ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް
03 ޑިސެމްބަރ 2019 - 14:52
ކޯޓުން ބޭރުން ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި ނިންމެވުން މަޑުޖައްސައިލުމަށް ފަހު، އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި އިތުރު މުރާޖައާ އަކަށް ދިއުމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލިހުން އެގޮތަށް ފާސް ކުރީ، މިއަދުގެ ޖަލްސާ ގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެމްބަރުންގެ އިއްތިފާގުންނެވެ.
ދީބާޖާ އަށް ފައިސާ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވީ، އެ ކުންފުންޏާ އެކު ސެޓްލްމެންޓް ކޮމިޓީން ކުރި މަޝްވަރާތަކަށް ފަހު އެމަނިކުފާނަށް ލަފާ އެރުވުމުންނެވެ. މި ނިންމެވުމާ އެއްގޮތަށް ދީބާޖާ އަށް އަދި ފައިސާ ދުލެއް ނުކުރާ ކަމަށް ރައީސް އޮފީހުން ދާދި ފަހުން ވަނީ ބުނެފަ އެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް 2010 ވަނަ އަހަރު ސަރުކާރުން ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައި ގެއްލުމުގެ ބަދަލަށް އެ ކުންފުނިން 2.4 ބިލިއަން ރުފިޔާ ހޯދަން ދައުވާ ކުރުމުން ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކަން ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ. އެ ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ.
މިއީ ދައުލަތުން ދައްކަން ޖެހޭ އަދަދެއް ނޫން ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެފައި ވެ އެވެ. އެހެންވެ އެ ހުކުމް މުރާޖައާ ކުރުމަށް ސުޕްރީމް ކޯޓުގައި އެދިވަޑައިގަންނަވާނެ ކަމަށާއި އޭރު އެކަން މަޑުޖައްސައިލެއްވީ އެ ކޯޓުގެ ފަނޑިޔާރުންނަށް ކުރެވުނު ރިޝްވަތުގެ ތުހުމަތުތަކާ ގުޅިގެން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެކަމަކު، ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު އައި ނަމަވެސް ބަންޑާރަ ނައިބުގެ ފަރާތުން އެ މައްސަލަ އަދިވެސް އިސްތިއުނާފްކޮށްފައި ނުވާތީ ބައެއް ފަރާތްތަކުން ދަނީ ފާޑު ކިޔަމުންނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ވެސް ހިމެނެ އެވެ.
ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ދީބާޖާ އަށް ބަދަލު ދޭން ސަރުކާރުން ނިންމުމުން އެކަމުގައި އަޑި ނޭނގޭ ކަންތައްތަކެއް ހިންގާފައިވާ ކަމަށް މާލިއްޔަތު ކޮމިޓީގެ ގިނަ މެމްބަރުން ތުހުމަތު ކުރައްވަ އެވެ.
އެހެންވެ، އެ ކޮމިޓީން ނިންމީ ދީބާޖާ އަށް ބަދަލު ދިނުމުގެ މަސައްކަތް މިވަގުތަށް މަޑުޖައްސައިލުމަށް ފަހު، މި މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމް މުރާޖައާ ކުރުމަށް ފޮނުވުމަށް އެޓާނީ ޖެނެރަލަށް ދެންނެވުމަށެވެ.
ދީބާޖާއާ އެކު ސަރުކާރުން ވި އެއްބަސްވުމާ ގުޅޭ ގޮތުން ހިނގާފައިވާ އެންމެހައި މުއާމަލާތްތައް ބަލައި ތަހުގީގުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓަ ޖެނެރަލަށް ދެންނެވުމަށް ވެސް މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓުގައި ވަނީ ހިމަނައިފަ އެވެ.
މާލިއްޔަތު ކޮމިޓީން ފާހަގަ ކުރި ކަންކަމުގެ ތެރޭގައި ވަނީ ދީބާޖާއާ އެކު ސަރުކާރުންވި އެއްބަސްވުމުގައިވާ ފަދައިން ދަތުރުފަތުރުގެ ހިދުމަތްތައް ދިނުމުގައި ދީބާޖާ އިން އިހުމާލުވެފައިވާ ކަމަށެވެ. އަދި ދީބާޖާ އަށް ސަރުކާރުން ހަވާލު ކުރުމަށް އެއްބަސްވެފައިވާ 46 ބިމުގެ ތެރެއިން ހަވާލުކޮށްފައިވާ 26 ބިން ކަމަށް ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭ
04 December 2019
މުރާޖާ އަކީ ގާނޫނު ދަންނަ ބަހެއްނޫން
މައިކް
03 December 2019
ބަދަލުދޭން ޖެހޭ އެއްވެސް ސައުބެއް ނެތް. 6 މަހު ފެރީ ސާވިސް ދީފައި ، 50 އހަރުގެ ގެއްލުންކަމަށް ހިސާބުޖަހައިގެން ދޭން ޖެހޭ ގެއްލުމުގެ ބަދަލެއް ނޮއޮތްނާނެ.
އަހުމަދުބޭ
03 December 2019
މިފައިސާ މިސަރުކާރުން ދޫކޮއްފިނަމަ އަޅުގަނޑުމެން ޖެހޭނީ ސަރުކާރާ އިދިކޮޅަށް ބަސްބުނަން، ވެވުނު އެއްބަސްވުމާ އެއްގޮތަށް ދީބައިޖާއިން ކަންކޮއްފައި ނުވާތާ ދިންޚިދުމަތެއްވެސް ފެންނާކަށް ނެތް ދެންކޮންބަދަލްއެއް ދޭކަށް، ދޭކަށް ނުޖެހޭނެ، ތިޔަ ބަދަލް ދިނުމުގެ ކުޅިގަނޑު ހުއްޓާލައި ގައުމު ބިނާކުރެވޭތޯ އުޅެބަލަ
ދީބާޖާ
03 December 2019
އޭޖީ ވަކިކުރަންވީ. ސަރުކާރުގެ ވަކިބަޔަކު މިއިން މަންފާ ނަގާކަމަށް ރައްޔިތުންނެކޭ އެއފަދައިން މަޖިލިސް މެމަބަރުންވެސް ގަބޫލްކުރާކަން އެބަ ސާބިތުވެ.
ޝައީން
03 December 2019
ތި މައްސަލައަކީ ހައިކޯޓުން ބަލާފަ ދަައްކަން ނުޖެހޭފައިސާއެއްކަމަށް ނިއްމާފައިވޭ. ސުޕްރީންކޯޓުން ނިއްމަން ޖެހޭކަހަލަ މައްސަލައެއްނޫންތީ. ދައުލަތު ހަރުމުދާކަމުގައިވާ ރަށް ނުދިނުމަކުން އެފަރާތަށް ތިހާ ބޮޑު ބަދަލެއްދޭކަށް ނުޖެހޭނެ. ދައުލަތުން ބަދަލުދޭންޖެހޭނީ ޝަރުއީނިޒާމްތެރޭން ކޯޓުގެ އަގުކޮމެޓީން. ހަމަ ފައިސާ ކާލަން ޖަހާ ގޭސްގަޑެއް.
ޝޮކްތެރަޕީ
03 December 2019
ދިވެހިން މޮޔަހައްދާފަ. މިކުޅެނީ ދަށުންދަމާ.