ރިޕޯޓް / މަސްތުވާތަކެތި

ޑްރަގްގެ ބޮޑެތި މައްސަލަތައް ނާކާމިޔާބު! ކޮން ބައެއްގެ އިހުމާލެއް؟

މަސްތުވާތަކެތި ހޯދަން ކަސްޓަމްސް އޮފިސަރުންތަކެއް ފޮއްޓެއް ހަލާކުކޮށްލަނީ: ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތަސް ޝަރީއަތުގައި ސާބިތުވާލެއް މަދު

ރާއްޖޭގައި މަސްތުވާތަކެތި އަތުލައިގަންނަ މިންވަރު އަންނަނީ އިތުރުވަމުންނެވެ. އަދި އަތުލައި ގަނެވޭ އެއްޗެހީގެ އަދަދު ވެސް މައްޗެވެ. އެއީ ޔަގީނުން ވެސް ވަރަށް ބޮޑު ކާމިޔާބީއެކެވެ. އެކަމަކު ޝަރުއީ މަރުހަލާއިން އެފަދަ ބޮޑެތި މައްސަލަތައް ނިމިގެން މިދަނީ ނާކާމިޔާބުވެގެންނެވެ.

މަސްތުވާތަކެތީގެ ބޮޑުން ކަމަށް ބުނެ މީހުން ހައްޔަރުކޮށް، ބޮޑެތި ނެޓްވޯކްތައް ފަޅާއަރުވާލަ އެވެ. އެކަމަކު ޝަރީއަތުގެ މަރުހަލާގައި ގިނަ މީހުންގެ މައްޗަށް ކުށެއް ސާބިތެއް ނުވެ އެވެ. އާންމުންގެ ފާޑުކިޔުން ކޯޓުތަކަށް އަމާޒުވެ އެވެ. އެކަމަކު ގޯސްކޮށް ހޯދާފައިވާ ހެއްކެއް އޮތިއްޔާ ޝަރީއަތުގައި އެ ހެއްކެއް ބަލައެއް ނުގަންނާނެ ކަމެވެ. އެހެންވެ މި މައްސަލާގައި ހަމައެކަނި ކޯޓުތަކަށް ތުހުމަތުގެ އިނގިލި ދިއްކުރެވެން ނެތް ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ.

ބޮޑެތި އޮޕަރޭޝަންތަކުގައި ބޮޑެތި ގޯސްތަކެއް ހެދިފައި

މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ފުލުހުން ހިންގާ ބައެއް އޮޕަރޭޝަންތަކާއި ތަހުގީގުތަކުގައި ދެކޮޅުނުޖެހޭ ކަންތައްތައް ހުރެ އެވެ. ކޯޓު އަމުރެއް ނެތި ނުވަތަ އަމުރު ލިބިފައި އޮވެ، އަމުރު ދެއްކުމެއް ނެތި ތަނަކަށް ވަދެ ފުލުހުން ހެކި ހޯދަފާނެ އެވެ. ކޯޓު އަމުރު ނެތި ފޯން ކޯލް އަޑުއަހައިގެން ހެކި ހޯދަ އެވެ. ކޯޓު އަމުރު ލިބުމުން އަމުރުގެ ބާރު ހިނގަން ފަށާ ވަގުތުގެ ކުރިން ތަންތަނަށް ވަދެ، ހެކި ހޯދާފައި ވެސް އެބަ ހުއްޓެވެ.

މިއީ މަސްތުވާތަކެތީގެ ބޮޑެތި ބައެއް މައްސަލަތަކުގައި ފުލުހުން ހަދާފައި ހުރި ގޯސްތަކެވެ. މިހާތަނަށް ކޯޓުތަކުން ނިމިފައި ހުރި މައްސަލަތަކާއި ނިމުމަކާ ގާތަށް ގޮސްފައި ހުރި މައްސަލަތަކަށް ބަލާއިރު ވެސް އެކަން ވަރަށް ރަނގަޅަށް އެނގެ އެވެ.

މަސްތުވާތަކެތީގެ ބޮޑު ހަ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ބުނެ ހަ މިލިއަނެއްހާ ދިވެހި ރުފިޔާއާ އެކު 2009 ގައި އައްޑޫން ހައްޔަރުކުރި ހ. ރީނދޫގޭ އާދަމް ނަސީރު އަބޫބަކުރުގެ މައްޗަށް އެ ކުށް ސާބިތުނުވީ އޭނާ ދިރިއުޅުނު ތަނުން ފެނުނު މަސްތުވާތަކެއްޗާއި އޭނާއާ ގުޅުމެއް އޮތްކަމުގެ ހެއްކެއް ނުދެއްކުމުންނެވެ. އާދަމް ނަސީރަށް ފުލުހުން ފާރަލަމުން ދިޔައިރު، އެ މަސްތުވާތަކެތި އަޅާފައި ހުރި ދަޅު ހިފައިގެން އޭނާ އުޅުނު ތަން ފުލުހުންނަށް ފެނުނަސް އެވަގުތު އޭނާ ހައްޔަރުކުރަން ފުލުހުން މަސައްކަތެއް ނުކުރެ އެވެ.

އޭގެ އެތައް އިރެއް ފަހުން އާދަމް ނަސީރު ހައްޔަރުކުރިއިރު އެ ދަޅު އޭނާގެ އަތަކު ނެތެވެ. އެ ދަޅު ފެނުނީ އޭނާ ދިރިއުޅުނު ގެ ފާސްކުރަނިކޮށް، ބޭނުން ކޮންމެ މީހަކަށް ވެސް ވަދެ ނިކުމެވޭ ގޮތަށް ހުރި ތަނަކުންނެވެ. އެތަނުގައި އެފަދަ ކޮންމެ އެއްޗެއް ބޭއްވުމުގެ ފުރުސަތު، ކޮންމެ މީހަކަށް ވެސް އޮންނާނެ އެވެ. އެހެންވެ އެ ހާލަތުގައި އެއީ އޭނާގެ އެއްޗެއް ކަން ސާބިތުކޮށްދޭން އިތުރު ހެކި ބޭނުންވެ އެވެ. އެކަމަކު ހަރުދަނާ އިތުރު އެއްވެސް ހެއްކެއް ފުލުހުންނަކަށް ނުދެއްކުނެވެ.

މަސްތުވާތަކެތި ހުރި ކަމަށް ބުނާ ދަޅު ހިފައިގެން ހުއްޓާ އާދަމް ނަސީރު ހައްޔަރުކުރި ނަމަ މައްސަލަ ކާމިޔާބުވުމުގެ ފުރުސަތު ބޮޑުވީހެވެ. މަސްތުވާތަކެތި ހުރި ދަޅުން އެންމެ ކުޑަ މިނުން އޭނާގެ އިނގިލީގެ ނިޝާނެއް ވެސް ފުލުހުންނަކަށް ނުހޯދުނެވެ. މިއީ ހަތް މަސް ދުވަސް ވަންދެން އާދަމް ނަސީރަށް ފާރަލައިގެން ފުލުހުން ހިންގި އޮޕަރޭޝަންގައި ހުރި ދެކޮޅު ނުޖެހޭ ކަންކަމެވެ.

އަތުލައިގެންފައިވާ މަސްތުވާއެއްޗެހިތަކެއް: ހެކި ހޯދުމުގައި ފުލުހުން ގޯސްތަކެއް ހަދާފައިވޭ - ފޮޓޯ:މިހާރު

މަސްތުވާތަކެތީގެ ބޮޑު ހަ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ބުނެ 2009 ގައި ހައްޔަރުކުރި ހ. ރެހި ހުސައިން މުހައްމަދު މަނިކަށް ވެސް ކުށް ސާބިތުނުވި އެންމެ ބޮޑު ސަބަބަކީ ފުލުހުން ހިންގި އޮޕަރޭޝަންގައި ހުރި ދެކޮޅުނުޖެހޭ ކަންކަމެވެ. ހުސައިން މަނިކު ހައްޔަރުކުރީ ރާއްޖެއިން ބޭރުން އައި މީހެއްގެ އަތަށް ދީގެން ފޮށިގަނޑުތަކެއްގައި މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތުކޮށްފަ އެވެ. އޭނާ ހައްޔަރުކުރީ، އެ ތަކެއްޗާ ހަވާލުވާން އަންނަ މީހަކު ހޯދަން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައި މާލެއިންނެވެ.

ހުސައިން މަނިކު އެ ފޮށިގަނޑާ ހަވާލުވުމާ އެކު އޭނާ ވަގުތުން ހައްޔަރުކުރި އެވެ. އެ ފޮށިގަނޑު ގެންދަން އޮތް އަސްލު މަންޒިލާ ހަމައަށް ގެންދެވެން ދެން ފުލުހުން މަޑެއް ނުކުރެ އެވެ. އެ ފޮށިގަނޑު ހިފައިގެން އޭނާ ދާ ތަނަކަށް ދަންދެން ފާރަލާން ފުލުހުން މަޑުކުރި ނަމަ އޭގެ އަޑީގައި ތިބި ބަޔަކު ހޯދުނީހެވެ. އަދި އެއީ ހަގީގަތުގައި ވެސް ހުސައިން މަނިކުގެ އެއްޗެއް ނަމަ އޭރުން އޭނާއާ ދެކޮޅަށް ވަރުގަދަ ހެކިތަކެއް ވެސް ލިބުނީހެވެ.

އެ އޮޕަރޭޝަންގައި ފުލުހުން ދެން ހެދި އެންމެ ބޮޑު ގޯހަކީ ފޮށިގަނޑާ އެކު ހުސައިން މަނިކު ހައްޔަރުކުރި ވަގުތު އެތަނުގައި ތިބެގެން އެ ފޮށިގަނޑު ކަނޑައި، އޭގައި ހުރި އެއްޗެއް ފުލުހުން ނުބެލުމެވެ. އެ ފޮށިގަނޑު ކަނޑައި، ފާސްކުރި ކަމަށް ވަނީ އޭނާގެ ހާޒިރަކު ނޫނެވެ. އެއިން މަސްތުވާތަކެތި ފެނުނު ކަމަށް ފުލުހުން ބުނީ ވެސް ހުސައިން މަނިކު ހައްޔަރުކޮށް، ފުލުސް އޮފީހަށް ގެންދިޔަތާ އިރުތަކެއް ފަހުންނެވެ. މިއީ ވެސް އެ މައްސަލާގައި ފުލުހުން ހަދާފައި ހުރި ބޮޑެތި ގޯސްތަކެއް ކަމަށް، ގާނޫނީ ބައެއް ފަރާތްތަކުން ދެކެ އެވެ.

މީހަކު ހައްޔަރު ކުރަނީ: ޑްރަގްގެ ބޮޑުން ކަމަށް ބުނެ ދައުވާކުރި ގިނަ ބައެއް މީހުން ވަނީ ސަލާމަތްވެފައި- ފޮޓޯ: ޕޮލިސް

ފުލުހުން ހޯދާ ހެކިތައް ގެއްލޭތަ؟

މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ފުލުހުން ހޯދާ ކަމަށް ބުނާ ހެކިތައް، ޝަރީއަތާ ހަމައަށް ނުގެންދާ ކަމުގެ އަޑުތައް ދޭތެރެ ދޭތެރެއިން ފެތުރެ އެވެ. އެ ހެކިތައް ފުލުހުންގެ ތެރެއިން ގެއްލޭކަމުގެ ވާހަކަތައް ވެސް ދައްކަ އެވެ. އެކަމަކު އެ ތުހުމަތުތައް ފުލުހުން ދޮގުކުރެ އެވެ.

މިހާތަނަށް ނިމިފައި ހުރި ބައެއް މައްސަލަތަކަށް ބަލާއިރު ސުވާލު އުފެދޭ ކަންތައްތަކެއް އެބަ ހުއްޓެވެ.

ހުސައިން މަނިކުގެ މައްސަލާގައި ހައި ކޯޓުން ކުރި ހުކުމުން ހާމަވި ގޮތުގައި މަސްތުވާތަކެތި ހުރި ފޮށިގަނޑާ އޭނާ އަމިއްލައަށް ހަވާލުވި ކަމަށް ފުލުހުން ކޯޓުގައި ހެކިބަސް ދިނަސް އެ ފޮށިގަނޑުން އޭނާގެ އިނގިލީގެ ނިޝާނެއް ނުފެނެ އެވެ. އޭނާ ހައްޔަރުކުރީ މަސްތުވާތަކެތި ހުރި ފޮށިގަނޑުގައި އަތުން ހިފަހައްޓައިގެން ހުއްޓާ ކަމަށް ވާއިރު އޭނާގެ އިނގިލީގެ ނިޝާން ފުލުހުންނަށް ނުލިބުމަކީ ހައިރާންވާ ވަރުގެ ކަމެކެވެ.

އާދަމް ނަސީރުގެ މައްސަލާގައި، މަސްތުވާތަކެތި ފެނުނު ދަޅުން އޭނާގެ އިނގިިލީގެ ނިޝާން ފެނުނު ކަމަށް މީޑިއާގައި ފުލުހުން އޭރު ބުންޏެވެ. އެކަމަކު ޝަރީއަތަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި އޭނާގެ އިނގިލީގެ ނިޝާން ފެނުނު ކަމަށް ބުނާ ރިޕޯޓެއް ނެތެވެ. މިއީ ހައްތަހާ ވެސް ސުވާލު އުފެދޭ ކަންކަމެވެ.

ބައެއް ވަކީލުން ބުނާ ގޮތުގައި އެފަދަ ބައެއް މައްސަލަތައް ނާކާމިޔާބުވުމުގެ އެންމެ ބޮޑު ރޯލެއް އަދާކުރަނީ ފުލުހުންގެ ތަހުގީގާއި އޮޕަރޭޝަންސްތަކުގައި ފޫނުބެދޭ ކަންކަން ހުރުމެވެ. ސާފު ހެކިތައް ލިބެން ހުރި މައްސަލަތަކުގައި ވެސް ފުލުހުން އަމިއްލައަށް "ކުރި މަރާލަނީ" އެވެ.

"އެންމެ އާދައިގެ މީހާއަށް ވެސް ރަނގަޅަށް އިނގޭނެ ކޯޓު އަމުރެއް ނެތި ފޯން ކޯލް އަޑު ނޭހޭނެ ކަން. އެއީ ވަރަށް ބޭސިކް ކަންކަން. އެކަމަކު ބޮޑެތި މައްސަލަތަކުގައި ފުލުހުން އެކަން އެބަ ކުރޭ އަމުރެއް ނެތި،" އެއް ވަކީލަކު ވިދާޅުވި އެވެ.

"އެ ކޯލުން ކިތަންމެ ވަރުގަދަ ހެއްކެއް ލިބުނަސް ކޯޓު އަމުރެއް ނެތި އެކަން ކޮށްފައި އޮތިއްޔާ ޝަރީއަތުން އެ ހެއްކެއް ބަލައެއް ނުގަންނާނެ. ބައެއް ފަހަރު ހީވޭ ތުހުމަތުކުރެވޭ މީހާ ސަލާމަތްކޮށްދޭން ފުލުހުން ކުރާ ކަމެއް ހެން ވެސް."

އެކަމަކު ޑްރަގުގެ ބައެއް "ބޮޑުން" ސަލާމަތްވާ އިރު އާންމުން ގިނަ ފަހަރަށް ގޯސްކުރާނީ ފަނޑިޔާރުންނެވެ. އެގޮތަށް ވަނީ ޝަރުއީ ދާއިރާ އަށް އޮތް އިތުބާރު ވެސް ކުޑަވުމުންނެވެ. ނަމަވެސް މަސްތުވާތަކެތީގެ ބޮޑެތި ބައެއް މައްސަލަތަކުގެ ޝަރީއަތުގައި ފެނުނު ހެކިތަކުގައި، ގާނޫނީ މައްސަލަތައް ހުއްޓެވެ. އެހެންކަމުން ފުލުހުންގެ ތެރެއިން ރަނގަޅު ކުރަން ޖެހޭ ކަންކަން ވެސް މަދެއް ނޫނެވެ.

32 ކޮމެންޓް, 55 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 75%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢިބްރާ

24 November 2016

ކުއްކުރުން ހުއްޓުވުމަކަށް ކޯޓް އަމުރެއް ބޭނުމެއް ނުވާނެ، މައްސަލަ އަކީ ކޯޓްތަކުން ހުރިހާ ކަމެއް ކޮންޓްރޯލް ކުރަން އުޅުން، ވަކި ބައެއް ނިވައި ފަތްގަނޑަށް ލުމަށް ކޯޓް ތަކުން ހޭވި ހަޑީގެ މަންފާ މިހާރު މިކުރަނީ

The name is already taken The name is available. Register?

ތޮއްޔިބު

04 October 2016

ކޯޓު އަމުރެއް ނެތި ކޯލް އަޑު އެހުމާ، ތަންތަނަށް ވަނުމާ، އަމުރު ނުދެއްކުމާ، އަމުރުގައި އޮތް ގަޑީގެ ކުރިން ވަނުން ފަދަ ކަންކަން ހަމަ އެނގިތިބެމެ ކުރާތީ، އެއީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުންކަމުގައި ބެލެވޭތީ އެކަން ކުރާ ފުލުހުންނާ އެކަން ކުރުމަށް އޯޑަރުދޭ ވެރިންނަށް ފިޔަވަޅު އަޅަންޖެހޭ. މިހެކި ކޯޓުގައި ގަބޫލު ނުކުރާނެކަމާއި އާޚިރުގައި ޑްރަގްލޯޑު ފްރީވެގެންދާނެކަން އެނގިތިބެ އެކަން ކުރަނީ ކީއްވެހޭ. (އެނގިތިބެއޭ މިދެންނެވީ އެވަރުގެ ބޭސިކް ނޭނގޭ މީހުން ފުލުހުންގެ ވަޒީފާގައި އުޅެގެން ނުވާނެ). ބައި އެޅޭނެތީ ކަމަށްވުންވެސް އެކަށީގެންވޭ.

The name is already taken The name is available. Register?

އަހައްމާ

28 September 2016

މީގެން ވެސް ރަގަޅު އިބުރަތެއް ހޯދާށެވެ. މި މަސައްކަތުގައި އުޅޭ ފުލުހުންނާއި އަދި ފަނޑިޔާރުންގެ ބެކްގްރައުންޑް ބަލާށެވެ. މީ އެގިހުރެ ކުށުން އެމީހުން ސަލާމަތް ކޮއްދިނުމަށްޓަކައި ރޭވިގެން ހިންގާ ޖަރީމާތަށް ކަމަށް ރައްޔިތުން ގަބޫލު ކުރެއެވެ. ފުލުހުންނާއި ޖުޑީޝަރީ ފޭލިވެފައިވާކަން ސާބިތުކޮއްދޭ ފުރިހަމަ ހެކިތަކަކީ މީއެވެ. ފުލުހުން ގެ މަސައްކަތުގެ މޮޅު ވާހަކަ ދައްކާނަމަ އެމީހުންނަކީ މޫދު ތެރޭގައިވާ ސިމް ހޯދާ ފައިވާ ބައެއްކަން ފާހަގަ ކުރަމެވެ.

The name is already taken The name is available. Register?

ޙަސަން ޝާހިދު، ސ.މީދޫ

28 September 2016

ޑްރަގަކީ ރާއްޖޭގައި އުފައްދާ އެއްޗެއް ނޫނެވެ. ވާރެޔާއެކު މަތިން އޮހޭ އެއްޗެއް ނޫނެވެ. ޑްރަގް ރާއްޖެ އެތެރެކުރަނީ ދިވެހި ސަރުކާރުން ބަލަހައްޓަމުން ގެންދާ ކަނޑުގެ ބަނދަރުތަކުންނާއި ވައިގެ ބަނދަރު ތަކުންނެވެ. ދެން މިކަން ނުހުއްޓިގެން ސަރުކާރުން އުޅޭނެ ކަމެއް ނެތެއް ނޫންތޯއެވެ؟

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

28 September 2016

ހަ މިލިއަނެއްހާ ދިވެހި ރުފިޔާއާ އެކު 2009 ގައި އައްޑޫން ހައްޔަރުކުރި ހ. ރީނދޫގޭ އާދަމް ނަސީރު އަބޫބަކުރުގެ މައްޗަށް އެ ކުށް ސާބިތުނުވީ އޭނާ ދިރިއުޅުނު ތަނުން ފެނުނު މަސްތުވާތަކެއްޗާއި އޭނާއާ ގުޅުމެއް އޮތްކަމުގެ ހެއްކެއް ނުދެއްކުމުންނެވެ. އެކަމަކު އެތަނުން ފެނުނު މަސްތުވާ އެއްޗިއްސަކީ އޭނާގެ އެއްޗިހި ނޫންކަން އޭނާއަށް ސާބިތު ކޮށްދެވިފައެއްވެސް ނެތް. މިނިސްޓަރު ނާޒިމު ދިރިއުޅުނު ތަނުން ފެނުނު ފިސްތޯލައާ ނާޒިމުއާ އެއްވެސް ގުޅުމެއް އޮތްކަމުގެ ހެއްކެއް ނުމެދެއްކޭމެ އެކަމަކު އެހުރީ ޓެރަރިސްޓަކަށް ހަދާފަ 11 އަހަރަށް ޖަލަށްލާފަ، ފެނުނު ފިސްތޯލައިގަ އެހެން މީހެއްގެ ފިންގަޕްރިންޓް ހުރިކަމަށް ފޮރެންސިކު ރިޕޯޓުން އެބަ ހާމަވޭ ދެއްތޮ، އެހެންވީމަ ފަނޑިޔާރުންނަށް ފާޑު ކިޔެނީ.

The name is already taken The name is available. Register?

ޕޯޓަބަލް

28 September 2016

މީގަ އިސްލާހު ކުރަންވީ ގާނޫނަށްވުރެ ފުލުހުންގެ އިދާރާ!

The name is already taken The name is available. Register?

މާ އިނގޭ

28 September 2016

މި އާޓިކަލްގައި ބަލާލައިފައި އެވަނީ މީގެ އެތަކެއް އަހަރު ތަކެއްގެ ކުރީގެ ކޭސް ތަކަކަށެވެ. އެކޭސް ތަކުގައި ހެދިފައި ހުރި މިސްޓޭކްތަކުން އިބްރަތް ޙާސިލް ކޮއްގެން މިހާރު ފުލުހުން ހިންގާ އެފަދަ އޮޕަރޭޝަން ތަކަކީ ވަރަށް ޕޮރޮފެޝަނަލްކޮށް ހިންގޭ އޮޕަރޭޝަންތަކެއް ކަމުގައި ދަންނަވަން. މިފަދަ އާރޓިކަލް ލިޔާއިރު ހަމަ އެކަނި އިދިކޮޅު ވަކީލުންގެ ބަހައް ރިޔާއަތް ކުރުމުގެ ބަދަލުގައި މި ކަމުގައި އަމަލީގޮތުން އުޅޭ ބައެއްގެ ބަސް ވެސް ހިމަނާލިނަމަ ވވ ފުރިހަމަވީސް. ޙަޤީޤަތަކީ މިޤަޢުމުގައި މަސްތުވާތަކެތީގެ މައްސަލަ ތަކަކީ އެއްވެސް ބަޔަކައް މާ ބޮޑެތި މައްސަލަ ތަކަކަށް ނުވާކަން. ކާކުތޯ އުޅެނީ މި ރާއްޖޭގައި މި ކަން ބޮޑު ކަމަކަށް ވެގެން. ފުލުހުންގެ މަސައްކަތައް އައްސަރިބަހާ ސާބަސް ދަންނަވަން. ޤައުމައިގެން ކުރިޔައްް ވަޑައިގަންނަވާ ތި ބޭފުޅުންގެ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވާށި. އާމީން.

The name is already taken The name is available. Register?

Huseyna

28 September 2016

ޕިލިޕިންސްގެ ރައީސަށް މިކަންހވާލުކުރަންވީ ކޮންޓްރެކްޓެއްގެ ދަށުން 1 އަހަރު ނޫނީ 6 މަސްދުވަހަށްނަމަވެސް. އިސާހިތަކު ތިޔަކަން ރަނގަޅުކޮށްލަފާނެ......

The name is already taken The name is available. Register?

އައްޑޫ ރަދުން

28 September 2016

ތިކަންތައްތައް ދާގޮތަށް ބަލާއިރު ތިކަމާ ހެއްކާ ގުޅުވުމަށްވުރެން ރިޝްވަތާގުޅުވުން އައުލާކަން ބޮޑު.މިހެންބުނީ ބުއްދީގެ ހަމަތަކުން ބަލާއިރު މިކަންމިނޫން ގޮތަކަށް ހަމަ ބެލެވެންނެތީ.ރާއްޖޭގެ ހުރިހާ ކަމެށް ރުފިޔާ ފައިސާގެ އަވާގައިޖެހި ކުއްވެރިން ހިފާ ހައްޔަރު ކުރުންވެސް އާމްދަނީ ލިބޭ ބޮޑު ވިޔަފާރިއަކަށް ބަދަލުވީ.މއީ އަޅުގަނޑަ ދެކޭގޮތް.

The name is already taken The name is available. Register?

މެންޓަލިސްޓް

28 September 2016

ވަރަށްވެސް ފުރިހަމަ އާރޓިކަލްއެއް ، އަޅުގަނޑަށްވެސް ކުރީން އެނގިފައި އޮތް ދެމައްސަލަ ހަމައެގޮތަށް ތިޔައޮތީ ލިއެލާފައި ،، ރީންދޫމާގެ އާދަމް ނަސީރު ހައްޔަރުކުރިތާ 2-3 މަސްދުވަސް ތެރޭ އަޅުގަނޑަށް ތިޔަމައްސަލައަށް ވާނެގޮތް އޮތީ އެނގިފައި ،،،، ތަހުގީގުގައި އޮޕަރޭޝަންގައި ގަޅިއެޅިކަމަށް ފުލުސް އޮފިސަރެއް އަޅުގަނޑުކައިރީ އޮތީ ކިޔާދީފައި ،،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454