ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރާއި ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު.
22 އޮކްޓޯބަރ 2019 - 10:28
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ޑްރަގް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު އައްޔަން ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީން ވަކި ގޮތެއް ނިންމާފައިނުވާތީ އަލުން އެކަން ބަލަން ކޮމިޓީއަށް ފޮނުވައިފި އެވެ.
މިއީ މީގެ ކުރިން ކޮމިޓީތަކުން ކަން ކުރަމުން އައި އުސޫލެއް ނޫނެވެ. ކޮމިޓީއަށް ނަން ފޮނުވުމުން، އެ މީހަކު އެ މަގާމަކަށް އައްޔަންކުރަން ފެނޭތޯ ނުވަތަ ނުފެނޭތޯ ކޮމިޓީން ނިންމަ އެވެ. އަދި ގިނަ ނަންތަކެއް ހިމެނޭ ނަމަ އޭގެ ތެރެއިން އިސްކަން ދޭނެ ނަންތައް ވެސް ކަނޑައަޅަ އެވެ.
އެކަމަކު މަހާޒް އާއި ދިޔާނާއާ ބެހޭ ގޮތުން ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓްގައި ވަކި ގޮތެއް ނުނިންމަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި ސިޓީފުޅުގައި ވަނީ ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމަށް މަހާޒް ނުވަތަ ދިޔާނާ އައްޔަން ކުރުމާ މެދު މަޖިލިހުން ގޮތެއް ނިންމައިދޭން އެދިވަޑައިގެންފަ އެވެ. އެ މައްސަލަ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވީ އިއްޔެ އެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުުރުމުގެ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ އިރު، ކޮމިޓީން އެ މައްސަލައިގައި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. ކޮމިޓީ ރިޕޯޓުގައި އޮތީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މަސައްކަތްތައް ރަނގަޅަށް ކުރި ވާހަކަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ނަމަވެސް އެ ކޮމިޓީ އަށް ވަކިން ފެނިވަޑައިގަންނަވާ ގޮތް މި ރިޕޯޓުގައި ވިދާޅުވެފައި ނުވާތީ އަޅުގަނޑު މި ދެކެނީ ރިޕޯޓު މަޖިލިހަށް ނުގެނެސް ކޮމިޓީން ފެނިވަޑައިގަންނަވާ ގޮތެއް ފާހަގަކޮށް ދެއްވުމަށް އެދި އަޅުގަނޑު ގަސްދުކުރަނީ ކޮމިޓީގައި މި މަސައްކަތް އިތުރަށް ކުރިއަށް ގެންގޮސް ދިނުމަށް،" ނަޝީދު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓަށް އައްޔަން ކުރަން ރައީސް ޖޭއެސްސީ އަށް ފުރަތަމަ ފޮނުއްވީ މަހާޒްގެ ނަމެވެ. އެކަމަކު ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޖޭއެސްސީ އިން ލަފާދިނީ މަހާޒު ނުވަތަ ދިޔާނާގެ ތެރެއިން ބޭފުޅަކު އައްޔަން ކުރުމަށެވެ.
ޖޭއެސްސީން ނިންމީ މަހާޒާއި ދިޔާނާގެ ނަންފުޅަކީ "ހައިލީ ރިކޮމެންޑެޑް" ދެ ނަންފުޅު ކަމަށެވެ. އަދި ދެން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަކީ "ރިކޮމެންޑެޑް" ބޭފުޅުން ކަމަށް ލަފާދިނެވެ.
ސުޕްރީމް ކޯޓަށް އާ ފަނޑިޔާރަކު މި އައްޔަން ކުރަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) މަގާމުން ވަކިކުރުމުން އޭނާގެ ބަދަލުގަ އެވެ. އަބްދުﷲ ދީދީއާ ދެކޮޅަށް ޖޭއެސްސީން ބެލި ސުލޫކީ މައްސަލައެއް ސާބިތުވެ، އޭނާ މަގާމުން ވަކިކުރަން ނިންމި އެވެ. އަދި މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތަކުން އަބްދުﷲ ދީދީ ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އިތުރު ދެ ބޭފުޅަކު ވަނީ އެ ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފަ އެވެ. އެއީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދެވެ. އެންމެ މަތީ ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗު ހަމަވާނީ މަހާޒާއި ދިނާޔާގެ ތެރެއިން ބޭފުޅަކު އައްޔަންކުރުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެންދެރި
22 October 2019
އަނދިރި ދައުލަތުގެ ވަކި މަޖްލީހުގަ ވަނީ ހިއްޕާލާ ފަ އެވެ. މަގާމް ތަކަށް މީހުންނަށް ވޯޓް ދޭއިރު ފަރުލު ނަމާދު ކުރާ މީހެއްތޯ އެންމެ ކުޑަ މިނުން ބާލަލުން ރަނގަޅު ވާނެ އެވެ. ހެއްދެވި ފަތާތައް ތެދުވެރި ނުވެވޭ މީހަކަށް އިންސާނުން ނަށް ތެދުވެރި އެއް ނުވެވޭނެ އެވެ.
އޮނަރަބްލް އަފީފު ދީދީ
22 October 2019
ސކ ބެންޗަށް ފަނޑިޔާރަކުއައްޔަންކުރުމުގައި މަޖިލީހުންބަލާންވާނީ ކުރިމަތިލައި ޝޯޓްލިސްޓްކުރެވުނުމީހުންގެތެރެއިން ޤާނޫނީދާއިރާއިންހާސިލްކޮށްފައިވާތައުލީމާއި އަދި ތައުލީމްހާސިލްކުރިޤައުމުތަކާއި ކޮލޭޖް ޔޫނިވަރސިޓީތަކުގެރޭންކިންއަށް. # މިފަދަމަޤާމަށް އަންނަމީހާގެޤާނޫނީތަޖުރިބާގެއިތުރުން ޑިޕޮލޯމެޓިކްދާއިރާގެއަމަލީތަޖުރިބާހުރުމަކީ އިތުރުރަނގަޅުސިފައެއް އަދި ޒަމާނާއިގުޅޭކަމެއް. # މަޤާމްގައިގޯސްހަދާނަމަބޭރުކުރުމަކީފަހުގެކަމެއް. ރަނގަޅުމީހާއަށްފުރުސަތުދީ
އަލީ!
22 October 2019
ގޮތެއްނިންމަން ހާދަ އުދަގޫވެގެން މިއުޅެނީ!! ޖާބިރުގެ ނުފޫޒޫ!!؟
ޜޯސް
22 October 2019
ބޮޑަަށް ތި މަޤާމަށް ކުފޫ ހަމަވަނީ މަހާޒުގެ، ދިޔާނާއަކީ ވެސް އެކްސްޕީރިއަންސް ހުރި ބޭފުޅެއް، އެކަމު ހުރިހާ ގޮތަކުން ބަލާއިރުވެސް ބޮޑަށް ރަގަޅި މަހާޒް، އެއީ ދަށުކޯޓުގެ ތަޖްރިބާ ހުރުމާއި، ޕޮލިޓިކަލީ ވަކިކޮޅަކަށް އެލައިންވެފަ ނެތުމާއި، ޕޮލިޓިކަލް ޕޮސިޝަން އެެއްވެސް އިރެއްގަ ބޭނުންނުވުން.....މަހާޒު ކަހަލަބޭފުޅުން ލައިގެން އަޅުގަޑުމެން ބޭނުންވާ “އިންޑިޕެންޓަންޓް ޖުޑީޝަރީ”އެއްގެނެވޭނި.. ދިޔާނާ ޕީޖީ އަކަށް ލުން ރަގަޅުވާނެ!!
ކާށިދޫ ކެސިނޯ
22 October 2019
ބުރޯ ޖާބިރު ގަދަ!
ހުމައިދު
22 October 2019
ރަނގަޅީ މަހާޒު. ސުޕްރީމް ކޯޓަކީ ޔޮޓް ޓުއަސް އެއް ނޫން.
އައިމަން އިބްރާހިމް
22 October 2019
އިންފޮރމޭޝަން ކޮމިޝަނަރުކަމަށް މީހުން ކަޑައެޅި އިރުވެސް މިނިވަން މުއައްސަސާތަކާއި ބެހޭކޮމެޓީން ކަންކަން ކުރިޔަށް ގެންދިޔައީ އެހާތަނަށް އެކޮމެޓީން ކަންކަން ކުރަމުން އައިގޮތާއި މުޅިން ޚިލާފަށެވެ.އެކަން އެއްވެސް މީޑިއާއަކުން ފާހަގައެއް ނުކުރެއެވެ.އެންމެ ކުޑަމިނުން އިންޓަވިއު ކުރުމަށްފަހު މާކުހެއްވެސް ނުދެއެވެ.ވަކިމީހަކަށް ފަހާފައޮތް ކޯޓެއް ވަކިމީހަކަށް ލިބޭގޮތަށް ކަންކަން ފަހިކޮށް ނިންމާލީއެވެ.ފަނޑިޔާރުންގެ ކަންކަންވެސް މިދަނީއެހެންނެވެ.
އަލިބެއްޔާގެ
22 October 2019
މާކްސް ނުދެނީ ގަވައިދުގައި މިހާރު ނޯވޭ މާކްސް ދޭ އުސޫލެއް. އޮންނަނީ ވޯޓެއް ނަގަން
ހަސަން ހުސައިން
22 October 2019
މަހާޒް ނޫން މީހަކު ނުނަގާތި، ދިޔާނާ އަކީ ސިޔާސީ މީހެއް، ހެޔޮނުވާނެ އޭނަ ނަގާކަށް
ދިޔަމަ
22 October 2019
ހަސަދަ ފިލުވާލާނެކަން ޔަގީން
ޠަކުރު
22 October 2019
ޙެހެހެހެހެހެހެހެހެހެ
ބޮޑުމީހާ
22 October 2019
ފަޑިޔާރުންގެ އަދަދު 7 ބަދަލުކުރުމަކީ މިހާ ކުޑަ ގައުމަކަށް އިސްރާފެއް