ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުތައް ދިރާސާކުރާ ކޮމިޓީގެ މެމްބަރުން: ލާމަރުކަޒީ ގާނޫނަށް ގިނަ އިސްލާހުތަކެއް ސަރުކާރުން ވަނީ ހުށަހަޅާފައި. --ފޮޓޯ/މަޖިލީސް
12 ނޮވެމްބަރ 2019 - 15:14
ލޯކަަލް ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން އިއްޔެ ފާސްކޮށްފި އެވެ.
ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދީ ލާމަރުކަޒީ ގާނޫނުއިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ. މި ބާރުތައް ދޭން ގާނޫނުއަސާސީ އާއި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުން ވަނީ ކޮމިޓީއެއް އެކުލަވާލައިފަ އެވެ.
އެ ކޮމިޓީން އިއްޔެ ނިންމީ، ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ކައުންސިލްތަކުގެ ދައުރަކީ ފަސް އަހަރު ކަމުގައި ހަމަޖެއްސުމަށެވެ. މިހާރު ކަނޑައަޅާފައިވާ ގޮތުން ކައުންސިލްތަކުގެ ދައުރަކީ ތިން އަހަރެވެ.
ޕްލޭންތައް ހަދައި ރައްޔިތުން ބޭނުންވާ ކަންކަމުގައި ނަތީޖާ ނެރެދޭން ތިން އަހަރަކީ ކުރު މުއްދަތެއް ކަމަށް ގިނަ ކައުންސިލަރުން ދެކެ އެވެ. މީގެ އިތުރުން ކޮންމެ ތިން އަހަރަކުން އިންތިޚާބު ބާއްވަން ޖެހުމުން ދައުލަތުގެ ބަޖެޓަށް ވެސް ބުރައަކަށް ވެ އެވެ.
ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލުކުރުމުގެ އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްވެއްޖެ ނަމަ، އަންނަ އަހަރުގެ ކުރީކޮޅު ކައުންސިލް އިންތިޚާބުގައި ކައުންސިލަރުން ހޮވާނީ ފަސް އަހަރުގެ ދައުރަކަށެވެ.
މީގެ އިތުރުން، ކައުންސިލްތަކުން ވަކިކުރި ބާރުތައް އަލުން އިޔާދަކޮށްދީ ރައްޔިތުންގެ މަންދޫބުންގެ ބައިވެރިވުމާ އެކު ކައުންސިލްތައް ހިންގޭނެ މަގުފަހިކޮށްދޭން ގިނަ އިސްލާހުތަކެއް ހުށަހަޅާފައިވެ އެވެ. އޭގެތެރޭގައި ކައުންސިލްތައް މާލީ ބާރުވެރިކުރުވުމުގެ ގޮތުން ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓަށްވާ ފައިސާ ދިނުން ބިލްގައި ވަނީ ހިމަނައިފަ އެވެ. ކައުންސިލްތަކުގެ އިހްތިސާސްގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތަކުގެ ކުލީގެ 40 ޕަސެންޓަށް ވާ އަދަދު ފައިސާ، ފިސްކަލް ފޯމިއުލާއެއްގެ ދަށުން ހުރިހާ ކައުންސިލްތަކަށް ބެހިގެންދާ ގޮތަށް ހަމަޖައްސަން ވެސް ވަނީ ހުށަހަޅައިފަ އެވެ.
މިކަންކަން ތަންފީޒުކުރަން، މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިސްވޭއޭ
12 November 2019
ކައުންސިލް ތަކުގެ ދައުރަކީ އެއީ 5 އަހަރު ދުވަސް ކަމުގައި ހެދުން އެއީ ރަނގަޅު ކަމެކޭ ހަގީގަތުގައި އެ އޮންނަން ޖެހޭނީ 10 އަހަރު ދުވަހަށް ރާއްޖެ ފަދަ ލޮޖިސްޓިކް އުނދަގޫ އަދި ރާއްޖެތެރޭ މީހުންގެ ވިސްނުމުގައި ހުންނަ ކޮށި ކަމުން މުޅި ރާއްޖޭގެ ރައީސް ކަން ވެސް ކުރަންވީ ދައުރަކީ އެއީ 10 އަހަރު ދުވަސް އަދި މަޖްލީހުގެ ދައުރަކީ ވެސް 10 އަހަރު ދުވަސް އަދި ކައުންސިލް ދައުރަކީ ވެސް 10 އަހަރު ދުވަސް ގާނޫނީ ގޮތުން އެކަކަށް ހުރެވޭނީ ވެސް އެއް ދައުރުގައި އެއީ