ޓީޗަރުންގެ ދުވަހަށް ޖަމާލުއްދީން ސްކޫލު ޒީނަތްތެރިކޮށްފައި .-- ފޮޓޯ: ނިޝާން އަލީ/ މިހާރު
06 އޮކްޓޯބަރ 2019 - 18:30
ޖަމާލުއްދީން ސްކޫލުގެ ގޭޓު ކުރިމައްޗަށް އެރުމުން ފެނުނީ ބޮޑު މާ ބަގީޗާއެކެވެ. ފިޔާތޮއްޓާއި އޮރެންޖާއި ނޫ ކުލައިގެ އެކި ވަރުގެ މާތަކުން މުޅި ސްކޫލް އޮތީ ޒީނަތްތެރިކޮށްފަ އެވެ. ގޭޓުން ވަދެގެންދާ އިރު، ޓީޗަރުންނަށް މަރުހަބާ ކިޔަން ދެ ފަރާތުގައި ބަހައްޓާފައި ހުރީ ތަފާތު މެސެޖްތައް ލިއެފައިވާ ބޯޑުތަކެވެ. އެ ބޯޑުތަކުގައި ބެލެނިވެރިން ވަނީ ދަރިވަރުންނަށްޓަކައި ޓީޗަރުންގެ ގުރުބާނީ އަށް ޝުކުރު އަދާކޮށްފަ އެވެ.
އަމީނިއްޔާގެ މައި ދޮރާއްޓާއި ކޮރިޑޯ ސަރަހައްދު ވެސް ފުރާލާފައި އޮތީ ފިޔާތޮށި ކުލައިގެ އެކި މަލުންނެވެ. ސްކޫލުގެ ޓީޗަރުންނަށް ދޭ އެކި ހަދިޔާތައް ބަހައްޓާފައި ހުރީ ހަރުގަނޑެއްގަ އެވެ.
ތާޖުއްދީން ސްކޫލުގައި ވެސް އޮތީ ހުސް މަލެވެ. މައި ގޭޓުން ފެށިގެން ސްކޫލްގެ ގޯތިތެރެ ވަނީ އެ ސްކޫލުގެ ތީމް ކުލަ، ރީނދުލާއި އޮރެންޖު ކުލައިގެ މާތަކުން ޒީނަތްތެރިކޮށްފަ އެވެ. ފޮޓޯ ބޫތުތަކާއި އުނދޯއްޔާއި ބައިސްކަލަށް އަރައިގެން ޓީޗަރުންނާއި ދަރިވަރުން ދިޔައީ އެކި ދިމާލުން ފޮޓޯ ނަގައި އެ ހަނދާންތައް ރައްކާކުރަމުންނެވެ.
މި އަހަރުގެ ޓީޗަރުންގެ ދުވަސް ގިނަ ސްކޫލްތަކުގައި މިއަދު ފާހަގަކުރީ ފްލޯރަލް ތީމަށެވެ. ހަދިޔާގެ ގޮތުގައި ވެސް ޓީޗަރުންނަށް ގިނައިން ދިއްކޮށްލީ ކުލަ ކުލައިގެ މަލެވެ.
ޖަމާލުއްދީން ސްކޫލުގެ ޓީޗަރަކަށް، ދަރިވަރަކު މަލެއް ދެނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ރަސްމީ ސިފައެއްގައި ޓީޗަރުންގެ އަގުވަޒަން ކުރެވޭނެ ހަމައެކަނި ދުވަހަކީ އޮކްޓޯބަރު، 5 ގައި ފާހަގަކުރާ ޓީޗަރުންގެ ދުވަހެވެ. އެ ދުވަސް މި އަހަރު ދިމާވީ ރަސްމީ ބަންދު ދުވަހަކަށެވެ. އެހެންވެ މިދިޔަ ހަފުތާ އިން ފެށިގެން އެކި ސްކޫލްތަކުގައި އަންނަނީ ޓީޗަރުންގެ ދުވަސް ފާހަގަކުރަމުންނެވެ.
އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ނާޒްލީން (މ) އާއެކު އެ ސްކޫލުގެ ދެ ޓީޗަރަކު ފޮޓޯ ނަގަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ނާޒްލީން ވާފިރު ވިދާޅުވި ގޮތުގައި، ޓީޗަރުންނަށް ހަދިޔާ ތައްޔާރުކުރީ ލީޑިން ޓީޗަރުންނެވެ. ލީޑިން ޓީޗަރުންނަށް ޕްރިންސިޕަލްގެ ފަރާތުން ހަދިޔާ ދިނީ ހާއްސަ މެސެޖަކުންނެވެ. އެ ހަދިޔާތަކުގައި، ޓީޗަރުންގެ ނަންތައް ޖަހާފައި ހުއްޓެވެ.
ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ތާޖުއްދީން ސްކޫލު ޒީނަތްތެރިކޮށްފައި--. ފޮޓޯ:ނިޝާން އަލީ/މިހާރު
"އެ ގްރޭޑެއްގެ ލީޑިން ޓީޗަރުން، މި ދެނީ އެ ގްރޭޑެއްގެ ޓީޗަރުންނަށް ހަދިޔާ. ލީޑިން ޓީޗަރުންނަށް ޕްރިންސިޕަލް މި ހަދިޔާ ދިނީ،" ނާޒްލީން ވިދާޅުވި އެވެ.
މި އަހަރަކީ އަމީނިއްޔާގެ އަލިމަސްޔޫބިލް ފާހަގަކުރާ އަހަރަށްވުމާއެކު ޓީޗަރުން އުފާވެރި އިހުސާސްތަކެއް ކުރެ އެވެ. އެ ސްކޫލުގައި ވިއްސަކަށް އަހަރު މަސައްކަތްކުރި ފާތިމަތު އަޒްހާރު ބުނީ ޓީޗަރުން ކުރާ މަސައްކަތް ސްކޫލު ފެންވަރުގައި ބަލައިގަންނަ ކަމަށެވެ. އަދި މިފަދަ ދުވަހެއްގައި ބުރަ މަސައްކަތުގެ އަގު ވަޒަންކުރާކަމުގެ އިހްސާސްކުރެވޭ ކަމަށް ވެސް ބުންޏެވެ.
ޓީޗަރުންގެ ދުވަހަށް ތާޖުއްދީން ސްކޫލުތެރެ ޒީނަތްތެރިކޮށްފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ވަރަށް ބުރަކޮށް އަހަރު ދިޔަކަމުގައި ވިއަސް މިކަހަލަ އެންމެ ދުވަހަކުން އެ ބުރަކަން ހިތުން ފިލާ މިހެން ބާއްވާ ކުދި ކުދި ކަންތައްތަކުގެ ސަބަބުން ވެސް،" ގްރޭޑު 9 އަދި 10 އަށް ދިވެހި ކިޔަވައިދެމުން އަންނަ ޓީޗަރު ބުންޏެވެ.
ޓީޗަރުންގެ ދުވަސް ފާހަގަކުރަން އަމީނިއްޔާ ސްކޫލުގައި ބަހައްޓާފައި ހުރި ހަދިޔާތަކެއް ޓީޗަރަކު ބަލަނީ --. ފޮޓޯ: ނިޝާން އަލީ/މިހާރު
ޓީޗަރުންގެ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް ހިތްހަމަޖައްސައިދޭން ހުރިހާ ސްކޫލްތަކުގެ މެނޭޖްމެންޓާއި ބެލެނިވެރިން ވަނީ މި އަހަރު ވެސް މަސައްކަތްތަކެއް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޭއެސް
07 October 2019
ޖަމާލުއްދީން ސުކޫލަކީކޮންމެކަމެއްގައިހައްދުން ނައްޓާތަނެއް،ހުރިހާ ޕޭރެންޓުންގެތަނަވަސްކަން އެއްވަރެއް ނުވާނެ ކޮންމެކަމަކަށްޕޭރެންޓުން އަތުން އެތަށް ޚަރަދެއެއް ޖޭއެސްގެ ހަރަކާތްތަކަށްކުރޭ އަބަދުވެސް ދަރިވަރުންނާއި ގުޅުމެއްނެތް ކަންކަމުގައި ހަރަދުތައް ކުރަންޖެހެނީ،އެއްވެސްކަމެއްނުކުރާނެ ކުޑަގޮތަކަށް ކޮންމެ ކަމެއްވެސް ކުރާނީއެންމެޚަރަދުބޮޑުކޮށް މާކަންތައްގަނޑުބޮޑުކޮށްލައިގެން ޖޭއެސްނޫނަސް އެހެންސުކޫލުތަކުގައިވެސްދުވަސްތަށްފާހަގަކުރޭމިވަރެއްނާރުވާނެ
ކިނާރާ
09 October 2019
އަހަރު ތެރޭ ކޮންމެ ދަރިވަރަކު: ކުޑަކުދިންގެ ދުވަހު 30 ޕިއްޒާ ފޮތި ސްކޫލުގެ އަހަރީ ދުވަހު 25 ކޭކު ބުރި މާހެފުމަށް 30 މީހުންނަށް ކުޅި ފާރޮށި ޓީޗަރުންންގެ ދުވަހު 30 ސޭންޑްވިޗު އިންޓަރ ކުލާސް ކުޅިވަރު މުބާރާތް 30 ހެދިކާ ޑިސްޕޯސަބަލް ތަށި، ޖޯޑު، އަދި ޓިށޫ ކުލާހަލުން އެއްބޮޑި ސްކޫލް ޒީނަތްތެރި ކުރުމަށް ކުލަކަރުދާހުން 6 ސަންފްލާވަރ، 12 ފިނިފެންމާ، 20 ފަތް، ރިހި ކަރުދާހުގެ 10 ސްޕައިރަލް ނާސްތާ ޕްރޮގްރާމް ގައި ބައިވެރި ވެގެން ހިލޭ ނާސްތާ. ޕްލާޓިކް މަނާ
ފޭކް1
07 October 2019
ޕްލާސްޓިކް މާ ދެއްތޯ.
ޔޫކޭޖީ ޕެރެންޓެއް
07 October 2019
އެކަމު ކުލާސް ވައިބަ ގުރޫޕް ތަކުގަ ލާރި ދިން މީހުން އަދި ނުދޭ މީހުން ގެ ލިސްޓް އާއްމުކޮށް ލަދުގަންނަވައިގެން ލާރި ހޯދުން ދެރަ ދޯ.. 2/2
ހަސަދު
06 October 2019
މާމެލާ މެލިން ޓީޗާސް ޑޭ ފާހަގަ ކުރާ އިރު، ޓީޗަރުންގެ މުސާރަ ސިޔާސީ ތަންދޮރު ނުދަންނަ އެކްޓިވިސްޓަކަށް ވުރެ 8 ގުނަ ދަށް. ކިރިޔާ ކާލެވޭ ވަރު ވަނީ. ވަންނާ ތަނެއްނެތް. ލެސަން ޕުޅެން ހަދަން ޖެހެނީ ހޮރެއްގައި އިދެގެން. އޯވަރޓައިމް ވެސް ނުލިބޭ.
އައިސާ
06 October 2019
މިއީ ހާދަ ބޮޑު އިސްރާފެކޭދޯ. މިގޮތަށް ހަރަދުވާ ފައިސާއިން މިއަށްވުރެ މުހިންމު ކަމެއް ކުރުން ބުއްދިވެރި. ތި ފޮޓޯތަކަށް ބަލައިލުމުންވެސް ތިކަމަށް ކޮށްފައިވާ ބުރަ މަސައްކަތް އިހުސާސް ކުރެވޭ. ތިހުރިހާ މަލެއް ކަފައިގެން ހެދުމަށް ހާދަ ގިނަ ވަގުތު ބޭނުން ވާނެ. ބެލެނިވެރިން ތިފަދަ ކަންތައް ކުރަނީ ކުރާ ހިތުންނެއް ނޫން.
ނަރުގިސް
06 October 2019
ޓީޗަރުން ގެ ބުރަމަސައްކަތް ދެފުއްކެހެރި ގުލްދަސްތާ ތަކުން ބެލެނިވެރިން ލައްވާ ސްކޫލް ތަކުން ނުކިއުއްވުން ރަނގަޅީ! ސަރުކާރުން ދީފައިވާ އެއްޗަކުން ދެކޮޅުޖައްސައިގެން ބެލެމިވެރިން އަތުން އެއްވެސް މިންވަރެއް ނުހޯދާ މިކަން ކުރުން ރަނގަޅީ. ރޭގަ މާވިއްކާ ފިހާރައެއްގެ ތެރެއިން މާގަނެގެން ބެލެނިވެރި ޔަކު ދަމުން ކީހާ ފަރެސް ބުނާ ކަށް ނޭގޭ، ކުރިން ރިޕޯރޓު ދޭއިރު ހަދިޔާ މުދައްރިސުންނަށް ދިނުން ހުއްޓުވިގޮތައް.