ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު. މަޖިލިހަށް މާދަމާ ބަޖެޓު ހުށަހަޅުއްވައި ދެއްވާނީ އަމީރު. --- ފޮޓޯ: މިހާރު
03 ނޮވެމްބަރ 2019 - 17:18
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.
މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން، މަޖިލިހަށް ހުށަހަޅާ ދެ ވަނަ ބަޖެޓެވެ. އެކަމަކު މިއީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހުށަހަޅުއްވައިދެއްވާ ފުރަތަމަ ބަޖެޓެެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ ޖުލައި މަހުގެ މަޖިލީހަށް ފޮނުވާފައިވާ ފިސްކަލް ސްޓްރެޓެޖީގައިވާ ގޮތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ އަދަދަކީ 39.6 ބިލިއަން ރުފިޔާ އެވެ.
މި އަހަރަށް ދައުލަތުން ހުށަހެޅީ 29.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެކަމަކު، މަޖިލިހުން ގެނައި އިސްލާހުތަކާ އެކު އެ އަދަދު 30.2 ބިލިއަން ރުފިޔާ އަށް އެރި އެވެ. ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި މަފާސްކުރި 1.7 ބިލިއަން ރުފިޔާއާ އެކު ޖުމްލަ ބަޖެޓުގެ އަދަދު 30.9 ބިލިއަން ރުފިޔާ އަށް އަރަ އެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ކޮންމެ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތުން ހިނގާނެ ކަމަށް ލަފާ ކުރެވޭ ހަރަދާއި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް ހުށަހަޅަންވާނެ އެވެ. މާލިއްޔަތު ގާނޫނު ބުނާ ގޮތުން އޮކްޓޯބަރުގެ ނިޔަލަށް މަޖިލީހަށް ބަޖެޓު ހުށަހަޅަން ޖެހެ އެވެ.
މަޖިލިހުގެ މި ދައުރުގައި މައިގަނޑު ކަމެއްގެ ގޮތުގައި އޮންނާނެ ކަމަށް ބެލެވެނީ ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތް އެކަންޏެވެ. އެއީ މި މަސް ނިމުމާއެކު، މެމްބަރުން ޗުއްޓީ އަށް ވަޑައިގަންނަވާނެތީ އޭގެ ކުރިން ބަޖެޓާ މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަން ޖެހޭނެތީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާަާާއިބޫ
04 November 2019
މމަހިތަށްއަރާ ކާކުގެބާރުގަ ވައްދާފަހުރި މީހެއްބާއޭ؟
ނަދީމްބެއްޔާ
03 November 2019
ފިނޭންސް މިނިސްޓަރުންނަކީ ތަޖުރިބާ ހުރި ހަރު މީހުންނަށް ވާން ޖެހޭ. ގައުމު ހަމަ މަގަށް އެޅުވުމަށް އިސް ރޯލެއް ކުޅެންޖެހޭތީ. ދިވެހި ތާރީޚް މިކަމަށް ހެކިވާނެ
ބައޯކަލޯ
03 November 2019
ބަޖެޓު އޮޅާލާ.
ތަޅާބުރުވާ
03 November 2019
ތަޅާބުރުވާލާނެ ފައިސާކޮޅެއްދޯ އަންނަ އަހަރައް
ސޭފު
03 November 2019
މިފަހަރު ކިތައް މީހުންނަށް ބަދަލުދޭން ރާވާފަ އޮތީ... 28 ބިލިއަން ދިރުވާލީ ފެންކޮޅަކާ ވެސް ނުލާ ވިއްޔަ..