މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް މަޖިލިހުގައި ވާހަކަ ދައްކަވަނީ. ވަކި މަގާމެއްގައި ހުރި މީހަކު ކުރާ ކުށަށް އަދަބު ނުދީ އޮވެގެން ނުވާނެ ކަމަށް ވިދާޅުވި. -- ފޮޓޯ: މަޖިލިސް
23 އޮކްޓޯބަރ 2019 - 14:34
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) ގެ ތިން ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތުގައި ބައިވެރިވި ކަމަށް ބުނާ ވަޒީރުން މަގާމުން ދުރަށް ދާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ހިންގި ބޮޑު ޚިޔާނާތުން މަންފާ ލިބުނު މީހުންގެ ނަންތައް ހާމަކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވީ ވަކި މަގާމެއްގައި ހުރި މީހަކު ކުރާ ކުށަށް އަދަބު ނުދީ އޮވެގެން ނުވާނެ ކަމަށެވެ.
"ވަކި މީހަކު ބަލައިގެން ނުވާނެ. ވަކި މީހަކަށް ވީތީ ވަކި ގިންތިއަކަށް ވީތީ ވަކި ތަނެއްގައި އިން މީހަކަށް ވީތީ އެމީހަކު ކުރާ ކުށަށް އަދަބު ނުދެވި އޮވެގެން ނުވާނެ،" އެމްޑީޕީގެ މެމްބަރު އާޒިމް ވިދާޅުވި އެވެ.
"އެ ހެޔޮ ވަޒީރު ބޭފުޅެއް ވިޔަސް، އެ ހެޔޮ ރައްޔިތުންގެ މަޖިލިސް މެމްބަރެއް ވިޔަސް، އެ ހެޔޮ ފަނޑިޔާރެއް ވިޔަސް، އަޅުގަނޑު ގަބޫލު ކުރަނީ އެމީހުންނަށް އަދަބު ދޭން ޖެހެއޭ."
ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުގައި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު. --- ފޮޓޯ: މަޖިލިސް
އާޒިމް ވިދާޅުވި ގޮތުގައި ވަޒީރުންނާއި ފަނޑިޔާރުންނާއި މަޖިލިހުގެ މެމްބަރުންގެ ހަމަތަކެއް ހުންނަން ޖެހެ އެވެ. އަދި އެ ބޭފުޅަކާ ދޭތެރޭގައި ޝައްކެއް ނުވަތަ ވާހަކައެއް ދައްކާ ހިސާބުން އެ ބޭފުޅަކު ހުރި މަގާމަކުން އިސްތިއުފާ ދެއްވާފައި ވަޑައިގަންނަވަން ޖެހޭނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެންގެ ތެރޭގައި ތިބި ވަޒީރުން ވެސް މި ވާހަކައިގައިވާ ނަމަ، މިކަމުގައި އުޅޭ ނަމަ، އެބަޖެހޭ ދުރަށް ޖެހިވަޑައިގަންނަވަން،" އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އާޒިމް ވިދާޅުވި އެވެ.
އާޒިމް އެގޮތަށް ވިދާޅުވި އިރު، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މަންފާ ހޯއްދެވި ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވި ވަޒީރުންނަކީ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އަދި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލް އެވެ.
އެ ކަމަކު، ޕީޖީ ބިޝާމްގެ ތުހުމަތު އެ ތިން ވަޒީރުން ވެސް ވަނީ ދޮގުކުރައްވައިފަ އެވެ.
ޚިޔާނާތުން މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މެމްބަރުންގެ ގޮތުގައި ބިޝާމް ވިދާޅުވީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރުގެ އިތުރުން އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމެވެ.
އާޒިމް ވިދާޅުވީ މިހާރު ސަރުކާރުން މިސްރާބު ޖަހާފައި ވަނީ ނުހައްގު މުއްސަނދިކަން ހޯދާ މީހުން ހޯދާ، އެމީހުންނަށް ހައްގު އަދަބު ދިނުމަށް ކަމަށެވެ. އެފަދަ ކަމެއްގެ ތުހުމަތުވާ މީހުން މަގާމުގައި ތިބޭ ނަމަ ސަރުކާރުން ބޭނުންވާ ނަތީޖާ ހޯދަން ފަސޭހަ ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުގައި މަޖިލިހުގެ ނައިބު ރައީސް، އީވާ އަބްދުﷲ. --- ފޮޓޯ: މަޖިލިސް
މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވަޑައިގެން މަޖިލީހުގެ މިހާރުގެ މެންބަރުންނާއި މި ސަރުކާރުގެ ވަޒީރުން ވެސް ހިޔާނާތުގައި ބައިވެރިވެ އެކަމުގައި މަންފާ ހޯއްދެވި ބޭފުޅުންގެ ތެރޭގައި ތިއްބެވި ކަމަށް ޕީޖީ ވިދާޅުވުމުން އެއީ ނުވާ ކަމެއްގެ ގޮތުގައި ދެކިގެން ސަރުކާރަށާއި މި މަޖިލީހަށް ވެސް ނުތިބެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން ޕާޓީތަކަކާ އެކު ކޯލިޝަން ސަރުކާރެއްގައި ތިބިއޭ ކިޔާފައި، ވެރިކަމުގައި ތިބިއޭ ކިޔާފައި މިއީ ދެން ނުވާ ކަމަކަށް ހަދައިގެން ނުތިބެވޭނެ، މިއަދުގެ ދައުލަތުގައި އެ ހިޔާނާތުގައި ޖެހިފައިވާ މީހަކު ތިބިއްޔާ އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް،" އިވާ ވިދާޅުވި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ރައްޔިތުންގެ އަޣުލަބިއްޔަތު ވޯޓު ދިނީ ތަރައްގީގެ ބިނާތަކެއް އެޅުމަކަށް ނޫން ކަމަށެވެ. ރައްޔިތުން ވޯޓު ދިނީ އިންސާފަށް ކަމާއި ސަރުކާރުގެ އެންމެ ބޮޑު ވައުދަކީ އިންތިގާލީ އަދާލަތު ގާއިމު ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
އިންސާފު ހޯދައި ދޭން ރާއްޖޭގައި އެންމެ ބޮޑަށް ވާކާލަތު ކުރި ޕާޓީއަކީ އެމްޑީޕީއަށް ވެފައި، އެ ޕާޓީ އިސްވެ ސަރުކާރުގައި އޮވެ އަދި މެޖޯރިޓީ އޮތް މަޖިލީހެއްގައި އެ މައްސަލަތައް ބެލުން ލަސްވަމުންދާތީ އެމްޑީޕީގެ މެމްބަރެއްގެ ހައިސިއްޔަތުން އެކަމާ ހިތާމަ ކުރައްވާ ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލް
24 October 2019
އާޒިމު ތާހިރެއްނޫން ޚިޔާނާތުގެ ފައިސާގައި ޖެހުނުމީހުންނަށް އިންޒާރުދޭން. އާޒިމަށް އަދީބު ދިނީކިހާފައިސާއެއްކަން ބުނެދޭންވީނުން. އަހަރުމެންނަށް އެނގޭ ތިޔައީ ފަސްބައި ސާފު މީހެއްނޫން.
ސޭކުބެ
23 October 2019
ތީ މާކުރިންވެސް ކަލޭމެންގެ އެޖެންޑާގަ އޮތް ކަމެކޭ. ކޯލީޝަން ކަލޭމެން ބޭނުންވާނީ ވެރިކަމަށް އަންނަން އެކަނި. ވެރިކަން ލިބޭއިރަށް ދެން އެވީ އެހެން އެންމެން ބޭރުކުރަން.
ޢަހްމަދު007
23 October 2019
މީހަކު ބުނީޔޯ އަޒީމްގެ ނަންވެސް ހިޔާނާތުގެ ލިސްޓުގަ އެބަ އޮތޭ. ޙަމަބުނާއިރަށް އާޒިމް މަ ޖިލިސް މެންބަރުކަމުން އިސްތިއުފާ ދޭނެތަ؟ ޙަމަޔަގީން ނުދޭނެކަން.
ޝޮކްތެރަޕީ
23 October 2019
ނަޝީދު އަޑީގަ އޮވެގެން ކުޅޭ ޑުރާމާގަޑެއްމީ.
މަޖިލިސް
23 October 2019
ޢާޒިމްގެ ނަން އެ ލިސްޓްގައި އޮވެއްޖެނަމަ އިސްތިއުފާ ދޭނަންތަ؟؟
ދޮންވެލި
23 October 2019
ބައިވެރިވި މަޖްލިސް މެމްބަރުންވެސް ދުރައް ދާން ޖެހެ އެވެ.
ފިގޭއަހްމަދު
23 October 2019
މީކާއިލް އަށްމިހާރު ވިސްނޭނެ ސިޔާސީ ކަންތައް ހިނގާ ގޮތް.މީ ވަކި ބަޔަކު މުސާރަ ނަގައިގެން 5 އަހަރުން 5އަހަރުން ކުޅޭ ގޭމެއް.
އިސްމާލި
23 October 2019
މިދިއަ ދައުރުގައި ސިޔާސީ ދައުވާ ކުރިކަމަށް ބުނި އަދި ޕީޖީ މި ސަރުކާރަށް އެހާ މުހިއްމު ވެގެން މި އުޅެނީ ކީޢްވެކަން އެބަ ފެނޭ.
ބޮޑުމީހާ
23 October 2019
ކުޑައިން ބޮޑުން ފެށިގެން ހިޔާނާތުގެ ހުރިހާ ބައިވެރިންނަށް ފިޔަވަޅު އަޅާ އަދަބު ދެވި، މުދާ އަދި ގޯތިގެދޮރު ވިއްކައިގެންވެސް ބަދަލު ހޯދެންވާނެ. މިކަން ނުކޮށް އެމްޑީޕީ މީހުން ދެން ވޯޓް ހޯދަން ނާންނާތި
ސަޅި
23 October 2019
އަވަސްކުރޭ