އިންޑިއާގެ ޖައްވީ އުޅަނދުގެ ބައިތައް ނާސާ އިން ވަނީ ފާހަގަކޮށްފައި. --ފޮޓޯ:ނާސާ
03 ޑިސެމްބަރ 2019 - 15:15
ވޮޝިންޓަން (ޑިސެމްބަރު 3) - މިދިޔަ ސެޕްޓެމްބަރު މަހު ކުރީކޮޅު ހަނދަށް ތިރިކުރަނިކޮށް މުވާސަލާތީ ގުޅުން ކެނޑުނު އިންޑިއާގެ ޖައްވީ އުޅަނދު ޗަންދުރަޔާން-2 ގެ ވިކްރަމް މޮޑިއުލްގެ ބައިތައް ހަނދުގައި ވަނިކޮށް އިންޑިއާ މީހެއްގެ އެހީގައި ހޯދާފައިވާ ކަމަށް ނާސާ އިން ބުނެފި އެވެ.
ޖައްވީ އެޖެންސީން ވަނީ މޮޑިއުލް ވެއްޓުނު ތަނުގެ ފޮޓޯ އާއި މޮޑިއުލްގެ އެތިކޮޅުތަކުގެ ފޮޓޯއެއް އާއްމުކޮށްފަ އެވެ. ޖައްވީ އުޅަނގުތަކުގެ ބައިތައް ހަނދުން ހޯދުމުގެ ހުރިހާ ކްރެޑިޓެއް ނާސާ އިން ދީފައި ވަނީ އިންޑިއާގެ އިންޖިނޭރެއް ކަމަށްވާ ޝަންމުގާ ސުބްރަމާނިއަން އަށެވެ. އޭނާ ވަނީ ނާސާގެ ފޮޓޯއެއް ވަރަށް ބޮޑަށް ދިރާސާކޮށް ޖައްވީ އުޅަނދުގެ ބައިތައް ފާހަގަކޮށްފަ އެވެ. އެތިކޮޅުތައް ފާހަގަކޮށްފައި ވަނީ ޖައްވީ އުޅަނދު ހަނދަށް "ވެއްޓުނު" ސަރަހައްދުގެ ހުޅަނގު އުތުރުން 750 މީޓަރު ދުރުންނެވެ.
The #Chandrayaan2 Vikram lander has been found by our @NASAMoon mission, the Lunar Reconnaissance Orbiter. See the first mosaic of the impact site https://t.co/GA3JspCNuh pic.twitter.com/jaW5a63sAf
— NASA (@NASA) December 2, 2019
ނާސާގެ ޓްވީޓް
ވިކްރަމް ހަނދަށް ލޭންޑްކުރި ތަނުގެ ސެޓެލައިޓް ފޮޓޯތަކެއް ނާސާގެ އުޅަނދަކުން ވަނީ ސެޕްޓެމްބަރު މަހު ފަހުކޮޅު ނަގައިފަ އެވެ. އެކަމަކު ފޮޓޯތައް ނަގާފައި ވަނީ އިރާކޮޅު އަނދިރީގައި ކަމަށްވާތީ ލޭންޑާ ފާހަގަކުރެވިފައެއް ނުވެ އެވެ. ނާސާ އިން އޭރު ބުނެފައި ވަނީ ވިކްރަމް ހަނދަށް ތިރިކޮށްފައި ވަނީ "ހާޑް ލޭންޑިން" އެއްގައި ކަމަށެވެ. ނާސާގެ ލޫނާ ރެކޮނައިސަންސް އޯބިޓާ ކެމެރާ (އެލްއާރުއޯސީ) ޓީމުގެ އެ ފޮޓޯ ވަރަށް ގިނަ ބަޔަކު ވަނީ ޑައުންލޯޑްކޮށްފަ އެވެ.
ޗެންނާއީގެ 33 އަހަރުގެ އިންޖިނޭރު ސުބްރަމާނިއަން ވެސް ވަނީ އެ ފޮޓޯ ވަރަށް ރަނގަޅަށް ދިރާސާކޮށް، ޖައްވީ އުޅަނދުގެ އެތިކޮޅުތައް ކަމަށް ބެލެވޭ ބައިތައް ފާހަގަކޮށް ނާސާ އަށް ފޮނުވައިފަ އެވެ. ނާސާ އިން ފަހުން ވަނީ އޭނާގެ މަސައްކަތަށް މަރުހަބާ ކިޔުމަށް ފަހު އީމެއިލެއް ފޮނުވައިފަ އެވެ.
@NASA has credited me for finding Vikram Lander on Moon's surface#VikramLander #Chandrayaan2@timesofindia @TimesNow @NDTV pic.twitter.com/2LLWq5UFq9
— Shan (@Ramanean) December 2, 2019
ސުބްރަމާނިއަންގެ ޓްވީޓް
ސުބްރަމާނިއަން ބުނީ ޖައްވީ ކަންކަމަށް އޭނާ ވަރަށް ޝައުގުވެރިވާ ކަމަށާއި ޖުލައި މަހު އިންޑިއާ އިން ރޮކެޓް އުދުއްސާލި މަންޒަރު ވެސް ބެލި ކަމަށެވެ.
ވިކްރަމް ލޭންޑާ ހަނދުގައި އޮތް ތަން އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) އިން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
ޗަންދްރަޔާން-2 ގެ ލޭންޑާ ސެޕްޓެމްބަރު 7 ވަނަ ދުވަހުގެ ރޭ ހަނދުގެ ސައުތު ޕޯލަށް ތިރިކުރަން ދިޔަ އިރު ވެސް ހުރިހާ ކަމެއް ރަނގަޅެވެ. މައްސަލަ ދިމާވީ ހަނދުގެ ސަތަހައާ 2.1 ކިލޯ މީޓަރު (1.3 މޭލު) އަށް ތިރިކުރި ފަހުން ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ.
ޗަަންދުރަޔާން-2 ޖައްވަށް އުދުއްސާލީ ޖުލައި 22 ވަނަ ދުވަހު އެވެ. އެ އުޅަނދު ހަނދުގެ އޯބިޓަށް ވަދެފައި ވަނީ އޮގަސްޓް 20 ވަނަ ދުވަހު އެވެ.
އިންޑިއާގެ ފުރަތަމަ "މޫން މިޝަން" - ޗަންދްރަޔާން-1 ގެ ދަތުރުގައި 2008 ވަނަ އަހަރު ވަނީ ހަނދުގެ ފަށަލައިގައި ފެން ހުރިތޯ ރާޑަރުގެ އެހީގައި ބަލައިފަ އެވެ.
އިންޑިއާ އަކީ ހަނދަށް އުޅަނދެއް ފޮނުވާ ހަތަރު ވަނަ ގައުމެވެ. މިހާތަނަށް ހަނދަށް އުޅަނދެއް ފޮނުވާފައި ވަނީ އެމެރިކާ އާއި ސޯވިއެޓް ޔޫނިއަން އަދި ޗައިނާ އިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy