ފިޝަރީޒް އެކްސްޕޯގައި މިފްކޯގެ ސްޓޭންޑް-- ފޮޓޯ:މިހާރު
06 ޑިސެމްބަރ 2019 - 21:50
މަސްވެރިކަމުގެ ދާއިރާގެ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަަށްގެންދާ ތިން ވަނަ "ފިޝަރީޒް އެކްސްޕޯ" ފަށައިފި އެވެ.
ހުޅުމާލެ ހުރަވީ ސްކޫލުގައި ކުރިއަށްދާ މި އެކްސްޕޯ ފައްޓަވައިދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނުގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު އަދި ދައުލަތުގެ ބައެއް ވަޒީރުން ވަނީ މި ހަފްލާގައި ބައިވެރިވެ ވަޑައިގެންފަ އެވެ.
މި އަހަރުގެ އެކްސްޕޯގައި ރާއްޖޭގެ 13 ކުންފުންޏަކުން ބައިވެރިވެފައިވާއިރު ބޭރުގެ އެއް ކުންފުނިން ވަނީ ބައިވެރިވެފަ އެވެ. މިއީ ބޭރުގެ ކުންފުންޏަކުން މި އެކްސްޕޯގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.
ފިޝަރީޒް އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އާއި ދައުލަތުގެ ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: މިހާރު
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ މި އެކްސްޕޯގެ ސަބަބުން މަސްވެރިން ބޭނުންވާ ތަފާތު ސާމާނު އެއް ފުރާޅެއްގެ ދަށުން ލިބޭނެ ކަމަށެވެ. މި އެކްސްޕޯގައި ސަބަބުން ދިވެހި ކުންފުނިތަކުގެ އުފެއްދުނަތައް ވެސް ފެނިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުގެ އަމާޒަކީ ކުރިމަގުގައި މި އެކްސްޕޯ މިއަށްވުރެ ފުޅާކޮަށް މި ސިނާއަތަށް ބޭނުންވާ ތަފާތު ސާމާނު މިއަށްވުރެ ފުޅާކޮށް އެއް ފުރާޅެއްގެ ދަށުން ލިބުން." ޒަހާ ވިދާޅުވި އެވެ.
އެކްސްޕޯގެ ސްޓޭންޑުތަކަށް ރައީސް ޒިޔާރަތް ކުރައްވަނީ-- ފޮޓޯ:މިހާރު
ކުރިއަށް އޮތް އަހަރުތަކުގައި ބާއްވާ މި އެކްސްޕޯގައި އާ ޓެކްނޮލޮޖީތަކާއި މަސްވެރިކަމުގެ ބާޒާރަށް ނުކުންނަ ވިޔަފާރިވެރިންނަށް ހުރި ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ުުމަޖީދު
06 December 2019
އެކުސްޕޯ ބައްލަވަނީ