ހުސައިން މަނިކު: އޭނާ އަކީ މަސްތުވާތަކެތި ވިޔަފާރީގެ ބޮޑު ހަ މީހުންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް ފުލުހުން ބުނެފައިވޭ.---ފޮޓޯ/ޕޮލިސް
26 ސެޕްޓެމްބަރ 2016 - 13:17
މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑުންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް ފުލުހުން ބުނާ ހ. ރެހި ހުސައިން މުހައްމަދު މަނިކުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ދަށު ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް މިއަދު ތާއީދުކޮށްފި އެވެ.
މަސްތުވާތަކެތީގެ ބޮޑު ހަ މީހުންގެ ތެރޭގައި ހިމެނޭ އެކަކު ކަމަށް ބުނެ ހުސައިން ހައްޔަރުކުރީ އޭޕްރީލް، 2009 ގައި އިންޑިއާ އިން ރާއްޖެ އައި މުސްކުޅި ދެމަފިރިއެއްގެ އަތަށް ދީގެން ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރުމުގައި ބައިވެރިވި ކަމަށް ބުނެ އެވެ.
ހުސައިން ހައްޔަރުކުރީ މުސްކުޅި ދެމަފިރިންގެ އަތަށް ދީގެން ބަޔަކު އެތެރެކުރި، މަސްތުވާތަކެތި ހުރި ފޮށިގަނޑާ ހަވާލުވާން އޭނާ ދިޔުމުންނެވެ. އެ މައްސަލާގައި ހުސެއިންގެ މައްޗަށް އުފުލި ތިން ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް 2010 ގައި އޭރުގެ ޖިނާއީ ކޯޓުން ހުކުމް ކުރުމުން، އެ އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރީ އެވެ.
ހައި ކޯޓުގައި މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ ހުސައިންގެ މައްޗަށް އެ ކުށް ސާބިތުވާ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައި ނެތް ކަމަށާއި އެހެންވެ ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށެވެ.
ހައި ކޯޓުގެ ހުކުމުގައި ވަނީ މަސްތުވާތަކެތި ފެނުނު ފޮށިގަނޑާ ހަވާލުވާން ހުސައިން ދިޔައީ އެހެން މީހަކު ބުނެގެންތޯ ނުވަތަ އެއީ ހަގީގަތުގައި ވެސް ހުސައިންގެ ފޮށިގަނޑެއްތޯ ބެލިފައި ނެތް ކަމަށެވެ. އެހެންވެ، އެ ފޮށިގަނޑު ބަލައި އޭނާ ދިޔަ ކަމަށްޓަކައި އެކަމަށް އެކަނި ބިނާކޮށް އެ ފޮށިގަނޑަކީ އޭނާގެ އެއްޗެއް ކަން ސާބިތުނުވާނެ ކަމަށް ހުކުމުގައިވެ އެވެ.
މީގެ އިތުރުން އެއީ ހުސައިން އަށް ލަނޑެއް ދިނުމުގެ ގޮތުން ބަޔަކު ކުރި ކަމެއް ކަމަށާއި އެ ފޮށިގަނޑާ އެކު އޭނާ ހައްޔަރުކުރި ވަގުތު ފޮށިގަނޑު ކަނޑައި، އެއިން މަސްތުވާތަކެތި ހޯދާފައިނުވާ ކަމަށާއި މަސްތުވާތަކެތި ފެނުނީ އޭނާ ހައްޔަރުކޮށް ފުލުސް އޮފީހަށް ގެންދިޔަ ފަހުން ކަމަށް ހުސައިންގެ ފަރާތުން ބުނާއިރު، އެކަމަށް ދައުލަތުން ދެކޮޅު ނަހަދާ ކަމަށް ހުކުމުގައިވެ އެވެ. އަދި އެ ފޮށިގަނޑުން ހުސައިންގެ ފިންގަޕްރިންޓް ފެނިފައިނުވާ ކަމަށް ފޮރެންސިކް ތަހުލީލުތަކުން ދައްކާ ކަން ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
މައްސަލަ ދައުލަތުން އިސްތިއުނާފް ކުރީ 2011 ގައި ނަމަވެސް އެކި ފަހަރު މަތިން ފަނޑިޔާރުންގެ ބެންޗަށް ބަދަލު އައުމުން އެ މައްސަލަ ނިންމުން ލަސްވީ އެވެ. މިއަދު ހުކުމް ކުރިއިރު އެ މައްސަލަ ބެލި ބެންޗުގައި ތިއްބެވީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
އެ ދައުވާތައް ސާބިތުވި ނަމަ 50 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ހުސައިންގެ މައްޗަށް އަންނާނެ އެވެ.
މަސްތުވާތަކެތީގެ ބޮޑު ހަ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް މީހެއް ކަމަށް ބުނެ 2009 ގައި ހައްޔަރުކުރި ހ. ރީނދޫގޭ އާދަމް ނަސީރު އަބޫބަކުރުގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ދަށު ކޯޓާއި ހައި ކޯޓުން ކުރިން ވަނީ ހުކުމްކޮށްފަ އެވެ. އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަކަށް ހުށައެއްނާޅަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސަ
30 October 2016
ނާކާމިޔާބުވާ ވާހަކަ ލިއުއްވާއިރު ދިފާއީ ވަކީލަކީ ކާކުތޯ ލިއުއްވުން ކީއްތޯއެވެ. މިއަދު މިފަދަ މައްސަލަތައް ކުރިއަށްދާނީ ޖޭ އެސް ސީގައި މަސައްކުރާ ވަކީލަކު އިސްވެ ހުރެގެންނެވެ. ޖޭއެސްސީއަކީ ފަނޑިޔާރުގެ މައްސަލަތައް ބަލާތަން ކަމަށްވެފާ އެތަނުގައި ތިއްބަވާ ބޭފުޅުން ވަކާލާތުކުރާ ޖިނާއީ ބޮޑެތި މައްސއްލަތައް ނާކާމިޔާބުވެގެން ނުވަތަ ނުހިގާ ހުއްޓިފައިވާތަން ފެންނަީ މަދުންތޯއެވެ.
އަލީ އާދަމް
27 September 2016
ކަންކަމާއި ފާޑުކިޔަންވާނީ ފާޑުކިއުމުގެ ގާބިލުކަންވެސް ހުރެގެން.ކޮންމެވެސް ވަރަކަށް ވާނުވާވެސް އެނގިގެން.ބައެއްކޯޓުތަކުގައި މަސައްކަތްކުރާ ގާޟިންގެ މައްސަލަތައްވެސް އެބަހުރި.ބައެއްގާޟިންކުރާ ހުކުމްތަކުގައިވެސް މައްސަލަ އެބަހުރި.ބައެއްގާޟިންނާއި ފަނޑިޔާރުންނަށް މިނިވަންކަމާއެކުގައި މަސައްކަތް ކުރުމަށްވެސް ހުރަސްތައް އެބަހުރި.އަދިބައެއެްބޭފުޅުންތިބީ މަޖުބޫރީހާލަތެއްގަ.މިހެން ގޮސްކިތަންމެ ވާހަކަތަކެއްވެސް ދެކެވިދާނެ.ދައުލަތުގެ ހުރިހާ އިދާރޓަކެއްގައިވެސް މައްސަލަ އެބަހުރި.ކޮންމެމީހަކުވެސް އެމީހެއްގެ އަމިއްލަ ނަފުސު އިސްލާހުކުރޭ.އަދިއޭގެފަހުގައި އަނެކާ އސިްލާހުކުރުމަށް މަސައްކަތްކުރޭ.މުޖުތަމައު އިސްލާހުވާނީ ފަރުދުން އިސްލާހުވެގެން.ކޮމެންޓުކުރި ފަރާތްތަކުން ފާހަގަކުރިކަންކަން ރަގަޅުކުރެވޭނީ މުޖުތަމައު އިސްލާހުވެގެން.ކޮރަޕްޝަނާއި ފަސާދައިން ފުރިފައިވާ ބައެއްގެ ގޮތުގައި ތިބެގެން އިސްލާހުކުރަން މަސައްކަތްކުރުަމަކީ ފޫނެއްފަޔަށް ފެންފުރުންފަދަ ކަމެއް.
ިެެއިއްބުރާހީމް
27 September 2016
އިހެއް ދުވަހު އޭނަ ހުޅުމާލެއިން ބިމެއްގަތީ!!
ޢަބްދުﷲނާފިޒު
27 September 2016
ނާޒިމުގެ ކޮޓަރިން ފެނުނު ފިސްތޯލައަކީ ނާޒިމުގެ އެއްޗެއް ނޫންކަމަށް އޭނާއަށް ސާބިތުކޮށެއް ނުދެވުނޭ ކިޔާފަ ހުކުމް ކުރީ، ތިޔަ އެއްކިލޯގެ މަސްތުވާ އެއްޗިއްސަކީ ހުސައިން މަނިކުގެ އެއްޗިހި ނޫންކަމަށް އޭނާއަށް ސާބިތުކޮށްދެވުނުބާ! ފިސްތޯލައިގަ ނާޒިމުގެ ފިންގަޕްރިންޓެއް ނެތް، އެހެން މީހެއްގެ ފިންގަޕްރިންޓް ހުރި، ފޮށިގަނޑުގަ ހުސައިންމަނިކު ފިންގަޕްރިންޓް ނެތްތާ އެހެން މީހެއްގެ ފިންގަޕްރިންޓްވެސް ނެތް، މިޒާތުގެ ކަންކަމާ ހުރެ ފަނޑިޔާރުންގެ ނިންމުމަށް ފާޑު ކިޔެނީ، އހ.
އަލްޖިބްރާ
27 September 2016
ތީއަދި މާބޮޑުކަމެއް ނޫނެއްނު ! ބަރަހަނާ ފިލްމު ކުޅުނީމަވެސް ސާބިތެއްނުވޭނު ! އަމިއްލަ އެކައުންޓަށް ލައްކައިން ޑޮލަރު ޖަމާކުރިއަސް ސާބިތެއް ނުވޭނު ! ޤައުމު ވިއްކާލިއަސް ސާބިތެއް ނުވޭނު ! ޤައުމުގެ ޚަޒާނާ ހުސްކޮށްލިއަސް ސާބިތެއްނުވޭނު !
ޢަބްދުﷲނާފިޒު
26 September 2016
ފިސްތޯލަ ނާޒިމުގެ ކޮޓރީގަ އޮތް ކަމަށް ޓަކާ އެކަމަށް އެކަނި ބިނާކޮށް އެ ފިސްތޯލައަކީ އޭނާގެ އެއްޗެއް ކަން ސާބިތުނުވާނެތޯ، އަދި އެ ފިސްތޯލައިން ނާޒިމުގެ ފިންގަޕްރިންޓް ފެނިފައިނުވާ ކަމަށް ފޮރެންސިކް ތަހުލީލުތަކުން ދައްކާ ކަން ވެސް ހުކުމުގައި ފާހަގަކޮށްފައިވާތީ އެއީ ހަމަ ނާޒިމުގެ ފިސްތޯލައެއްކަން ސާބިތުވޭތޯ؟ އހ.
ފަޒުނާ
26 September 2016
މި ޙުކުމުގަ ނެތް ގޯހެއް. ޝަރީޢަތް ކުރާނީ ބޭރުފުށަށްށޭ ބުނެވޭ ބަހުގެ މުރާދަކީ ފެންނަންހުރި ހެކި ޤަރީނާއަށް ބަލައިގެން ޙުކުމްކުރުން. ހެކި ސާބިތުކޮށްދިނުމަކީ ދައުލަތުގެ، މިހިނދު ޕްރޮސިކިއުޓަރ ޖެނެރަލްގެ ޒިންމާއެއް. ރަނގަޅަށް، ޤާނޫނާ އެއްގޮތަށް ހެކި ހޯދުމަކީ ފުލުހުންގެ ޒިންމާއެއް. ދިފާޢީ ވަކީލުންނާ ފައިހަމަކުރެވޭ ވަރު ވަކީލުން ޕީޖީގަ ނެތީ. ދަސްކުރާކުދިން ގިނައިން ތިބީ. ކޯޓަށް ފޮނުވަނީވެސް ދާއިރާގެ ތަޖުރިބާ މަދު ކުދިން. ޕީޖީގަ ތިބީ ހުސް ވެރިން. ކޯޓަށް ދާކަށް މިއިން މީހަކަށް ކެރެނީކީ ނޫން. މަސްނުބޭނުނީމާ ކަނޑު ގޯސްވާ އުޞޫލުން ކޯޓުތަކާއި ޤާޟީން ގޯސްކޮށް ވާހަކަދައްކާނެ ޖާގައެއް މިއަކު ނެތް.
ހާލަތު
26 September 2016
ފިސްތޯލަ އަކީ ނާޒިމްގެ އެއްޗެއްކަން ސާބިތުވެއްޖެއެވެ. ނާޒިމްގެ ފިންގަރ ޕްރިންޓެއް ނެތެވެ. ނާޒިމް ބޭރުގައި ބައިންދާފައި ފުލުހުން ކޮޓަރިތެރޭގައި އެތައް އިރަކު އުޅެފައި ހޯދި ދަބަހެއްގައި އޮތް ފިސްތޯލައެކެވެ. ދަސް ފެނުނީވެސް ނާޒިމް ކޮޓަރީގައި ނެތީސް އެވެ. ދަބަސް ނާޒިމް ގެންގުޅިކޮށް ފެނުނު މީހަކުވެސް ނެތެވެ. ދަބަހުގައި ނާޒިމްގެ ފިންގަރ ޕްރިންޓް ހުރިތޯ ބެލިފައެއްވެސް ނެތެވެ. ދެން ކީކޭ ބުނާނީ ....!!
ވިސްނާ
26 September 2016
އުމަރު ނަސީރު ވަނީ މާ ކުރިންވެސް މި ވާހަކަ ދައްކަވާފައެވެ. ވީމާ، މި ކަމަކުން ހައިރާން ކަމެއް ލިބޭކަށް ނުޖެހެއެވެ. މި ދިޔަ ދެތިން އަހަރުގެ ސްޓެޓިސްޓިކް ބަލާލީ މީހަކަށް އެނގޭނީ މި ބާވަތުގެ މީހުންގެ ކަންކަން ނިމިގެން ދިޔަގޮތް. ގަޑިއަށް ކޯޓަށް ނުގެންދެވިދާނެ، ނުބައިމަގަކުން ހެކި ހޯދިދާނެ. ކޯޓް އަމުރުނެތި ހައްޔަރު ކުރެވިދާނެ. ދެން މިކަހަލަ ހާސަރުތަކެއް ..... ވޯޓް ފޮށިތައް ކައިރީ .... ގެ ތޮފިއަޅައިގެން އުޅުނު ކަމަށް އުމަރު ބުނާ މީހުންނަށް ސަލާމަތްކަން ނުދީ ކީއްތޯ ކުރާނީ.!؟
މެންޓަލިސްޓް
26 September 2016
ދެންމިކަމުގައި ވެސް ހުރިހާއެންމެން ކޯޓްތަކަށް ފާޑުކިޔަހަދާނީ ، ގާޒީންގޯހޭކިޔާނީ ،،، ކަމުގެ ދެކޮޅު ރަގަޅަށް ބަލާލީމައި އަސްލުވެގެން އުޅޭގޮތްއިނގޭނީ ، އަސްލުގައި އޭނާވެދާނޭ ފުޅާދާޢިރާއެއްގައި ޑްރަގް ޑީލްކުރިމީހަކަށްވެސް ، ނަމަވެސް މީގައިވާގޮތަކީ ފުލުހުންގެ ތަހުގީގައި ހުށައަޅައި ހެކިތަކުގައި 2 އުޅިއެއްނުވާ ނޫނީ ހިފާދެމޭ ކަހަލަ ފޫނުބެދޭ ކަންކަން ހުރީމައި ދިފާއީ ވަކީލުންވެސް އޭގެ ފައިދާނަގާ ކޯޓަުގެ ގާޒީންގެ މެދުގައި ސުވާލުއުފައްދާ ކޮންފިއުޒް ކޮއްލަނީ ،.. ދެންއެންމެ ފަހުން ސާފުސީދާ ހެކިނެއްކަމަށް ބަލާ ހުކުމްކުރަނީ ،،،،، ގިނަކޭސް ތަކުގައި ކަންހިނގާފައިހުރީ އެހެން ،،، އެކަމު މިކޮމެންޓް ކިޔާ ގިނަބޭފުޅުން މިކަމާއި އެއްބަސް ނުވެދާނެ ،،،، އިލޫޝަން އާއި ރިޔަލިޓީއަކީ ތަފާތުދެކަމެށް ،،،