ރައްޔިތުންގެ މަޖިލިހުގެ ރައީސް، މުހައްމަދު ނަޝީދު ރިޔާސަތުގައި. --- ފޮޓޯ: މަޖިލިސް
22 އޮކްޓޯބަރ 2019 - 13:53
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ޑްރަގް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު އައްޔަން ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވަން ނިންމި ނިންމުން، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ބަދަލުކުރައްވައި އެ މައްސަލަ އެޖެންޑާގައި ހިމަނަން މިއަދު ނިންމަވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި ސިޓީފުޅުގައި ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމަށް މަހާޒް ނުވަތަ ދިޔާނާ އައްޔަން ކުރުމާ މެދު މަޖިލިހުން ގޮތެއް ނިންމައިދޭން އެދިވަޑައިގަތުމުން ރިޔާސަތުން އެ މައްސަލަ އިއްޔެ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވި އެވެ.
އެކަމަކު، ކޮމިޓީން ވަކި ގޮތެއް ނިންމާފައިނުވާ ކަމަށް ވިދާޅުވެ، އަލުން އެކަން ބަލަން ނަޝީދު ވަނީ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުއްވައިފަ އެވެ. އެކަމާ ގުޅިގެން މަޖިލިހުގައި ބަހުސެއް އުފެދުނެވެ. ޖުޑިޝަރީ ކޮމިޓީން ނިންމާފައި ވަނީ ޖޭއެސްސީގެ މަސައްކަތްތައް ރަނގަޅަށް ކުރި ވާހަކަ އެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ޖުޑިޝަރީ ކޮމިޓީގެ މެންޑޭޓަކީ ޖޭއެސްސީގެ "ޕްރޮސެސް" ހިންގާފައިވާ ގޮތް ބެލުން ކަމަށެވެ. އެހެންވެ، އެ މައްސަލަ ކޮމިޓީ އަށް ފޮނުވާނުލައި ތަޅުމުން ގޮތެއް ނިންމަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"އެއީކީ އެކަން ހަގީގަތުގައި އޮންނަންޖެހޭ ގޮތެއް ނޫން،" މަޖިލިހުގެ ރިޔާސަތުން އެ މައްސަލަ ކޮމިޓީ އަށް ފޮނުވި ނިންމުން ގަބޫލުނުކުރައްވައި އާޒިމް ވިދާޅުވި އެވެ.
ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރާއި ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު.
އާޒިމް ވިދާޅުވި ގޮތުގައި ޖުޑިޝަރީ ކޮމިޓީގެ މަސްއޫލިއްޔަތަކީ ޖޭއެސްސީ އާއި ރައީސް ފޮނުވި ނަންތަކާ ގުޅިގެން ކަންކަން ފުރިހަމަވެފައިވޭތޯ ބެލުމެވެ.
ޖުޑިޝަރީ ކޮމިޓީގެ މެމްބަރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ޖޭއެސްސީން ފޮނުވާ ނަންތަކާ ގުޅިގެން ކޮމިޓީ މަރުހަލާގައި ނަންތައް ބަދަލުވެ އިންޓަވިއުކޮށް ހަދާ ނަމަ، އެ ދަތުރުކުރަނީ ނުބައި މިސްރާބަކަށް ކަމަށެވެ. އަދި ޖުޑިޝަރީން މީގެ ކުރިން އަމަލުކޮށްފައިވާ ގޮތަކީ އިޖުރާއުތައް ފުރިހަމަކޮށްފައިވޭތޯ ބެލުން އެކަނި ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.
"އެކަން ކޮށްފައި ނެތް ނަމަ، ރިޕޯޓުގައި ފާހަގަކޮށް ތަޅުމަށް ފޮނުވަނީ،" ހަސަން ލަތީފް ވިދާޅުވި އެވެ.
އެ ކޮމިޓީގެ މެމްބަރު އަދި ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން ވެސް ވިދާޅުވީ ޖުޑިޝަރީ ކޮމިޓީން އަމަލުކޮށްފައި އޮތީ ރަނގަޅަށް ކަމަށެވެ. އަދި ސުޕްރީމް ކޯޓަށް ދެ އަންހެން ފަނޑިޔާރުން އައްޔަން ކުރުމުގައި ވެސް އަމަލުކުރީ ހަމަ އެ އުސޫލުން ކަމަށް ހިސާން ވިދާޅުވި އެވެ.
އެމްޑީޕީ މެމްބަރުންގެ ނިޒާމީ މައްސަލަތަކާ ގުޅިގެން ނަޝީދު ވިދާޅުވީ ގާނޫނީ ވަކީލުންގެ ނުކުތާތަކާއި ކައުންސިލަ ޖެނެރަލް ފާތިމަތުގެ ފިލްޒާގެ ލަފާގެ މަތިން ނިންމުން ބަދަލުކުރަން މަޖުބޫރުވެފައިވާ ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެ މައްސަލަ އެޖެންޑާކުރެވޭނީ ގަވައިދުގައިވާ ގޮތުން ތިން ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އެވެ.
ސުޕްރީމް ކޯޓަށް އައްޔަންކުރަން ރައީސް ޖޭއެސްސީ އަށް ފުރަތަމަ ފޮނުއްވީ މަހާޒްގެ ނަމެވެ. އެކަމަކު ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޖޭއެސްސީ އިން ލަފާދިނީ މަހާޒު ނުވަތަ ދިޔާނާގެ ތެރެއިން ބޭފުޅަކު އައްޔަން ކުރުމަށެވެ. ޖޭއެސްސީން ނިންމީ މަހާޒާއި ދިޔާނާގެ ނަންފުޅަކީ "ހައިލީ ރިކޮމެންޑެޑް" ދެ ނަންފުޅު ކަމަށެވެ.
ސުޕްރީމް ކޯޓަށް އާ ފަނޑިޔާރަކު މި އައްޔަން ކުރަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) މަގާމުން ވަކިކުރުމުން އޭނާގެ ބަދަލުގަ އެވެ. އަބްދުﷲ ދީދީއާ ދެކޮޅަށް ޖޭއެސްސީން ބެލި ސުލޫކީ މައްސަލައެއް ސާބިތުވެ، އޭނާ މަގާމުން ވަކިކުރަން ނިންމި އެވެ. އަދި މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތަކުން އަބްދުﷲ ދީދީ ވަނީ މަގާމުން ވަކިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑަމް
23 October 2019
ނަސީދަކީ މަޖިލީހުގެ ރައީސްކަމަށް އެއްގޮތަކައްވެސް ލާއިގުމީހެއްނޫން މުޅިމަޖިލީހުގެ އަގު ވެއްޓި މަޖިލީސް މަސްމާރުކޭޓައްވެއްޖެ!ބިލްތަކާމެދު މެމްބަރުންނައްވުރެ ނަސީދުގެވާހަކަގިނަވެ މަޖިލީހުގެ ހައިބަތާ ރޫހު ގެއްލިއްޖެ މަޖިލީހުގެ ޖަލްސާތައް އަޑުއަހާހިތްކެޑިއްޖެ!އަދިނަސީދުގެ މޮޅުކަންދައްކަންހުރިހާކަމެއްކުރަނީ މަޖިލީހުގެ ރޫހާޚިލާފައް!!
އުދުހޭ
23 October 2019
ދިޔާނާގެ ނަން ތިޔަ ހިސާބަށް ދިއުމަކީ ދިވެހިރައްޔިތުންނަށް އިންސާފު ލިބެން ނެތްކަމުގެ ނިޝާނެއް.
ވަހިއްޓޭ
22 October 2019
މީ ޖުޑިސަރީ އިސްލާހުކުރުމުގެ ވައުދާއެކު އައި މަޖިލީހުގެ ހާލަތަކީ. ދިޔާނާ އަކީ ރަތްލާޖެހި ސިޔާސީ މީހެއް. ޕްރައިމަރީގަ ވެސް ވާދަކުރި. މީ ދެން ފުކެއް ބޮޑުވަރު ޖޭއެސްސީ ވެސް މަޖިލިސް ވެސް
އަލީބަލީ
22 October 2019
އެހެންމީހުންގެ ބަސް ގަބޫލުކޮށް ތިމާގެ ނިންމުން ބަދަލުކުރުމަކީ މަތީމަގާމުތަކުގައި ތިބޭ ގިނަ މީހުން ކުރަން ބޭނުން ކަމެއް ނޫން. ޝުކުރިއްޔާ ރައީސް ނަޝީދު.
ނަންނުޖަހާ
22 October 2019
ނަޝީދު ކިތައްމެ ބޭނުންވިޔަސް ދިޔާނާ ތިޔަ މަޤާމަށް ލުމަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫން. އޭނަ އަކީ ސިޔާސީ މީހެއް. ސިޔާސީ މީހެއްގެ އަންބެއް. ދައުލަތަށް ދަރާފައި ހުރި މީހެއްގެ އަނބެއް.
ފުންއަސަރު
22 October 2019
ތިކަމާ އެއްވެސް އެއްޗެއް ބުނާކަށް ނެތިން. ހައްޕު!
ދިއްދޫ ހަންދަރު ޙަސަން
22 October 2019
ނަށީދުގެ ހަރުދަނާކަން ގޮނޑީގަ އިނދެ ދައްކަން ލިބިފަ އޮތް ފުރުޞަތުގަ ދައްކަމުން ދަނީ ދޯހޮޅިކަން އޮޑި ދުއްވަނީ ކަތިކައްޗަށް ތެދަށް މިޞްރާބަކަށް ނުދުއްވޭ
މޯޑޭ
22 October 2019
މެޖޯރިޓީ ދިނީމަ، ތި ތަނުގަ ތިބެގެން ތި ހަޑި ހާވަނީނު! މަޖްލިސްގެ މަސައްކަތް ގަވަރން ކުރާނެ ގޮތެއް ނޭނގިގެން މިއުޅެނީ؟!
ކަޑަ މީހެއް
22 October 2019
ނަޝީދު މަޖްލީހު ރައީސް ކަމުން ބާލައި އެމްޑީޕީގެ އެހެން ބޭފުޅަކު އެމަޤާމަށް ގެނައުން މުހުއްމު ވެއްޖެއެވެ. ނަޝީދު މަޖްލީހުގެ ރައީސް ކަން ކުރަނީ ޓީޗަރަކު ދަރިވަރުން ނަށް ކްލާހެއް ނަގާދޭ ގޮތަށެވެ.
އަލިބެއްޔާ!
22 October 2019
ހޮވޭނީ ދިޔާނާ.