ދުނިޔެ / ރައީސް ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕް އިމްޕީޗްކުރުމުގެ ތަހުގީގަށް އެއްބާރުލުން ނުދޭނެ ކަމަށް ވައިޓް ހައުސް އިން އަންގައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް: އޭނާ އިމްޕީޗްކުރުމުގެ މަސައްކަތަށް ދަނީ ހުރަސް އަޅަމުން

އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕް އިމްޕީޗްކުރުމަށް ހިންގާ ތަހުގީގަށް އެއްބާރުލުން ނުދޭނެކަން ވައިޓް ހައުސް އިން ރަސްމީކޮށް އަންގައިފި އެވެ.

ޓްރަމްޕް އިމްޕީޗްކުރުމުގެ ތަހުގީގެއް ކުރަން ނިންމީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ރިޔާސީ ރޭހަށް ނުކުމެވަޑައިގަންނަވާ އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެންއާ ގުޅުން ހުރި ކަމަށް ބުނާ މައްސަލައެއް ޔުކެރެއިނުން ތަހުގީގުކޮށްދިނުމަށް ޓްރަމްޕް އެދިވަޑައިގަތް މައްސަލައިގަ އެވެ. ރިޔާސީ އިންތިހާބަކަށް ބޭރު ގައުމެއްގެ އެހީ ހޯދުމަކީ ކުށެއް ކަމަށް ވާތީ މި ތަހުގީގު ހިންގަނީ އެކަން ސާބިތުވޭތޯ ބެލުމަށެވެ.

ޑިމޮކްރޭޓުންގެ އަޣުލަބިއްޔަތު އޮތް ހައުސް އޮފް ރެޕްޒެޓެންޓެޓިވްގެ ތިން ކޮމިޓީއަކުން ތަހުގީގު ފަށާފައި ވަނިކޮށް ވައިޓް ހައުސް އިން ޑިމޮކްރަޓިކް ޕާޓީގެ ލީޑަރުންނަށް ފޮނުވި ސިޓީއެއްގައި ބުނީ އެ ތަހުގީގަކީ އެއްވެސް އަސާސެއް ނެތް، ގާނޫނު އަސާސީއާ ހިލާފް ބާތިލް ތަހުގީގެއް ކަމަށެވެ. މި ސިޓީ ފޮނުވީ އެމެރިކާ އިން ޔޫރަޕިއަން ޔުނިއަން އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ގޯޑަން ސޮންޑްލޭންޑް، ކޮންގްރެސްގެ އިމްޕީޗްމަންޓުގެ ތަހުގީގަށް ހާޒިރުވުން ވައިޓް ހައުސް އިން ހުއްޓުވުމަށް ފަހުގަ އެވެ.

ވައިޓް ހައުސް އިން ފޮނުވި ސިޓީގައި ބުނެފައިވަނީ ޑިމޮކްރަޓިކް ޕާޓީން މަސައްކަތްކުރަމުން އަންނަނީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ބަދަލުކުރަން ކަމަށެވެ. އަދި މި ތަހުގީގަކީ އިޖުއާއަތްތަކާއި ގާނޫނު އަސާސީއާ ވެސް ހިލާފް ތަހުގީގެއް ކަމަށް ބުނެފައިވެ އެވެ.

"ރައްޔިތުން ހަވާލުކޮށްފައިވާ ޒިންމާ އަދާކުރަން ޖެހޭނެތީ، ތިޔަ ޕާޓީގެ މަސްލަހަތަށް ހިންގާ ޣައިރު ދުސްތޫރީ ތަހުގީގުގައި ރައީސް ޓްރަމްޕާއި އެމެރިކާ ސަރުކާރަށް މި ހާލަތުގައި ބައިވެރިވެވެން ނެތް ކަމަށް ދަންނަވަމެވެ." ސިޓީގައިވެ އެވެ.

އެމެރިކާގެ އީޔޫ ސަފީރު ތަހުގީގަށް ހާޒިރުވުން ހުއްޓުވާފައި ވާއިރު ޔުކްރެއިނުން ބައިޑެންގެ ތަހުގީގު ހިންގަން ބާރު އަޅައި ޕްރެޝަކުރުމަށް އޭނާ އެމެރިކާގެ އެހެން ޑިޕްލޮމޭޓުންނަށް ފޮނުއްވި ޓެކްސްޓް މެސެޖުތަކެއް ވެސް ކުރިން އާންމުކޮށްފައިވެ އެވެ. ސޮންޑްލޭންޑް ތަހުގީގަށް ހާޒިރުވުން ހުއްޓުވުމަށް ފަހު ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސޮންޑްލޭންޑަކީ ތަހުގީގަކަށް މައުލޫމާތު ދޭން ވަރަށް ރަނގަޅު އިހްލާސްތެރި ބޭފުޅެއް ކަމަށާއި އެކަމަކު ވަކި ފަރާތަކަށް ޖެހިފައިވާ ތަހުގީގަކަށް ހާޒިރުވާން ޖެހުމަކީ ހިތާމައެއް ކަމަށެވެ.

އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން (ވ) އާއި އޭނާގެ ދަރިކަލުން ހަންޓާ

އިމްޕީޗްކުރުމުގެ މަސައްކަތް ފެށި ސަބަބު

ޑިމޮކްރޭޓުން އިސްވެ އޮވެ ކުރާ ތަހުގީގުގައި، ޔުކްރެއިނުން ބައިޑެންގެ މައްޗަށް ތަހުގީގު ހިންގަން ޕްރެޝަކުރުމުގެ ގޮތުން، އެމެރިކާ އިން ޔުކްރެއިނަށް 400 މިލިއަން ޑޮލަރުގެ އެހީ ހިފަހައްޓާފައި ވޭތޯ ބަލާނެ އެވެ.

ބައިޑެން ދަރިފުޅު ހަންޓާ އަކީ ޔުކްރެއިންގެ އެނާޖީ ކުންފުންޏެއްގެ ބޯޑުގައި ކުރިން ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އެ ކުންފުންޏާ ގުޅުން ހުރި މައްސަލައެއް ތަހުގީގުކުރުން، ނައިބު ރައީސަކަށް ބައިޑެން ހުންނެވި އިރު ހުއްޓުވާފައިވާ ކަމަށް ޓްރަމްޕާއި އޭނާގެ ސަޕޯޓަރުން ގަބޫލުކުރެ އެވެ. ނަމަވެސް މިއީ އެއްވެސް ހަގީގަތެއް އޮތް ތުހުމަތެއް ނޫން ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

އިމްޕީޗްކުރުމުގެ މަސައްކަތް ފެށީ މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހު ޔުކްރެއިންގެ ރައީސް ކަމަށް ވޮލޮޑީމިޒް ޒެލެންސްކީ އިންތިހާބުވުމާ އެކު މަރުހަބާ ވިދާޅުވާން ޓްރަމްޕް ފޯނު ކުރައްވައި، އެމެރިކާ އިން ޔުކްރެއިނަށް ކޮށްދޭ ކަންތައްތަކުގެ ވާހަކަ ދެއްކެވުމަށް ފަހު، އެމެރިކާ އަށް ވެސް ކަމެއް ކޮށްދެއްވަން ޖެހޭ ކަމަށް ވިދާޅުވެ ބައިޑެންގެ ތަހުގީގުގެ ވާހަކަ ދައްކަވާފައިވާކަން ހާމަވުމާ އެކުގަ އެވެ.

އިމްޕީޗްކުރުން ކުރިއަށް ދާނީ ކިހިނެއް؟

އިމްޕީޗްކުރުން ނުވަތަ ތުހުމަތުތައް ތަހުގީގު ކުރުމަކީ ފުރަތަމަ މަރުހަލާ އެވެ. ތަހުގީގު ހިންގުމަށް ފަހު ކޮންގްރެސް އިން ރައީސް މަގާމުން ދުރުކުރެވޭނެ އެވެ. ހައުސް އޮފް ރެޕްރެޒެންޓެޓިވުން އިމްޕީޗްމަންޓް ފާސްކޮށްފި ނަމަ ސެނެޓުން މައްސަލަ ބަލަން މަޖުބޫރުވާނެ އެވެ. ސެނެޓުގައި ނަގާ ވޯޓުގައި ރައީސް ކުށްވެރިވާ ކަމަށް ފާސްވާނީ ތިން ބައިކުޅަ ދެ ބައިގެ އަޣުލަބިއްޔަތު ލިބިގެންނެވެ. ނަމަވެސް ސެނެޓުގައި އޮތީ ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ކޮންޓްރޯލް ކަމަށް ވުމުން، އިމްޕީޗްމަންޓް ކާމިޔާބުވާނެ ކަމަކަށް ނުބެލެވެ އެވެ.

އެމެރިކާގެ ތާރީހުގައި އިމްޕީޗްމަންޓް މިހާތަނަށް ކުރިމަތިވެފައި ވަނީ އެންމެ ދެ ރައީސަކަށެވެ. އެއީ ބިލް ކްލިންޓަނާއި އެންޑްރޯ ޖޯންސަން އެވެ. އެކަމަކު މިއިން އެއްވެސް ބޭފުޅެއްގެ މައްޗަށް ކުށް ސާބިތުވެ މަގާމުން ވަކިކޮށްފައެއް ނުވެ އެވެ. ރައީސް ނިކްސަނާ ދެކޮޅަށް އިމްޕީޗްމަންޓް ހިންގަން އުޅުމުން އޭނާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454