އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވާހަކަ ދައްކަވަނީ.
25 ސެޕްޓެމްބަރ 2016 - 10:09
ނިއު ދިއްލީ (ސެޕްޓެމްބަރު 25) - ކަޝްމީރުގައި ހަމަނުޖެހުން އުފެއްދުމަށް ޕާކިސްތާނުން ޓެރަރިޒަމް އެކްސްޕޯޓް ކުރަމުންދާ ކަމަށް ވިދާޅުވެ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރައްދު ދެއްވައިފި އެވެ.
ކަޝްމީރުގައި ދިން ހަމަލާއެއްގައި އިންޑިއާ ސިފައިންގެ 18 މީހުން މަރާލި ހާދިސާ އަށް ފަހު އިންޑިއާގެ ރުޅިވެރިކަން ވަނީ ޕާކިސްތާނަށް އަމާޒުކޮށްފަ އެވެ.
"މިއީ ހުރިހާ ދިމާއަކުން ވެސް ޓެރަރިޒަމް އެކްސްޕޯޓްކުރާ ހަމައެކަނި ގައުމު،" ޕާކިސްތާނުގެ ނަން ވިދާޅު ނުވެ މޯދީ ވިދާޅުވި އެވެ. މިއީ ސިފައިން މަރުވި ހާދިސާއާ ގުޅިގެން މޯދީ ރައްދު ދެއްވި ފުރަތަމަ ފަހަރެވެ.
ދެކުނުގެ ކެރެލާ ސްޓޭޓުގައި ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވީ ޓެރަރިޒަމްގެ ހަމަލާގެ ކޮންމެ ޚަބަރަކާ އެކު ޓެރަރިޒަމާ އެ ގައުމު ގުޅުވޭނެ ކަމަށެވެ.
"ދެ ގައުމަށް ވެސް މިނިވަންކަން ލިބުނީ އެއް އަހަރަކު. އެކަމަކު އިންޑިއާ އިން ސޮފްޓްވެއާ އެކްސްޕޯޓްކުރާ އިރު އެ ގައުމުން އެކްސްޕޯޓް ކުރަނީ ޓެރަރިސްޓުން،" ޕާކިސްތާނުގެ ރައްޔިތުންނަށް އިޝާރާތް ކުރައްވާ މޯދީ ވިދާޅުވި އެވެ.
ކަޝްމީރުގެ ސަރަހައްދަށް ހަމަލާ ދިނުމަށް ޕާކިސްތާނުން ހަނގުރާމަވެރިން ފޮނުވަމުންދާ ކަމަށް އިންޑިއާ އިން ތުހުމަތު ކުރެ އެވެ. ކަޝްމީރުގައި އެންމެ ފަހުން ދިން ހަމަލާގެ ޒިންމާ އިންޑިއާ އިން އަޅުވާފައި ވަނީ ޕާކިސްތާނުގެ ޖަމާއަތެއް ކަމަށްވާ ޖައިޝީ މުހައްމަދުގެ ބޮލުގަ އެވެ. މި ޖަމާއަތުން ޖެނުއަރީ މަހު ވެސް ވަނީ އިންޑިއާ ސިފައިންގެ ހަތް މީހުން މަރާލައިފަ އެވެ.
އދ.ގެ ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން ނަވާޒް ޝަރީފް ބުދަ ދުވަހު ވަނީ ޕާކިސްތާނުން ސުލްހަ ބޭނުންވާ ކަމަށާއި އެކަމަށް އޮތް ހުރަހަކީ އިންޑިއާ ކަމަށް ވިދާޅުވެފަ އެވެ.
އިންޑިއާ އާއި ޕާކިސްތާން 1947 ވަނަ އަހަރު މިނިވަންވި ފަހުން ކަޝްމީރުގެ މައްސަލާގައި ދެ ހަނގުރާމަކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy