15 އޮކްޓޯބަރ 2019 - 10:58
ސީރިޔާގެ ކުރުދީންނާ ދެކޮޅަށް ތުރުކީން ފެށި ހަމަލާތައް ހުއްޓައިލުމަށް ބާރު އަޅަން އެމެރިކާއިން ތުރުކީއަށް އިގުތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ގަރާރަކުން ތުރުކީއަށް ފިޔަވަޅު އެޅީ ކުރުދީންނާ ދެކޮޅަށް ތުރުކީީން ހަމަލާދޭން ތައްޔާރުވަމުން ދަނިކޮށް، ސީރިއާގެ އުތުރުގައި ތިބި އެމެރިކާ ސިފައިން ބޭލުމުން އެތެރެ އާއި ބޭރުން ޓްރަމްޕް ސަރުކާރަށް ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށެވެ. ތުރުކީ އަށް ފިޔަވަޅު އެޅި ނަމަވެސް އެމެރިކާ ސަރުކާރުން ބުނީ ސީރިޔާގައި ތިބި އެގައުމުގެ އެންމެ ފަހު، ހާހެއްހާ ސިފައިން ބޭލުން ކުރިން ރާވާފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށެވެ.
އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ނޫސްވެރިންނާ ވާހަަދައްކަވަމުން ވިދާޅުވީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާ ފޯނުން ގުޅުއްވައި، ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަކަށް އައުމަށް އެދިވަޑައިގެންނެވި ކަމަށެވެ. ހަމަލާތައް ވަގުތީ ގޮތުން ހުއްޓައިލުމުގެ އެއްބަސްވުމެއް ގާއިމްކުރަން މަޝްވަރާކުރަން އެ ސަރަހައްދަށް ވަޑައިގަންނަވާނެ ކަމަށް ވެސް ޕެންސް ވިދާޅުވި އެވެ.
"ތުރުކީން ސީރިއާގެ ސަރަަހައްދުތައްް ހިފަމުން ދިއުން ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއިން ބަރުދާސްތެއް ނުކުރާނެ. އަހަރެމެން ތުރުކީއަށް މި ގޮވައިލަނީ ކުރިމަތިލުން ހުއްޓައިލުމަށް. ހަމަނުޖެހުން ހުއްޓައިލުމަށް ފަހު މަޝްވަރާގެ މޭޒަށް އައުމަށް،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕްގެ ރިޔާސީ ގަރާރުން ތުރުކީއާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި އެގައުމުން އެމެރިކާއަށް އިމްޕޯޓްކުރާ ދަގަނޑުން ނަގާ ޓެރިފް ކުރިން އޮތް ގޮތަށް 50 ޕަސެންޓަށް އަލުން ބޮޑުކުރުމާއި 100 ބިލިޔަން ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުމެއްގެ މަޝްވަރާތައް ހުއްޓައިލުން ހިމެނެ އެވެެ. އޭގެ އިތުރުން ތުރުކީގެ ސަަރުކާރުގެ ބައެއް އިސް ވެރިންނަށް ފަރުދީ ގޮތުން ވެސް ވަނީ ފިޔަވަޅު އަޅައިފަ އެވެ.
ސީރިއާގެ ކުރުދީންނާ ދެކޮޅަށް ތުރުކީން ހަނގުރާމަ ފެށީ، ހަމަލާ ނުދޭން ޔޫރަޕިއަން ޔޫނިއަން އާއި އެމެރިކާ އިން ގޮވައިލަމުން ދަނިކޮށެވެ. ތުރުކީން ދެމުން ގެންދާ ހަމަލާތައް ހުއްޓާ ނުލައިފި ނަމަ ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ޔޫރަޕިއަން ޔޫނިއަނުން ވަނީ ދީފަ އެވެ.
އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ތުރުކީގެ ހަމަލާތަކުގެ ސަބަބުން ނޭޓޯގެ ބައިވެރިންނަށް (ކުރުދީންނަށް) ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަަމަށެވެ. ނޭޓޯގެ އެހެން ދެ ގައުމެއް ކަމަށްވާ ޖަރުމަނާއި ފްރާންސުން ބުނީ ހަމަލާތައް ކުރިއަށް ގެންދާ ނަމަ ތުރުކީ އަށް ހަތިޔާރު ވިއްކުން މަނާކުރާނެ ކަމަށެވެ. ތުރުކީގެ ހަމަލާތައް އަރަބް ލީގުން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.
ސީރިއާގެ އިރު އުތުރުގައި ކުރުދީން އުފައްދާފައިވާ ސަރަހައްދީ ސަރުކާރުން ބުނީ ތުރުކީގެ ހަމަލާތަކުގެ ސަބަބުން 200،000 އަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށެވެ. ޔޫއެން-ވޯލްޑް ފުޑް ޕްރޮގްރާމުން ބުނީ ކުރުދީން ދިރިއުޅޭ ރައުސުލް އައިން އާއި ތަލް އަބްޔަޟު ދޫކޮށް ދިޔަ އާއްމުންގެ އަދަދު 100،000 އަށް ވުރެ ގިނަ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުދުހުދު
15 October 2019
މި އެމެރިކާ އަށް ނުބެހޭ ކަމެއް ނެތޭ. އުރުދުގާން ނޫނީ ނެތް ސީރިޔާގެ މުސްލިމުންގެ ދިފާއުގައި ނުކުތް ގައުމެއް. ސީރިޔާގެ ނިކަމެތި ވެފަ ތިބި މުސްލިމުންނަށް ރަގަޅު ގޮތެއް ހޯދަދޭން އުޅޭތީ ޔޫރަޕްގެ ހުރިހާ ގައުމެއް މި ކަންބޮޑު ވަނީ. ކާފަރުން ދުވަހަކު މުސްލިމުންނަށް ރަގަޅެއް ނޭދޭނެ. މިތާގައި ބަންގާޅީން ގޮތަށް ތުރުކީ ގައި ސީރިޔާގެ ރެފިއުޖީން. އިސްތަންބޫލް އިން ނުދެވޭ ސީރިޔާ މީހުން ނޫޅޭ ފިހާރަ އަކަށް ރެސްޓޯރެންޓް އަކަށް. އަހަރެން ދުއާ ވެސް ކުރާނަން
ޢިބޫ
15 October 2019
އެމެރިކާ ބުނަންތަ ވާހަކައެއް.. ކަލޭމެންގެ އިޒްރާއިލްގެ ބައިގަނޑަށް އަމިއްލަ ހިމާޔަތަށް ކޮއްމެ ފަދަ ކަމެއް ކުރެވޭއިރު އެހެން މީހުނަށްވެސް އަމިއްލަ ދިފާއުގައި ކަންކަން ކުރެވޭނެ.
އަރަތް..
15 October 2019
މީ ހަމަ އަރަތެއް އިސްރާއީލުން ފަލަސްތީނު ފުޑާލަމުން ދާއިރު ކޮބާ އެޅި ނުވަތަ އެޅުނު ފިޔަވަޅަކީ..ދެން ކީކޭ ބުނާނީ މީހަމަ ޑިމޮކޮރޮސީދޯ ބައިގަޑާ...
ކަރީމުއްދީން ބާޝާ
15 October 2019
އެމެރިކާޔާ ކޮން ބހޭކަމެއް؟