އެމްޕްލޯއިމެންޓް ޓްރައިބިއުނަލްގެ މެންބަރުން މަޖިލީހަށް ވަޑައިގެން ވާހަކަދައްކަވަނީ-- ފޮޓޯ: މަޖިލީސް
13 ނޮވެމްބަރ 2019 - 16:00
ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމެއް ނެތި ދެ މީހަކު ވަޒީފާ އަށް އައްޔަންކޮށްފައިވާ ކަން ހާމަވެފައިވާ ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް މުހައްމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގައި، ޓްރައިބިއުނަލްގެ ކުރީގެ ވެރިންނަށް ފާޑުވިދާޅުވެ، ޒާހިރު ވިދާޅުވީ، މީގެ ކުރިން ހިންގުމާ ހަވާލުވެ ތިއްބެވި ބޭފުޅުން ގަވައިދާ އެއްގޮތަށް ކަންތައްތަކެއް ކުރެއްވިތަން ފެނިވަޑައިގެންފައި ނުވާ ކަމަށެވެ. ޓްރައިިބިއުނަލް މި އަހަރުގެ އޮޑިޓަށް ހުށަހެޅިއިރު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ކަންތައްތަކެއް ފެންމަތިވި ކަމަށް އޭނާ ވިދާޅުވި އެވެ.
"މާލިއްޔަތު ގަވައިދަށް އޮނިގަނޑެއް ބަދަލު ކުރެވިގެންދާ ހާލަތުގައި ނުވަތަ މުވައްޒަފެއް ނަގާ މުސާރަ ދޭ ހާލަތުގައި ފިނޭންސް މިނިސްޓްރީން ހުއްދައެއް އެބަ ހޯދަންޖެހޭ. އެ ހުއްދަ ވެސް ނުހޯދާ ދެ މަގާމެއް އާ ކުރެވިގެންދިޔަ ތަން މި ފެނުނީ،" ޒާހިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މަގާމުތައް އާ ކުރިއިރު، އެކަން ކޮށްފައި ވަނީ ކޮން ގޮތަކަށް ކަން ވެސް ލިޔެކިޔުމުން ފެންނާކަށް ނުހުރެ އެވެ. ޓްރައިބިއުނަލްގެ ހިންގުން ހަރުދަނާކޮށް މުވައްޒަފުން ގާނޫނާއި ގަވައިދަށް އަހުލުވެރިކޮށް، ޒިންމާދާކުރު ކުރުމަށްޓަކައި ވެސް ފައިސާ ބޭނުންވާ ކަމަށް ޒާހިރު ވިދާޅުވި އެވެ.
ޒާހިރު، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސަކަށް އައްޔަން ކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އެއީ އެ މަގާމުގައި ހުންނެވި އަހުމަދު ޝިފާއު އިސްތިއުފާ ދެއްވުމުންނެވެ.
އެމްޕްލޯއިމެންޓް ޓްރައިބިއުނަލަށް ނުވަ މިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު، އެ އިދާރާގެ ކަންކަން އެންމެ ފުރިހަމަ އަށް ހިންގުމަށްޓަކައި އަށް މިލިއަން ރުފިޔާ އިތުރަށް ބޭނުންވާ ކަަމަށް ޒާހިރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޖޫ
14 November 2019
ކޮންމެ ބައެއް މަޖިލީހަށް ގޮސް އިތުރަށް މިބުނަނީ ކުރީ މީހުން ގޯސް، އަދި އެކަން ރަނގަޅުކުރަން ތިމަންމެން 90 ޕަސެންޓް އިތުރަށް ބަޖެޓު ބޭނުންވާ ކަމަށް. ދެން ބުނެބަލަ މުއައްސަސާތަކަށް ބަޖެޓު އަޅާފަ، މުސާރަ ދީފަ، ދަރަނި ދައްކާފަ، ބަދަލުދީފަ، ތަރައްގީގެ މަޝްރޫއެއް ހިންގާނެ ގޮތެއް.
ބުޅާ
14 November 2019
ޤާނޫނާއި ޚިލާފަށް ވަކިކުރި މުވައްޒަފުގެ ވާހަކަވެސް ދައްކަބަލަ، ކޯޓުން ސާބިތުވެފަ އެއޮތީ ޤާނޫނާ ޚިލާފުވިކަން
ޖަންބޯ
14 November 2019
ކަލޭ ތިއީ އެމުވައްޒަފު ދޯ؟ ކަލޭގެ ވާހަކަ ނުދައްކައިގެން ދެރަވީ؟ ކަލޭ ތިމަގާމަށް ނަގާފައި ހުރީވެސް ޝަރުތު ހަމަނުވަނީސް.
ޕޮޓް
17 November 2019
ޖަންބޯ ވަަނުވަާ ރަނގަޅަށް ބަލާބަލަ