އާއްމު އިންތިޚާބަށް ކޮންޒަވެޓިވް ޕާޓީގެ ލީޑަރު ބޮރިސް ޖޯންސަން ކެމްޕޭން ކުރައްވަނީ. --ފޮޓޯ؛އޭއެފްޕީ
12 ޑިސެމްބަރ 2019 - 12:01
ލަންޑަން (ޑިސެމްބަރު 12) - ފަސް އަހަރު ތެރޭ އިނގިރޭސިވިލާތުގައި ބާއްވާ ތިން ވަނަ އިންތިޚާބުގައި މިއަދު ވޯޓުލާން ފަށައިފި އެވެ.
އިނގިރޭސި ވިލާތުގައި ވަނީ 2015 އަދި 2017 ވަނަ އަހަރު ވެސް އާއްމު އިންތިޚާބު ބާއްވައިފަ އެވެ. މިއީ ވޭތުވެދިޔަ 100 އަހަރު ތެރޭ ވެސް ޑިސެމްބަރު މަހު އާއްމު އިންތިޚާބު ބާއްވާ ފުރަތަމަ ފަހަރެވެ.
އިންގްލޭންޑް، ވޭލްސް، ސްކޮޓްލޭންޑް އަދި ނޮދަން އައިލެންޑުން 650 ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރާނެ އެވެ. އިންތިޚާބުގެ ނަތީޖާތައް ހުކުރު ދުވަހު ހެނދުނު ލިބޭނެ ކަމަށް އޮފިޝަލުން ބުނެ އެވެ.
އާއްމު އިންތިޚާބަށް ލޭބާ ޕާޓީގެ ލީޑަރު ޖެރެމީ ކޯބީން ކެމްޕޭން ކުރައްވަނީ. --ފޮޓޯ؛އޭއެފްޕީ
އިނގިރޭސި ވިލާތުގައި އާއްމުކޮށް އާއްމު އިންތިޚާބު ބާއްވަނީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރު އެވެ. ނަމަވެސް އޮކްޓޯބަރު މަހު މެންބަރުން ވަނީ، ބްރެކްސިޓް މައްސަލައިގައި ޚިޔާލުތަފާތުވެ، އަވަސް އިންތިޚާބެއް ބޭއްވުމަށް ފާސްކޮށްފަ އެވެ. މިއީ 1974 ވަނަ އަހަރުގެ ފަހުން ވިންޓާގައި ބާއްވާ ފުރަތަމަ އިންތިޚާބެވެ. އަދި 1923 ވަނަ އަހަރުގެ ފަހުން ޑިސެމްބަރު މަހު ބާއްވާ ފުރަތަމަ އިންތިޚާބެވެ.
އަށާރަ އަހަރު ފުރިފައިވާ އިނގިރޭސި ވިލާތުގެ ކޮންމެ ރައްޔިތަކަށް ވެސް އިންތިޚާބުގައި ވޯޓުލެވޭނެ އެވެ. އިންތިޚާބަށް ރަޖިސްޓްރީ ކުރުން ހުޅުވާލާފައި ވަނީ ނޮވެމްބަރު 26 ގެ ނިޔަލަށެވެ.
އިންތިޚާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ކޮންޒަވޭޓިވް ޕާޓީގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން އާއި ލޭބާ ޕާޓީގެ ލީޑަރު ޖެރެމީ ކޯބީންއާ ދެމެދު އެވެ. ޖޯންސަން އަށް އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ އިނގިރޭސި ވިލާތް ޔޫރަޕިއަން ޔޫނިއަން އިން ވަކިވުމަށް ކަނޑައަޅާފައިވާ ޖެނުއަރީ 31 ގެ ލަނޑުދަނޑި ހާސިލް ކުރަން އިތުރު ހިތްވަރެއް ލާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy