! ސަބަބަކީ މިބާވަތުގެ އަޑު ގިނައިން އަރުވައި އުޅެނީ އެކަންތައްތައް ކޮންއުޅޭ މީހުންކަމަށް ވާތީ! އެހެނީ އެއްވެސްބާރެއްގެ ކުރިމަތީގައި އެބާރަކާ ދެކޮޅަށް ކުރެވޭނެ އިންސާފުވެތި ތަޙްޤީޤެއް ނޯންނާނެ!
އަމަނާ
03 October 2019
ޕޮލިހުން ބުންޏަސް، އަދި އެހެން ބަޔަކުބުންޏަސް، ހަމަ ހުރެފަ ރޮލެއްނުވާނެ އެއީ ބުއްދީގެ ހަމަތަކުން އެނގޭ އެއްޗެއް. އެތަނުގަ ކަރަންޓެއް ނުހުންނާނެކަމުގެ ޔަގީންކަން ގުދަނުގެ ވެރިފަރާތުން އެބަދޭ. އެހެން ކަމުން (ރިޔާސީ ކޮމިސަނުގެ އެހެން ތަހުގީގު ތަކާ އަޅާ ކިޔާއިރު) ކަމެއް ފޮރުވާހެންވެސް އެބަހީވޭ.
އަލި
03 October 2019
ވާނުވާ ނޭންގޭ މީހުން މެމްބަރުކަމަށް ހޮވީމަ މިކަހަލަ ކިތަންމެ އަޑެއް ކިޔާނެ. ރީންދޫ ޓައީއެއް އެޅީމަ އެވީ ހުރިހާ ކަމެއް ދަންނަ މޮޅުމީހަކަށް. ދެން ވޯޓްލާ މީހާވެސް ހަމަ ސީދާ ކުލަޔަށް ވޯޓް ލަނީ..
ރަދީފް
03 October 2019
މި މެމްބަރު މިއީ މާގިނަ މީހުންނަށް އެނގޭ މީހެއްނޫން.މަޖްލިހުގަވެސް މީނަ ތެދުވަނީ ކޮންމެވެސް ހުށަހެޅުމަކަށް ތާއީދުކުރަންއެކަނި.އެެހެންވީމަ މީނަ ފޭމަސްވެލަން ކޮންމެވެސް ކޮހެއް ގޮވާލީ .ވ.ވެދުން
ޖަބީނު
03 October 2019
ރައީސް ނަޝީދު ބުނީމަ ނަޝީދުގެ ޕަޕެޓުން ގަބޫލު ކުރާނެ! ނަޝީދު ގަބޫލު ކުރާނެ ވިލާތުގެ އޭނަގަ އެޖެންޓު ބުނީމަ! ނަޝީދު އަކީ މިގައުމުގެ ކަންކަމަށް ނުރައްކަލެއް!
ކުނި
03 October 2019
މިގައުމަށް ނުކަތާ ވަރުގެ ބޮޑު އަނގަޔެއް އެއީ ހުވާ މި ބުނީ. ނަސީބެއް އެވަރުގެ އަނގަޔެއް ސޯލިހުގެ ނެތްކަން.
ާހަމަހަމަ
03 October 2019
ދެން ކީއްވެ ޓީޖެޓީގެ ހާދިސާހިނގި ސަރަހައްދުގަ ހުރި މީހާ އެއީ މޑޕ އިން ކުރި ކަމެއްކަމަށް ބުނުމުން ހައްޔަރު ކުރީ ؟ އޭނަވެސް ހަމަ ތިހެން، އެހާ ރަނގަޅު ނޫން ގޮތަކަށް ވީނަމަވެސް ހިޔާލު ފާޅިކޮށްލީ ދޯ.