30 ޑިސެމްބަރ 2019 - 06:03
ކާރެއް ދުއްވާ އިރު މީހާގެ ފޯކަސް ގެއްލިގެން އެސިޑެންޓްތައް ހިނގުމަކީ ވަރަށް އާންމު ކަމެކެވެ. އެފަދަ ހާދިސާތަކުގެ 30 ޕަސަންޓަކީ ކާރު ދުއްވަމުން ފޯނާ ކުޅުން، ސިނގިރެޓް ބުއިން، މިއުޒިކަށް ގެއްލިފައި އިނުން ނުވަތަ ކާރު ތެރޭގައި ކެއުން ކަހަލަ ކަމަކާ ގުޅިގެން ހިނގާ ހާދިސާތަކެވެ. އަދި 20 ޕަސަންޓް އެކްސިޑެންޓްތަކަކީ ދުއްވާ މީހާ އަށް ކުއްލިއަކަށް ދިމާވާ ސިއްހީ ކަމަކާ ގުޅިގެން ހިނގާ ހާދިސާތައް ކަމަށް ޔޫރަޕިއަން ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެހެންވެ، ވެހިކަލްތައް ދުއްވަމުން ފޯކަސް ގެއްލޭ ކަހަލަ ކަމެއް ދިމާވާ ނަމަ ދުރާލައި އެކަން އަންގައިދޭނެ ޓެކްނޮލޮޖީއެއްގެ މުހިއްމުކަން ވެސް ބޮޑެވެ. އުފާވެރި ޚަބަރަކީ ޖަރުމަންގެ މަޝްހޫރު ކުންފުނި ބޯޝް އިން މިފަދަ ޓެކްނޮލޮޖީއެއް ހިމެނޭ ޑިވައިސްތަކެއް ކާރުތަކަށް 2022 ގައި ތައާރަފު ކުރަން ނިންމުމެވެ.
Using cameras and #AI to save lives: According to international studies, nearly one in 10 road accidents is caused by inattentive drivers. Our new interior monitoring system detects distraction or drowsiness and provides assistance: https://t.co/7CkecVub5C #CES2020 #BoschCES pic.twitter.com/dqEvFUjJ0r
— BoschGlobal (@BoschGlobal) December 18, 2019
އެ ކުންފުނިން ބުނެފައިވާ ގޮތުގައި މި ޓެކްނޮލޮޖީ އަކީ އާޓިފިޝަލް އިންޓެލިންސް (އޭއައި) ގެ އެހީގައި މަސައްކަތް ކުރާ ކެމެރާ އަކަށް ބަރޯސާވާނެ އެއްޗެކެވެ. ދުއްވާ މީހުންގެ ލޮލުގެ ހަރަކާތްތަކުން ވެހިކަލްގެ ފޯކަސް ގެއްލެން އުޅޭ ނަމަ އޭގެ އެހީގައި އެކަން ސަމާލު ކަމަށް ގެނެސްދޭނެ އެވެ. އޭގެ ތެރޭގައި އެސްފިޔަ ޖަހާ މިންވަރާއި ލޮލުގެ ކަޅި ހަރަކާތްކުރާ ގޮތް ދެނެގަނެ، އެކަންކަމުގެ އެހީގައި ކެމެރާ އަށް މުހިއްމު މައުލޫމާތައް ރެކޯޑް ކުރާނެ އެވެ.
"އެހެންވީމާ މިއީ ވެހިކަލް ދުއްވަން އިންނަ މީހާގެ ހާލަތު އަންގައިދޭނެ އިންޓީރިއާ މޮނިޓަރިން ސިސްޓަމެއް. މިސާލަކަށް މީހާގެ ލޮލުގެ ހަރަކާތްތަކުން ދެނެގަނެވޭނެ އޭނާ ވަރުބަލިވެ، ފޯކަަސް ގެއްލޭ ނަމަ،" ބޯޝްގެ ތަރުޖަމާނު އެނެޓް ފިޝާ ސީއެންއެން އަށް ވިދާޅުވި އެވެ. "ނަތީޖާ އަކީ ދުއްވާ މީހާ އެލާޓްކޮށް، ދުވެލި ކޮންޓްރޯލް ކުރަން އިރުޝާދު ދޭނެ. ޖުމްލަކޮށް މި ސިސްޓަމަކީ ކާރުގައި ތިބޭ އެންމެންގެ ރައްކާތެރި ކަމަށް އެޅޭނެ ފިޔަވަޅެއް. އެގޮތުން ސީޓްބެލްޓް އަޅައިގެން ތިބި ތޯ އާއި އެއާބޭގް ހުރީ ރަނގަޅަށް ތޯ ފަދަ ކަންކަން އެލާޓް ކޮށްދޭނެ."
ފިޝާ ވިދާޅުވީ، އަލަށް ތައާރަފުކުރާ ޓެކްނޮލޮޖީން ތަފާތު އެކި ގޮތްގޮތަށް ޑްރައިވަރަށް އެލާޓް ކޮށްދޭނެ ކަމަށެވެ. އޭގެ ތެރޭގައި އައްޔާއި އަޑާއި ދުވެލި މަތަކުރުމާއި ވެހިކަލްގެ ފުރޮޅުތަކަށް އަންނަ ވައިބްރޭޝަން ހިމެނެ އެވެ.
"އެހެންވީމާ 2022 ވަނަ އަހަރަކީ ވަރަށް ހާއްސަ އަހަރަކަށް ވާނެ." ފިޝާ ވިދާޅުވި އެވެ. "މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން، ދުއްވާ އުޅަނދުތަކުން ކަށަވަރުކޮށް ދޭން ކުރެވޭ ވަރަށް ވެސް މުހިއްމު މަސައްކަތަކުން ނަތީޖާ ފެންނާނެ އަހަރެއް."
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން މިދިޔަ އަހަރު ނެރުނު ގްލޯބަލް ސްޓޭޓަސް ރިޕޯޓް އޮން ރޯޑް ސޭފްޓީން ދައްކާ ގޮތުގައި ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މަގުމަތީގެ އެކްސިޑެންޓަތަކުގައި އަހަރަކު ބިލިއަނަކަށް ވުރެ ގިނަ މީހުން މަރުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަ އަސްލު
30 December 2019
އަހަރަކު ބިލިއަނަކަށް ވުރެ ގިނަ މީހުން މަރުވަންޏާ މިހާރު މީހުން ހުންނާނީ ހުސްވެފައެއްނު.. ލޮލްލޮލް