ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގެ ލިޔުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޝަމީމްއާ މި މަހުގެ އަށްވަނަ ދުވަހު ހަވާލު ކުރައްވަނީ: ޝަމީމް ވިދާޅުވަނީ އިސްކަން ދެއްވާނީ އިތުބާރު އުފައްދައި އިންސާފު ގާއިމްކުރަން ކަމަށް.---ފޮޓޯ: ރައީސް އޮފީސް
16 ޑިސެމްބަރ 2019 - 12:44
ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް މަދުކުރަން ޕްލީ ބާގެއިނިން ނިޒާމެއް ގާއިމްކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ރޭ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އާ ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް ވިދާޅުވީ ކިލަނބުވެފައި އޮތް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ރައްޔިތުންގެ އިތުބާރު އަލުން ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. މިވަގުތު އެންމެ އިސްކަން ދެއްވާ އެއް ކަމަކީ އެކި ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން "ވާނުވާ" ބަންދެއްގައި ބައިތިއްބާފައިވާ މީހުންނަށް އިންސާފު ހޯއްދަވައި ދެއްވުން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕްރޮސެކިއުޓަ ޖެނެރަލް ނުވަތަ ޕްރޮސެކިއުޓަރުންގެ ވިސްނުން ހުންނަން ޖެހޭނީ މީހުން ބަންދުކުރާކަށް ނޫނެވެ. އެންމެ މުހިއްމީ އިންސާފު ގާއިމްކުރުން ކަމަށް ވިދާޅުވި އެވެ.
މި މަގަށް މަސައްކަތް ބައްޓަން ކުރުމުގައި އިތުރު ގާނޫނުތަކަށް އިސްލާހު ގެންނަން ޖެހޭ ނަމަ އެ މަސައްކަތް ވެސް، އޭނާ ވިދާޅުވި ގޮތުގައި، ކޯޓަށް ހުށަހަޅާ މައްސަލަތައް މަދުކުރަން ޖެހެ އެވެ.
އެކަން ކުރުމަށްޓަކައި އަޅުގަނޑުގެ ވިސްނުން ހުރި ގޮތަކީ ބަންޑާރަ ނައިބާ ވެސް ވާހަކަ ދައްކައިގެން ޕްލީ ބާގެއިނިން ސިސްޓަމެއް ހެދޭނެ ގޮތެއް ހޯދުން. --ޝަމީމް
އެމްއެމްޕީއާރުސީގެ 3.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި އިސްކޮށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ އެކު ދައުލަތުން ހަދާފައި ވަނީ ޕްލީ ބާގެއިން އެއްބަސްވުމެކެވެ. އެއީ، ކުށަށް އިއުތިރާފްވުމާ އެކު ތަހުގީގަށް އެއްބާރުލުން ދިނުމުން، ބަދަލުގައި 20 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް ނާންނަ ގޮތަށް އެއްބަސްވުމެވެ.
ޕްލީ ބާގެއިނިންގެ ތަފްސީލް ދެއްވަމުން ޝަމީމް ވިދާޅުވީ އެއީ ކުށްކުރާ މީހާ އެ ކުށަށް އިއުތިރާފްވާން އެއްބަސްވުމުން ދައުލަތުން ދެވެން އޮންނަ ލުޔެއް ދިނުން ކަމަށެވެ. މިސާލަކަށް އެއީ، އޭނާ ކުރި ކުށަކާ ގުޅިގެން ތަންފީޒުކުރަން ޖެހޭ ތިން އަހަރުގެ ހުކުމް ދެ އަހަރަށް ބަދަލުކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މަސްލަހަތަކު ނެތް ޝަރީއަތަށް ގޮސްގެން އެންމެންގެ ވަގުތުތައް ހޭދަކޮށްގެން އެކަން ކުރާކަށް. އަޅުގަނޑުމެންނަށް 50 ޕަސެންޓް މައްސަލައިގައި ޕްލީ ބާގެއިން ސިސްޓަމެއްގެ ތެރެއިން ޝަރީއަތްތައް މަދުކުރެވިއްޖިއްޔާ ބޮޑެތި މައްސަލަތަކަށް ފޯކަސް ކުރެވޭނެ،" މި މަހުގެ 8 ގައި މަގާމާ ހަވާލުވެވަޑައިގެންނެވި ޝަމީމް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ވިސްނުން ހުރީ އަންނަ އަހަރު މަޖިލީސް ހުޅުވުނީމާ ޕްލީ ބާގެއިނިން ހަމަ ރަނގަޅު ނިޒާމެއް ހަދައިގެން އެ ނިޒާމުގެ ތެރެއިން ޝަރީއަތާ ހަމައަށް ކޮންމެވެސް އިންތިޒާމްތަކެއް ހަމަޖެހިގެން ޝަރީއަތުގެ ވަގުތުތައް މަދުވާނެ ގޮތަކަށް ކުރިއަށް ގެންދިއުން."
ޝަމީމް ރޭ ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެންމެ ބޮޑު އެއް މައްސަލައަކީ ޝަރީއަތް ނިމެންދެން "ވާނުވާ" ބަންދެއްގައި ގިނަ ބަޔަކު ބައިތިއްބާފައި ތިބި މައްސަލަ އެވެ. އެ އަދަދު 256 އަށް އަރާ ކަަމަށް އޭނާ ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުކުރަން ނުޖެހޭ އެތައް ބަޔަކު ބަންދުކޮށްފައިވާ ކަމަށެވެ. އޭގެ ފަހުން، އެ މީހުން މަތިން ހަނދާން ނެތި ވާ ތަނެއް ވެސް ނޭނގޭ ކަމަށް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވި ގޮތުގައި، ކުރި ކުށަށް ހުކުމް ކުރި ނަމަ އެ ހުކުމް ތަންފީޒުވެ ނިމި މިނިވަން ވެފައި ތިބެން ޖެހޭ މީހުން ވެސް "ވާނުވާ ބަންދުގައި" އެބަތިއްބެވެ. އޭނާގެ ކަންބޮޑުވުމަކީ އެފަދަ މީހުން ވެސް ބަންދުގައި ތިބުން ކަމަށް ޝަމީމް ވިދާޅުވި އެވެ.
އެ މައްސަލަތައް މުރާޖައާކޮށް، ބަންދުން ދޫކުރަން ޖެހޭ މީހުން ދޫކުރުމުގެ މަސައްކަތް ޕީޖީ އޮފީހުން މިހާރު ވަނީ ފަށައިފަ އެވެ.
"ވާނުވާ ބަންދު" ޖަހާފައި ތިބި މީހުންގެ ތެރޭގައި މީހުން މެރުމާއި ކުޑަކުދިންނާ ބަދުއަހުލާގީ އަމަލު ހިންގުމާއި ތޫނު ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މީހުންނާއި މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްގެންނާއި ވިޔަފާރި ހިންގައިގެން ހައްޔަރުކޮށްފައިވާ މީހުން ހިމެނޭ ކަމަށް ޕީޖީ ވިދާޅުވި އެވެ.
"އަޅުގަނޑުގެ އިންސްޓްރަކްޝަނަކީ މައިގަނޑު ގޮތެއްގައި ގަސްތުގައި މީހުން މަރާ މީހުން ދޫކުރާ ގޮތަކަށް ނޫނޭ. މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް ވިއްކާ މީހުން ދޫކުރާކަށް ނޫނޭ މިއުޅެނީކީއެއް،" ޝަމީމް ވިދާޅުވި އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ފަރިތަ ޝަމީމް ވިދާޅުވީ އެ ގާނޫނާ އެއްގޮތަށް ކުރިއަށް ގެންދާ ނަމަ ވަރަށް ގިނަ މައްސަލަތައް ހައްލުވާނެ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި ނަމަ 30 ދުވަހުގެ ތެރޭގައި އެ މީހެއްގެ މައްޗަށް ދައުވާ އުފުލަން ޖެހެ އެވެ. ބަންދުކޮށްފައި މީހަކު ދޫކޮށްލައިފި ނަމަ 45 ދުވަހުގެ ތެރޭގައި ދައުވާ އުފުލަން ޖެހޭ ކަމަށާއި މި ދެ ކަންތައް ވެސް އެ މަގުން ކުރިއަށް އެބަދާ ކަމަށް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުންގެ އަދަދު އެނގޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަައެޓޮމް
17 December 2019
ސިޔާސީމީހުންދެކެ ޕާޓީ އެކުޓިވިސްޓުންދެކެ ފުލުހުން ބިރުގަނެގެން ބުނާހާގޮތަކަށް ކަންކަން ނިންމައިގެން އިންސާފުލިބޭނެބާ؟ އެއްކުށެއްކޮށްގެން 4 މީހުން ޕޮލިހަށް ގެނައިމާ ސީޕީ އަންގައިގެން އެކަކު ގެއަށް ދޫކޮއްލާފަ ހޯމްމިނިސްޓަރ އަންގައިގެން އަނެއްކަކު އެއީ އެތާނުހުރެ ގޭގަ ނިދަން އޮތްމީހާއަށް ހަދައި ބާކީ ތިބި ނިކަމެތި ދެމީހުން ވާނުވާ ޖަހާފަ ގޮޅިޔަށް ލައިގެން ކޮންއިންސަފެއްތޯ ގާއިމު ކުރެވޭނީ
ދީމާހު
16 December 2019
މި ގައުމުގައި ކަންކަން ހަމައަކަށް ނޭޅެނީ ގާނޫނުތައް ރަނގަޅަށް ތަންފީޒު ނުކުރެވޭތީ. އަދި ފުލުހުންނަށްވެސް އެމީހުންގެ ވާޖިބު އަދާކުރުމަށް ސިޔާސީ ފަރާތްތަކުން އެއްބާރުލުން ނުދޭތީ.ކުށްކުރާ މީހުންގެ ފަރާތުން ސިޔާސީވެރިން ނާޖާއިޒު ފައިދާ ނަގާހާ ހިނދަކު ކިތައްމެ މޮޅު ގާނޫނެއް އޮތަސް ކިތައްމެ މޮޅު ޕީޖީއަކު ހުއްޓަސް ނުކުންނާނެ ނަތިޖާއެއް ނެތް. މިމަޖުތަމައު ހަލާކުވެ އަމާންކަން ގެއްލެނީ ޒިންމަދާރުކަމެއް ނެތް ސިޔާސީ މީހުންގެ ސަބަބުން.
ސާދާސީދާ
16 December 2019
ހައިރާންވެ އަންތަރީސްވެއްޖެ. ވަރަށް ސާފުކޮށް އެވިދާޅުވީ އިންސާފުގެ މަގަށް ކަންތައްތައް ގެންދާނެ ވާހަކަ. އަދި ބޮޑެތި މުޖުރިމުންގެ ޝަރީޢަތްތަށް އަވަސްކޮށް އަވަހަށް އަދަބު ކަނޑައަޅާ ވާހަކަ. ކުށްވެރިއަކަށް އަދަބު ދޭނަމަ ވެސް ބޭއިންސާފު ނުކުރާނެކަމަށް. އިންސާފަކީ މީހަކު ކަމެއް ކުރާއިރަށް 10 ގުނަ ބޮޑު އަދަބެއްދީ ޝަރީޢަތުން ބޭރުން ކަންކަން ކުރުމެއް ނޫން.
ބޮން އަކުވާ
16 December 2019
މީ ބަދަލުދޭ ސަރުކާރު، ރަންގަޅު ބަދަލު ލިބޭނެ މަކަރު ސްކީމެއް ހަދައިލައިގެން މުއްސަންދިވާންވީ
ޙަމް
16 December 2019
ވާނުވާ ނޭނގި ކޮމެންޓް ނުކޮށް ބަލަ!
ޙިނި
16 December 2019
"ވާނުވާ" މިބަސް މިހާރު އިލްމުވެރިން ވެސް ބޭނުންކުރާ ޓެކްނިކަލް ލީގަލް ޖާގަން ބަހަކައްވީތޯ. ކޮބާ ދެން މަށެކާ އިލްމުވެރިޔަކާ ހުރި ތަފާތަކީ.
ލަތީފ
16 December 2019
ޒުވާނުންލީމަ އާ ކަންކަން މާ އެފިޝަންޓްކޮށް ވާން ފަށާނެ.
ބޮޑުވަޒީރު
16 December 2019
ބިޝާމް މަގާމުގައި ބެހެއްޓީ ޔަމީން ޖަލަށް ލެވެންދެން. ޝަމީމް މަގާމަށް ގެނައީ އަދީބުއަށް ޕްލީ ބާގެއިން މެދުވެރިކޮށް ލުޔެއް ދީ ޔަމީން ޖަލަށްލުމުގައި އޭނާ ދެއްވި އެހީތެރިކަމަށް ބަދަލުހޯދައިދިނުމަށް. ހުރިހާ ވުޒާރާއަކުންވެސް މި ކުޅެނީ މި ސިޔާސީ ޑްރާމާ. ކޮން މިނިވަން މުސްތަގިއްލު ޕްރޮސިކުޓަރ ޖެނަރަލެއްތަ މި ކިޔަނީ
ފަރޭ
16 December 2019
ކޮންމެފަދަނަމެއް ކީނަމަވެސް މަށްޤަބޫލުކުރެވޭގޮތުގައި ތިކުރެވޭކަމަކީ ދަމާކެނޑުން ޝަރުޢީދާއިރާއަށް ގެނައުންކަމުގައި ބެލެވެއެވެ. ޝަރީޢަތުގައި ދަމާކެނޑުންއޮންނަކަމެއްކަމެއް މީގެކުރިއަކު ނުދެނަހުރީމެވެ! އުފެދޭސުވާލަކީ ތިކަމާއިއެކު ވަކީލުންގެ ފީތަކަށް ކިހިނެތްވެދާނެބާއެވެ؟ ތިފަދަ ކަމަކަށް ލަފަޔާއި އެކަމުގެ ތަޖުރިބާއާއި ވިސްނުން ބޭނުންވާނެކަމުގައި ބެލެވެއެވެ. ކުށްކުރާމީހާއަކީ ތިކަން ނުދަންނަމީހެއްނަމަ، ތަޖުރިބާކާރު ތިކަންކުރެވޭނެމީހުން ހޯދަންޖެހޭނެދޯ!
ބަލާއެއްނު
16 December 2019
! ހައްޔަރު ނުކޮށް ބަންދު ނުކޮށް ދެން ކޮން އިންސާފެއް ގާއިމު ކުރެވޭނީ! ކުށްވެރިޔާ އާއިއެކު ކޮފީ މޭޒަކަށް އަރާފަ ދެފައިގަ ފިރުމަން ވީނު.
ނުބަލާ
16 December 2019
ޕްލީބާގެއިންއަކީ ކިހިނެއް ކޮންކަހަލަ ކުށްތަކަކަށް ކިހާ މިންވަރަކަށް ހިންގާ ކަމެއްކަން ކުޑަކޮށް ބަލާލާފައި އަލުން ކޮމެންޓު ކުރަން އާދޭ.
ަސަހަރޯ
16 December 2019
ތިޔަ ޕްލީ ބާގެއިނުން ކުށްވެރިންނަށް ލުއި ދިނީމާ ދާދި ފަހުން ހުޅުމާލޭ މަގުމައްޗަށް އީދަށް ކަތިލި ހާލެއްހެން މީހަކު ކަތިލައި މަރާލި ފަދަ ކަންކަން އިތުރު ވާނީ. އެއީ ވައްކަމާ ޑުރަގާ ފޭރުމާ ޓެކުމާ ކުޑަކުދީން ހެނހުމާ މިހެން ގޮސް ކިޔާނެ ކަމެއް ނެތްހާ ކުށްތައް ގި ވާތަން ފެންނާނީ. ޢާންމުންނަށް ހުރިހާ ގެއްލުމަކާ ބަލާ އާފާތަކާ މުސީބާތަކާ ކުރިމަތިވާނީ. ބޮޑުންގެ ގޯތި ގެދޮރާ މުދަލާ އަނބިދަރީން ތިއްބަވާނީ ފުލް ސެކިއުރިޓީގައި. މިއޮތީ ވާ ގައުމެއް.
ކަޑަނުވެބަ
16 December 2019
އޭ ދެން ކަޑަ ނުވޭ! ބިސާމް އޮންނާނީ ބާލާފަ!