މާލެ: ނޮވެމްބަރު 2، 2019- ނަސްރުގެ ދުވަސް ފާހަގަކުރުމުގެގޮތުން "ބަޑި ބުރާސްފަތި"ގެ ނަމުގައި އިދިކޮޅު ޕާޓީތަކުން އިންތިޒާމުކޮށްގެން ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދުގައި ބޭއްވި އެއްވުމުގެ ބައިވެރިން ފަހަތަށް ޖެއްސުމުގެ މަސައްކަތުގައި ފުލުހުން ހަރަކާތްތެރިވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
24 ޑިސެމްބަރ 2019 - 23:01
ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި ސަލާމަތީ ކަންކަން ވަރުގަދަކޮށް، ސިފައިން މިރޭ އިރާކޮޅުން ފެށިގެން "ޔެލޯ އެލާޓް 2" ނެރެފައި ވިޔަސް ފުލުހުން ތިބީ އެފަދަ ހާލަތެއްގައި ނޫން ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.
ސަލާމަތީ ކަންކަން ވަރުގަދަކޮށް، ސިފައިން މިރޭ 7:00 ން ފެށިގެން ހަތިޔާރާ އެކު ހަރަކާތްތެރިވާން ފަށާފައި ވާތީ، ފުލުހުންގެ މީޑިއާ ގްރޫޕުގައި ނޫސްވެރިން ސުވާލު ދެންނެވުމުން ސްޕޯކްސްޕާސަން، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ، "ފުލުހުން ތިބީ އެލާޓް ސްޓޭޓަސް" އެއް ގައި ނޫން ކަމަށެވެ.
އަދި ސިފައިން، ސަލާމަތީ ކަންކަން ވަރުގަދަ ކުރުމާ ގުޅިގެން ވަރަށް ގިނަ ރިސޯޓުތަކުން ފުލުހުންނަށް ގުޅަމުންދާ ކަމުގެ މައުލޫމާތު ލިބޭ ކަމަށް ނޫސްވެރިއަކު ދެންނެވުމުން އިޒްމިއާ ވިދާޅުވީ އެއީ ތެދެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ސިފައިން އަންނަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. ކެފޭގެ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާއި އެ ތަންތަން ހޯދުމަށް ހިންގާ އެ އޮޕަރޭޝަން ފިޔަވައި އެހެން ޚާއްސަ ކަމެއް ފުލުހުން މި ވަގުތު މާލޭގައި ކުރިއަށް ނުގެންދާކަން އިޒްމިއާގެ ކޮމެންޓުން އެނގެ އެވެ. ކެފޭގެ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާއި އެ ތަންތަން ހޯދުމަށް ހިންގާ އޮޕަރޭޝަންގެ މައުލޫމާތު ފުލުހުން ވަނީ ކުރިން މީޑިއާއާ ހިއްސާ ކޮށްފަ އެވެ.
އެމްއެންޑީއެފުން ނެރުނު އެލާޓާ އެކު ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރިވާނެ ކަމަށް ސިފައިން މިރޭ ބުންޏެވެ. ސަލާމަތީ ގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ކަނޑުމަތީގެ އުޅަނދުފަހަރު ހުއްޓުވައި ޗެކްކުރުން ހިމެނެ އެވެ.
ސިފައިން ފުރަތަމަ ނެރުނީ ޔެލޯ އެލާޓެކެވެ. އެކަމަކު "ޔެލޯ އެލާޓް 2" އަށް ސެކިއުރިޓީ ލެވެލް ފަހުން މަތިކުރި އެވެ.
ނަމަވެސް ސިފައިންގެ ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ، އާދައިގެ ލެވެލަށް ވުރެ އެއް ލެވެލް މަތި ކުރީ ކަނޑައެޅިގެން ވަކި ނުރައްކަލެއް އޮވެގެން ނޫން ކަމަށެވެ.
"އެލާޓް ސްޓޭޓަސް މަތިކުރީ ދުރާލައި ރައްކާތެރި ފިޔަވަޅުތައް އިތުރު ކުރުމަށް،" އެމްއެންޑީއެފްގެ މީޑިއާ ގުރޫޕްގައި އާޒިމް ވިދާޅުވި އެވެ.
"އަދި އެއާޕޯޓުތަކުގެ ސެކިއުރިޓީ ވެސް ވަނީ އިތުރަށް މަތި ކުރެވިފައި."
އާޒިމް ވިދާޅުވި ގޮތުގައި އާންމު ހާލަތުން އެހެން ހާލަތަކަށް ބަދަލު ކުރުމަށް އެލާޓް ލެވެލް މަތި ކުރުމަށް ވަކި ދަރަޖަތަކަކަށް ސިފައިން އަމަލުކުރާނެ އެވެ.
ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން ވަނީ ހަރުކަށި ފިކުރުގެ މިހުން ސަލާމަތީ ހިދުމަތްތަކަށް ފޯރުކޮށްދިނުމަށް ވެސް މިރޭ އެދިފަ އެވެ. މި ފިކުރުގެ ނުރައްކާ ކުޑަކުރަން، މިދިޔަ ހަފުތާގައި ސަލާމަތީ ޚިދުމަތްތަކުން ވަނީ ރ. މަޑުއްވަރީގައި އޮޕަރޭޝަނެއް ހިންގައި ތިން މީހަކު ހައްޔަރުކޮށްފަ އެވެ.
މިއީ ކްރިސްމަސް ބަންދާއި އާ އަހަރުގެ ބަންދާ ގުޅިގެން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ދުވަސްވަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާހުން
25 December 2019
ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ވާހަކައެއް ކްރިސްމަސްއާ ދިމާކޮށް އެކްސް ރައީސަކު ދައްކަފާނެތީ ކުރީބައިގަ ތިޔަ ކަހަލަ އެލާޓް ނެރުމަކީ ރަގަޅު ކަމެއްހެން ހީވަނީ.
ތުއްތޮންބެ
25 December 2019
މިސްކިތު ހުޅިޖެހިމީހާވެސްކިޔާ މަށޭ ކިޔާހެއްޔޭ؟
ޝެހެންޝާހް
24 December 2019
ތިބުނާ ފަދަ މައުލޫމާތެއް ލިބިގެން ކަމަށް ވާނަމަ ކީއްވެގެންތޯ ރައްޔިތުންނާ ޙިއްސާ ނުކުރެވެންވީ. ސިފައިންނޭވެ. މިއީ އަކީ ފުލުހުން ހިންގާ ކަހަލަ ތަހްގީގެއް ނޫނެއްނު. މާ ބުއްދިވެރިން ކަމަށް ހިތާމިފަދަކަންކަން ކުރީމާ ގައުމަށް ވާނެ ގެއްލުން އެނގިނުލައްވަނީ ތޯއެވެ. މިއަށް ވުރެ ތޯހިރު ކޮށްވެސް މިކަމެއް ކުރެވުނީ ނޫން ހެއްޔެވެ. ބުއްދި އިސްކުރިނަމަ.
ލޯކަނީތަދިވެހީން
24 December 2019
ރައްޔިތުންނައް އޮޅުވާލުމާ ތެދުނުބުނުމުގެ ފަތިވަރެށް، ދެންބުނާނީ ސަލާމަތީކަންކަން ވީމަ ހާމަކުރެވޭކަށް ނެތޭ!