އެކްސިޑެންޓްވެ ގެއްލިގެން އުޅޭ ޑިންގީ--
05 ޖެނުއަރީ 2020 - 13:27
ބ. އަތޮޅުގައި ޑިންގީއަކާއި ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓް ހިނގީ ޑިންގީގައި އެއްވެސް އަލިކަމެއް ނެތުމުން ކަމަށް، އެހީތެރިކަން ފޯރުކޮށްދޭން ދިޔަ ފުރަތަމަ ލޯންޗުގެ ކައްޕި މިއަދު ބުނެފި އެވެ.
ބ. ދޮންފަނު ކައިރީގައި އޮންނަ އަނގަފަރުގެ އިރުމަތީ ފަރާތުގައި މިދިޔަ ބުރާސްފަތިދުވަހުގެ ރޭ އިރާކޮޅު ހިނގި އެކްސިޑެންޓުގައި ޑިންގީގެ ފަހަތުގައި އިން އޭދަފުށީ މުސްތަރީގޭ ނަސްރުﷲ އަބްދުﷲ، 41، ވަނީ ގެއްލިފަ އެވެ. އޭނާ ހޯދަން އެމްއެންޑީއެފުން އެ ރެއިން ފެށިގެން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގައި އަދި އެއްވެސް ނިޝާނެއް ނުފެނެ އެވެ. ޑިންގީ ވީ ތަނެއް ވެސް ނޭނގެ އެވެ.
ދަރަވަންދޫން މަހަށް ނުކުތް ޑިންގީގައި، ޖެހުނީ ބ. ކަމަދޫން އޭދަފުއްޓަށް ދަތުރުކުރި އޭދަފުށީ ސޭލަމް ލޯންޗެވެ. އެކްސިޑެންޓްގައި ޑިންގީ ދެ ފަޅިވި އެވެ.
އެކްސިޑެންޓް ހިނގި ޚަބަރު ލިބުނުތާ ފަސް ވަރަކަށް މިނެޓު ތެރޭގައި އެ ސަރަހައްދަށް ދިޔައީ، ލޯންޗު ނިސްބަތްވާ ކުންފުނީގެ އެހެން ލޯންޗެކެވެ. އެ ލޯންޗްގެ ކެޕްޓަން އަހުމަދު ޒަހީން "މިހާރު" އަށް ބުނީ އެކްސިޑެންޓްވި ޑިންގީގައި ނެވިގޭޝަން އެއްވެސް ލައިޓެއް ނެތް ކަމަށް ޑިންގީ ދުއްވަން އިން މީހާ އެ ވަގުތު އެއްބަސްވި ކަމަށެވެ.
"ޑިންގީ ދުއްވާފައި ދަނިކޮށް އެކްސިޑެންޓް ވީ. އޭގައި ނެތް އެއްވެސް ނެވިގޭޝަނެއް. އަޅުގަނޑު ސުވާލު ކުރިން ޑިންގީ ދުއްވަން އިން މީހާއާ. އޭނާ ބުނީ ނެވިގޭޝަނެއް [ލައިޓެއް] ނީންނާނެއޭ،" ޒަހީން ބުންޏެވެ.
އޭނާ ބުނިގޮތުގައި އެކްސިޑެންޓް ހިނގި ތަނަށް އޭނާ ދިޔަ އިރު ޑިންގީގައި ތިބީ ދެ މީހުންނެވެ. އިތުރު މީހަކު ގެއްލިގެން އުޅޭ ކަމަށް އެ މީހުން ބުނީ ލޯންޗަށް ނެގި ފަހުން ކަމަށާއި އޭގެ އިރުކޮޅެއްގެ ތެރޭގައި ޑިންގީ އަޑިއަށް ދިޔައީ ކަމަށް ވެސް އޭނާ ބުންޏެވެ.
"އެ މީހުން އޭރު ތިބީ ސިކުނޑި ގޯސް ވެފައި. ލޯންޗަށް ނެގި ފަހުން ބުނީ ވެސް މީހަކު ގެއްލިގެންނޭ. ދެން އަޅުގަނޑު ޕޮލިހަށް ވެސް ގުޅީ،" ޒަހީން ކިޔައިދިނެވެ.
"ވަރަށް ބާރަށް ނަސްރުއަށް ގޮވައި ވެސް ހެދިން. އެގޮތަށް 35 ވަރަކަށް މިނެޓު މަސައްކަތް ކުރިން ފެނޭތޯ ވެސް."
ނަސްރުﷲއާ އެކު އެ ޑިންގީގައި މަހަށް ނުކުތީ އޭނާގެ އަންހެނުންގެ ދެ ބޭބެ ކަމަށްވާ އަބްދުއް ސަމީއު އާއި މުހައްމަދު ނަޒީފެވެ. މީގެ ތެރެއިން ނަޒީފަކީ ދަރަވަންދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ އެވެ.
Nasrulla vettunee launch in jehi kamah belevey: Council
The most trusted news source in the Maldives
Mihaaru
ނަސްރުﷲ ވެއްޓުނީ ލޯންޗްއިން ޖެހި ކަމަށް ބެލެވޭ---
އެމްއެންޑީއެފުން ހާމަކުރި ޑިންގީގެ ފޮޓޯ އިން ވެސް ނެވިގޭޝަން އެއްވެސް ލައިޓެއް ހަރުކޮށްފައި ހުރި ތަނެއް ނުފެނެ އެވެ. އޭގައި ރަޖިސްޓަރީ ނަންބަރެއް ވެސް ނެތެވެ. އެކަމަކު އެއީ ކޮން އިރަަކު ނަގާފައިވާ ފޮޓޯއެއްކަން ނޭނގޭތީ، އެއީ ރަޖިސްޓްރީނުކޮށް ދުއްވާ އުޅަނދެއްކަން ނުވަތަ ނޫންކަން ކަށަވަރެއް ނުވެ އެވެ.
އެކަމަކު ޑިންގީ ދުއްވަން އިން މީހާއާ ހަވާލާދީ ދަރަވަންދޫ ކައުންސިލުން އިއްޔެ ބުނީ ޑިންގީގައި ލައިޓެއް ހަރުކޮށްފައި ހުރި ކަމަށެވެ. އަދި ޑިންގީގައި ތިބި މީހުންނަށް ލޯންޗް ފެނުނީ 50 ވަރަކަށް ފޫޓް ކައިރިން ކަމަށާއި އެ ވަގުތު ޑިންގީ އަނބުރާލަން މަސައްކަތް ކުރި ކަމަށް ވެސް އެ މީހުންނާ ހަވާލާދީ ކައުންސިލުން ބުނެފައިވެ އެވެ.
ސަމީއު އާއި ނަޒީފަށް ލިބުނު އަނިޔާތަކަށް ދަރަވަންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަަ އެވެ.
އެކްސިޑެންޓުވި ލޯންޗު ދުއްވަން އިން މުސްތަފާ: އޭނާގެ ވާތު ލޮލުގެ ތިރީގެ ކަށިތައް ވަނީ ބިނދިފައި.
އެކްސިޑެންޓްގައި ލޯންޗުގެ ކަައްޕި މުހައްމަދު މުސްތަފާގެ ވާތު ލޮލުގެ ތިރިން ކަށިތަކެއް ބިނދިގެން، އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުންނެވެ. އަދި އޭނާއާ އެކު ދަތުރުކުރި ބަންގްލަދޭޝްގެ ފަޅުވެރިޔާގެ ވާތު ކަންފަތުން ބައެއް ވަކިވި އެވެ. އެތަން ފެހުމަށް ފަހު، ފަރުވާދޭން ބާއްވާފައި އޮތީ އޭދަފުށީ ހޮސްޕިޓަލްގަ އެވެ.
ޒަހީން ބުނީ ޑިންގީގައި ތިބި މީހުން އޭނާގެ ލޯންޗަށް ނެގުމަށް ފަހު، އެކްސިޑެންޓްވި ލޯންޗް ދަރަވަންދުއަށް ފޮނުވާލީ ކަމަށެވެ. އެގޮތަށް ކަންތައްކުރީ ލޯންޗް ދިޔަވަނީ ކަމަށް ބެލެވޭތީ ކަމަށް ވެސް އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިންމާދާރު
07 January 2020
ތި އޮތީ ޒިންމާދާރު ވެރިއާއަށް ޒިންމާދާރު ވެވިފައި؛
އެމީހ
06 January 2020
ގިނަ އުޅަނދު ތަކުގައި އަލިކަމެއް ނެތި ކަނޑުގައި އުޅުމީ ވަރަށް ދެރަކަމެއް. ނިމުނު އަހަރުގެ މެދުތެރޭގައި މަގޭ ލޯންޗު ވެސް ހަމަ ކިރިޔާ ޑިންގީއަކަށް ނޭރީ. އެވެސް މާލެޔާ ވިލިނގިއްޔާ ދެމެދުން ރޭގަނޑު 4:30 ހާއިރު. ހަމަ އެގޮތަށް ފަޅުތެރޭގައި ރަތްކުލައިން ނިވިދިއްލޭގޮތައް ބޮކި ހަރުކޮށްގެން އުޅޭ އުޅަނދު ތަކުގެ އުނދަގޫވެސް ބޮޑުވެފައިވާކަން މި ފުރުސަތުގައި ފާހަގަކޮއްލަން. ނެރު ބައްތި ދެނެގަންނަން ނުލާހިކު ދަތިވޭ.
ޕޮގުބަ
05 January 2020
ޑިންގީގެ ލައިޓް އޮތީ ކަބަޑުގަ ހުރިހާއެންމެންވެސް އުޅެނީ ބަލައިގެން އެކަމަކު ﷲ އެއަށްވުރެ ކުޅަދުންވަންތަ؟
ނެޓު
05 January 2020
ރޭގަނޑު އެހާބާރަށް ލޯންޗް ދުއްވުމުގެ ހުއްދައޮވޭތަ
ހުތާ
05 January 2020
ޑިންގީގައި ތިބި މީހުން ބުނިކަމަށް އެބުނަނީ ނެވިގޭޝަން ލައިޓް ނެތްކަމަށެވެ. ޑިންގީގައި ލައިޓެއް ނެތްކަމަކަށް ބުނެފައެއް ނެތެވެ. އާއްމު ގޮތެއްގައި ނެވިގޭޝަން ލައިޓް ހަރުކޮށްފައި ނުހުންނަ ޑިންގީތަކުގައި ދުރަށް ފެންނަ ނިވިދިއްލޭ ލައިޓް ބޭނުންކުރެއެވެ. ޑިންގީގައި އެއްވެސްލައިޓެއް ނެތް ނަމަވެސް ހަމަލޮލުން ބަލައިގެން ދުއްވާނަމަ ޑިންގީގެ ރާޅުގަނޑު އަދި ޑިންގީވެސް ލޯންޗު ކައްޕިއަށް ފެންނާނެއެވެ. ގިނަ ކައްޕީން ހަމައެކަނި ބަރޯސާވަނީ ޖީޕީއެސް އަށް އެކަނި.
ނޫން
06 January 2020
"ޑިންގީގައި އެއްވެސްލައިޓެއް ނެތް ނަމަވެސް ހަމަލޮލުން ބަލައިގެން ދުއްވާނަމަ ޑިންގީގެ ރާޅުގަނޑު އަދި ޑިންގީވެސް ލޯންޗު ކައްޕިއަށް ފެންނާނެއެވެ. " އަނދިރި ރެއެެއްގަ ލޯންޗެއް ބާރަށްދުއްވާފަ ދާއިރު ފެންނައިރު އޮންނާނީ މާ ލަސްވެފަ.
ނަން
05 January 2020
ރާއްޖޭގެ ހުރިހާ ކަނޑު އުޅަނދު ތަކުގައި ރާޑަރ ޓްރެކިން ފެންނަށް ގޮތް ހަދަން މަޖުބޫރު ކުރުވުވަންވީއެވެ. ސަލާމަތީ ހެއްދޭ ގޮތް ބަދަލު ކުރަންވީ.
މަރި
05 January 2020
އަހުރެެމެން ރަށުގަވެސް އޮވޭ 27 ޑިންގީ، އެއްވެސް ޑިންގީ އެއް ރަޖިސްތަރީ ނުކުރޭ، ސަލާމަތީ އެއްވެސް ކަމެއް ކޮށްފަނުހުރޭ، އެކަމަކު ވިޔަފާރި ދަތުރުތައް މަސް ދަތުރުތައް ވަރަށް ގިނައިން ކުރޭ،
ޖަނީ
05 January 2020
މީ ވަރަށް ދެރަކަމެއް، ހަގީގަތުގަވެސް ޑިންގީތަކުގަ ސަލާމަތީ އެއްވެސް ކަމެއްނުހުރޭ، ކުޑަމިނުން ރަޖިސްޓަރީކޮށްފަވެސް ނުހުރޭ، ވިޔަފާރި ދަތުރުތައް ހެސް ކިޔާފަކުރޭ، މިކަންތައްތައް ރަށްރަށުގަ ކުރާއިރު ޕޮލިހުންވެސްތިބޭ، އެމީހުން ކައިރި އެވާހަކަ ބުނުމުން ބުނަނީ ތީ މެރިން ޕޮލިސް ކަމެކޭ،
ހާސަރު
05 January 2020
ޑިންގީގަ ލައިޓެއް ނެތްނަމަ ޒިންމާދާރުވެރިޔާ ޒިންމާނަގަންޖެހޭނެ، ކުރީދުވަހު ޚަބަރު އޭނާ ބުނެފަ އޮތީ ލައިޓް ދިއްލައިގެނޭ ތިބީ! މިވާއެއްޗެއް ނޭގުނު! އާއްމުކޮށް މިކަހަލަ ޑިންގީތަކުގާ ލައިޓެއް ނުހުރޭ ، އެއްޗެއް އަންނަކަން އިގުނީ މަ ޓޯޗެއް ދިއްލާލަނީ ، މިއީ ރައްކާތެރި ގޮތެއްނޫން ، ރަގަޅަށް ފާހަގަވާކަހަލަ ގޮތަކަށް ލައިޓެއް ހުރުން ވަރަށް މުހިއްމު.
ފާތޭ
05 January 2020
ރައްޔިތުންގެ ޒިންމާދާރު ވެެރިޔާ އަމިއްލަ ފުރާނައިގެ ޒިންމާ ނުނެގޭއިރު ކިހިނެތް ރައްޔިތުންގެ ޒިންމާ ނަގާނީ.