ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް
25 ނޮވެމްބަރ 2019 - 16:14
ހަރުކަށި ފިކުރުގެ ހަރަކާތްތަކާ ގުޅެނީ ޖަލުން ނުކުންނަ މީހުންނާއި މުޖުރިމުން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ށ. މާއުނގޫދު އަށް ބަޔަކު އަރައި އައިސިސްގެ ދިދަ ކުރެހި މައްސަލަ އާއި ކުޑަ އަންހެން ކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް އިތުރުވެފައިވާތީ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވައި އާދަމް ޝަރީފް ވިދާޅުވީ ހަރުކަށި ފިކުރުގެ ހަރަކާތްތައް ފެށުނީ 2000 ވަނަ އަހަރު ކަމަށެވެ. އަދި މިއަދާ ހަމަ އަށް އައިއިރު، އެފަދަ ހަރަކާތްތައް ހުއްޓުވިފައި ނުވާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.
އެގޮތުން މާއުނގޫދު އަށް ބަޔަކު އަރައި، އެ ރަށުގެ އެކި ތަންތަނުގައި އައިސިސްގެ ދިދަ ޖެހި މައްސަލައިގައި ސަލާމަތީ ބާރުތަކުން އެލާޓަށް އަންނަން ޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
ދޯންޏެއްގައި ލަނޑާ ނަގަން އުޅުނު ބަޔަކު މާއުނގޫދޫ އަށް އަރައި 13 ވަރަކަށް ގޭގެ ފާރަށް އައިސިސްގެ ލޯގޯ ސްޕްރޭ ކުރި މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި 2001 ވަނަ އަހަރު ދިވެއްސަކު ޕާކިސްތާނުން ހައްޔަރުކޮށްފައިވާ ކަން ރާއްޖޭގެ ތާރީހުން އެނގެން އެބައޮތެވެ. އޭގެ ފަހުން 2002 ވަނަ އަހަރު އެ މީހާ ރާއްޖެ އައިސް، ސީއެޗްއެސްސީގައި ކިޔަވަމުން ދިޔަ ކުދިންތަކެއް ނަގައި އެ މަސައްކަތް ފެށި ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން 2003 ވަނަ އަހަރު ބޭރު ގައުމަކުން ކިޔަވައިގެން ރާއްޖެ އައި މީހަކު، ފާޅުކަން ބޮޑު ގޮތެއްގައި ހައްދުފަހަނައަޅައި ދިއުމުގެ ހަރަކާތްތަކަށް ގޮވާލަމުންދިޔަ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި 2006 ވަނަ އަހަރާއި 2007 ވަނަ އަހަރަކީ މި ހަރަކާތްތައް ރާއްޖޭގައި ވަރަށް ބޮޑަށް ފުޅާވެގެން ދިޔަ ދެ އަހަރު،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް
މިއަދާ ހަމައަށް އައިއިރު، މި މައްސަލަތައް ހައްލު ނުވެ އޮތުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި މިކަމުގެ ތެރޭގައި އުޅެނީ ޖަލުތަކުން ނުކުންނަ މީހުންނާއި މުޖުރިމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ، ދައުލަތުގެ ޒިންމާއަކަށް ހަދަން އެބަޖެހޭ، މިހެން ހުރި ހުރިހާ ކަމެއް ހުއްޓުވޭނެ ގޮތަކަށް އަޅުގަނޑުމެން މަސައްކަތް ކުރުން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ހާއްސަކޮށް ޖަލަށްލާ މީހުންނާ މެދުގައި މުއާމަލާތް ކުރެވޭ ގޮތާއި އެމީހުންގެ އުޅުމަށް އަންނަ ބަދަލުތަކާ ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އިސްލާމް ދީނުގައި ދީނީ ގޮތުން ހައްދުފަހަނައަޅައި ދިއުމަކީ ދީން ހުއްދަކުރާ ކަމެއް ނޫނެވެ. އަދި ކުޑަކުދިންނާ ކައިވެނި ކުރުން ބަލައިނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްލާމް ދީން ރަނގަޅަށް އުނގެނިގެން ތިބި އިލްމުވެރިންނަކީ ހަރުކަށި ކަމަށް ތާއީދުކުރާނެ ބައެއް ނޫން ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ. އެހެންވެ، ދީނީ އިލްމުވެރިން ވެސް މަސައްކަތްކޮށްގެން ހަރުކަށި ފިކުރުގެ މީހުންނަށް ރަނގަޅަށް ވިސްނައި ދިނުމަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
26 November 2019
ޑިފެންސް މިނިސްޓަރަކަށް ހުރި އިރު ކޮންފިޔަވަޅެއް އެޅީ!
ގގގގގ
26 November 2019
ތިވަރުގެ ކަމެއް މިގައުމުގައި އެބައޮތްތަ؟ މިސްކިތަށް އަރާ ނަމާދު ކޮށް، ރޯދަހިފާ، ހެޔޮކަންކަމަށް އަމުރުކޮށް ނަފުސުގެ ނުބައިކަމުންނާއި، ހަސަދައާއި، ފިތުނައިން ދުރުވެ، ﷲ ހައްދު ކަނޑައަޅުއްވާފައިވާ، 5 ކަންތައް ކަމުގައިވާ، ދީން ހިމާޔަތްކުރުމާއި، މުދަލާއި، އަބުރުއާއި، ބުއްދި އަދި ނަފްސު ރައްކާތެރިކުމަށް ގޮވާލާ ގޮވާލުން ގޯސްވެގެން މިއުޅެނީ!! ﷲ ތަޢާލަށް އުރެދި އަނިޔާވެރިވާމީހުން ގަދަފަދަ ހިތްޕެވުމަކުން ހިތްޕަވާނެކަމަށް ވަހީކުރައްވާފައިވަނީ.
ހަމަހެޔޮކޮށް
26 November 2019
ޝަރީފޫ! ޗެކްކޮއްލައްވާ ސަލަފް މެމްބަރުބަރުންގެ ހިސްޓްރީ... މަދެއްނުވާނެ ޖަލުންނުކުމެފަ ތިބިމީހުނެއް.. މަސްތުވާތަކެތި ބޭނުންކޮށް، ބޮޑެތި މާރާމާރީ ހިންގާފަހިންގާފަ ތިބި މީހުނެއް.. އުފަން ދުވަހާ ނިވްއިޔާ، އަދި ކުރިސްމަސް ފަދަ މުނާސަބަތު ތަކަށް ލަވަކިޔާ މިޔުޒިކް ކުޅެދީފަ ތިބިމީހުނެއް... މަދެއް ނުވާނެ..
ނެގުނުކަތީބު
26 November 2019
ހަރުކަށިފިކުރަކީވެސް އަދި ލާދީނީ ފިކުރަކީވެސް ވަރަށް ފުންނާބުއުސް ބަޔަކު އަޑީގައި ތިބެގެން އެމީހުންގެ ސިޔާސީ އެޖެންޑާއެއްް ކަމިޔާބުކުރަން އުފައްދައިގެން އުޅޭބައިގަނޑުތަކެއް< މިސާލަކީ އައިސިސް އުފެއްދީ ކޮންބައެއް؟ އަލްގައިދާ، އަދި ޠާލިބާން ފަދަ. އެންމެފަހުން އުފެއްދި މީހުންއަތުން ކޮންޓްރޯލްދަނީ. އަދި އެމަލީގައި ޖައްސަނީ އާއްމުންގެ ދަރިން.
އިބުރާހީމޫ
26 November 2019
އަނގަތެޅުންނޫންކަމެށްނެތް...ހިނގާބަލައެންމެންވެގެންކަންކުރަން.........މިއީކުޑަކުޑަ ޤައުމެއް...މަމޮޅުވާކަށްނުޖެހެ...ގޯސްކަމެއްކަންއެގޭއިރުއެންމެންނުކުމެހުއްޓުވީމަނިމުނީނު.....
ގޮއިދޫހަސަނު
25 November 2019
އިންޓެލިޖެންސާއި ބިންތަޅާއާއި އާރާއިބާރު ލިބިފައޮތްއިރު ތިކަންހުއްޓުވަން މަސައްކަތެއްނުކުރެއްވެވުނީ ކީއްވެކަމެއް ބުނާކަށްނޭނގެއެވެ. މިހާރުތިދައްކާވާހަބެލެވެނީ ބަހަނާކަމުގައެވެ. ހުސްބަހަނާ! ބޭޒާރުތިހިރަވަނީ އަމިއްލަދުލުން. ވަރަށް ވެދުން!
123654
26 November 2019
ތިވަރުގެ ކަމެއް މިގައުމުގައި އެބައޮތްތަ؟ މިސްކިތަށް އަރާ ނަމާދު ކޮށް، ރޯދަހިފާ، ހެޔޮކަންކަމަށް އަމުރުކޮށް ނަފުސުގެ ނުބައިކަމުންނާއި، ހަސަދައާއި، ފިތުނައާއި، ﷲ ހައްދު ކަނޑައަޅުއްވާފައިވާ، 5 ކަންތައް ކަމުގައިވާ، ދީން ހިމާޔަތްކުރުމާއި، މުދަލާއި، އަބުރުއާއި، ބުއްދި އަދި ނަފްސު ރައްކާތެރިކުމަށް ގޮވާލާ ގޮވާލުން ގޯސްވެގެން މިއުޅެނީ؟ އެކަންކަން ކުރުން ހުއްޓުވީމަ މި އަރާމުގައި ފޮނިކަންމަތީ ކިތަށްދުވަހުތޯތިބެވެނީ ނިކަން ބަލަންތިބޭ؟
ފައިސާ
25 November 2019
މިގޮތަށް އޮބްޖެކްޓިވްކޮށް ހިޔާލާތާއި ތަޢައްޞުބުން އެއްކިބާވެފާއިވާ ވާހަކަ ދައްކާލަން ގިނަ މެމްބަރުންނަކަށް ނޭނގޭ. ޜުޅިވެރިކަމާ ޢަދާވާތާއި ސިޔާސީކުލައިން ކަޅިޗެފައިވާ އަނގަތަކެއް ތެޅޭނީ. ޢީލްމީ ޤާބިލް މީހުން މަޖިލީހަށް ހޮވަން ވެއްޖެ
ނެޑް
25 November 2019
މިކަމެއް ފެށުނީ 2000 ގައެއް ނޫން. އޭގެ ކުރިން. ބަޔަކު މީހުން އެމީހުންގެ ދަރިން ރާއްޖޭގެ ސްކޫލްތަކުން ވަކިކޮއްގެން ޕާކިސްތާނުގެ މަދަރުސާތަކަށް ފޮނުވަން ފެށީ ފުރަތަމަ ކަޅުބެ އަބްދުލް ލަތީފުމެން މާލެ ތެރޭ މަގުމަތިން އޮފީހަށް ދަނިކޮށް އަންހެންވެރިން ހުއްޓުވައި ބިރުދައްކައި ހިލޭ ބުރުގާ ބަހަންފެށި އިރު. އެޢީ 90 ގެ ކުރީ ކޮޅު.
ހަރު ކަށިމަތި
25 November 2019
ޑިންގީ އެއްގާއި މާރާމާރީ ހިންގާފައި ކަނޑަށް ފުންމާލާގެން ފިލި ސޮރަކީ އެމްޑީޕީގެ ވެރިކަން ވެއްޓުމުން މާލެ ތެރޭގައި ހިންގި ހަމަ ނުޖެހުމުގައި ވީޓީވީ ގައި ހުޅު ޖެހި މައްސަލާފައި ޖަލަށް ލުމަށް ކުރި ހުކުމް ތަންފޫޒް ކޮށް މިނިވަން ވުމަށް ފަހު މީހެއްގެ ޑިންގީއެއް ވަގަށް ނަގާގެން އެހެން ރަށަކަށް ގޮސް ގެއަކުން ތިޖޫރިއެއް ވަގަށް ނެގި މައްސަލާގައި ދައުވާ ކުރެވޭ މީހަކަށް ވާތީ ޢަދަމް ޝަރީފު ވިދާޅުވި ބަހުގެ ހެކި ސާބިތު ވެއެވެ.
މޮހިތު
25 November 2019
މިބޭފުޅާ އަށްވެސް މުޅި ޕޮލިޓިކަލް ކެރިއާގަ ރަނގަޅު ވާހަކައެއް ދެއްކިއްޖެ!