ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ސިޔާސަތު އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކެބިނެޓުގެ ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މިހާރު
17 ނޮވެމްބަރ 2019 - 15:40
ސަރުކާރުގެ އިދާރާތަކުގެ ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓްކުރަން ރައީސް އޮފީހުގައި ގާއިމްކޮށްފައިވާ ޕޯޓަލް އަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 92 މައްސަލައެއް ތަހުގީގުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތު އިފްތިތާހުކޮށް، މި ޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހެޅޭ ގޮތް ހެދީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި ރައްޔިތުންގެ ބައިވެރިވުމާއި ހިއްސާ އިތުރުކުރާށެވެ. ޕޯޓަލް މެދުވެރިކޮށް، ކާކުކަން ނޭނގޭ ގޮތަށް މައްސަލަ ހުށަހެޅޭ އިރު، ޕޯޓަލް އަށް ލިޔެކިޔުންތައް ވެސް ފޮނުވެ އެވެ.
ސަރުކާރަށް އަހަރެއް ވި އިރު ކޮރަޕްޝަން ހުއްޓުވުމުގެ ވައުދަށް ކުރި މަސައްކަތްތަކާ ގުޅޭ ގޮތުން ރައީސް އޮފީހުން "މިހާރު"އާ ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން ކޮރަޕްޝަނަށް ތުހުމަތުކޮށް ގިނަ މައްސަލަތަކެއް ވިސްލްބްލޮވާ ޕޯޓަލް އަށް ހުށަހަޅަ އެވެ. ރައީސް އޮފީހުގައި އޮންނަ ކޮމިޓީއަކުން އެ މައްސަލަތައް ބަލައި، ތަހުގީގު ކުރަން ޖެހޭ ކަމެއް އޮތް ނަމަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް އަންނަނީ ހުށަހަޅަމުން އަންނަ ކަމަށެވެ. އެއް އަހަރުގެ ތެރޭގައި 92 މައްސަލަ ހުށަހެޅި ކަމަށް އެ މައުލޫމާތުތަކުގައިވެ އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތުގެ ދަށުން، ގިނަ މަސައްކަތްތަކެއް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެއް ކަމެއްގެ ގޮތުގައި ފާހަގަކުރީ ވިސްލްބްލޮވާ ޕްރޮޓެކްޝަން ގާނޫނަށް އަމަލުކުރަން ފެށުމެވެ. މީގެއިތުރުން، ދައުލަތުގެ މާލީ ހާލަތު އެނގޭ ގޮތަށް ޚަރަދުތައް ކޮންމެ ހަފުތާއަކު އާއްމު ކުރުމާއި ބީލަމުގެ މައްސަލަ ބަލާ މުސްތަގިއްލު ރިވިއު ކޮމިޓީއެއް އެކުލަވާލައި މަސައްކަތް ފެށުން ހިމެނެ އެވެ.
ކޮރަޕްޝަން ހުއްޓުވަން އެޅި ފިޔަވަޅެއްގެ ގޮތުން، ގްރީން ޓެކްސް ނެގޭނެނ ގޮތާއި އެފައިސާ ޚަރަދުކުރާނެ ގޮތުގެ ތަފްސީލް ދެފުށް ފެންނަ ގޮތަށް ހާމަކުރަން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ކުރީގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިއުން އަމާޒުވީ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެންނެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް 3.3 ބިލިއަން ރުފިޔާ އަށް ޚިޔާނާތްތެރިވެފައިވާ އިރު، ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ހިންގި ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް އޭސީސީން އަންނަނީ ބަލަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޒް
19 November 2019
ސ.މީދޫ ފެނަކައަށް ވެސް ވެއްދީ ހުޅުމީދޫ އެސްޓީއޯ އިން ފައިސާނެގި ކަމުގެ ތުހުމަތު ކުރެވޭ މީހަކު.
ނެތީމޭ
17 November 2019
ތިޔާއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ މަމެން ބުނަން ނެތީމޭ...