ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) އަދި އިންޑިއާގެ ބޮޑުވަޒީރު މޯދީ: އިންޑިއާއިން ދޭ ސްކޮލަޝިޕްތަކަށް ކުރިމަތިލާން ވަނީ ހުޅުވާލައިފަ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
14 ނޮވެމްބަރ 2019 - 15:44
އިންޑިއާގެ ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރް) އިން ރާއްޖެ އަށް ދޭ ސްކޮލަޝިޕްތަކަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
އަންޑަ ގްރެޖުއޭޓުން ފެށިގެން ޕީއެޗްޑީ އާ ހަމައަށް ކިޔަވަން ދީފައިވަނީ ހުރިހާ ކަމެއް ސްޕޮންސާކޮށްފައިވާ 39 ފުރުސަތެވެ. އަންނަ އަހަރުގެ ޖެނުއަރީ 15 ވަނަ ދުވަހާ ހަމައަށް ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
އައިސީސީއާރް ސްކޮލަޝިޕްގެ ދަށުން އާޓްސް، ސައިންސް، އިންޖީނިއަރިން، ޓޫރިޒަމް، ގާނޫނު އަދި އެހެނިހެން ދާއިރާތަކުން އިންޑިއާގެ ބޮޑެތި ސިޓީތަކުން ފެންވަރު ރަނގަޅު ޔުނިވާސިޓީތަކުން ކިޔެވޭނެ އެވެ. އޭގެ ތެރޭގައި ދިއްލީ، ހައިދަރްއާބާދް އަދި ބެންގަލޫރް ހިމެނެ އެވެ.
ސްކޮލަޝިޕަށް www.a2ascholarships.iccr.gov.in އަށް އޮންލައިންކޮށް ހުށަހެޅޭނެ އެވެ. އެއަށްފަހު ސެޓްފިކެޓުތައް އެޓެސްޓުކޮށް ލިޔެކިޔުންތަކާއެކު އެ ސެންޓަރަށް ހުށަހަޅަންޖެހޭނެ އެވެ. އައިސީސީއާރު ހުންނާނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލު ކައިރިން މއ. ވަވަތީގޭގަ އެވެ.
އެ ސެންޓަރުން ބުނިގޮތުގައި ސްކޮލަޝިޕް ލިބޭ ދަރިވަރުންނަށް އަންނަ އަހަރުގެ މެއި ހިސާބުގައި އަންގަން ފަށާނެ ކަމަށެވެ. އެއަށްފަހު ކިޔެވުމަށް ފަށާނީ ޖޫނާއި އޮގަސްޓް މަހާ ދޭތެރޭގައި ކަމަށް ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy