ރިޕޯޓް

ދުވަސް ނުފުރާ ވިހެއުން: ފަރުވާ އާއި ދުއާއިން އުއްމީދު

ދުވަސް ނުފުރާ އައިޖީއެމްއެޗުގައި އުފަންވި ބައެއް ކުދިންގެ އާއިލާއިން، އެ ކުދިންގެ ފޮޓޯއާއެކު ޝުއޫރުތައް ލިޔެފައިވާ ބޯޑެއް، މިދިޔަ ހުކުރު ދުވަހު އެ ހޮސްޕިޓަލުގައި ބަހައްޓާފައި

މަރިޔަމް އަރޫޝާ އާއި މުހައްމަދު ހަލީމްގެ އަލަތު ދަރިފުޅު އުފަންވީ އެކަމަށް ތައްޔާރު ވެސް ނުވެ ތިއްބަ އެވެ. ވިހާނެ ކަމަށް ޑޮކްޓަރުން ލަފާ ކުރާ ތާރީހަށް ދެ މަސް އޮތުމުން ދަރިފުޅަށް ބޭނުންވާ އެއްވެސް އެއްޗެއް ނުހޯދަ އެވެ. އެކަމަކު ގަދަ ވޭނަށް ފަހު ބަނޑަށް އެންމެ 27 ހަފުތާގައި އަރޫޝާ ވިހޭއިރު ދަރިފުޅުގެ ބަރުދަނުގައި 600 ގްރާމް ވެސް ހަމަ ނުވެ އެވެ. ހޮސްޕިޓަލްގެ އެންއައިސީޔޫގައި ބާއްވައިގެން ދަރިފުޅަށް ފަރުވާ ދިން އިރު، އެ ދެމަފިރިންނަށް ޖެހުނީ ދަރިފުޅުގެ ފުރާނަ ސަލާމަތް ވޭތޯ ދުއާ ކުރާށެވެ.

ދުވަސް ނުފުރާ އުފަންވާ ކުދިންގެ ދުވަސް އިއްޔެ ފާހަގަ ކުރި އިރު، އަރޫޝާ އާއި ހަލީމްގެ ދަރިފުޅު ރުމައިސާ ހަލީމަށް ހަތަރު އަހަރު ފުރިއްޖެ އެވެ. އެކަމަކު އެންއައިސީޔޫގައި ދަރިފުޅު އޮތް ދޮޅު މަސް ދުވަސް އެ ދެމަފިރިން ސިފަ ކުރީ ވޭން ދެނިވި ދިގު އިންތިޒާރެއްގެ ގޮތުގަ އެވެ.

"ދަރިފުޅު ހޮސްޕިޓަލްގައި އޮންނާތީ ގޭގައި ނިދަން ނޯވެވިގެން އެބަ އިންނަން ދެ މީހުން އެންއައިސީޔޫ ކުރިމަތީގައި ހޭލާ. ދަރިފުޅު ގިނައިން ނުފެނުނަސް ވީހާ ވެސް ކައިރީގައި ތިބެން ބޭނުންވީ،" އަރޫޝާ ބުންޏެވެ.

އެންއައިސީޔޫގައި ތުއްތު ކުއްޖަކަށް ފަރުވާ ދެނީ: ދުވަސް ނުފުރާ ވިހާ ކުދިންގެ ތެރެއިން ގިނަ ކުދިންގެ ފުރާނަ ސަލާމަތް ކުރެވޭ

ދުވަސް ނުފުރާ އުފަންވާ ކުދިންގެ ދުވަހެއް ފާހަގަ ކުރަނީ ވެސް މައިންބަފައިންގެ ހިތްވަރު ފާހަގަކޮށް، އެކަމާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުމުގެ ބޭނުމުގަ އެވެ. ތުއްތު ދަރިފުޅާ ވަކިން އެ މީހުން ހޭދަކުރާ ދުވަސްތަކުގެ އަގުވަޒަންކޮށް، ވިހެއުމުގެ ތެރޭގައި އާއި ވިހެއުމަށް ފަހު މަރުވާ ކުދިންގެ އާއިލާއަށް ހިތްވަރެއްގެ ގޮތުގަ އެވެ. އަދި މި އަހަރުގެ ޝިއާރުގައިވާ ގޮތަށް، "މާ އަވަހަށް އުފަންވިޔަސް، ރަނގަޅު ފަރުވާ ރަނގަޅު ވަގުތުގައި ރަނގަޅު ތަނުގައި" ފޯރުކޮށްދެވިއްޖެ ނަމަ، އެއީ ވެސް ސިއްހަތު ރަނގަޅު ކުދިންތަކަކަށް ހެދިދާނެ ކަމުގެ އުއްމީދެއްގެ ގޮތުންނެވެ.

ދުވަސް ނުފުރާ ވިހެއުން: ސިއްހީ ބޮޑު މައްސަލައެއް

ދުވަސް ނުފުރާ ކުދިން ކަމަށް ބަލަނީ މައިމީހާގެ ބަނޑަށް 37 ހަފުތާ ނުވަނީސް ވިހޭ ނަމަ އެވެ. ރާއްޖޭގައި ވެސް ދިހަ ޕަސެންޓް ކުދިން އުފަންވަނީ ދުވަސް ފުރުމުގެ މާކުރިންނެވެ. މިއީ ދުނިޔޭގައި ވެސް ޅައުމުރުގައި ތުއްތު ކުދިން މަރުވާ އެންމެ ބޮޑު ސަބަބެވެ.

އައިޖީއެމްއެޗުގެ އެންއައިސީޔޫ: ރާއްޖޭގައި ދިހަ ޕަސެންޓް ކުދިން ވިހަނީ ދުވަސް ނުފުރައި

ދުވަސް ނުފުރާ އުފަންވުން އެކި ރޭންޖުތަކަށް ބަހާލާފައި ހުންނައިރު، ރަނގަޅު ސިއްހީ ފަރުވާއާ އެކު ފުރާނަ ސަލާމަތް ކުރެވޭ އެންމެ ޅަ އުމުރަކީ 22 ހަފުތާ ނުވަތަ ފަސް މަހެވެ. ބާވީސް ހަފުތާ އިން ފެށިގެން 27 ހަފުތާއާ ދެމެދު "އެކްސްޓްރީމް ޕްރީޓާމް"ގެ ގޮތުގައި ބަލާއިރު 27- 31 ހަފުތާ ބަލަނީ "ވެރީ ޕްރީޓާމް"ގެ ގޮތުގަ އެވެ. ރަނގަޅު ފަރުވާ ދެވިއްޖެ ނަމަ، 25 ހަފުތާއިން މަތީގެ ކުދިންގެ ފުރާނަ ގިނަ ފަހަރަށް ސަލާމަތް ކުރެވެ އެވެ.

ރާއްޖެއަކީ މި ސަރަހައްދުގެ ގައުމުތަކާ ބަލާއިރު، ދުވަސް ނުފުރާ ވިހާ ކުދިންގެ ފުރާނަ ސަލާމަތް ކުރެވޭ މިންވަރު ބޮޑު ގައުމެކެވެ. އެގޮތުން މިދިޔަ އަހަރު އައިޖީއެމްއެޗުން ވަނީ 23 ހަފުތާގައި ވިހޭ، ބަރުދަނުގައި އެންމެ 540 ގްރާމް ހުރި ކުއްޖަކަށް ފަރުވާ ދީ، ފުރާނަ ސަލާމަތްކޮށްފަ އެވެ.

ދުވަސް ނުފުރާ ވިހެއުމުގައި މުޅި ދުނިޔޭގައި ވެސް ބޮޑުވަމުން އަންނަ ސިއްހީ މައްސަލަ އެކެވެ. ފުރިހަމަ ދިރާސާއެއް ހެދިފައި ނެތް ނަމަވެސް، ރާއްޖޭގައި ވެސް އޭގެ ނިސްބަތް ދަނީ މައްޗަށެވެ. މިއީ ކަންބޮޑުވާން ޖެހޭ ކަމެކެވެ.

އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު، އަހުމަދު ފައިސަލް ވިދާޅުވި ގޮތުގައި ދުވަސްނުފުރާ އުފަންވުމަކީ ސިއްހީ ބޮޑު މައްސަލައަކަށް ވާއިރު، އެކަންތައް ދާނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އެއީ މުޅިން ނުހުއްޓުވޭނެ ކަމަކަށް ވިޔަސް، އެކަން ސަރުކާރާއި އާއްމުން ބަލައިގަނެ، މަދުކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ދުވަސް ނުފުރާ ވިހެއުމާ ގުޅިފައިވާ ގިނަ ސަބަބުތައް ނޭނގެ އެވެ. އެކަމަކު އެނގޭ ސަބަބުތައް ގިނަ ފަހަރު ގުޅިފައި ހުންނަނީ ދިރިއުޅުމުގެ އާދަކާދަތަކާއި ވައްޓަފާޅިއާ އެވެ.

މިއަހަރުގެ ދުވަސް ނުފުރާ ވިހޭ ކުދިންގެ ދުވަސް ފާހަގަ ކުރުމަށް އައިޖީއެމްއެޗުގައި ބޭއްވި ހަފުލާއެއްގައި، އެ ހޮސްޕިޓަލުގައި އުފަންވި ދުވަސް ނުފުރޭ ކުދިންނާއި އެ ކުދިންގެ އާއިލާއިންނާއި ހޮސްޕިޓަލުގެ ނަރުހުންނާއި ޑޮކްޓަރުން ބައިވެރިވަނީ

ފައިސަލް ވިދާޅުވި ގޮތުގައި ދުވަސް ނުފުރާ ވިހެއުމުގެ އެންމެ އާއްމު ސަބަބަކީ މައިމީހާގެ ފެންދުލި ފަޅައިގެން ދިޔުމާއި ހަށިގަނޑުގައި ހުންނަ ހަކުރާއި ލޭގެ މިންވަރު މަތިވުމެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމާއި މާބަނޑުއިރު އެކަނި އުޅެން ޖެހުމާއި މާބޮޑަށް ވިސްނާ ފިކުރުކުރުން ހިމެނެ އެވެ. އޭގެ އިތުރުން ބަނޑުގައި އޮންނަ ދަރިފުޅުގެ އައިބު ހުރުމާއި ޑެންގީ އާއި ޗިކުންގުންޔާ ފަދަ ބަލިތަކުގެ ސަބަބުން ވެސް ކަނޑައެޅިފައި އޮންނަ މުއްދަތަށް ވުރެ އަވަހަށް ވިހާ ގޮތް މެދުވެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވެ މާބަނޑު އިރު މައިމިހާ ދުޅަހެޔޮކޮށް ހުރުން ވަރަށް މުހިއްމު. ފައިދާ ހުރި އެއްޗެހި ކައި، ބްލަޑް ޕްރެޝަރު ގަވައިދުން ޗެކުކޮށް، ހަކުރު ރަނގަޅު މިންވަރުގައި ހިފަހައްޓަން ޖެހޭ،" ފައިސަލް ވިދާޅުވި އެވެ.

"ދުޅަހެޔޮކޮށް ހުރުމަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރަން ޖެހޭ."

މައިންބަފައިންގެ ވޭނާއި ކެތްތެރިކަން

ބަނޑަށް އެންމެ ހަތް މަހުގައި ފާތުމަތު ހަމްދާ ވިހެއުމާއެކު، އާއިލާގެ މީހުންނާއި ރަހުމަތްތެރިން ވިސްނައިދިނީ ދަރިފުޅު ސަލާމަތް ނުވާނެ ކަމުގަ އެވެ. އައިޖީއެމްއެޗުގެ އެންއައިސީޔޫ ކުރިމަތީގައި، ދަރިފުޅު ފެންނާނެ އިރެއްގެ އިންތިޒާރުގައި އިންނައިރު ގިނަ މީހުން ދެއްކީ ދުވަސް ނުފުރާ ވިހައިގެން މީހަކަށް ކުރިމަތިވި ހިތާމައެއްގެ ވާހަކަ އެކެވެ. އެ ހާލަތުގައި ވިހޭ ކުއްޖެއްގެ ހުރެދާނެ ނުކުޅެދުންތެރިކަމުގެ ވާހަކަ އެވެ. އެހެންވެ، ދަރިފުޅު ފުރާނަ ސަލާމަތްވޭތޯ ދުއާކޮށްކޮށް އިން މަންމަ ކިތަންމެ ފަހަރަކު މާޔޫސްވެ، އުއްމީދު ކަނޑާލި އެވެ.

"އެ ކަހަލަ ވާހަކަތައް އިވުމުން ބައެއް ފަހަރު އަމިއްލަ ނަފްސަށް ވިސްނައިދިނިން ދަރިފުޅު ސަލާމަތް ނުވުން ވެދާނޭ ރަނގަޅަކަށް ވެސް. އެކަމަކު އެއީ ހާދަ ވޭނެކޭ. ކިތަންމެ ޗާންސް ކުޑަޔަސް، ދަރިފުޅު ސަލާމަތްކުރެއްވުން އެދި ހާދަ ދުއާއެއް ކުރީމޭ،" މިހާރު އުމުރުން އަހަރެއް ވެފައިވާ ތުއްތު ފިރިހެން ކުއްޖާގެ މަންމަ ބުންޏެވެ.

ދުވަސް ނުފުރާ ވިހޭ ކުއްޖަކު އައިޖީއެމްއެޗުގައި. ފޮޓޯ: އައިޖީއެމްއެޗް

ހަމްދާގެ ދަރިފުޅު ދެ މަސް ދުވަހު ހޮސްޕިޓަލުގައި އޮތެވެ. ދަރިފުޅަށް ބުއްދިނުމަށް ކޮންމެ ތިން ގަޑިއިރަކުން، ހޮސްޕިޓަލަށް ދާން ޖެހެ އެވެ. ރަށުގައި ދިރިއުޅެމުން އައި އެ އާއިލާއަށް މާލޭގައި ކޮޓަރިއެއް ކުއްޔަށް ހިފައިގެން ތިބުން ވެސް ވީ، މާލީ ގޮތުން ބޮޑު ބުރައަކަށެވެ. އެކަމަކު އެންމެ ބޮޑު ވޭނަކަށް އޭނާއަށް ވީ ހަށިގަނޑުގެ އެކި ގުނަވަންތަކަށް ގުޅާފައިވާ ހޮޅިތަކާއެކު ދަރިފުޅު އޮންނަ މަންޒަރު ބެލުމެވެ. އުފަންވިތާ މަހަކާ ގާތްވި އިރުވެސް ދަރިފުޅު އުރާލަން ނުލިބުމެވެ.

"ދެން ދަރިފުޅު ގައިގާ އަތްވެސް ނުލެވި އެނބުރި ގެއަށް ދާން ޖެހުމަކީ ވަރަށް ހިތްދަތިވި ކަމެއް. ގެއަށް ގޮސް ވެސް ނުނިދޭ، ނުކެވޭ،" ހަމްދާ ބުންޏެވެ.

އޭނާ ބުނީ ދުވަސް ނުފުރާ ވިހެއުމަކީ މަންމަގެ ފަރުވާ ކުޑަވުމުގެ ސަބަބުން ވީކަމެއް ކަމަށް ބައެއް މީހުން ތުހުމަތު ކުރި ކަމަށާއި އެކަމާ އަމިއްލަ ނަފުސު ކުށްވެރި ކުރެވުނު ކަމަށެވެ. އަދި އެއީ ނަފްސާނީ ގޮތުން ވެސް މީހާގެ ހާލަތު ވަރަށް ބޮޑަށް ދަށްކޮށްލި ކަމެއް ކަމަށް ބުންޏެވެ.

އައިޖީއެމްއެޗުގައި ދުވަސް ނުފުރާ އުފަންވެ، މިހާރު ބޮޑުވަމުން އަންނަ ކުދިންތަކެއް: މިފަދަ ކުދިންގެ އާއިލާތަކަށް ދިމާވާ އުނދަގޫ ދަޑިވަޅުގައި އެހެން މީހުންގެ އޯގާތެރިކަން ވަރަށް މުހިއްމު. ފޮޓޯ: އައިޖީއެމްއެޗް

ދުވަސް ނުފުރާ ވިހާ ކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ކިލޯއެއް ވެސް ހަމަ ނުވާ ދަރިފުޅުގެ ފޮޓޯއަކާ އެކު ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި ހަމްދާ އެދުނީ ތުއްތު ދަރިފުޅާ މެދު އުއްމީދުު ކަނޑާނުލުމަށެވެ. މާ އަވަހަށް އުފަންވި ނަމަވެސް، ކިތަންމެ ވޭނެއް އުފުލަން ޖެހުނަސް އެ ދަރިފުޅަށް ވެސް، ރަނގަޅު ސިއްހަތަކާއެކު ބޮޑުވުމުގެ ފުރުސަތު އޮތް ކަމަށެވެ.

6 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 75%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮރަލް

18 November 2019

ޖަންކް ފުޑް އަދި ޖަނކް ޑްރިންކް ގެ ސަބަބުން ރާއްޖޭގެ ގިނަ ބަޔަކަށް ފަލަ ބަލި ދަނީ ޖެހެމުންނެވެ. މިކަން ކޮންޓްރޯލް ނުކުރެވެއެވެ. އަޑީގަ ހުރީ ސިޔާސީ ބޮޑެތި ވިޔަފާރި ވެރީންނެވެ.

The name is already taken The name is available. Register?

ބީރުބަލް

19 November 2019

ފަލަވުންވެސް ސިޔާސީވީ ދޯ!

The name is already taken The name is available. Register?

ޔަލާ

18 November 2019

ރާއްޖޭގަ ވަރަށް އާއްމު ކަމެއް މީ އިމޯޝަނަލް ސަޕޯޓް ނުދިނުން. އަހަރެންގެ ދަރިފުޅު ދުވަސް ފުރާފަ ވިހެއީ. އެކަމް އެންއައިސީޔޫ ގަ އޮންނަން ޖެހުން.އެވަރުން ވެސް އަމިއްލަ އަށް ފަރުވާ ކުޑަވި ކަމަށް ވިސްނާ ދޭން އުޅެނީ

The name is already taken The name is available. Register?

ބްލޭމް

18 November 2019

މަންމައިންނަށް އެގޮތަށް ބްލޭމްކުރާ މީހުން އެހެން ކުރަނީ ވަރަށް ވިސްނާލުމެއްނެތި. ދަރިއަކު ބޭނުންވެފަ ހުރި މަންމައެއް އެދަރިފުޅަށް ގެއްލުންވާނެ ގޮތެއް ގަސްތުގައި ނުހަދާނެ. ހުންނާނެ ހޭލުންތެރިނުވުމުންވެސް ވާ ކަންކަން. އެކަންކަންވެސް ކިޔައިދީގެން ކަންކަން ރަގަޅުކުރުވޭނީ. ކަންކަމަށް ފާޑުކިޔާ މީހުން ފާޑުކިއުމުގެ ކުރިން އެހެން މީހުންގެ އިހްސާސްތަކާމެދުވެސް ވިސްނާލާނަމަ. ކުށްކުރެވޭނެ އެންމެންނަށްވެސް. އެހާ ފުރިހަމަ އިންްސާނުންނެއްނޫން އެންމެންނަކީ.

The name is already taken The name is available. Register?

ދުވަސް

18 November 2019

އާޓިކަލް ކިތަންމެހާވެސް ރަނގަޅު. އެކަމަކު މިއުޅޭ މައްސަލަގަނޑު މަތިޖަހަން މިގޮތަށްހެދީމަ ފަހުންލިބޭ ގެއްލުން މާބޮޑުވާނެ.

The name is already taken The name is available. Register?

ވިސްނާލާއަދި

18 November 2019

ތިބުނާ ކަންތައްގަނޑާ މިދުވަސް ފާހަގަކުރާ ތާރިޚާ ދިމާވުމަކީ އިއްތިފާޤެއް. މި އާރޓިކަލް ލިޔެފަ މިއޮތީ ސަރުކާރަކުން ނޫން ނުވަތަ އައި.ޖީ.އެމް.އެޗް އަކުން ނޫން. ދުވަސް ނުފުރާ ކުދިން ވިހެއުމާ އެކުދިންގެ ފުރާނަ ސަލާމަތް ނުކުރެވުމަކީވެސް ހިތްދަތި ކަންކަން. އެކަމަކު ޙަޤީޤަތް ހޯދާ އެ މަޢުލުމާތު ސަރުކާރުން އާއްމުކުރަންދެން ސޯޝަލް މީޑިއާގަ ރޯނުއެދުރުން ބަކަތަޅަމުންދިއުމަކީ ޒިންމާދަރުކަމެއްނޫން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454