ޚިޔާލު

ކޮލަމް 27: މިއަށް ކިޔާނީ ނިކަމެތި ރައްޔިތުން ފެލުން!

ނައިޓް މާކެޓަކުން މީހަކު އެއްޗެހި ގަންނަނީ: މުދަލާއި ހިދުމަތުގެ އަގުތައް އަނެއްކާ ވެސް ބޮޑުވާނެ -- ފައިލް ފޮޓޯ

ސަބްސިޑީ ކަނޑާލުމަކީ ރަނގަޅު ކަމެކެވެ. ދުނިޔޭގެ މާލީ އިދާރާތަކުން ސަރުކާރަށް އެތައް ފަހަރަކު އެގޮތަށް ލަފާ ދިން ކަން އެއީ ހަމަ ހަގީގަތެކެވެ. އެކަމަކާ އެއްވެސް ސުވާލެއް ނެތެވެ! އެކަމަކު ދުނިޔޭގެ މާލީ އިދާރާތަކުން އެގޮތަށް ލަފާ ދިނީ ފަގީރުންގެ އަދަދު މަދުކޮށް ދުޅަހެޔޮ އިގްތިސާދަކަށް ގައުމު ނޭވާލައި، މުއްސަނދިންނާއި ފަގީރުންގެ ތަފާތު ކުޑަކުރުމުގެ ބޭނުމުގަ އެވެ. ރައްޔިތުން، ހާއްސަކޮށް އެންމެ ފަގީރު ނިކަމެތި މީހާ އިތުރަށް ފަގީރުކޮށްލުމުގެ ބޭނުމުގައެއް ނޫނެވެ. އެކަމަކު ސަރުކާރުން އިއްޔެ އިން ފެށިގެން އާންމު ސަބްސިޑީ ކަނޑާލައި، އެންމެ ފަގީރު މީހާ އަށް ވެސް އޭގެ އެންމެ ނޭދެވޭ އަސަރު ކުރާނެހެން އެކަން އިއުލާންކުރި އިރު ހުއްޖަތަކަށް ދެއްކީ ބޭރުގެ މާލީ އިދާރާތަކުން އެގޮތަށް ލަފާ ދީފައިވާ ވާހަކަ އެވެ.

ސަބްސިޑީގެ ވާހަކައާ ހަމަ އެއް ފޮޅުވަތެއްގައި ދައުލަތުގެ މާލީ އިދާރާތަކުން ބުނެފައިވާ އެހެން ވާހަކަތައް ވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި، ޓެކްސް އަށް ބަރޯސާ ނުވާ ގައުމަކަށް ހެދުމާއި، މުއްސަނދިންގެ އަތުން އިންކަމް ޓެކްސް ނެގުމާއި މަތިބަރު (ޚަރަދު ބޮޑު) ސަރުކާރު ލުއިކުރުމާއި ބޭކާރު ވަޒީފާތައް މަދުކުރުމާއި މުވައްޒަފުންގެ އަދަދު މަދުކުރުން ވެސް ހިމެނެ އެވެ. ހަމަ އެހެންމެ، ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ ފަރަގު ކުޑަކުރުން ވެސް ހިމެނެ އެވެ. އެހެން ނަމަވެސް، އިއްޔެ ފެނިގެން މިދިޔަ މަންޒަރަކީ މިއިން އެއްވެސް ކަމެއް ނުކޮށް، "އިތުރު ޗޮއިސްއެއް ދެން ނެތިގެނޭ" ވިދާޅުވެ، އެންމެ ނިކަމެތި މީހާ އާއި ޖުމްލަކޮށް ދިވެހި ހުރިހާ ރައްޔިތުންގެ އެންމެ އަސާސީ ހިދުމަތްތަކާ ކުޅެލިތަނެވެ. ކާޑުގެ ބާވަތްތަކުން ޓެކްސް ކަނޑާލި އިރު، ހަމަ އާންމު އެންމެންގެ ދިރިއުޅުމަށް ބޮޑެތި ނޭދެވޭ އަސަރުކުރާނެ އެހެން މުހިންމު ދެ ކަމެއް ވެސް އިއްޔެ އިން ފެށިގެން ތަންފީޒުވާން ފަށައިފި އެވެ. އެއީ ތެލުގެ ސާޗާޖާ އެކު ކަރަންޓް ބިލް އަނެއްކާ ވެސް ބޮޑުވުމާއި ބިދޭސީންގެ މުސާރައިން ފީ ނަގަން ފެށުމެވެ. އޭގެ މާނައަކީ މި ހުރިހާ ކަމަކީ ވެސް މުޅި ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ ޓެކްސްތަކެވެ.

ކާޑު، ނުވަތަ ނިކަމެތި އާންމުންނާ ގުޅިފައި ހުރި މިކަހަލަ ހިދުމަތްތަކުން ސަބްސިޑީ ކަނޑާލާނީ ދައުލަތް ބަނގުރޫޓުވާ ހިސާބަށް ދިއުމުންނެވެ. ޒަމާނުއްސުރެ ސަގާފަތެއްހެން ދެމުން އައި އެހީއެއް ކަނޑާލައި، އިރުއިރުކޮޅާ ކަރަންޓުގެ އަގު ބޮޑުކޮށް ރައްޔިތުންގެ އަސާސީ ހިދުމަތްތަކުގެ އަގު އިންތިހާ އަށް ބޮޑުކުރާނީ އެ ނޫން ގޮތެއް ދެން ނެތުނީމަ އެވެ. އަސް ވިއްކިޔަސް ލަގަން ނުވިއްކާށޭ ބުނާހެން، މިއީ ވެސް އެހެން ގޮތެއް ހަމަނުޖައްސައި ކުރަން ހެޔޮވާވަރުގެ ކަންތައްތަކެއް ނޫނެވެ. އެހެން ނަމަވެސް، ބައިވަރު އެހެން ގޮތްތަކާއި ޗޮއިސްތައް ވެސް އޮވެމެ، އެއިން އެއްވެސް ކަމެއް ނުކޮށް ސަރުކާރުން އެންމެ ދަށް ފަންތިއާ މި ކުޅެނީ ކޮން ސަބަބެއް އޮވެގެން ކަމެއް ނޭނގެ އެވެ. ފައިސާ ނެތް ނަމަ، މުއްސަނދިންގެ އަތުން އިންކަމް ޓެކްސް ނަގަންވީ އެވެ. ބޭކާރު ވަޒީފާތައް މަދުކޮށްލަންވީ އެވެ. ސަރުކާރުގެ ޚަރަދު ކުޑަކުރަންވީ އެވެ. ބޮޑެތި ވަޒީފާތަކުގެ މުސާރަތައް ކުޑަކޮށްލަންވީ އެވެ.

މަގެއްގައި ފެންބޮޑުވެފައި: ޓެކްސް އަށް ދޭ ފައިސާ ހޭދަކުރާ ގޮތާ މެދު ރައްޔިތުން ސުވާލު އުފައްދާނެ -- ފައިލް ފޮޓޯ

މި ދައުލަތް މި ހިންގަނީ މުޅިން ވެސް ރައްޔިތުންގެ ފައިސާއިންނެވެ. ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް، އެއީ އާންމު އެންމެހާ ރައްޔިތުންގެ އަތުން ނެގޭ ޓެކްސް އެވެ. ކޮންމެ ރައްޔިތަކު ދިރިއުޅެމުން މިދަނީ ސަރުކާރަށް ޓެކްސް ދައްކައިގެންނެވެ. އެކަމަކު އޭގެ ބަދަލުގައި ރައްޔިތުންނަށް ލިބޭ އެއްޗެއް ނެތެވެ. ބިލިއަނުން ބިލިއަނުން ޓެކްސް ދައްކައިގެން، އަދި އަހަރުން އަހަރަށް އެކި ޓެކްސްތައް އިތުރުވެ، އެކިއެކި ސަބްސިޑީތައް ކަނޑާލައި، އާންމު ހިދުމަތުގެ އަގުތައް އިންތިހާ އަށް ބޮޑުވަމުން ދާއިރު ރައްޔިތުން ޗުއްޕެކޭ ވެސް ނުބުނެ މަޑުމަޑުން ތިބެނީ ކަންކަން ރަނގަަޅުވާނެ ކަމަށް ހީކޮށެވެ. ޓެކްސް ދައްކަނީ ހިތްހަމަޖެހުމާއި އުފާވެރި ދިރިއުޅުމަކަށް ބޭނުންވާ ކަންކަމާއި ވަސީލަތްތައް ހަމަޖެހޭނެ ކަމަށް ގަބޫލުކޮށްގެން ކަމަށް ވިޔަސް، އެކަމެއް ނުވެއް ފެނެ އެވެ. ބުނި ވަރަކަށް ސައިކަލްގެ އަހަރީ ފީ ދެއްކިޔަސް، މަގުތައް ހަލާކުވެ އެތަންތަން މަރާމާތު ނުކުރެވި ސައިކަލްތައް ހަދަން އަތުން އިތުރަށް އެބަ ހޭދަކުރަން ޖެހެ އެވެ. އަނބިމީހާ އަށް ވިހޭނެ ގޮތެއް ނެތިގެން ބޮޑު އަގުގައި މާލެ އަންނަން ޖެހެ އެވެ. ހޮސްޕިޓަލުގައި ޑޮކްޓަރަކު ނުހުރެ އެވެ. ލޭގެ ޓެސްޓެއް ނުހެދެ އެވެ. ބަލިވީމަ ބޭހެއް ލިބޭކަށް ނުހުރެ އެވެ. ޓީޗަރުން ހަމަ ނުވެ، ދަރިފުޅު ފާހެއް ނުވެ އެވެ. މުސާރަ ބޮޑު ނުވެ، ގަންނަން ޖެހޭ އެއްޗެހީގެ އަގު އަތްނުފޯރާ ފަށަށް ދަނީ އެވެ. ކަރަންޓުގެ އަގު ބޮޑުވެ ކުރިން ޖެއްސި ފަންކާ ވެސް ނުޖައްސައި އާވީގައި ކެކެން ތިބެން އެބަ ޖެހެ އެވެ. އިންްފްލޭޝަން މައްޗަށް ގޮސް، ކަޅު ސައިތައްޓެއްގެ އަގު ފަސް ރުފިޔާ އަށް ބަދަލުވެއްޖެ އެވެ. މާނައަކީ، ޓެކްސް ދެއްކިޔަސް، ހެޔޮ ބަދަލެއް ނާންނަ ކަމެވެ. އަޅުގަނޑު ދައުލަތަށް ދައްކާ ފައިސާއިން އަޅުގަނޑަށް އެއްވެސް ފައިދާއެއް ނުކުރާތާނގައި، އަދި އިތުރަށް ތިމަންނާމެންނަށް ލާރި ދޭށޭ ކިޔަންޏާ އަޅުގަނޑު ޝަކުވާ ކުރާހެން އެންމެން ވެސް އެ ޝަކުވާ ކުރާނެ އެވެ. ކާޑުގެ އަގު ބޮޑުވުމާ އެކު ރައްޔިތުންގެ ރުޅިވެރި އިހުސާސްތަކާއި އުދާސްތައް ބަންޑުންވެފައި އޮތް މައިގަނޑު ސަބަބަކީ ވެސްް އެއީ އެވެ. ސަބްސިޑީ ކަނޑާލިއިރު، ރައްޔިތުން ހޭދަކުރާ ފައިސާއިން ދިން އިނާމަކީ މިއީހޭ، ކުރީ ކޮން ކަމެއް ހެއްޔޭ ކިޔައި އެ މީހުން ސުވާލު ކުރާނެ އެވެ. ސަރުކާރުން އެ ފައިސާ ހޭދަކުރީ ކޮން ކަމަކަށްތޯ ރައްޔިތުން އަހާނެ އެވެ. ޖަވާބަކީ ރައްޔިތުންނަށް ސަރުކާރުން ދޭން ޖެހޭނެ އެއްޗެކެވެ.

މިވަރުގެ ބޮޑު ކަމެއް ސަރުކާރުން މި ކުރީ ފަގީރުންނަށް ކާޑުގެ ސަބްސިޑީ ދޭނެ ކަމަށް ބުނެ އެވެ. އެކަމަކު 40ރ. ގެ ސަބްސިޑީ އަކީ އާދައިގެ ރައްޔިތު މީހާ އަށް ދެވޭ ހަދިޔާއެއް ކަމަށް އެއްގޮތަކަށް ވެސް ހީކުރުން ރަނގަޅެއް ނޫނެވެ. ބެލެވޭ ގޮތުގައި، އެހެން ޓެކްސްތަކުގެ ވާހަކަ އެއްފަރާތްކޮށްފައި، ހަމައެކަނި ކާޑުގެ ސަބްސިޑީ ކަނޑާލުމުން އެކަނި ވެސް އާންމު މީހަކު މަހަކު މިހާރަށް ވުރެ އިތުރަށް 700ރ. އާއި 1000ރ. އާ ދެމެދުގެ އަދަދެއް ހޭދަކުރަން ޖެހޭނެ އެވެ. ނިކަމެތިންނަށް ސަބްސިޑީގެ ގޮތުގައި މަހަކު އެ ދޭ ކުޑަ ލާރިކޮޅަކީ އެ މީހާ ހަމައެކަނި ފުށާއި ހަނޑޫކޮޅު ގަންނަން ހޭދަކުރާ އެއްޗެއް ކަމަށް ވިސްނައިގެން މިހާރު ވާކަށް ނެތެވެ. ކާޑުގެ އަގުތަކާ އެކު ހުރިހާ މުދަލެއްގެ އަދި ހުރިހާ ޚިދުމަތެއްގެ އަގު މައްޗަށް ނުދާނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. ފަގީރު މީހާ އަށް ސަބްސިޑީ ދިނަސް، ސަބްސިޑީ ނުލިބޭ މީހާ ހިންގާ ފިހާރައިގެ މުދަލުގެ އަގު އެބަ ބޮޑުވެ އެވެ. އެ ފިހާރައިން މުދާ ގަންނަން ފަގީރު މީހާ ވެސް އެބަ ދެ އެވެ. ޓެކްސީ ދުއްވާ މީހާ އޭނާގެ ދިރިއުޅުން ދެކޮޅު ޖައްސަން ބޭނުން ނަމަ ޓެކްސީ ދަތުރުގެ އަގު ބޮޑުކުރެ އެވެ. ފަގީރު މީހާ ވެސް ޓެކްސީ އަށް އަރަ އެވެ. މުއްސަނދިން ގެއަށް ޕާން ގަންނަހެން ފަގީރު މީހާ ވެސް ހަމަ އެ ޕާން ގަނެ އެވެ. އޭނާގެ ދަރިން ވެސް ޓިއުޝަނަށް ފޮނުވަން ޖެހެ އެވެ. ބޭސް ފަރުވާ ވެސް ކުރަން ޖެހެ އެވެ. ބޭސް ވެސް ހުރީ ފަގީރުންނަށް ވެސް އެއް އަގެއްގަ އެވެ. ހަމަ އެ ހަރަދު އެހެން މީހުންނެކޭ އެއްވަރަށް ކުރަން ޖެހެ އެވެ.

ބަޔަކު ރަށެއްގެ އަތިރިމަތި ކުނިކަހަނީ: ސަބްސިޑީ ކަނޑާލުމުން އޭގެ އެންމެ ނޭދެވޭ އަސަރު ކުރާނީ ވެސް ފަގީރު މީހާ އަށް -- ފޮޓޯ؛ ޔޫއެންޑީޕީ

ޚަރަދުތަކާއި އަގުތައް އެއްވެސް ކޮންޓްރޯލެއް ނެތި މައްޗަށް ދާއިރު އެންމެ އާދައިގެ މުވައްޒަފުންގެ މުސާރަތައް ބޮޑެއް ނުވެ އެވެ. ސިވިލް ސާވިސްގެ 45 ޕަސެންޓް މުވައްޒަފުން މުސާރަ އުޅެނީ 5000ރ. އަށް ވުރެ ދަށުގަ އެވެ. އޭގެ ބާކީ ތިބި މުވައްޒަފުންގެ ދެބައިކުޅަ އެއްބައި މީހުންގެ މުސާރަ 10000ރ. އަށް ވުރެ މައްޗެއް ނޫނެވެ. ކުލިތަކާއި ބިލްތައް ވެސް އެއިން ނުދެއްކެ އެވެ. ދެމަފިރިން އަރާމެއް ނެތި ގިތް ކިޔާފައި މަސައްކަތްކޮށް ސަރުކާރަށް ޓެކްސްތައް ދައްކަމުން، އަދި ދެ ދުވަހުން އެއްދުވަހުން ކޮންމެވެސް އެއްޗެއްގެ އަގު ބޮޑުވެ އެވެ. ދިރިއުޅުން މިއޮތީ ހާސްކަން މަތީގަ އެވެ. ދެކޮޅު ނުޖެހިގެން ސަލާން ޖަހާ ހިސާބަށް ހަރަދުތައް ބޮޑުވެ، އޭގެ ފިކުރުގައި މީހުން ސްޓްރެސްވެގެން ދާއިރު ވެސް އެއިން ކަމަކަށް އަލިމަގެއް، އަދި ރަނގަޅު ވާނެ ކަމުގެ އުންމީދެއް ވެސް ނެތެވެ. މުޅިން މި ފެންނަނީ ހަލާކުވެދާނެ ކަމުގެ ނިޝާންތަކެވެ.

ބައެއް މީހުންގެ ވާހަކަތަކުން، އަގުބޮޑެތި ފޯނުތަކާއި ކެފޭތައް ފުރިފައި ހުންނަ ވާހަކަ އާއި ބާސްމަތީ ހަނޑޫ ކާ ވާހަކަ ދައްކާ އިރު، އެއީ ކޮން ބައެއްތޯ ބަލާލުން މުހިންމެވެ. އެއީ ކޮން ބައެއްތޯ، އަދި އެ މީހުންނަކީ ކިހިނެއް ފައިސާ ހޯދާ މީހުންތޯ ވެސް ބަލާލުން ރަނގަޅެވެ. އޭގެ ތެރެއިން ގިނައީ މި ދެންނެވި ފަގީރުންނަށް މާލޭގައި ގެދޮރު ކުއްޔަށް ދީގެން އުޅޭ މީހުންތޯ ނޫންތޯ، ނުވަތަ ކޮންމެވެސް ރިސޯޓެއްގެ ޝެއާ އޮތް މީހެއްތޯ ނޫންތޯ ނުވަތަ އެއިން މީހެއްގެ ދަރިއެއްތޯ ބަލާލުން ވެސް ރަނގަޅެވެ. ފަގީރު މީހާ ނުވަތަ އާންމު މީހާ އުޅެނީ ކޮން ހާލެއްގައިތޯ، މިއީ ސަރުކާރުން ދެނެގަންނަންވީ ހިސާބުތަކެކެވެ. ބައެއް ގޭގޭގައި އަދިވެސް ކަޅުސަޔާ އެކު ހުސް ރޮށި ކާކަން އެއީ ހަގީގަތެވެ.

މި އައި ބަދަލާ އެކު، ދެން ފެންނާނެ މަންޒަރަކީ ހަގީގަތުގައި ފަގީރުން އިތުރަށް ފަގީރުވާ މަންޒަރެވެ. މި ނޫން އިތުރު ކަމެއް ނުވާނެ އެވެ. އިންފްލޭޝަން ހެސް ކިޔާފައި މައްޗަށް ގޮސް، ރައްޔިތުން ހަނާވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. ފަހުގެ ހުރިހާ ޓެކްސްއެއް އަމާޒުކޮށްފައި ހުރީ، އަދި އަގުބޮޑުވަމުން ދަނީ ވެސް އާންމު އެންމެންގެ އަސާސީ ބޭނުންތަކާ ގުޅިފައިވާ ތަކެއްޗާ އެވެ. މުއްސަނދިން އަރާމު ގޮނޑީގައި އެއްވެސް ފިކުރެއް ނެތި ބައިތިއްބާފައި، މިފެންނަނީ ސަރުކާރުން ނިކަމެތިންގެ ހައްގުތަކާ ކުޅޭ މަންޒަރު ކަމަށް އަޅުގަނޑަށް ސިފަ ވެ އެވެ. ކުރުކޮށް ދަންނަވާ ނަމަ މިއަށް ކިޔާނީ ނިކަމެތިން ފެލުމެވެ.

77 ކޮމެންޓް, 289 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 82%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތިލަދުންމަތި

17 October 2016

ވަރަށް ރަނގަނޅު ލިޔުމެއް!!!!!!!!! މިލިޔުން ސަރުކާރުގެ އިސް ވެރިންކިޔާލާތޯ ދުޢާކުރަން!!!! ހީވާގޮތުން އެއިންއެކަކުވެސް މިފަދަ ލިޔުމެއް ނުކިޔާނެ ދެލޯމަރާފަ ހުންނާނީ ރައްޔިތުން ފެލާ ފެލާ ތިބޭ!!! ދުވަހެއް އެބައޮތް< އެދުވަހުން ޖަވާބުދާރީވާން ޖެހޭނެކަން ދަންނާތި މިއިން ކޮންމެ ރައްޔިތެއްގެ ހައްގުގައި

The name is already taken The name is available. Register?

ބެއްޔާ

02 October 2016

ދެންވެސް ދިވެހިން ކުރަންވީ ކަމަކީ ޕިޕީއެމް މަޖިލިސް މެންބަރުން ބޮއިކޮޓް ކުރުން! ދެން އަންނަ ދައުރަކަށް މިމީހުންނާ ދިމާލަށް ބަލާލާނެ ކަމެއްވެސްނެތް! ރައްޔިތުން ހަވާލުކުރި މައްސޫލިއްޔަތު އަދާނުކުރެވުނުތަން މިފެނުނީ! ދިވެހިޤައުމިއްޔަތު ލަގޮޑީގައި ކުޑަކޮއްހުރިނަމަ މިފަދަ ނިންމުން ސަރުކާރުން ނިންމީ މާ އެޖެހީ އަތްތިލަ ބަޑި! މިވެރިންނަށް ބުނަންވީ ނޫނެކޭ! އުޑުން ތަރިބާލާދޭނަމޭ ބުންޏަސް އެއަޑު އަހާނެ ކަމެއްނެތް!

The name is already taken The name is available. Register?

pޮހ

02 October 2016

ދޭތެރެ ޖައްސާފަ އޮތް ލިޔުމެއް

The name is already taken The name is available. Register?

މަލީ

03 October 2016

ކޮން ދޭތެރެއެއް؟ ތިވެސް ދިވެއްސެއް، މަވެސް ދިވެއްސެއް، ގެއްލުން ހަމަ ކޮންމެ ގޮތަކުން ވެސް، ވ ސަލާމް.

The name is already taken The name is available. Register?

އިސްލާޙު

02 October 2016

އެއްފަހަރު މިބުނަނީ މީ މިނިވަން ޤައުމެކޭ.....ކަލޭމެން ބުނާހާ ގޮތެއް ހަދާކަށް ނުޖެހެޔޭ..... އަނެއްފަހަރު މިބުނަނީ ލޯނު ލިބޭނީ މިގޮތަށް ހަދައިގެނޭ...... ....................................................................................................

The name is already taken The name is available. Register?

ފެލާ ސަރުކާރު

02 October 2016

ވަރަށް ރަނގަޅު ލިޔުމެއް.

The name is already taken The name is available. Register?

މުޙައްދު

02 October 2016

ހަމަ ހެސްކިޔާފައި ބަރާބަރު ލިޔުމެއް. ދިވެހީން ދިވެހީން ގެ ގޮތުގައި ގަމާރުކަން މަތީ އަބަދަށް. އަންނި ސަރުކާރުގައި ޖީއެސްޓީ ނަގައިގެން ހީވީ. ފަޔަށް ކައްޓެއް ހެރިގެން އުޅުހެން. އޭގެ ފަހުން ކިތަށް ކަންތައް މިސަރުކާރުން ކޮށްފިތަ(ރައްޔިތުންނަށް ޖެއްސުން ކުރަން) އެކަމަކު، ހުރިހާ މީހުންވެސް އަޑު އުފުލުމުގެ ބޭނުމުގައި މި ބޭނުން ކުރާތަން ފެންނަނީ ގާނޫނުން ލިބިދޭ ހަނުހުރުން. ވ ސަލާން

The name is already taken The name is available. Register?

އައްޑޫ ރަދުން

02 October 2016

ވަރަށް ރަނގަޅަށް މިއަދުގެ ހާލަތު މިއޮތީ ބަޔާންކޮއްދީފަ މިވަރުގެ ތަދުމަޑުކަމެށް މިއިންޒަމާނަކު އައިހެން ހިއެއްނުވޭ.އަދި މިދާގޮތައް ކަންތައް ދާނަމަ ކޮންމެވެސް އެއްބަޔަކު ބަނޑަށް ޖެހުމަކީ ދުރުކަމެށްނޫން.ހާދަވަރަކަށް ކެވުނީމައޭ މިހިސާބަށް މިކަންތައް ދާނީ.

The name is already taken The name is available. Register?

ކޮމެންޓޭ

02 October 2016

ސާބަހޭ ގައުމު ފަސާދަ ކުރެވޭތޯ ބަލާތި ތިޔަކަހަލަ ލިއުންތަކުން. އޭރުން ހުނަނާނީ މިނިވަންކަން ލިބިފަ. ކުރި ފަސާދައެއްގެ ރަހަ ލާނެ ދުވަހެއްވެސް އެބައޮތް ކަން ހަނދާން ނެތްތާ ދޯ.

The name is already taken The name is available. Register?

އަަާންމު ރައްޔިތު މީހާ

02 October 2016

ދުވަސް ތަކަކަށް ފަހު ދިބެހިދަރިއެއްގެ ހިތުގެ އުދާސްތައް ލިޔުމުގެ ޒަރީއާއިން ބަންޑުންކޮށްލިތަން މި ފެނުނީ. މި ލިޔުން ވަރަށް ފުރިހަމަ

The name is already taken The name is available. Register?

ކީބެ

02 October 2016

ދުނިޔޭގެ މާލީ އިދާރާތަކުންތޯ ކޮންމެ 5 އަހަރަކުން ވޯޓް ލާދެނީ!؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454